Support Us

އަބޫ އައްޔޫބުގެފާނުގެ ޒިޔާރަތް

ކަންތައް ކުރުމަށް ވަގުތު ފާއިތެއްނުވާނެ 

ގަދައަޅައި މަސައްކަތްކުރާ މީހާއަށް އޭނާ ކުރާ މަސައްކަތުގެ ނަތީޖާ އަބަދުވެސް ފެންނާނެތެވެ. މިހާރު މާ މުސްކުޅިވެއްޖެއޭ ކިޔައިފައި ކުރަން ބޭނުންވާ ކަމެއް ނުފަށާ ނުބާއްވާށެވެ! ވަގުތު ފާއިތުވެއްޖެއޭ ކިޔައިފާ ކަންނެތް ނުވާށެވެ!

ހާލެންޑް ސެންޑަރސް، ކެންޓަކީ ރެސްޓޯރެންޓްތައް ހުޅުވުމުގެ މަސައްކަތް ފެށީ އޭނާގެ ޢުމުރުން 62 އަހަރުގައެވެ. މިހާރު މުސްކުޅިވެ ބޯ ނުރަވެއްޖެއޭ ކިޔައިފައި ހުރިނަމަ ކެންޓަކީ ވުޖޫދެއް ނުވާނެތެވެ.

މަސައްކަތް ކާމިޔާބުވުން އޮންނަނީ ހިއްމަތާއި މިންނަތުގެ މަތީގައެވެ. އެއީ ޒުވާންކަމާއި މުސްކުޅިކަމާ ގުޅިފައިވާ ކަމެއް ނޫނެވެ. އެއީ ވިސްނުމާއި ގުޅިފައިވާ ކަމެކެވެ. އެއީ ނުރައާ ގުޅިފައިވާ ކަމެއް ނޫނެވެ. އެއީ ނަފްސާ ގުޅިފައިވާ ކަމެކެވެ. އެއީ ރުލާ ގުޅިފައިވާ ކަމެއްނޫނެވެ.

އިސްލާމީ ތާރީޚުގައި މާތްﷲ ރުއްސުންލެއްވި ޢަލީ ބިން އަބީ ޠާލިބުގެފާނަށް ނިސްބަތްކޮށް ބުނާ ހަރުބަހެއްގައި ވެއެވެ. "ތިބާ ދުނިޔޭގައި ތާއަބަދަށް ދިރި އުޅޭނެކަމަށް ބަލައި ދުނިޔެއަށް ޓަކައި މަސައްކަތްކުރާށެވެ!"

މި ބަހުން އެނގެނީ ނުކުޅެދުންތެރިކަމާއި އަމާންދިނުމަކީ ވިސްނުމާއި ފިކްރާއި ޙަޔާތާ ގުޅިފައިވާ ކަމެއް ކަމެވެ.

އަޅުގަނޑުމެން ވަރަށް ގިނައިން އަޑުއަހާ މަޝްހޫރު ބަސްތަކުގެތެރޭގައި މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން ކިޔަވާށޭ ބުނާ ބަސް ވެއެވެ.

އިސްލާމީ އުންމަތުގެ ސަލަފުންނަކީ އަވަހާރަވުމުގެ ދާންމަތިކޮޅު މަތީގައި ތިއްބެވި ވަގުތުގައި ވެސް ކީރިތި ޤުރްއާނުގެ ތަފްސީރުތަކާއި ކީރިތި ރަސޫލާ ﷺ ގެ ޙަދީސްފުޅުތަކާއި ފިޤްހީ މަސްއަލަތައް ކިޔާދިނުމުން އެ ބޭކަލުންގެ ބޭފުޅުންގެ ކިބައިން ނުވަތަ އެކުވެރީންގެ ކިބައިން އެދިވަޑައިގެންނެވި ބޭކަލުންތަކެކެވެ.

އަލްޙާފިޒު އިބްނު ޢަބްދުލްބިއްރު "ޖާމިޢު ބަޔާނިލް ޢިލްމި" ފޮތުގައި ލިޔުއްވައިފައި ވެއެވެ. އަލްޙުސައިނު ބިނުލް މަންޞޫރު، އަލްއިމާމު އަޙްމަދަށް ދެންނެވިއެވެ. މީހަކު ޙަދީސްފުޅުތައް ލިޔާނީ ކިހާ ދުވަހެއް ވަންދެން ތޯއެވެ؟ އަލްއިމާމު އަޙްމަދު ޖަވާބުގައި ވިދާޅުވިއެވެ. "ކަށްވަޅަށް ދާންދެނެވެ."

ބައެއް ޢިލްމުވެރީންނަށް ދެންނެވުނެވެ. މީހަކު ކިޔަވަން ވީ ކިހާ ދުވަހެއް ވަންދެން ތޯއެވެ؟ ޖަވާބުގައި ވިދާޅުވިއެވެ. އޭނާއަށް ދިރިއުޅެވޭހައި ދުވަހަކުއެވެ.

ވީމާ މަސައްކަތް ކުރުން ހުއްޓައިލުމަށް ޢުމުރެއް ނެތެވެ. ގޭގައި އިށީނދެ ތިބެން ޖެހޭ ޢުމުރެއް ނެތެވެ.

މާތް ﷲ ރުއްސުންލެއްވި އަބޫ އައްޔޫބުލް އަންޞާރީ ޤުސްޠަންޠީނިއްޔާ (މިހާރުގެ އިސްތަންބޯލް) ފަތަޙަ ކުރެވުނު ހަނގުރާމައިގައި ބައިވެރިވެ ވަޑައިގަތްއިރު އެކަލޭގެފާނު ވަނީ ޢުމުރުފުޅުން 100 އަހަރަށް ވުރެ މައްޗަށް ގޮސްފައެވެ.

މާތް ﷲ ރަޙްމަތްލެއްވި އިބްނު ޙަޖަރުލް ޢަސްޤަލާނީ އޭނާގެ މަޝްހޫރު ފޮތެއްކަމުގައިވާ (އަލްޖަވާހިރު ވަލް ދުރަރު)ގައި ލިޔުއްވައިފައިވެއެވެ. ((މާތް ﷲ ރަޙްމަތްލެއްވި އަލްއިމާމުލް ކިސާއީ 40 އަހަރުފުޅު ފުރެންދެން އުޅުއްވީ ބަކަރި ހުއިހައްޕުވާށެވެ. މަންމަޔަކު އޭނާގެ ދަރިފުޅަށް ޤުރްއާން ހިތުދަސްކުރުމަށް ޓަކައި މިސްކިތުގެ ޙަލަޤާއަށް ދިޔުމަށް ހިތްވަރުދޭ ތަން އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. އެ ކުއްޖާ ކިޔަވާކަށް ބޭނުމެއް ނުވެއެވެ. މަންމަ ބުންޏެވެ. "ދަރިފުޅާއެވެ! ކިޔަވަން ދާށެވެ! އޭރުން ބޮޑުވީމާ ދަރިފުޅަށް މިހިރަ ބަކަރިގޮވި ގޮތަށް ބަކަރި ހުއިހައްޕުވާން އުޅޭކަށް ނުޖެހޭނެއެވެ." އެހިނދު އަލްކިސާއީ އެކަލޭގެފާނުގެ ނަފްސަށް ވިދާޅުވިއެވެ. ޖާހިލުކަމުގައި މިސާލު ޖެހޭ މީހަކަށް އަހުރެން ވެއްޖެއެވެ. މިހެން ވިދާޅުވެ އެކަލޭގެފާނު ބަކަރިތައް ވިއްކައިލައްވައިފައި ކިޔަވާ ވިދާޅުވުމަށް ކުރިމަތިލެއްވިއެވެ. ކިސާއީއަކީ ޢަރަބިބަހުގައްޔާއި ޤިރާއާތު ޢިލްމުގައި މަޝްހޫރު އިމާމެކެވެ. މިއީ ހިއްމަތާއި މިންނަތުގެ ނަތީޖާއެވެ.

އިސްލާމީ ފަލްސަފާގެ ބައްޕަ ކަމުގެ ލަޤަބު އެރުވިފައިވާ އަލްފާރާބީ ބަޣްދާދަށް ވަޑައިގެން ޢަރަބިބަހާއި މަންޠިޤު (ލޮޖިކް) ކިޔަވާ ވިދާޅުވީ އޭނާގެ ޢުމުރުފުޅުން ފަސްދޮޅަހަށްވުރެ މައްޗަށް ދިޔަ ފަހުންނެވެ. އެކަލޭގެފާނު ކިޔަވާ ވިދާޅުވާން ފައިސާ ހޯއްދެވީ ބަގީޗާ ބަލަހައްޓާ ފާރަވެރިކަމުގެ މަސައްކަތް ރޭގަނޑު ކުރައްވައިގެންނެވެ. ފިލާވަޅުތައް ދަސްފުޅުކުރެއްވީ ރޭގަނޑު ފާރަވެރިކަން ކުރައްވަމުން ބަގީޗާގައި ފުޅި ބައްތިއެއްގެ އަލީގައެވެ.

ބައެއް މީހުން ޢުމުރުން 40 އަހަރު ފުރޭއިރަށް ގޮނޑިއަށް ވާޞިލުވުމަށް އެދެއެވެ. އެ ހިސާބަށް ދެވޭއިރު އޭނާގެ ލަޑުދަނޑި ޙާޞިލްނުވިނަމަ އެމީހުންނަށް ކަމެއް ކުރެވިދާނެ ކަމަކަށް ނުބަލައެވެ. އެމީހުން ދެކެގޮތުގައި ދެން އިންތިޒާރު ކުރަން ޖެހޭނީ މަލިކުލްމައުތިގެފާނާއެވެ.

ސާޅީސް އަހަރުވުމަކީ ވަގުތު ފާއިތުވުމެއް ނޫނެވެ. ރަސޫލާ ﷺ އަށް މާތް ﷲ ރަސޫލުކަން ދެއްވީ އެކަލޭގެފާނުގެ ޢުމުރުފުޅުން 40 އަހަރުފުޅުގައެވެ. އެކަލޭގެފާނު އިސްލާމީ އުންމަތް ބިނާކުރެއްވީ އޭގެ ފަހުން 23 އަހަރުގެތެރޭގައެވެ.

ތާރީޚު ބުނާގޮތުގައި ނޫޙު އެ ކަލޭގެފާނުގެ ޤައުމުގެ މީހުން ނަވުކޮޅުގައި ސަލާމަތް ކުރެއްވި އިރު އެކަލޭގެފާނަށް އެއްހާސް އަހަރުފުޅު ވެއްޖެއެވެ.

މާތްﷲ ރަޙްމަތްލެއްވި އިބްނުލް ޖައުޒީ ދިހަ ޤިރާއަތް އުނގެނިވަޑައިގަތްއިރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ 80 އަހަރެވެ.

ފަލަސްޠީނުގެ ބަޠަލެއް ކަމުގައިވާ ޝަހީދު ޑރ. ޢަބްދުލް ޢަޒީޒުއްރަންތީސީގެ ހުވަފަތް އަނބިކަނބަލުން މި ދިޔަ ހަފުތާގައި ޢުލޫމުލް ޤުރްއާނުން ޕީއެޗްޑީ ޙާޞިލް ކުރެއްވިއިރު އޭނާގެ ޢުމުރުފުޅަކީ 65 އަހަރެވެ.

މަސްއަލައަކީ ޢުމުރެއްނޫނެވެ. މަސްއަލައަކީ ޢަޒުމާއި ހިންމަތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *