...

Support Us

ކޮލަމް ކޯދު: މީހުން ބުނެފައިވާ، ހަނދާންކޮށްލުން މުހިއްމު ވާހަކަ ކޮޅަކާއި އިތުރުކޮށްލުމެއް

ތިރީގައި މި ވަނީ މީހުން ބުނެފައިވާ، ހަނދާންކޮށްލުން މުހިއްމު ވާހަކަ ކޮޅަކާއި އިތުރުކޮށްލުމެކެވެ.

1. އިންތިޚާބުތައް ކުރިމަތިވާއިރު، ރައްޔިތުން ހަނދާންކުރަންޖެހެނީ، ހަމައެކަނި އެމީހުންގެ ހައްގުތައް މަތިންނެއް ނޫނެވެ. އެ މީހުންގެ މަސްއޫލިއްޔަތުގެ މަތިން ވެސް މެއެވެ. މި މަސްއޫލިއްޔަތު އެންމެ އެކަށީގެންވާ ގޮތުގައި އަދާކުރެވޭތޯއެވެ. އެކަން ކުރެވުނު ކަމުގައި ބެލެވޭނީ، ހުރިހާ ޒާތީ ތައައްސުބަކުން އެއްކިބާވެ، ރައްޔިތުންގެ ފަރުދީ ހައްގުތަކާއި އަދި މުޖުތަމައީ ހައްގުތައް ވެސް އެންމެ ރަނގަޅަށް އަދާކުރާނީ ކާކުތޯ ބަލައި އެ މީހަކު އިންތިޚާބުކުރެވޭތޯ މަސައްކަތްކުރުމުންނެވެ.

2. އިންތިޚާބުތައް ކާމިޔާބުކުރަން ޖެހޭނީ ގައުމު ކުރިއަށް ގެންދިޔުމުގެ، ރަނގަޅު، އެބަހީ، މާލީ ގޮތުން ހިންގާލުމުގެ އެކަށޭނަކަށް ލިބިގެންވާ، ސިޔާސަތުތަކެއް ހުށަހަޅައިގެންނެވެ. ކެންޑިޑޭޓަކު އޭނަގެ މޮޅުކަމާއި އެކަށޭނަކަން ދައްކަން، އެހެން ކެންޑިޑޭޓުންނާ ޒާތީ ގޮތުން ބެހި ހެދުމަކީ އެފަދަ ކަމެއް ކުރާ މީހެއްގެ ނުކުޅެދޭކަން އަނަގައިދޭ ކަމެކެވެ. މިސާލަކަށް، މިވެނި މީހަކީ ކޮރު މީހެކޭ ނުވަތަ އިސްތަށި ނެތް ތަލަ މީހެކޭ ނުވަތަ އުމުރުން ދުވަސްވެފައި ހުރި މީހެކޭ ބުނުމަކުން، އެ ކަންކަމީ އޭނާގެ ވިސްނުމާއި ފިކުރުކުރުމަށް ހުރަސްއަޅާ ކަންކަމަށް ނުވާ ނަމަ، އެފަދަ މީހަކީ ރިޔާސީ އިންތިޚާބުގައި ވާދަކޮށްގެން ނުވާނޭ މީހަކަށް ނުވެއެވެ. ދުނިޔޭގެ އެތައް ގައުމެއްގައި، ޖިސްމާނީ އައިބުތައް ހުރި މީހުންނާއި ތަލަލީ މީހުންނާއި އަދި ދުވަސްވީ ސިޔާސީ ވެރިން، ވެރިކަން ކޮށްފައި އެބަ ހުއްޓެވެ. އަދި، އެ ފަދަ ބައެއް މީހުން މިހާރު ވެސް ވެރިކަން އެބަ ކުރެއެވެ. މިސާލަކަށް އެމެރީކާގެ އާއި އިޒުރޭލު އަދި އިންޑިޔާގެ ވެސް އަދުގެ ވެރިންނަކީ ހަތް ދިހައަށް ވުރެ މަތީ އުމުރުގެ މީހުންނެވެ. މިތަންތަނަކީ ދުނިޔޭގެ ވަރުގަދަ ޑިމޮކުރަސީއޭ ބުނާ ތަންތަނެވެ. އެ މީހުންގެ އުމުރު އެއީ އެ މީހުން ވެރިކުރުމުގެ ގާބިލުކަން ނެތިކުރާ ކަމަކަށް ނުވެއެވެ. ޝައްކެއް ނެތް ގޮތުގައި، މީހާގެ އުމުރު، އޭނާގެ ސިއްހަތަށާއި އަދި އޭނާގެ ވިސްނުމަށް ނުބައި އަސަރުކުރާ ކަމަށްވާ ނަމަ، އެހެން އެފަދަ މީހުންނެކޭ އެއްފަދައިން ވެރިކަން ކުރުމަށް ނުކުޅެދިގެންވާ ކަމުގައި ބެލެވިދާނެއެވެ.

3. ސިޔާސީ ނިޒާމަކީ ޑިމޮކުރަސީއެއް ކަމުގައި ކަނޑައަޅާލަދޭ ހަމައެކަނި ކަމަކީ އިންތިޚާބެއް ނޫނެވެ. އެހެން ކަމަށްވާ ނަމަ، މިސާލަކަށް، މިސުރުގައި ވެސް، ސީރިޔާގައި ވެސް ގާއިމުވެފައި އޮތީ ފުރިހަމަ ޑިމޮކުރަސީގެ ނިޒާމެކޭ ބުނެވިދާނެއެވެ. އެއީ މިތަންތާގައި ވެސް ރިއާސީ އިންތިޚާބުތައް ބޭއްވޭތީއެވެ. އަދި، ރާއްޖޭގައި ވެސް، ރާއްޖެ ދެވަނަ ފަހަރަށް ޖުމްހޫރިއްޔަތަކަށް ބަދަލުވިފަހުން، މިފަދަ އިންތިޚާބުތައް ބޭއްވިފައި އޮތީތީވެ، އޭރުއްސުރެ ވެސް އޮތީ ފުރިހަމަ ޑިމޮކުރަސީއެކޭ ބުނެވިދާނެއެވެ. ޝައްކެއް ނެތް ގޮތުގައި، ސިޔާސީ ނިޒާމަކީ ޑިމޮކުރަސީއެއް ކަމުގައި ކަނޑައަޅާލުމުގައި އިންތިޚާބުތައް ވަރަށް ވެސް މުހިއްމު ކަމެކެވެ. ނަމަވެސް، އެ އިންތިޚާބުތައް މިނިވަންވާން ޖެހެއެވެ. އެ އިންތިޚާބުތައް މިނިވަން ވުމަށްޓަކައި، ރައްޔިތަކީ ހޭލުންތެރި ރައްޔިތަކަށްވާން ޖެހެއެވެ. ރައްޔިތަކީ ހޭލުންތެރި ބަޔަކަށްވެވޭނީ އަމިއްލައަށް ވިސްނަން އެނގި، އެ މީހުންގެ ވޯޓަކި ގަނެވިއްކޭ އެއްޗަކަށް ނުވުމުންނެވެ. އަދި، އަމިއްލަ ވިސްނުމުގެ އަލީގައި، އާންމު މީސްތަކުންގެ ކުރިމައްޗަށް ހުށަހަޅާލެވޭ ސިޔާސަތުތަކުގެ ރަނގަޅު ނުރަނގަޅު ކަމުގެ މައްޗަށް ބަލައި، އެންމެ ރަނގަޅު، ހަރުދަނާ ސިޔާސަތުތައް ހުށަހަޅާލާ މީހަކަށް ނުވަތަ ފަރާތަކަށް، ވޯޓު ދިނުމެވެ.

4. އެއާ ދެބަސް ނުވެވޭނޭ ގޮތުގައި، ވޯޓަކީ، ޑިމޮކުރަސީ ހިންގާލެވޭ މުޖުތަމައެއްގައި މީސްތަކުންނަށް ލިބިފައި އޮންނަ، އެ ބޭނުންކޮށް މަރާމާރީ ނުހިންގޭނޭ، އެންމެ ވަރުގަދަ ހަތިޔާރެވެ. ހެޔޮ ގޮތުގައި އެ ހަތިޔާރު ބޭނުން ކުރެވިއްޖެ ނަމަ، ސުލްހަވެރި ގޮތެއްގައި، މުޖުތަމައަށް ހެޔޮ ބަދަލު ގެނައުމުގެ އެކަށީގެން ލިބިގެންވާ ވަރުގަދަ ހަތިޔާރެކެވެ. އެހެންވެ، މި ހަތިޔާރުގެ ބޭނުން، ޒިންމާދާރު ސިފައެއްގައި، ހިފަންޖެހެއެވެ.

5. އިންތިޚާބުތަކުގައި ވޯޓުދޭނޭ މީހެއް ކަނޑައަޅާލެވެން ޖެހެނީ، ކުރިން ވެސް ބުނި ފަދައިން، ކެންޑިޑޭޓުންގެ ސިޔާސަތުތަކަށް ރިއާޔަތް ކުރެވިގެންނެވެ. އެ މީހުން ހުށަހަޅާ ސިޔާސަތުތަކަކީ ހަރުދަނާ އަދި، ހިންގާލެވިދާނޭ ސިޔާސަތުތަކެއްތޯ ބަލައިގެންނެވެ. މިއީ ފަސޭހަކަމަށް ނުވެދާނެއެވެ. ނަމަވެސް، ވިސްނާލުމުން، އެއީ ކުރެވިދާނޭ ކަންކަންތޯ ނުވަތަ ނޫންތޯ އެނގިދާނެއެވެ. ނަމަވެސް، އިންތިޚާބަކަށް ބަޔަކު ކުރިމަތިލައި އެ މީހުންނަށް ވޯޓުދޭންވާނެތޯ ނުވަތަ ނޫންތޯ ބަލާއިރު، ވޯޓު ދީގެން ނުވާނޭ ބަޔަކު ވެއެވެ. އެއީ ކޮން ބައެއް ހެއްޔެވެ؟ އެއީ އެމީހުން ޓެސްޓުކުރެވި، އެމީހުންގެ ކިބައިން ނިކުތް ދިޔަ ފެނިފައި ތިބި މީހުންނެވެ. އަދި، އެ މީހުންގެ ދައުރު އަދާކޮށް، ނިމިފައިވާ މީހުންެވެ. މީގެ މިސާލެއް ދުނިޔޭގެ ތާރީޚުން ނަންގަނެލަންޖެހެއެވެ. މީގެ ވަރަށް ރަނގަޅު މިސާލެއްގެ ގޮތުގައި ސޮވިއެޓް ޔުނިޔަންގެ އެންމެ ފަހުގެ ލީޑަރު މީކާއީލް ގޮރްބަޗޯވް ހިމެނެއެވެ. ސޮވިއެޓު ޔުނިއަންގައި އޮތް ސިޔާސީ ނިޒާމު އިސްލާހުކުރުމުގެ ވަރަށް ވެސް މުހިއްމު ދައުރެއް އޭނާ ކުޅުނެވެ. އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި އިސްލާހީ ބަދަލުތަކެއް އޭނާ ގެނައެވެ. އާޚިރުގައި މިކަންވެގެން ދިޔައީ ސޮވިއެޓު ޔުނިއަން އުވި، އަދުގެ ރަޝިޔާގެ ޖުމްހޫރިއްޔަތު އުފެދުމެވެ. އިސްލާހީ ވަރަށް ވެސް މުހިއްމު ދައުރެއް އޭނާ އަދާކުރި ކަމުގައި ވިޔަސް، ރަޝިޔާގެ ޖުމްހޫރިއްޔަތުގެ ވެރިކަން ކުރުމުގެ ފުރުސަތެއް އޭނާއަކަށް ނުލިބެއެވެ. ސަބަބަކީ، ސިޔާސީ ގޮތުން އޭނާގެ ދައުރު ނިމުމެވެ. ރަޝިޔާގެ ރައްޔިތުން ދުށީ، އަލުން ރަޝިޔާ ބިނާކުރުމުގެ އެކަށޭނަކަން، އޭނައަށް ވުރެ ފުރިހަމަކޮށް ލިބިފައިވާ އެހެން ލީޑަރުން ތިބި ކަމެވެ. އާދެ، ދެންމެ ބުނިހެން އޭނަގެ ދައުރު، ވަރަށް ވެސް ފުރިހަމަ ގޮތެއްގައި އަދާކޮށް ނިމުނީއެވެ.

އެހެންވެ، އެމީހެއްގެ ދައުރު އަދާކޮށް ނިމިފައިވާ މީހުން ހޮވުން ބުއްދިވެރިއެއް ނޫނެވެ. ނިޒާމެއް އުވާލުމަށް އެކަށީގެންވާ މީހަކީ އާ ނިޒާމެއް ބިނާކުރުމުގެ އެކަށޭނަކަން ލިބިގެންވީ މީހަކަށް ނުވެދާނެތީއެވެ.

މީގެ އިތުރުން، ވައްކަމާއި، ފަސާދައާއި ޚިޔާނަތާއި ޣަދަރުވެރި އަމަލުތަކުގައި ބައިވެރިވެފައިވާ މީހުން ހޮވުމަކީ، ރަނގަޅު ކަމެކޭ ހޭލުންތެރި، ސިޔާސީ ގޮތުން ތަސައްރުފު ފުދިފައިވާ ރައްޔިތަކު ބުނާނެހެނެއް ހިޔެއް ނުވެއެވެ. އެފަދަ މީހުން ހޮވަން އުޅޭ ރައްޔިތެއް އޮތް ނަމަ، އެ ތަނެއްގައި ޑިމޮކުރަސީ ހެޔޮ ގޮތުގައި ހިންގައެއް ނުލެވޭނެއެވެ.

6. ތަނުގެ ދާޚިލީ ސިޔާސަތުގެ ތެރެއަށް، ބޭރު ބާރުތަކާއި މީސްތަކުން ވައްދަން ޖެހޭ ނަމަ، އެ ތަނެއްގައި އޮތީ ރަނގަޅު ސިޔާސީ ނިޒާމެކޭ ނުބުނެވޭނެއެވެ. ސިޔާސީ މީހުންނާއި ސިޔާސީ ޕާޓީތަކުގެ ބާރު ފެށިގެން އަންނަން ޖެހޭނީ ރައްޔިތުންނާ ހަމައިންނެވެ. އަދި، މައްސަލަތަށް ޖެހުމުން، އެކަންކަން ހައްލުކުރުމުގެ ގާބިލިއްޔަތު ތަނުގެ މުއައްސަސާތަކުގެ ކިބައިގައި ހުރިކަމުގެ ޔަގީންކަން އޮންނަން ޖެހޭނެއެވެ. ސިޔާސީ މީހުންނާއި ސިޔާސީ ޕާޓީތަކުގެ ބާރު ރައްޔިތުންގެ ކިބައިން ފެށިގެން ނާންނަ ނަމަ، އަދި، އެ ބާރު ގުޅެނީ ބޭރުގެ ބާރުތަކާ ކަމުގައިވާ ނަމަ، ހަގީގީ މިނިވަން ޑިމޮކުރަސީގެ ނިޒާމެއް ގާއިމެއް ނުކުރެވޭނެއެވެ. ސިޔާސީ ޕާޓީތަކުގެ ޝަކުވާތައް، ތަނުގެ މުއައްސަސާތަކުން ހައްލު ނުކުރެވި، އެކަންކަން ބޭރުގެ ބާރުތަކަށް އިއްވަން ޖެހޭކަން ގަބޫލުކުރާ ސިޔާސީ މީހުންނާއި ސިޔާސީ ޕާޓީތަކަކީ ވެރިކަން ކުރަން އެކަށީގެންވާ ބައެއް ކަމުގައ ނުވާނެއެވެ. މިފަދައިން ކަންތައް ކުރުމަކީ ތަނުގެ މިނިވަންކަމަށް ބުރޫއަރާ ކަމަކަށްވާތީއެވެ. މީގެ އެންމެ ރަނގަޅު އެއް މިސާލު ކިޔުބާއިން ފެނިގެންދެއެވެ. އިސްޕޭނުގެ އިސްތިއުމާރީ ބާރުގެ ދަށުން މިނިވަންކަން ހޯދުމަށްޓަކައި އެމެރިކާގެ އެހީ ކިޔުބާ ހޯދިއެވެ. އަދި، އިސްޕޭނުގެ އިސްތިއުމާރުގެ ދަށުން ކިޔުބާ ސަލާމަތްވިއެވެ، ނަމަވެސް، އެ އަމާޒު ހާސިލުކުރުމަށްޓަކައި އެމެރިކާ އެހީ ހޯދުމުގެ ސަބަބުން، އެކަމުގެ އަގު އެމެރިކާއަށް ދައްކަން ޖެހުނެވެ. ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ މާގިނަ ދުވަސްތަކެއް ނުވެ، ކިޔުބާއަކީ އެމެރިކާގެ ބާރުގެ ވަކިތަކުގެ ދަށުގައި އޮތް ތަނަކަށް ވުމެވެ. 1959ގައި ކާސްޓްރޯގެ އިންގިލާބު އަންނަން ދެނެވެ. ދެން، އެމެރިގާ ނުފޫޒުން ކިޔުބާ މިނިވަންވި ކަމުގައި ވިޔަސް، އެމެރިކާގެ ފިއްތުންތަކުން އަދިއަދާ ޖެހެން ދެންވެސް ސަލާމަތް ނުވެއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.