ބުނެބަލާށޭ ދުނިޔެޔާ! އިބަ ކޮންފަރާތެއް ހެއްދެވީ؟
ގުނެވެމުންދާ ރޭދުވާތައް އިބަ ވަށައިގެން ލެއްވެވީ؟
ތާކުއެއްވެސް ޖެހިނުލައި ފަތަމުން ތި ދާއިރު އިރުވަށައި
މާކުތަކަކުން އުޑުގެ އިބަ ހުރި ތަން އެނގޭގޮތް ލެއްވެވީ؟
އިބަގެ ޖިސްމުން ދުނިޔެއަށް އައުމާއި ދިއުމާ ލައްވަވައި
އިބަގެ ތިޔަ ބުރިކަށިމަތިން އަދި ރިޒުގެވެސް ނެރެ ދެއްވެވީ؟
ގުރެވިޓީއެއް ބާރު މާ ގަދަ ލައްވަވައި ހިފަހައްޓުވާ
ހުރެވުމަށް ހަރުލައި އެކަން އިހުސާސް ނުވާގޮތް ހެއްދެވީ؟
އިސްވެ ދިޔަހައި މީހުނާ ރުއްގަސް ތަކެއްޗާ ނެތިދިޔަސް
ޖިސްމުގައި ވިރިހުސްވެ ނެތިދާ ޙިކްމަތެއް މޮޅު ލެއްވެވީ؟
ފެންފޮދެއްވެސް މިންވަރަށްވުރެ އުނިވެ ހުސްނުމެ ވާގޮތާ
ފެން ލޮނާ އެކު އެއްވިޔަސް ފެން ވަކިވެވޭގޮތް ލެއްވެވީ؟
ފެތުރި މާ ތަނަސްވެގެން އަދި ހިތްފަސޭހަ ވެގެންވުމާ
ތެދުވެ ބިން އާރާސްތު ކުރުމަށް މީސްތަކުންނާ ލެއްވެވީ؟
