ފަސާދައިން މިއޮޑި ދުއްވުމަށް ނުކުޅެދިއްޖޭ
ފަސާދަވެ އަމާން ކަން ނެތިވެ އަނދިރި ވެއްޖޭ
ނަގާ ރާޅުތައް ބިޔަވެ މަންޒިލް އޮޅިއްޖޭ
މަޤާމަށް ނެތަސް ފެންވަރެއް ނަން ހޮވިއްޖޭ
ދުރާލައި މަގަށްނިކުމެ ބިން އަދު ފުރިއްޖޭ
ފުރާ އުޅަނދުތައް ގޮސް ރަށުން ބޭރުވެއްޖޭ
އަމާން ރީތި ރާއްޖޭގެ ނަން ކިލަނބު ވެއްޖޭ
އަމާނާތް ތެރިން ނެތި ޒަމާން ބަދަލު ވެއްޖޭ
އުޑުން ކަޅު ވިލާތައް ފެތުރި އަނދިރި ވެއްޖޭ
ބުޑުން ލުހުނު ގަސްތައް ވަޔަށް ހުށަ ހޮޅިއްޖޭ
އިލާހިއްޔަ ނޫރުން ސަލާމަތް އަދައިގެން
ކިލާ ހިތްތަކަށް ބުއްދި ދެއްވުން އެދިއްޖޭ
ދުޢާ ދަންނަވައި އުފުލި އަތްތައް އިލާހަށް
ދުޢާގައި ސަޖިދަޔަށް ތިރިވެ އޮވެ ރޮވިއްޖޭ