Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- އުސްތާޒުގެ ފަހު ދަރުސް

ހަލުވި ފިޔަވަޅުމަތީ ހިންގަވާފައި އުސްތާޒު މުހާޟަރާ ހޯލަށް ވެންނެވިއެވެ. އުސްތާޒުގެ އާދައިގެ މަތިން، އުސްތާޒުގެ ވިސްނެވުން ހުއްޓިފައި އޮތީ ދެއްވަން ގަސްދުކުރައްވައިފައިވާ މުހާޟަރާގެ މައްޗަށެވެ. އެހެންވެ، ހޯލުގެ އެކޮޅު މިކޮޅަށް ބައްލަވާކަށް ނުހައްދަވައެވެ. ކޮންމެއަކަސް މިއަދަކީ އަހަރުގެ މެދު ބަންދުގެ ކުރިން އޮންނަ އެންމެ ފަހުގެ މުހާޟަރާއެވެ. އެހެންވެ، އުސްތާޒު ނިންމަވައިގެން ހުންނެވީ މިހާތަނަށް އުސްތާޒު ނަންގަވައި ދެއްވައިފައިވާ ފިލާވަޅުތަކުގެ ޚުލާސާއެއް ހުށައަޅުއްވާށެވެ.

މާ ގިނައިރު ތަކެއް ނުނަގަންވައި އުސްތާޒު މުހާޟަރާއައިގެން ކުރިއަށް ވަޑައިގަތެވެ. ފާއިތުވީ ދިހަވަރަކަށް ހަފްތާގައި ދެއްވި ދަރުސުތަކުގެ ޚުލާސާ ހުށައަޅުއްވަމުން ގެންދެވިއެވެ. އަދި އެ ފިލާވަޅުތަކުގައި އެކުލެވޭ މައިގަނޑު ނުކުތާތަކާއި ޚިޔާލުތަކުގެ ވާހަކަތައް ބަޔާންކޮށްދެއްވިއެވެ. ދޭތެރެ ދޭތެރެއިން ހޯލުތެރެއަށް ވެސް ނަޒަރު ހިންގަވާލައްވައެވެ. ނަމަވެސް، އެ ގޮތުން ހޯލު ތެރެއަށް ނަޒަރު ހިންގަވާލައްވާ އިރު، ހޯލުތެރެއިން އުސްތާޒަށް ފެނިވަޑައިގަންނަވަނީ ހަމަ އެންމެ ކުއްޖެކެވެ. އުސްތާޒު ދެކެވަޑައިގަތީ މި ކުއްޖަކާ ވާނީ އާދަޔާ ޚިލާފަށް ކިޔެވުމަށް ލޯބިކުރާ ކުއްޖެއް ކަމަށެވެ. ނަމަވެސް، އުސްތާޒު ހައިރާންވެ ވަޑައިގަތީ އެހެން ދަރުސްތަކުގައި މި ކުއްޖާގެ މޫނު ފެނިފައި ނުވާތީއެވެ. ކޮންމެއަކަސް އުސްތާޒު އޭނާގެ މުހާޟަރާ ކުރިއަށް ގެންދަވައި މުހާޟަރާ ނިންމާލެއްވިއެވެ.

ދެން، ކިޔެވުމަށް ޝައުގުވެރިވި ކަމަށް އުސްތާޒު ދެކެވަޑައިގެން ކުއްޖާ ކައިރިއަށް އުސްތާޒު ވަޑައިގަތެވެ. އަދި އޭނާއާ ވާހަކަދައްކަވަން ފެއްޓެވިއެވެ. އުސްތާޒު ދެއްކެވި ވާހަކަތައް ފަހުމުވިތޯ އޭނާ ކުރެން އެއްސެވިއެވެ. މި ސުއާލުކުރުމުން އުސްތާޒު އިތުރަށް ހައިރާންވެވަޑައި ގަތެވެ. އެ ކުއްޖާގެ މޫނުމަތިން ނުތަނަވަސްކަން ފެނިވަޑައިތީމައެވެ. ދެން، އެންމެ ފަހުން، އެ ކުއްޖާ އުސްތާޒަށް ދެންނެވިއެވެ.

"އަޅުގަނޑަކީ ކިޔަވާ ކުއްޖެއް ނޫނެވެ. އަޅުގަނޑަކީ މިތަނުގެ ސެކިޔުރިޓީ ބަލަހައްޓާ މީހަކީމެވެ. މިއަދަކީ މި ސެމިސްޓާގެ ކިޔެވުމުގެ ފަހު ދުވަހަށް ވުމުން، މުޚާޟަރާ ނިމުނީމައި ގޮނޑިތައް ނަގައި ސާފުކޮށްލުމުގެ ގޮތުން މަޑުޖައްސާލައިގެން އިނީއެވެ!"

ކޮންމެއަކަސް، ދެން، ހޯލުގެ ހަތަރު ފާރަށާއި ގޮނޑިތަކަށް، އުސްތާޒުގެ މުހާޟަރާ އިއްވާވާލެއްވުމަށް ފަހު، އުސްތާޒު ގެއަށް އެނބުރި ވަޑައިގަތެވެ. އާދެ، ކިޔަވައި ދެއްވާ އުސްތާޒުންނަށް ވެސް، ހުސް ހޯލުތަކާ މުޚާތަބު ކުރަން ޖެހޭ ފަހަރުފަހަރު އާދެއެވެ!

(ދިވެހިކޮށްލުމެއް)