Support Us

ކޮލަމް ކޯދު: މީސްމީހުން ބޭނުންވި ބައެއް ކަންކަމުގެ ވާހަކަ

ނަން މަޝްހޫރު ބައެއް މީހުން ކުރެން އެ މީހުން ބޭނުން ވަނީ ކޮން ކަމެއްތޯ އެހުނެވެ. ތިރީގައި އެ ވަނީ މި ސުއާލަށް އެ މީހުން ދިން ޖަވާބެވެ.

  1. ފަލަސްތީނުގެ ގައުމީ ޝާއިރު މަހްމޫދު ދަރްވޭޝް ކުރެން އޭނާ ބޭނުންވަނީ ކޮން ކަމެއްތޯ އެހުމުން އޭނަ ބުނީ މިހެންނެވެ. "އަހަރެން ގަޔާވާ އެއްވެސް ކަމެއް ނެތެވެ. އަހަރެން ބޭނުންވަނީ ރޯށެވެ."
  2. ސީރީޔާގެ ލިޔުންތެރިއެއް ކަމަށްވާ އަލްމާޣޫޠު ގާތު އޭނަ ބޭނުން ވަނީ ކޮންކަމެއްތޯ އެހުމުން އޭނާ ބުންޏެވެ: "އަހަރެން އެއްކަމެއް ވެސް ބޭނުމެއް ނުވެއެވެ. މުޅި އުމުރުގައި (އެކި ކަންކަމުގެ ފަހަތުން) އަހަރެން ދުވީމެވެ. ނަމަވެސް، މުސްކުޅިކަމާ ހަމައަށް ނޫން އެއްކަމަކާ ހަމައަށް ވެސް އަހަންނަށް ވާސިލެއް ނުވެއެވެ. އެހެންވެ، ފޮތި ވިޔޭ މީހުން ގާތު އަހަރެން ބުނަމެވެ. އަހަންނަށް، އަހަރެންގެ ހުރިހާ އުއްމީދުތަކެއް ކަފުންކުރެވޭނޭ ވަރުގެ ކަފުން ފޮތިގަނޑެއް ދޭށެވެ!"
  3. ރަޝިޔާއަށް އުފަން، އިނގިރޭސި ލިޔުންތެރިއެއް ކަމަށްވާ އަދި އިންސާނީ ހައްގުތަކުގެ ނާޝިތެއް ކަމުގައިވާ ވްލަޑިމީރު ބުކޮވްސްކީ ގާތު އޭނަ ބޭނުން ވަނީ ކޮން ކަމެއްތޯ އެހުމުން، އޭނާ ބުންޏެވެ: "އަހަރެން ހަމައެކަނި ބޭނުން ވަނީ އަހަރެންގެ އެނދަށް ދިޔުމެވެ. އަދި، އެއަށްފަހު، އަހަރެންގެ ލޯމަރާލުމަށެވެ. އަބަދުގެ އަބަދަށެވެ."
  4. އޮސްޓްރިޔާ-ހަންގެރީގެ ދުވަސްވަރު، އެ އެމްޕަޔަރގެ ބައެއް ކަމުގައިވި ބޮހީމީޔާގެ މަމްލަކާއަށް ނިސްބަތްވާ ވާހަކަ ލިޔުންތެރި އަދީބެއް ކަމުގައިވާ ފްރޭންޒް ކަފްކާ ގާތު އޭނަ ބޭނުން ވަނީ ކޮންކަމެއްތޯ އެހުމުން އޭނަ ބުންޏެވެ: "އަހަރެން ވަރުބަލި ވެއްޖެއެވެ. އެއްވެސް ކަމަކާ މެދު އަހަންނަކަށް ނުވިސްނެއެވެ. އަހަރެން ބޭނުން ވަނީ ކަލާގެ އުނގުގައި ބޯއަޅައިލައިގެން އޮވެ، ކަލާގެ އަތުން އަހަރެންގެ ބޮލުގައި ފިރުމާލުމުގެ އިހުސާސުވެ، އެ ގޮތުގައި އަބަދުގެ އަބަދަށް އޮތުމެވެ."
  5. ރަޝިޔާގެ ލިޔުންތެރިއެއް ކަމުގައިވާ ޑޮސްޓްވެސްކީ ގާތު މި ސުއާލުކުރެވުމުން އޭނަ ބުންޏެވެ: "އަހަރެންގެ އަމިއްލަ ނަފްސާ އަހަރެން ވާހަކަ ދައްކާ ގޮތަށް އަހަރެން ވާހަކަ ދައްކާލާނޭ އެންމެ މީހެއް ނަމަވެސް ވުމެވެ."
  6. ދެން، އެހެން މީހަކާ ހަމަ މި ސުއާލުކުރުމުން، އޭނަ ބުންޏެވެ: "އަހަރެންގެ އެދުމަކީ، ގައުމަށް ޚިޔާނަތްތެރިވާ ބޮޑެތި ޣަދަރުވެރިންނާއި ގައުމުގެ ޚަޒާނާއިން ވައްކަންކޮށް އެކިއެކި ނަންނަމުގައި ފަސާދައިގެ އަމަލުތައް ހިންގާލާ މީހުން އެނގިގަނެ ވަކިކޮށް، އެ މީހުންނަކީ ގައުމީ ބަތަލުންނަށް ނުހަދާނޭ ފަދަ ސިކުނޑިތަކެއް ލިބި، އެފަދަ މީހުންނަށް ތާއީދުކޮށް އެމީހުންގެ ފަހަތުން ނުދުވާނޭ ރައްޔިތެއް އަހަރުމެންނަށް ލިބިފައިވުމެވެ."