Support Us

ކޮލަމް: ކޯދު: ކުރު ވާހަކަ- ދެ މޮޔައިންގެ ވާހަކަ

މޮޔައިންގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުންދާ ދެ މޮޔައިން.. އަންހެނަކާއި ފިރިހެނަކު.. ހޮސްޕިޓަލުގެ ގޯތިތެރޭގައި ހިނގާލަން ދިޔައެވެ. އެ މީހުންނަށް ފަރުވާދެއްވާ ޑޮކްޓަރު ދެކިލައްވާ ގޮތުގައި އެ ދެ މީހުން މިހާރު އަންނަނީ ރަނގަޅު ވަމުންނެވެ. އެހެންވެ، ހޮސްޕިޓަލުން ދޫކޮށްލުމަށް ތައްޔާރުވުމުގެ ގޮތުން، އެ ދެ މީހުންނަށް ކޮންމެވެސް ވަރެއްގެ މިނިވަންކަމެއް ދީފައިވެއެވެ. އެ މިނިވަންކަމުގެ ދަށުން، ހޮސްޕިޓަލުގެ ގޯތިތެރޭގައި އެ ދެ މީހުންނަށް ހިނގާލާ ހެދުމުގެ ފުރުސަތާއި މިނިވަންކަން ދީފައިވެއެވެ.

އެ ދެ މޮޔައިން ހިނގަމުން ދަނިކޮށް ހޮސްޕިޓަލުގެ ފަތަން އެރޭ ފެންގަނޑާ ހަމަވިއެވެ. ދެން، އަޖުމަބަލައިލުމުގެ ގޮތުން، ފެންގަނޑުގެ ވަށައިގެން އަޅައިފައި ހުރި ތޭރީގެ ފުޅަށްމަތިން އަރައި، ފިރިހެން މޮޔަ މީހާ ފެންގަނޑަށް ފުންމާލިއެވެ. ނަމަވެސް، އޭނާއަށް ރަނގަޅަށް ފަތަން ނޭނގުމުގެ ސަބަބުން އޭނާ ގެނބެން އުޅުނެވެ. އެތަން މޮޔަ އަންހެން މީހާއަށް ފެނުމުން، އަދި އޭނާއަށް ރަނގަޅަށް ފަތަން ވެސް އެނގޭތީވެ، އޭނަ ވެސް ފެންގަނޑުގެ ތޭރި ފުޅަށްމަތިން އަރައި ފެންގަނޑަށް ފުންމާލައި ފިރިހެން މީހާ ސަލާމަތްކުރިއެވެ.

އޭގެ އަނެއް ދުވަހެވެ. ހޮސްިޕިޓަލުގައި މި ދެ މޮޔައިންގެ ވާހަކަ ފެތުރުނެވެ. މޮޔަ އަންހެން މީހާ ފަތާ ފެންގަނޑަށް ފެތެން އުޅެނިކޮށް އަންހެން މީހާ ފެންގަނޑަށް އެރި ފިރިހެން މީހާ ސަލާމަތްކުރި ވާހަކައެވެ.

ދެން، ޑޮކްޓަރު އަންހެން މީހާ ގެންނަވައި އޭނާއަށް ތައުރީފުކޮށް އޭނާ ގާތު ވިދާޅުވިއެވެ.

ޑޮކްޓަރު: އިނބަ އިއްޔެ ތި ކުރީ ވަރަށް ވެސް ރަނގަޅު ކަމެކެވެ. ތައުރީފު ހައްގު އަމަލެކެވެ. މިއިން އެނގެނީ އިނބަގެ ސިކުނޑި ރަނގަޅު ކަމެވެ. އެހެންވެ، އެކަމުގެ އިނާމެއްގެ ގޮތުން އަހަރެން ގަސްދުކުރަނީ އިނބަ ރަނގަޅުވެއްޖެ ކަމަށް ބަލައި ހޮސްޕިޓަލުން ދޫކޮށްލާށެވެ. ނަމަވެސް، ހިތާމަވެރި ޚަބަރެއް ވެސް އޮތެވެ. އިނބަ ސަލާމަތް ކޮށްދިން މީހާ ފެންގަނޑަށް ފުންމާލީ އަމިއްލައަށް މަރުވާށެވެ. ދެން، އިނބަގެ މަސައްކަތުން އޭނަ ސަލާމަތްވީމައި، އޭނަ ފަހުން، އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެއެވެ.

މޮޔަ އަންހެނާ: އެކަންވީ ތިހިނަކުން ނޫނެވެ. އޭނާ ފެންގަނޑުން ނަގައި ސަލާމަތްކޮށްފައި، އޭނާއަށް ގޮވާލީމައި އެއްޗެއް ނުބުނުމުން، އެއްކޮށް ތެމިފައި އޮތީމައި އެއްޗެއް ނުބުނެވުނީ ކަމަށް ބަލައި، އޭނާގެ ކަރުގައި ވާކޮޅެއް ޖަހައި، އަޅުގަނޑު އޭނަ ހިއްކަން އެޅީއެވެ!