Support Us

ރަޝިޔާގެ ބިންމައިން ދަނޑުތަކާ ހެދި އިދިކޮޅު ޙަމަލާތަކަށް ހުރަސްތައް އެޅޭ: ޔުކްރޭން

ދެކުނު ޔުކްރޭނުގެ އޮޑިއްސާ ސަރަޙައްދަށް ރަޝިޔާއިން މިސައިލުންނާއި ޑްރޯނުން ދެމުންގެންދާ ޙަމަލާތައް މިއަދު އިތުރުކޮށްފި ކަމަށް ކިޔީވުން ބުނެފިއެވެ.

ކިޔީވް ބުނާގޮތުގައި މީގެތެރެއިން ގިނަ އެއްޗެއްސަށް ހުރަސްއެޅުނެވެ. އަނެއްކޮޅުން ޔުކްރޭންގެ ދިފާޢީ ވަޒީރު އޮލެކްސީ ޒިރްނިކޯވް ވިދާޅުވާ ގޮތުގައި އެ ޤައުމުން ފަށައިފައިވާ އިދިކޮޅު ޙަމަލާތަކާ ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ ރަޝިޔާގެ ބިންމައިން ދަނޑުތަކެވެ.

ޔުކްރޭންގެ ޢަސްކަރިއްޔާގެ ދެކުނު މަރްކަޒުގެ ޓެލެގްރާމް ބުނާގޮތުގައި ރަޝިޔާއިން ރޭ އޮޑިއްސާއަށް ތިން ޙަމަލާ ދިނެވެ. މި ޙަމަލާތަކުގައި 15 ޑްރޯނާއި ކެލިބަރ މަރުކާގެ ފަސް މިސައިލް ބޭނުންކޮށްފައި ވެއެވެ. ޔުކްރޭންގެ ޤައުމީ ނޫސް އޭޖެންސީ  ޔުކްރިޔިންފޯރަމް ބުނާގޮތުގައި ރަޝިޔާގެ މިސައިލްތައް ފޮނުވައިލައިފައި ވަނީ ކަނޑުމަގުންނެވެ. މި ނޫސް އޭޖެންސީ ބުނާގޮތުގައި މި އެއްޗެހިތައް ގޮވުމުގެ ސަބަބުން އެތައް ޢިމާރާތްތަކެއްގެ ބެލްކަނިތަކާއި ކުޑަދޮރުތަކުގެ ބިއްލޫރިތައް ތަޅައިގެން ދިޔައެވެ. އަދި ބައެއް ޢިމާރާތްތަކަށް ވެސް ގެއްލުން ލިބުނެވެ. އަލިފާން ނިއްވާ މީހުން ރޯވެފައިވާ އަލިފާންތައް ނިއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މި އޭޖެންސީ ބުންޏެވެ. މި ޙަމަލާތަކުގެ ސަބަބުން އެތައް ބުރިއެއް ހިމެނޭ ސުޕަރމާރުކެޓެއްގައި ރޯވެ އެ ތަނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް މި ނޫސްއޭޖެންސީ ބުންޏެވެ.   

ނުރައްކާތެރި ހުރަސްތައް 

ހަނގުރާމައިގެ މައިދާނާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޔުކްރޭންގެ ދިފާޢީ ވަޒީރު ހާމަކުރެއްވި ގޮތުގައި އޭނާގެ ބާރުތަކުގެ ކުރިމަތީގައި ވާ އެންމެ ބޮޑު ހުރަހަކީ ރަޝިޔާގެ ބިންމައިން ދަނޑުތަކެވެ. އިނގިރޭސިވިލާތުގެ ގާރޑިޔަން ދުވަހު ނޫހާ ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވިގޮތުގައި ބިންމައިން ދަނޑުތައް އެތައް ކީލޯމީޓަރަކަށް ފަތުރައިފައިވެއެވެ. ހަނގުރާމަ ހިނގާ މައިދާނުގައި އެތައް މިލިއަން ގޮވާ ބޮންތައް އިންދައިފައި ވެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ކޮންމެ އަކަ މީޓަރެއްގައި ފަސް މައިން އިންދައިފައެވެ. 

ޔުކްރޭންގެ ދިފާޢީ ވަޒީރު ވިދާޅުވިގޮތުގައި ޔުކްރޭން ސިފައިންނަށް ކުރިއަށް ދެވޭނީ  ހުޅަނގުގެ ބައިވެރިން ބިންމައިން ކަހައިނަގާ ސާމާނު އަވަހަށް ދީގެންނެވެ. 

ޔުކްރޭންގެ ރައީސް ޒިލެންސްކީ ވަނީ މި މައިންތައް ނަގައި އޭގެ ބާރުކަނޑުވައިލުމަށް ޓަކައި ބައިނަލްއަޤްވާމީ އެހީ ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ. ރައީސް ޒިލެންސްކީ ހާމަކުރެއްވިގޮތުގައި  ޔުކްރޭންގެ ބިމުގެ ސަރަޙައްދުން 174 ހާސް އަކަ ކީލޯމީޓާރުގެ ބިމަކީ ޢާންމު ރައްޔޮތުންނަށް އޮތް ބޮޑު ބިރެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *