Support Us

ރިޔާސީ އިންތިހާބު 2023

ރޯޑް ރެލީގައި އުމަރު ނަސީރަށް ހަމަލާދީފި

މިފަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓު ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް މީހަކު ހަމަލާދީފި އެވެ. މިހަމަލާ ދީފައިވަނީ އުމަރު ނަސީރު ސަޕޯޓަރުންނާއެކު މިއަދު ހަވީރު މާލޭގައި ބޭއްވި ރޯޑް ރެލީއެއްގެ ތެރެއިންނެވެ.

މި ހަމަލާ ދިންކަން އުމަރު ވަނީ އޭނާގެ ފޭސްބުކް ޕޭޖުގައި ހާމަކުރައްވާފައެވެ. "މިއަދު މާލޭގައި އަޅުގަނޑު ބޭއްވި ރޯޑް ރެލީ ކުރިއަށް ދަނިކޮށް، ޑްރަގް ވިއްކާ މީހެއް ކަމަށް ތުހުމަތު ކުރެވޭ މީހަކު ވަނީ ދަގަނޑު އެއްޗެއް އެއްލާ އަޅުގަނޑުގެ މޫނުމަތީ ޖެހުމަށް ފަހު ފިލާފައި. އަޅުގަނޑުގެ ސިކިއުރިޓީގެ ގޮތުގައި ތިއްބެވި ސިފައިން މިހާރުވަނީ އޭނާ (ހަމަލާދިން މީހާ)ގެ ފޮޓޯ ފުލުހުންނާ ހިއްސާ ކުރައްވާފައި. މި ހާދިސާގެ ސަބަބުން އަޅުގަނޑަށް އަނިޔާއެއް ލިބިފައެއް ނެތް،" އޭނާގެ ސިޔާސަތުތައް ހާމަ ކުރައްވަމުން ޕިކަޕެއްގައި މާލޭގެ މަގުތަކުގައި ދަތުރުކުރެއްވި އުމަރު ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

މަސްތުވާތަކެއްޗާއި ގޭންގްތަކުގެ ނުރައްކާ ހުއްޓުވާ އިސްލާމީ ޝަރީޢާ ގާއިމްކުރާނެކަމާއި ދިވެހި މުޖުތަމަޢުއަށް އަމާންކަން ހޯދައިދީ، މިނިވަން އަމިއްލަ އިސްތިގްލާލް ދައުލަތެއްގެ ގޮތުގައި އޮތުމަށް ބޭރު ސިފައިން ނުބައިތިއްބާ އިންޑިޔާ ސިފައިން ބާލާނެކަމުގެ ވައުދާ އަދިވެސް ގިނަ ވައުދުތަކާ އެކުއެކު މިފަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ އެއް ނަންބަރު ކެންޑިޑޭޓުގެ ކެންޕެއިން ހަރަކާތްތަކުގައި ފުންނާބު އުސް ބައެއް ސިޔާސީ ފަރާތްތައްވެސް ބައިވެރިވަމުން ދެއެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި އުމަރުގެ އިތުރުން، ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީ.ޕީ.އެމްގެ ރައީސް ޔާމީންގެ ބަދަލުގައި ވާދަކުރައްވާ މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސި އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *