...

Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ރަނގަޅު ކަރާ އިޚްތިޔާރު ކުރުމުގެ ހުނަރުގެ ވާހަކައާއި އެއާ ގުޅޭ އެހެން ވާހަކައެއް

މިސުރުގެ ޒުވާން ކުއްޖަކު އެމެރިކާއަށް ކިޔަވަން ދިޔައެވެ. އެއް ދުވަހަކު އޭނާ ވަރަށް ބޮޑަށް ކަރާ ކާހިތްވިއެވެ. ދެން، މޭވާ ބާޒާރަށް ކަރައެއް ގަންނަން ދިޔައެވެ. އަދި، ރަނގަޅު ކަރައެއް ނެގުމަށްޓަކައި ފަހަރަކު ކަރައެއް ނަގައި ހަލުވާލިއެވެ. އަދި، ރަނގަޅު ކަމަށް ފެނުނު ކަރާ އޭނާ ނެގިއެވެ.

މިތަން ބަލަން އެމެރިކާގެ މެދު އުމުރުގެ އަންހެނެއް ހުއްޓެވެ. އޭނާ ވެސް ހުރީ ކަރައެއް ގަންނަން ގޮހެވެ. މިސުރުގެ ޒުވާން ކުއްޖާ ކަރާތައް ހަލުވާތަން ފެނުމުން، އޭނައާ މި އަންހެނާ ސުއާލުކުރިއެވެ. "ކޮއިފުޅާއެވެ! ކޮއިފުޅު ތިވަރަށް ތި ކަރާތައް ހެލުވީ ކީއްވެ ހެއްޔެވެ؟"

ޖަވާބުގައި މިސުރު ކުއްޖާ ބުންޏެވެ. "އަހަރުމެންގެ ރާއްޖޭގައި ރަނގަޅު ކަރައެއް ހޮވަނީ މިފަދައިން ކަރާ ހަލުވައިގެންނެވެ."

ދެން، އަންހެން މީހާ ބުންޏެވެ. "އެހެންވެއްޖިއްޔާ އަހަންނަށް ވެސް ރަނގަޅު ކަރައެއް ނަގައިދީބަލާށެވެ!"

އަންހެން މީހާގެ މި އެދުމާ މެދު މިސުރު ކުއްޖާ ވަރަށް އުފާކޮށް ފަޚުރުވެރިވިއެވެ. އޭނާ ތަމްސީލުކުރަނީ މިސުރުކަމުގައި އޭނާ ދުއްޓެވެ. އަދި، އޭނާއަށް ރަނގަޅު ކަރައެއް ނަގައިދިނުމަށްޓަކައި އަނެއްކާ ވެސް ފަހަރަކު ކަރައެއް ހަލުވަން ފެށިއެވެ. މިކަމުގައި ގިނަ ވަގުތުތަކެއް ހޭދަކުރުމަށްފަހު، މިސުރުގެ އެ ކުއްޖާ، އަންހެން މީހާއަށް، ކަރައެއް ހޮވައިދިނެވެ.

އަންހެންމީހާ މިސުރުގެ ޒުވާނާއަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރިއެވެ. އަދި ބުންޏެވެ. "ފެންނަ ފެނުމުގައި ކޮއިފުޅަކީ އަރަބި ގައުމެއްގެ ކުއްޖެކެވެ. ކޮއިފުޅަކީ އަރަބި ކޮން ގައުމަކުން އައިސް ހުރި ކުއްޖެއް ހެއްޔެވެ؟"

ޖަވާބުގައި މިސުރުގެ އެ ޒުވާނާ ވަރަށް ފަޚުރުވެރިކަމާއެކު، އޭނާއަކީ މިސުރު ކުއްޖެއްކަން އަންހެން މީހާ ގާތު ބުންޏެވެ.

ދެން އެ އަންހެން މީހާ ބުންޏެވެ. "ކަރާތަކުގެ ތެރެއިން ރަނގަޅު ކަރައެއް ހޯދައި ހޮވުމަށްޓަކައި، ކަރާތައް އެ ގޮތް މި ގޮތަށް ހަލުވާ ގޮތަށް، ކަލޭމެންގެ ސިޔާސީ ވެރިން ވެސް ހަލުވައި ރަނގަޅު ވެރިއަކު ހޮވަން މަސައްކަތް ނުކުރަނީ ކީއްވެހެއްޔެވެ؟"

މިކަން، އާދެ، ރަނގަޅު ކަރާ ހޮވަން މަސައްކަތް ކުރާ ގޮތަށް ކަމަށް އެކަށީގެންވާ ވެރިން ހޮވައި ޚިޔާރު ކުރުމުގެ މައްސަލަ އޮތީކީ ހަމައެކަނި މިސުރުގައި ނުވަތަ އަރަބި ދުނިޔޭގައި އެކަންޏެއް ނޫނެވެ. ޚުދް ރާއްޖާގައި ވެސް ސިޔާސީ ރަނގަޅު ކަރައިން ހޮވަން ނޭނގުމުގެ މައްސަލަ އެބައޮތެވެ.

އަދި ކިއެއް ހެއްޔެވެ؟ ރަނގަޅު ސިޔާސީ ކަރައެއް ރާއްޖޭގައި ހޮވުމުގެ މައްސަލަ، އަރަބި ދުނިޔެއަށް ވުރެވެސް ގޯހޭ ބުނެވިދާނެއެވެ. ސިޔާސީ ވެރިންގެ ވާހަކަތަކުންނާއި އެމީހުންގެ އަމަލުތަކުން، އެމީހުންނަކީ ތަނުގެ ވެރިަކަން ކުރަން އެކަށީގެންވާ ބައެއްތޯ ކަނޑައަޅާލެވެން އޮވެއެވެ. ނަމަވެސް، އެތައް ފަހަރަކު ސިޔާސީ މައިދާނުގައި ފޭލިވެ، އެއްވެސް ހަރުދަނާ ކަމެއް ކުރުމުގެ ގާބިލުކަން ނެތްކަން ސާބިތުވާ މީހުންނާއި އަދި، ތަނުގެ އާދަކާދަތަކަށް، ތަނުގެ ދީނާއި ސަގާފަތަށް، އެންމެ ކުޑަވެގެން ތަނުގެ އާންމު މަސްލަހަތަށް ވެސް އިސްކަން ނުދީ، އެ މީހުންގެ މައިގަނޑު މަގުސަދަކީ، ބޭރު ބައެއް ތަނަށް ވެރިކުރުވުން ކަމުގައި ހަދައިގެން އުޅޭ ބައިގަޑެއް ވެސް ވެރިކަމަށް ހޮވަން ރާއްޖޭގައި މަސައްކަތްކުރާތަން ފެނެއެވެ.

އާދެ، އެމެރިކާގެ އެ އަންހެން މީހާ ބުނި ފަދައިން، މޭވާއާއި ތަރުކާރީ ބާޒާރަށް ގޮސް، އެ އެއްޗެތީގެ ބޭރުފުށަށް ރަނގަޅަށް ބަލައި، އޭގެ ހަގީގަތް ދެނެގަނެ، ރަނގަޅު ކަރައާއި މިރުހާއި ލިނބޯ ހޮވާ ގޮތަށް، އެމީހުންގެ ވާހަކަތަކާއި އަމަލުތަކަށް ބަލައި، އެމީހުންގެ ހަގީގީ ސިފަ ދެނެގަނެ، ބޭރު ގައުމަކަށް އިސްކަން ނުދީ އެންމެ ފުރަތަމައިން ވެސް ތިމާމެންގެ އަމިއްލަ ގައުމަށް އިސްކަންދީ، ގައުމީ މަސްލަހަތު އިސްކޮށް، އަމާނަތްތެރިކަމާއެކު މަސައްކަތްކުރާނޭ ވެރިން ދެނެގަނެ، ވެރިންނަށް އެފަދަ މީހުން އިސްކުރަން ޖެހޭ ވަގުތު އަތުވެއްޖެއެވެ. އަދި، ގުއިވަޅު މެއްސެއްގެ އަޚުލާގު ވެސް ނެތް، ހެއްދެވިހާ ގޯސްކަމެއް ކުރުމަކީ އެންމެ ރަނގަޅުކަމެއް ކަމުގައި ގޮވައި، ގައުމީ މަސްލަހަތު އެއްފަރާތްކޮށް، މިކަމަށް މަގުފަހިކުރުމުގެ ގޮތުން، ބޭރު ބަޔަކު ތަނަށް ވެރިކުރުވުން އަމާޒެއްކަމުގައި ހަދައިގެން އުޅޭ މީހުން ފާހަގަކޮށް އެމީހުންނާ ދުރަށް ދާންވެއްޖެ ވަގުތު ޖެހިއްޖެއެވެ. ރަނގަޅު ކަރައާއި ލިނބޯ އަދި މިރުސް އޭގެ ބޭރުފުށަށް ބަލާފައި ފާހަގަކުރަން އެނގޭއިރު، މިފަދަ ގައުމަށް ޚިޔާނަތްތެރި ސިޔާސީ ގުއިވަޅުމެހިން ދެނެގަނެ، ސިޔާސީ މައިދާނުން އެފަދަ މެހިން ފައްސާލުން ފަސޭހަވާނެއެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.