...

Support Us

އިސްދޫ ލޯމާފާނުގައި އޮތީ ކޮން ވާހަކައެއް؟

ދިވެހިރާއްޖެއިން ފެންނަން އޮތް އެންމެ ދުވަސްވީ ރަސްމީ އެއް ލިޔުމަކީ އިސްދޫ ލޯމާފާނެވެ. އިސްދޫ ލޯމާފާނު ލިޔެފައި ވަނީ އައްސުލްޠާން ދިނެއި ކަލަމިންޖާ ސިރީ ގަޑަނާދީއްތަ މަހާރަދުން (1192-1198) ގެ ރަސްކަމުގެ ތިންވަނަ އަހަރުއެވެ. އެއީ ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގެންނެވިތާ 582 އަހަރު ފަހެވެ. ހިޖުރީ ގޮތުން 592 ވަނަ އަހަރެވެ. މީލާދީން 1194 ވަނަ އަހަރެވެ. ގަދަނާދީއްތަ މަހާރަދުންގެ އަމުރުފުޅަށް އިސްދޫ ލޯމާފާނު ލިޔުއްވީ ފެހެންދޫ ފެހިފުނައަވަށު ފަނޑިއަތާއެވެ.

ފުރަތަމަ ފޮތި:

މާތްވެގެންވާ ހަނދުވަންހައިގެ އެންމެ އިސް، ތީމުގޭ މާތްވެގެންވާ މަހާބާރަނަ މަހާރަދުން ފުރިހަމަ ދެހިޔަ އާބާދީގެ ވެރި ރަސްކަލަކަށްވެ، އެކާވީސް އަހަރުފަހުން އެ މަނިކުފާނުގެ ރަސްކަންނިމި، އަވަހާރަވީ ހިނދު، މި ރަދުންނާއި އެއްބަނޑު ދައިތާފުޅުގެ ދަރިކަލުން މާތް ތިރިބުވަނަ އާދީއްތަ މަހާރަދުން، ރަސްކަލަކަށްވެ ފަންސަތިރީސް އަހަރުފަހުން އެ މަނިކުފާނު އަވަހާރަވީ ހިނދު، މި ރަދުންނާ އެއްބަނޑު ފިރިހެން ކޮއްކޯފުޅުގެ މާތް ދަރިކަލުން ސުވަސްތީ ސިރީ ބުވަނަބާރަނަ މަހާރަދުން ރަސްކަލަކަށްވެ، ނުވަ އަހަރު ފަހުން އަވަހާރަވީ ހިނދު، މި ރަދުންނާ އެއް ބަނޑު ދައިތާފުޅުގެ ދަރިކަލުން ސުވަސްތީ ސްރީ ދަރްމާނަންދަނަމް މަހާރަދުން ރަސްކަލަކަށްވެ ނުވަ

ދެވަނަ ފޮތި:

އަހަރު ފަހުން އެ މަނިކުފާނު އަވަހާރަވެ ރަސްކަން ނިމުނު ހިނދު، މި ރަދުންނާ އެއް ބަނޑު ދައިތާފުޅުގެ ރީތިކަން ލިބިގެންވާ ރަތުރަންފަދަ އުޖާލާ މަޤްބޫލުކަން ބޮޑު ފުރިހަމަ އެއް ލައްކަ ޖަޒީރާ ރައްކާތެރި ކުރައްވައި ކުރިމަގު ރަނގަޅުކޮށް، ހުޝިޔާރުކަމާއި ފުރިހަމަ އިތުބާރާއެކު ކަންތައްކުރައްވައި، ދިމާވާ ކަންތައް ވަގުތުން ނިންމަވައިދެއްވާ ފަނަރަވިލޭރޭގެ ހަނދުފަދަ ސާހިބާ އަދި ހުސްވުމެއް ނެތް ޖަވާހިރު ޚަޒާނާއެއް ފަދަ ރީތިކަން ލިބިގެންވާ އެ މާތްސާހިބާ ވަނީ އެސްތަކުން ޖަރީކޮށްފަވާ ތާޖަކުން ޒީނަތްތެރިވެ ވަޑައިގެންނެވެ. އެ މާތް ސާހިބާއަކީ ސްރީމަތު ގަދަނާދީއްތަ މަހާރަދުންނެވެ. އޭނާގެ ރަސްކަމުގެ ތިންވަނަ އަހަރު އިސްދޫގައި ކުރީގައި އުޅުނު ކާފަރު ރަސްކަލުން ޢިމާރާތްކޮށްފައިވާ ބުދުފައްޅިތައް ތަޅައި ބުދު އުފުރައި ބުދާއި މި ބުދު ބެލެހެއްޓި ހާމުދުރުން މާލެ ގެންނަވައި ބުދާއި ބުދު ފައްޅިތައް ބެލެހެއްޓުމަށް ދީފައިވާ ތަކެތި

ތިންވަނަ ފޮތި:

ސަރުކާރު މުދަލުގެ ގޮތުގައި ހައްދަވައި، ޝަހާދަތް ނުކީ ކާފިރުން މެރުމަށް އެންގެވިއެވެ. މުޙައްމަދު ރަސޫލާގެ ޝާރީޢަތް ޤަބޫލުކުރި މީހުން ނުމަރައި، ޝަހާދަތްކިއުއްވައި ޚިތާނުކުރުމަށްފަހު ދޫކޮށްލެއްވީއެވެ. މުޙައްމަދު ރަސޫލާ ސުވަރުގެ ވަޑައިގަތުމަށްފަހު ފައްސަތޭކަ ބަޔާހި އަހަރު ވީ ހިނދު، މާތް ގަޑަނާދީއްތަ މަހާރަދުން ﷲ އަށް އަޅުކަންކުރުމަށް، އިސްދޫ ހާމުދުރުންގެ ބިމާއި ކައިރީގައިއޮތް ރަނގަޅު ހުސްބިމެއްގައި ފެން ނުވަންނާނޭހެން ބިންގާއަޅައި ގަލާއި ލަކުޑިން މިސްކިތް ޢިމާރާތް ކުރުވައި، ޤިބުލަ ފާހަގަކޮށް،

ހަތަރުވަނަ ފޮތި:

މިންބަރު ބަހައްޓައި ހިޔާކޮށް ނިންމުމަށްފަހު ހުކުރު މިސްކިތޭ ކިޔައި ނަންދެއްވިއެވެ. މިސްކިތް އެޅިތަނުގެ ވަށައިގެން ހުރިތަންތަން ހިމަނައި ހަރިންމަ ވަކިކޮށް ފާރު ރާނައި ދޮރޯށި ބެހެއްޓިއެވެ. ފެންވަރާގެއާއި ޒަކާތްނަގާގެއާއި ކޮށާރަކާއި، ހައްދަވައި ކުނާ ފަތުރުއްވައި މިހުރިހާ ތަކެތި މިސްކިތުގެ މުދާކަމު ހަމަޖައްސައި އަދި ކުރީގެ ހާމުދުރުންނަށް ދެމުންއައި ވަގުފު އުވާލެއްވިއެވެ. މާތް އިސްދޫ އިސްރަށަކަށް ހައްދަވައި ހަތް އަވަށަށް ބައްސަވައި ހުރިހާ އަވަށުގެ ވެރިރަށް ކަމުގައި އިސްދޫ ހަމަޖެއްސެވިއެވެ. ކުރީގައި އުޅުނު މީހުންގެ ތެރެއިން ޝަހާދަތްކީ މީހުން އެރަށުގެ ރަށްވެހިންގެ ގޮތުގައި ހަމަޖައްސަވައި ޝަހާދަތް ނުކީ މީހުން އެ ރަށުގެ ރަށްވެހިންގެ ތެރޭގައި ނުހިމެނޭ ގޮތަށް ހަމަޖެއްސެވިއެވެ. އިސްދޫގައި އިސްކޮށް އުޅުނު މަޝްހޫރު ޢާއިލާތައް

ފަސްވަނަ ފޮތި:

ވެލާލުގެ، ދެނިގެ، ވަތިގެ، ފަސްވައްތިގެ، ފުނަވައްތިގެ، މި ހުރިހާ ވަންހައިގެ މީހުންނަކީ އިސްދޫގައި އުޅޭ މާތް ޢިއްޒަތްތެރި މަޤްބޫލު ޢާއިލާތަކެއް ކަމުގައި ހަމަޖެއްސެވިއެވެ. މި ހުރިހާ ވަންހައިގެ މީހުންނަށް އެ ވެރިންގެ ފައިދާއަށް ޓަކައި ދެމުންއައި ތަކެތީގެ ތަފްޞީލު ފަހަތުގައި އެވަނީއެވެ. ބާރަ، ތޭރަ، ވަށީގެ ބޮއްޔާއި، ބިލަތްފަހިއަކާއި، ފޯއްފަހިއަކާ މި ހުރިހާ ތަކެތި އެންމެންގެ ފައިދާއަށް ޓަކައި ދޫކޮށް، އަދި މުޅި ރަށުގެ މަސައްކަތަށް ދިހަ، ތޭރަ ވަށީގެ ބޮއްޔާއި، ބާރަ ގުންޖާޝް އޮށްޓަރާއި ތިން ބަސްތާ ފަންސަވީސްނާޅި ހަނޑުލާއި، ފައްސެއްގެ (ސައުވީސް) ފުއަކާއި، ފައްސެއްގެ (ސައުވީސް) ބިލަތާއި، މި ހުރިހާ ތަކެތި ހަމަޖައްސަވައިފިއެވެ. މިގުރޫޕުގައި ހިމެނޭ ރަށް ރަށުގެތެރެއިން.

ހަވަނަ ފޮތި:

އާބާދު ރަށްތަކުން ސަރުކާރަށް ނެގޭވަރުވާ ވެދުމެއްގެ ގޮތުގައި ދެއްވެވިއެވެ. ކޮއިލުތެރޭގެ ދެވަނަ ދަރަޖައިގެ ޝާހީވެރިން ނުވަތަ ކަމުވޮށިވެގެންވާ ބޭކަލުން އަތޮޅަށް ގޮސް އިސްދުވަށް ގޮސްފިނަމަ ރަށުގެ ރަށްވެހިންނުކުމެ ރަސްމީ ރާގަށް ބޮޑުބެރުޖައްސުވައި ހެދުމަށްފަހު ފެންކުޅިލައި، އެ މީހުންނަށް ހަދިޔާ ދޭންވާނެއެވެ. އިސްދޫއިން ނެގޭ ބޮޑު ވަރުވާގެ ގޮތުގައި ދޭންވާ މުދަލުގެ ވާހަކަ ކިޔަމެވެ. އިސްދޫ، ދަނބިދޫ، ގަން، މި ތިންރަށުގެ މިސްކިތަށް ދީފައިވާހައި ދަނޑުބިންތަކާއި ކުރީގައި އިސްދޫގައިތިބި ފަގީރު މީހުން ކައިއުޅުނު ދަނޑުބިންތަކާއި އިސްދޫގެ ރަށްވެހިންގެ،

ހަތްވަނަ ފޮތި:

ދަނޑުބިންތަކާއި މި ތަންތަން ފިޔަވައި، އިސްދޫ، ދިޔަދޫ، ކުކުޅުދޫ، ކަލައިދޫ، ބުރެވިމަތި، ކުނަހަނގާލި (ކުނަހަންދޫ)، މާވެށި (މާވަށް) ވަކިކޮށް، މުންޏަފުށްޓާއި ޖެހިގެން އިސްދޫގެ ހަތަރުފަރާތު ފަރާއި މި ފަރުން ބޮލިހިލުމަށް ކަނޑައަޅާފައިވާ ތިލަތަނާއި، ބިމާއި، އެ ބިމުގައި ހައްދާ ހުރިހާ ތަކެއްޗާއި، އަދި ދުރުގައިވާ ދުރަގަނޑާއި ކޮޅުމަޑުލު ގުރައިދޫއާއި، އެ އަތޮޅު ކަންޑަރާއި، މާލިބުއްޓާއި ނިލަންދެއަތޮޅު ހުޅުދެއްޔާއި، ހުޅުދެލީގެ ފަރާއި، މާދެލީގެ ކަނޑާއި ހަމައިން ވަކިން ނަގައި އޮޅުވެލިފުށްޓާއި ޖެހިގެން މި ފަރުން ބޮލިހިލުމަށް ކަނޑައަޅާފައިވާ ދުރަގަނޑާއި، މި އަތޮޅު

އަށްވަނަ ފޮތި:

.ފިލިތެއްޔާއި، މި ރަށު ފަރު ދުރަގަނޑާއި މި ހުރިހާތަން އެއް ރަށެއްގެގޮތުގައި ހަމަޖެއްސެވިއެވެ. އިސްދޫ ބޮޑު ވަރުވާއަށް ނެގޭ ތަކެތި ދެމިހުންނަނިވި ގޮތެއްގައި މިސްކިތުގެ މައްޗަށް ހަމަޖެއްސެވިއެވެ. ފަހަތުގައި އެވަނީ އެއްކުރެވިފައިވާ ރަށްރަށުގެ ގޮވި ފަގު ގޮވާންބިން، ފަރު، ދޫކުރެވިފައިވާ ގޮތުގެ ތަފްޞީލެވެ. ކޮޅުމަޑުލު ގުރައިދޫ ފަރުގައި އޮތް ޅަވައްޑޫ ދެކުނު ބިތުގައި އޮތް ގޮވާންބިމާއި މިތަނާއި ކައިރިގައި އޮތް. ވަދުރުފަޅު ކިޔުނު ފުށްޓާއި، މިރަށާ ގާތުއޮތް މެދުފުށްޓާއި، މިރަށާއި ގާތުގައި އޮތް ކޮޅުފުށްޓާއި މި ފަރުގައިއޮތް ކަޅުދިޔެފުށްޓާއި މި ފަރުގައި އޮތް ރަށާއި، މިޔަފުށްޓާއި، މި ފަރުގައި އޮތް އަތުފުށްޓާއި، މި ފަރުގައި އޮތް ކުޑަރަށާއި.

ނުވަވަނަ ފޮތި:

ކެލާގެ ދެކުނު އޮތް އޮޅުވެލިފުށްޓާއި، މި ފަރު އުތުރު ފަރާތުގައި ހުރި ފުށިތަކާއި، މި ފަރުގައި އޮތް ބިޅަލުފުށްޓާއި މި ފަރުގައި އޮތް ފެންމީރުފުށްޓާއި، މި ފުށިގެ ދެކުނުގައި އޮތް ދިވަތުފުށްޓާއި، މި ފަރުގައި އޮތް ތަޅާހަތުފުށްޓާއި މި ފަރާއި ގަމުގެ ރަށްވެހިންނަށް ދޫކޮށްލައި، މި ފަރުގައިތިބިހާ ދަޅިނަގާފުށްޓާއި، މި ފަނގުތަކުގެ މައްޗަށް އެރުވި ފަރުގެ ދުރަގަނޑާއި، އިސްދޫ މިސްކިތަށް ދޫކުރެއްވިއެވެ. ކޮޅުމަޑުލު ގާދިއްފުށީގެ އުތުރުބިތުގައި އޮތް ގޮވާންބިން މިސްކިތަށް ދެއްވިއެވެ. ކަޅުބިތް މާބެނުން ވަކިކޮށް، ގުރައިދޫ ކަނޑުތޮށްޓާއި ޖައްސައި މި ފަރުން ބޮލިހިލުމަށް ކަނޑައަޅާފައިވާ ދުރަ

ދިހަވަނަ ފޮތި:

ނޑު މިސްކިތަށް ދެއްވިއެވެ.ކުރީގައި އިސްދޫގެ ބުދުފައްޅިތަކުގެ މީހުން ކައިއުޅުނު ތިލަދުންމަތީ މާރަންދޫ ދެކުނުބިތުގައި އޮތް ގޮވާންބިމާއި މި ގޮވާންބިމާއި ގުޅިފައިވާ ބޮލިހިލާ ދުރަގަނޑާއި، މިލަދުންމަޑުލުގައި އޮތް ވަވަތިއާއި، ފުށިވެލަވަރާއި އުހަވަންދޫއާއި، ކެނދިވަރާއި، ކޮމަންޑޫއާއި މި ހުރިހާ ރަށުގެ ފަރު ދުރަގަނޑާއި، މިލަދުންމަޑުލުގައި އޮތް ޔެސަޅިދޫއިން ކުރީގައި އިސްދޫ މީހުން ކައިއުޅުނު ގޮވާންބިމާއި މާލެ އަތޮޅު ހުޅުލޭ ތިބި މި ރަށު ގޮވާންބިމާއި، މާޅޮސްމަޑުލު ކިހާދޫ

އެގާރަވަނަ ފޮތި:

ތިބި ނިލަންދެއަތޮޅު މާދެލިހުރާގެ ފަނގާއި، މާޅޮސްމަޑުލު މާކުރަތު ތިބ ފަނގާއި މިލަދުންމަޑުލު މަގޫދޫގެ ފަނގާއި، ލަންދޫ ތިން ފަނގާއި އަރި އަތޮޅު ތޮއްޑޫ މީހުންއުޅޭ ހިސާބުގައި އޮތް ދެފަނގާއި، ތޮއްޑޫ ގޮވިފާލައްބަ ގޮވާންބިމުގެ ތެރޭގައި އޮތް ދެ ފަނގާއި އަރިއަތޮޅު ކުރަމަތިން ކުރީގައި އިސްދޫ މީހުން ކައި އުޅުމަށް ލިބިފައިވާ ފަނގާއި އަރިއަތޮޅު ހުވަހަންދޫއާއި، މި ރަށު ފަރު ދުރަގަނޑާއި، އަރިއަތޮޅު ގާތުފުށްޓާއި މި ފުށީ ފަރު ދުރަގަނޑާއި، އަރިއަތޮޅު ކިރުމައިކަންކުރި މީމަޔާ (އަންހެން ނަމެއް) ކައި އުޅުނު ފަނގާއި

ބާރަވަނަ ފޮތި:

އަރިއަތޮޅު މާޅޮހުން ހަތަރު ވަށީގެ ބޮއްޔާއި، މި މާޅޮހު ރަށުތެރެއިން ކުރީގައި އިސްދޫ މީހުން ކައިއުޅުމަށް ލިބިފައިވާ ފަނގާއި ނިލަންދެއަތޮޅު ނިލަންދޫ ތިބި މެދުޔާ އިންނަ ގޭގެ ވަށައިގެންވާ ބިމާއި، ނިލަންދެއަތޮޅު ކުޑަހުވަދޫގައި ތިބި ސިފައިންގެ ވެރިޔާ ނައިސިރު (ނަމެއް) ގޭގެ ވަށައިގެންވާ ބިމާއި މި އަތޮޅު މަގޫދޫގެ ނިލަންދޫ އާއިވީކޮޅު ތުނޑިއާއި ހަމައިން އިންވަކިކޮށް މިގޮވާންބިމުގެ ފަރު ދުރަގަނޑާއި، ކޮޅުމަޑުލު އަމަދޫއިން ކުރީގައި އިސްދޫ މީހުން ކައިއުޅުމަށް ލިބިފައިވާ ފަނގާއި، ކޮޅުމަޑުލު ކަފިދޫގައިވާ ގޮވާންބިމާއި، މާ

ތޭރަވަނަ ފޮތި:

ޅޮސްމަޑުލު ދަކަންދޫއާއި މިރަށު ފަރު ދުރަގަނޑާއި، ފެލިދުއަތޮޅު ވ. ތިނަދޫ ތިބި ކުރީގައި އިސްދޫމީހުން ކައިއުޅުމަށް ލިބިފައިވާ ފަނގާއި.. މުލަކުއަތޮޅު ދިންޔާއެޅިވެލިފުށްޓާއި (ވަކިރަށެއްނޭނގޭ) މިފުށީގެ ފަރު ދުރަނގަނޑާއި.. މ. މޮލަކުން ކުރީގައި އަިސްދޫ މީހުން ކައިއުޅުމަށް ލިބިފައިވާހައި ދަނޑުފަނޣާއި، ކޮޅުމަޑުލު ތ.ވަންދޫ ސަފަންގެ ދެވި ހިރުކުޅާ ދިން ވަންދޫ ނޮރިންމަ ތުނޑީގައި ަޮތް އަލަ ދަނޑާއި އިންކޮށް.މި ތުންޑިއާއި ހައްދުންމަތީ ލ. ކުރަންދޫ ތިބި ގޮވާންބިމާއި މި ކުރަންދޫ ފަރު ދުރަގަނޑުގެ އެއްބަޔާއި. ހައްދުންމަތީ ދަނބިދޫ ތިބި ވަށައި.

ސާދަވަނަ ފޮތި:

އޮށްޓަރު ހައްދާބިމާއި، މި ދަނބިދޫގައި އޮތް އެހުހަދެވެ ކިޔާ ފަނގާއި، ދަނބިދޫ ކުޑަގޯތީގެ ދެކުނުބިތުގައި އޮތް ފަނގާއި ދަނބިދޫގައި އޮތް ވިނާފުލާތެޅި އައިދިގަ އުޅުނު ފަނގާއި، ގަމުގައި ތިބި ބަރާޑިކޮށީ އުތުރު ބިތުގައި އޮތް ބިމާއި ސަގުވެލީގައި އޮތް ދަސަ ރަސްގެފާނު ފަނގާއި، ހުވަދޫ ހިނައިދޫގައި އޮތް ދެނިބެއިކަނބަލަގެ ގޯތީގެ ވަށައިގެންވާ ބިމާއި، ހިނައިދޫގައި އޮތް ކަނޑިތުލައިރު ކިއުނު ފަނގާއި ހިނައިދޫ އަނބުލުގެ އުތުރުބިތުގައި އޮތް ބިމާއި، ހައްދުންމަތީ ގަމު މަތިމަރަދޫ އަވަށު ދިގުގޯތި ކިއުނު ފަނގާއި މަތިމަރަދޫ އަވަށުގައި އޮތް ލުނބޯކޮށްޓާއި، މިހުރިހާ ފަނގުން ފުރަބަންޑާރައަށް (ސަރުކާރަށް) ނެގޭ ބައިންބަޔާއި، މިސްކިތަށްދީ، ފާ

ފަނަރަވަނަ ފޮތި:

ދިއްފޮޅު ފެންފުށީގައި ތިބި ފަނގާއި، ހުވަދޫގެ ސޮޅަގަމު ފަރުބިތުގައި އޮތް ކުޑަރެހާއި އޮޅިމުއްޓާއި، ފަރަހަލުފުށްޓާއި، މާލޭގައިތިބި ދޯޅަނބުގޯއްޗޭ ކިޔަ ބިމާއި މާލޭގައި އޮތް ގޮޑުސިރި މާފަސަގިއިންގެ ގޯއްޗޭ ކިއުނު ފަނގާއި، މާލޭގައިއޮތް ކިތެމި ކަނަބަލާގެ ފަނގާއި ކައުޅަންނާކިލެގެ އަށް އޮތް ފަނގާއި، ކަނދިކޮށްޓޭ ކިއުނު ފަނގާއި މާލޭގައި އޮތް އިސްދޫ ރަސްގެފާނަށް ކިޔަވައިދެއްވާ މީހާގެ އަނބި އައިމިނާ ކަނބާ އިންނަ ކޮ

ސޯޅަވަނަ ފޮތި:

ށްޓާއި، ހައްދުންމަތީ ކުރެންދޫ ދެކުނު ބިތު އޮތް ކުރެދިގަނޑޭ ކިޔުނު ރަށާއި މާލޭގައި އޮތް ހުޅުލޭ ވެސީނު ގޮވާން ބިމުގައިތިބި މަލުދޫ ކަނބަލުންގެ ފަނގާއި، އިރުމަތީ ބިތުގައި އޮތް ކޮށްޓާއި. މިލަދުންމަޑުލު މަނަދޫ އޮތް ފަނގާއި، ހުވަދޫ އަތޮޅު ކަނޑުހުޅުދޫ ފަނގާއި، ހުވަދޫ އަތޮޅު ދަށްފަރު ބިތުން މާލަރުކަ ކިޔާ ފަނޑިޔާރު އިސްދޫގައިވާ ބުދުފައްޅިޔަށް ދީފައިވާ ފުށްޓާއި.. މިލަދުންމަޑުލު ކެނދިކުޅުދޫގައި އޮތް ކަމީސައްލެ ކިޔުނު ދަނޑުބިމާއި، މިރަށުމެ ތިބި ގަލުދަނޑު ކިޔުނު ދަނޑުބިމާއި.

ސަތާރަވަނަ ފޮތި:

ހައްދުންމަތީ ކުނަހަންދޫ އިން ކުރީގައި އިސްދޫ މީހުން ކައިއުޅުނު ފަނގާއި، ހިތަދޫގައި އޮތް ބުދަލަ ވަތި ކިއުނު ފަނގެވެ.

 

މަސްދަރު:

ޙަސަން އަޙްމަދު މަނިކު، ވިޖޭވަރދަނާ. (1986). އިސްދޫ ލޯމާފާނުގެ ތަރުޖަމާ.

ޙަސަން ސަޢީދު.(ތނ). އިސްދޫ ލޯމާނުގެ ދިވެހި ތަރުޖަމާ.

ނަސީމާ މުޙައްމަދު. (2003) ލޯމާފާނު. ފަތްތޫރަ 287. 24 (11). 18-22

* މައުލޫމާތު އަބްދުﷲ ސައީދުގެ ލިއުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. މި މަޒުމޫނުގެ ލިޔުންތެރިޔާ "ގަދަނާދީއްތަ މަހާރަދުންގެ އަމުރުފުޅަށް އިސްދޫ ލޯމާފާނު ލިޔުއްވީ ފެހެންދޫ ފެހިފުނަ އަވަށު ފަނޑިއަތާ" ކަމަށް ލިޔުއްވައިފައި އެބައޮވެއެވެ. ލޯމާފާނުގައި އެ ލިޔުންލިޔުއްވި ކަމަށް ބަޔާންކޮށްފައި އޮންނަނީ "ފެހެންދޫ ފެހިފުނަ ވަސް ފަނޑިއަތާއެވެ." މިތާ "ވަސް" މިބަހުގެ މާނަޔަކީ އާއިލާއެވެ.
    ވީމާ ރަނގަޅު ގޮތަކީ "ފެހެންދޫ ފެހިފުނަ އާއިލާ ފަނޑިއަތާ"އެވެ. ނުވަތަ "ފެހިފުނަގޭ ފަނޑިއަތާ"އެވެ މިހެން ލިޔުއްވައިފައި އޮތް ނަމަވެސް އެންމެ ރަނގަޅުވެއްޖައީހެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.