Support Us

މޫދުވިނަ ހެއްދުން: ރާއްޖޭގައި ކާމިޔާބު ވިޔަފާރިއަކަށް ހެދިދާނެ

މޫދުވިނައަކީ ރާއްޖޭގައި ކާމިޔާބުކަމާއެކު ހެއްދިދާނެ އެއްޗެކެވެ. މިއީ ވިޔަފާރިއެއްގެ ގޮތުގައި ކުރަން ވެސް ރަނގަޅު ކަމެކެވެ. ނުލާހިކު ފައިދާވެސް ބޮޑު ކަމެކެވެ.

ރާއްޖެއަކީ އިންޑިއާ ކަނޑުގެ ޓްރޮޕިކަލް ޖަޒީރާ ގައުމެއް ކަމުން މިތަނުގެ މުރަކަ ފަރުތަކާއި، ކަނޑުގެ ދިރުން ހުރި ގޮތުން މިކަހަލަ ފާމްތައް ހައްދާނެ ވަރަށް ގިނަ ތަންތަން ހުރެއެވެ. އެންމެ ރަނގަޅު ކަމަކީ މިިއީ ތިމާވެއްޓަށް ގެއްލުމެއްވެސް ނެތް ސިނާއަތެއް ކަމުން މިކަމަށް މާބޮޑު ހުރަސްތަކެއް ވެސް ނެތުމެވެ.

މޫދުވިނައިގެ ވިޔަފާރިއެއް ފެށުމަކީ ނުހަނު ފަސޭހަ އަދި ފައިދާ ހުރި ވިޔަފާރިއަކަށް ވެދާނެއެވެ. މޫދު ވިނަ އަކީ އޭގެ ސަބަބުން އިންސާނުންގެ ސިއްހަތާއި، ޖަނަވާރުތަކުގެ ކާނާއާއި، ދަނޑުވެރިކަމާއި، ކޮސްމެޓިކްސް އަދި އެހެނިހެން ކަންކަމަށް ނުހަނު ބޭނުން ހިފޭ، ފައިދާ ހުރި އެއްޗެކެވެ. ނަމަވެސް މިކަމަށް ވެސް ފަރުވާތެރިކަމާއެކު ޕްލޭންކޮށް، ދިރާސާކޮށް، އިންވެސްޓް ކުރަން ޖެހެ އެވެ. މޫދު ވިނައިގެ ވިޔަފާރިއެއް ފެށުމަށް އަޅަންޖެހޭ ބައެއް ފިޔަވަޅުތައް ތިރީގައި މިވަނީއެވެ.

• ރަނގަޅު ތަނެއް ހޮވުން. ގޮނޑުދޮށުގެ ކައިރިފަށުގައި ހުންނަ ތިލަ ތަންތަން ރާއްޖޭގައި ބައިވަރެވެ. އެކަމަކު މޫދު ވިނައިގެ ތަފާތު ބާވަތްތައް ފަސޭހައިން ލިބޭނެ ތަނެއް ބަލާލަން ވާނެއެވެ. އަދި ތާޒާ ފެނާއި، ކަރަންޓާއި، ދަތުރުފަތުރާއި، ގުދަން ކުރުމުގެ ވަސީލަތްތައް ވެސް ބޭނުންވާނެއެވެ. ރަށުގެ ކައުންސިލްތަކުން އެތަންތަން ކަނޑައަޅައިދީ ހުއްދަ ދިނުމުން އެއޮތީ މަސައްކަން ފަށަން ވެފައެވެ.

• މޫދުވިނަ. ގުދުރަތީ ގޮތުން އެ މާހައުލުން ފެންނަ މޫދުވިނަތައް ދެނެގަނެ، ނުވަތަ ވަކިބާވަތެއް ހޯދައި އިންދައި މިކަހަލަ ދަނޑުތައް ހެއްދި ދާނެއެވެ. ތަނުގައި ހުންނަ މޫދު ވިނަ އާލާކުރުން އަދި މާ ފަސޭހަވާނެއެވެ. މި ދަނޑުތައް ހެއްދުމުގައި ތިމާވެއްޓަށް މާބޮޑު އަސަރެއް ނުކުރާނެ ގޮތަކަށް މަސައްކަތް ކުރެވޭނެއެވެ. މޫދު ވިނަ އިންދާ ހެއްދުމަށް އިތުރު އިންވެސްޓްމަންޓާއި ޓެކްނިކަލް ހުނަރުތައް ބޭނުންވެދާނެއެވެ. އަދި އުފައްދާ މިންވަރާއި ފެންވަރު ކޮންޓްރޯލް ކުރެވިދާނެއެވެ.

• މޫދުވިނަ ޕްރޮސެސްކޮށް ތައްޔާރު ކުރުން. ހައްދާ މޫދުވިނައިގެ ބާވަތްތައް ދޮވެ، ހިއްކައި، ހިމުންކޮށް، ފުށަށް ހަދާފައި ނުވަތަ ގިރުވައި ދިޔާކޮށް ވެސް ބެހެއްޓޭނެއެވެ. މިފަދަ ތަފާތު އެތައް ގޮތްގޮތަށް މިތަކެތި ތައްޔާރު ކުރެވިދާނެއެވެ. އަދި އަމާޒުކުރާ މާކެޓުގެ މިންގަނޑުތަކާއި ގަވާއިދުތަކާ އެއްގޮތަށް އުފައްދައި ޕެކޭޖްކޮށް ލޭބަލްކުރަން ޖެހޭނެ އެވެ. އަދި ފަހަރުގައި މޫދު ވިނައިގެ ބާވަތްތައް ރަނގަޅަށް އަދި ރައްކާތެރިކަމާއެކު ޕްރޮސެސް ކުރުމަށް ބޭނުންވާ ސާމާނާއި މެޝިނަރީތަކަށް އިންވެސްޓް ކުރަން ޖެހިދާނެ ވެސް މެއެވެ.

• މޫދުވިނަ ވިއްކާނެ ބާޒާރު ހޯދުން. މޫދު ވިނައިގެ އުފެއްދުންތަކަށް ކަސްޓަމަރުން ނުވަތަ ވިއްކައިދޭނެ އޭޖެންޓުން ހޯދަން ޖެހެއެވެ. ބައިނަލް އަގުވާމީ މާކެޓްތަކަށް ނުވަތަ ސީދާ ކޮންސިއުމަރުންނަށް އެކްސްޕޯޓް ކުރެވިދާނެއެވެ. ކުދި ޕެކެޓްތައް ނުވަތަ ހޯލް ސޭލްކޮށް ވިއްކާލެވިދާނެއެވެ. މިކަމަށް ޚާއްސަ ކުންފުނިތަކަށް ޚާއްސަކޮށް މިތަކެތި ފޮނުވައިދެވިދާނެއެވެ.

މޫދުވިނައިގެ ވިޔަފާރިއެއް ފެށުމުގެ ޚަރަދާއި ފައިދާ ބިނާވެފައިވަނީ އެކަން ހިންގާ ބޮޑުމިނާއި ބާވަތާއި މާކެޓްގެ ޑިމާންޑަށް ބަލާފައެވެ. ބައެއް ލަފާކުރުން ތަކުން ދައްކާ ގޮތުގައި 2021 ވަނަ އަހަރު ދުނިޔޭގެ މޫދު ވިނައިގެ ބާޒާރުގެ އަގު 6.5 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، 2031 ވަނަ އަހަރު 14.6 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް މީގެ މާނައަކީ މޫދުވިނައިގެ ކޮންމެ ވިޔަފާރިއެއް ކާމިޔާބުވެ ނުވަތަ މިހާ ބޮޑު ފައިދާއެއް ލިބޭނެ ކަމަކަށް ނޫނެވެ. ކޮންމެ ވިޔަފާރިއެއް ފެށުމުގެ ކުރިން ފުރިހަމަ މާކެޓް އެނަލިސިސް އާއި ފައިނޭންޝަލް ޕްލޭނިން އެއް ހަދަން ޖެހޭނެ ވެސް މެއެވެ.

މި މަޢުލޫމާތުކޮޅަކީ ފަސޭހައިން ބޮޑު އިންވެސްޓަކާ ނުލައި މިކަހަލަ ވިޔަފާރިއެއް ރާއްޖޭގެ ރަށް ރަށުގައި ފަށާނެ ގޮތަކާ މެދު އަޅުގަނޑު ކޮށްލި ކުޑަ ދިރާސާއެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

One Response

  1. ތިޔައީ ހަސަންގެ އާ ހޯދުމެއް ނޫނެވެ. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަށް މިވިނަ ހެއްދުމުގެ ހުއްދައަށް އެދި ޕްރޮޕޯސަލް ހުށައަޅައިގެން އަޅުގަޑު އުޅޭތާ ކިތަންމެ ދުވަހެކެވެ. އެހެނަސް ސަރުކާރުގެ ކޮންމެވެސް ނުފޫޒަކުން މިކަން ކުރަން ހުއްދަނުދީ ހިފަހައްޓަނީއެވެ. ހުއްޓުމެއްނެތި ހުއްދަ ހޯދަން ކުރާ މަސައްކަތަށް އިސާހިތަކު ކާމިޔާބު ލިބޭނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *