Support Us

ކޮލަމް ފަގުޑި

އަޞްލަކީ ކޮބާ؟

"ބޯހިޔާވަހިކަން" މިއީ ނޫސްތަކުގެ ފަލަ ސުރުޚީތަކުންވެސް ފެންނަ ވަރަށް ފަރިތަ ބަހެކެވެ. ނުވަތަ ލަފުޒެކެވެ. އެކިއެކި ޗެނެލްތަކުން ގެނެސްދޭ ޚަބަރުތަކުން، ދޭތެރެދޭތެރެއިން ފެންމަތިވާ ލަފުޒެކެވެ. ބައެއް ދުވަސްވަރު ހޮޅުއަށިތަކާއި ކޮފީމޭޒުތަކުގައި ފަތުއަޑުކިޔާ ލަފުޒެކެވެ. އެކި ޙާލަތްތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ނުހަނު ގަދަ އަޑެއްވެސް މެއެވެ. ކޮންމެއަކަސް އެކި ފަހަރުމަތިން މިލަފުޒާ މެދުގައި މީހުންގެ ކަންބޮޑުވުން އިންތިހާއަށް ދިއުމާއި، ފަރުދުންނާއި، ޖަމާޢަތުގެ އަޑުފަށްގަނޑު ގަދަވަމުންދާތީ، މިވާގޮތެއް އޮޅުންފިލުވައިލުމަށް ފުރަތަމަ ބަލައިލީ "ބޯހިޔާވަހިކަމަކީ" ކޮބައިތޯއެވެ؟

މިކަމަށް ކުރި މަސައްކަތުން ލިބުނީ ހަމަ ސުމެކެވެ. މުޅި ޤައުމުގައި ގުގުމަމުން ދިޔަ އަޑުފަށްގަނޑުގެ އެއްވެސް ހަޤީޤަތެއް ނެތެވެ. ދިވެހި ރައްޔިތުންގެ ކަންބޮޑުވުންތަކާއި، އުދާސްތައް މިވީ ބިލާހަކަށެވެ. އާނއެކެވެ! "ބޯހިޔާވަހިކަން" މިއީ ދިވެހިބަހުގެ ރަދީފުގައި އޮތް ލަފުޒެއްވެސް ނޫނެވެ. ވުމާއެކު، ދެން އަޅުގަނޑު ބަލައިލީ މިއާ ކައިރިކުރާ އަދި މިޢާއިލާގެ ލަފުޒުތަކަކީ ކޮބައިތޯ އެވެ؟ އެލަފުޒުތަކުގައި ބުނަނީ ކީކޭތޯއެވެ؟ މިއީ މި މުޖުތަމަޢުގައި މިހާބޮޑު ކަމަކަށްވާތީ މިކަން ވެގެން އުޅޭގޮތެއް އޮޅުންފިލުވައިލުމަށެވެ. ޙަޤީޤަތް ދެނެގަތުމަށެވެ.

"ބޯހިޔާވަހިކަން" ދިވެހިބަހުގެ ރަދީފުގައި މިލަފުޒާ އެއްމެ ކައިރިކުރާ ލަފުޒަކަށް އޮތީ "ހިޔާވަހިކަން" މިލަފުޒެވެ. މާނައަކީ: (1) ގެދޮރު. (2) ރައްކާތެރިކަން ލިބިފައިވާތަން. (3) ހިޔާކޮށްފައިވާތަން. މިއެވެ. ވީމާ، ޙަޤީޤަތަށް ދަންނަވާނަމަ ދެންނެވޭނީ ކާބަފައި އިރުއްސުރެ އަދާ ހަމައަށް ދިވެހިން ހިޔާކޮށް އުޅުނީ ބޯ އެކަންޏެއް ނޫނެވެ. މުޅި ހަށިގަނޑެވެ. ނުވަތަ އެހެން ގޮތަކަށް ދަންނަވާނަމަ ޒާތީ ދިރިއުޅުމުގެ އެއްމެހައި ބަހާތަކެވެ. ދިވެހިން ދިޔައީ މިކަން ޙާޞިލު ކުރަމުންނެވެ. ލޯނުތަކަކުން ނޫނެވެ. ފުދުންތެރި ދިރިއުޅުމުންނެވެ. ބޭރުން ގެނެވޭ ބޭރު ތަކެއްޗަށް ރޭރުވެގެނެއްވެސް ނުމެނޫނެވެ. މި މާޙައުލުން ލިބެން ހުރި ވަޞީލަތްތަކުން ފުއްދައިގެންނެވެ. އެހެން ބަޔަކަށް ބަރޯސާނުވެ އަމިއްލައަށް މަސައްކަތް ކޮށްގެންނެވެ. ނަމަވެސް އަދު މިވަނީ ޒަމާން ބަދަލުވެފައެވެ. މިއަދު ހިޔާވަހިކަން ހޯދަން ކުރަންޖެހޭ މަސައްކަތް ނުހަނު ގިނައެވެ. މިކަމަށް ހޯދަންޖެހޭ ތަކެތީގެ އަގު އެއްމެހައި ބޮޑެވެ. މަސައްކަތް ކުރުވާ ފަރާތަށް ދޭންޖެހޭ އަގުވެސް ހަމަ އެހާމެ ބޮޑެވެ. ވުމާއެކު ޙަވާލުވާންޖެހޭ ލޯނުވެސް އިންތިހާއަށް ވަނީ ބޮޑުވެފައެވެ. ސުވާލަކީ މިއަދު ދިވެހިން ދެކޭގޮތުގައި މިވަރުންވެސް މި ހިޔާވަނީ ހަމައެކަނި ބޯހެއްޔެވެ؟ ނުވަތަ ހަމައެކަނި ބޯ ހިޔާކޮށްލެވޭވަރުވެސް ހަމަ ނުވަނީ ހެއްޔެވެ؟ ނޫނެކެވެ. އެހެންނަކުން ނޫނެވެ. މިއީ ބަހުގެ ހަމައިން ބަލައިފިނަމަ ކުށެއް ނޫނެވެ. އަދި، އޮޅުމެއްވެސް ނޫނެވެ. ހަމަ އެކަން އޮތްގޮތެވެ.

އާނއެކެވެ! ބަހަކީ، ދިރުން ހުރި އެއްޗެކެވެ. މާޙައުލާ އެއްގޮތަށް ބަދަލުވާ އެއްޗެކެވެ. ނުވަތަ ލިބިގަނެ އަދި، ދޫކުރާ އެއްޗެކެވެ. ޠަބީޢީ ގޮތުން ބަލާއިރު ބަހުގައި ދިރުން ހުންނާނެއެވެ. އެއީ ޤުދުރަތުގެ އެއްޗެކެވެ. މީހުން ހަދާއެއްޗެއް ނޫނެވެ. "ހިޔާވަހިކަން" "ބޯހިޔާވަހި" ކަމަށް ބަދަލުވެފައިވަނީވެސް މި ފިޠުރަތާ އެއްގޮތަށެވެ. ވީމާ، މިހާރު "ބޯހިޔާވަހިކަން" މިގޮތަކަށް ނުކިޔޭނެއޭ ނުވަތަ އެއީ ގޯސް ލަފުޒެކޭ ނޫންނަމަ، ދިވެހިބަހުގެ ލަފުޒެއް ނޫނެކޭ ނުބުނެވޭނެއެވެ. އެއީ، އެއްމެން ދަންނަ މުޅި މުޖުތަމަޢު ބަލައިގެންފައިވާ ލަފުޒަކަށްވާތީއެވެ. އިސްވެދިޔަ ބަހަވީ ފިޠުރަތުގައިވާ ގޮތުގެ މަތީންނެވެ. "ބަސްބަހީ މީހުންހަދާ އެއްޗެއް ބަލަގަ ނޫނޭ ތެދޭ އަސްތައަސްތާ ޤުދުރަތުގެ އޭ އެއްޗެކޭ ހަމަ ހިންގަވާ" މިޤާޢިދާގެ ދަށުންނެވެ.

މިހާރަކަށް އައިސް މިގޮތުގެމަތިން ބޭނުންކުރަނީ ހަމައެކަނި މިލަފުޒެއް ނޫނެވެ. މިނޫނަސް "ބޯކޮށް، ސަޅި، ބޮންއެޅުން" ފަދަ ކިތައްމެ ލަފުޒެކެވެ. އަދި މިއީ ހަމައެކަނި ދިވެހިބަހުގައި ކަންހިނގާ މަގެއްނޫނެވެ. ދުނިޔޭގެ އެހެނިހެން ތަފާތު ބަސްބަހުގައިވެސް މިކަން އޮތްގޮތެވެ.

ވީމާ، "ބޯހިޔާވަހިކަން" މިލަފުޒު ދިވެހިބަހުގައި ބޭނުންކުރަނީ "ހިޔާވަހިކަން" މިލަފުޒުގެ މާނައިގައެވެ. ހަމައެކަނި ބޯ ހިޔާކުރުމުގެ މާނައަކު ނޫނެވެ. ބަސްބަސް ބަދަލުވެގެންދާ ހަމަތަކާއި އުޞޫލުތަކުގެ މަތީންނެވެ. އަދި އެއީ، އިންސާނާގެ އެއްމެ މުހިންމު ރުކުނަކީ ބޯކަމުގައިވާތީ ބޮލަށް ނިސްބަތްކޮށް ހަދާފައި އޮތް ލަފުޒެއްވެސް ނޫނެވެ. އެގޮތަށް ހަދާފައި އޮތް ލަފުޒެއްނަމަ، "ގިމަތަ، ޖަގަހަ" ފަދައިން އެލަފުޒުވެސް އޮންނާނީ މީސްތަކުންގެ ދޫމައްޗަށް ތިލަނުވެ މަތާރަންފިލާ މަތީގައެވެ. ނަމަވެސް ޙަޤީޤަތަކީ އެއީ، ބަހުގެ އަޞްލާ އެއްގޮތަށް އައިސްފައިވާ އެއްމެން ބޭނުންކުރާ ލަފުޒެކެވެ.

ނިންމާލަމުން ދަންނަވަންއޮތީ ޖަވާމިޢުލްކަލިމައިގެ ހަމަތަކާއި އުޞޫލުތަކަށް ބުރަވެ ދަންނަވަންޖެހެނީ ބަހުގެ ބަލާޣަތާއި ފަޞާޙަތްތެރި ކަމުގައި ޢިބާރާތް ކުރު، ދުލަށް ލުއި، ކަންފަތަށް ފަސޭހަ އަދި، މާނަ ފުރިހަމަވުން ހިމެނޭ ކަމުގައެވެ.