Support Us

ކޮލަމް ގާދޫކޮލުން ބޭރުން

އިންސާނީ ޙައްޤުތަކާއި މަސްމަހާމެހީގެ ޙައްޤުތައް އޮތީ ގުޅިލާމެހިފައި!

އަހަރަކީ 2014 އެވެ. ތަނަކީ ކޮޅުނބުގައި ހުންނަ ޔޫރަޕް ޤައުމެއްގެ ސަފާރާއެކެވެ. އަޅުގަނޑު އިނީ ސަފީރުގެ ފައިންޕުޅު ދެކެންގޮސް، ވެއިޓިންގ ރޫމުގައެވެ. ރާއްޖެއަށާއި ސްރީލަންކާއަށް އެ ސަފީރު ކަނޑައެޅިފަހުން މާގިނަ ދުވަސްތަކެއް ނުވާނެއެވެ. އެޕޮއިންޓްމަންޓް ލިބުނީ އޭގެ ކުރީ ދުވަހުއެވެ. ދެއްވި ތާރީޚާއި ވަގުތަށް އިޙްތިރާމްކުރަން ޖެހޭ ކަމަށް އޮތީ އަންގާފައެވެ. އުޅުއްވަނީ ބިޒީކޮށްކަމަށްވެސް ލިޔެފައި އޮތެވެ. އެހެން ދުވަހަކަށް ބަދަލުކުރެއްވޭކަށް ނެތްކަމަށް ވެއެވެ. އެމަނިކުފާނާ ބައްދަލުކޮށްލަން އެދުނު ފަހުން އެއިރަށް ދޮޅު މަސްދުވަސް ވެދާނެއެވެ. އެހެންކަމުން، ކަމާކަންފަށާ އޭގެ ކުރީރޭ ކޮޅުނބަށް ދިޔައީއެވެ. ހަމައެކަނި އެބައްދަލުވުމަށެވެ.

ވެއިޓިންގ ރޫމުގައި އަޅުގަނޑު އިންނަތާ 10 ވަރަކަށް މިނިޓު ވެގެން ދިޔަފަހުން، ބޭފުޅަކު ބޯ ދިއްކޮށްލެއްވިއެވެ. ސަފީރުގެ މެސެޖެއް ހިއްޕަވައިގެންނެވެ. ވިދާޅުވިއެވެ. މަސްވެރިކަމުގެ ވާހަކަ ސަފީރު ދައްކަވަން ބޭނުންފުޅު ނުވާކަމަށެވެ. އެހެން ކޮންމެ މައުޟޫއުއެއް ވިޔަސް އޯ.ކޭ ކަމަށް ވިދާޅުވި ކަމަށެވެ. އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑު އައިސް އިން މަޤްސަދު ސަފީރަށް އެނގިވަޑައިގަންނަވާތީ އުފާކުރާ ކަމަށެވެ. ދިވެހިރާއްޖެއަށް "ޖީ.އެސް.ޕީ. ޕްލަސް"ގެ އިނާޔަތް ކަނޑާލާފައިވާތީ، ދިވެހިން ބާނާ މަސްކޮޅު، ވާދަވެރި ބާޒާރެއްގައި، ޔޫރަޕުގެ އިއްތިހާދަށް ވިއްކެން އަންނަނީ އެ އިނާޔަތް އަލުން އިޔާދަށް ދެއްވީމައި ކަމަށެވެ. ދައްކަން އެދޭ އިތުރު ވާހަކައެއް ނެތްކަމަށެވެ. އޭނާ އެދިވަޑައިގަތީ މަޑުކޮށްލުމަށެވެ. އަދި، ފަހަތުން ދޮރު ލައްޕަވާލެއްވިއެވެ.

އޭގެ ދެތިން މިނެޓު ފަހުން ދޮރު ހުޅުއްވާލެއްވީ ސަފީރެވެ. އަޅުގަނޑު އިން ގޮނޑިސެޓާ ހައެއްކަ ފޫޓު ދުރަށް ހުއްޓިވަޑައިގަތުމުން، އިންތަނުން ތެދުވީމެވެ. އަދަބު އިޙްތިރާމް އަދާކުރުމަށް އަޅުގަނޑު އަވަސްވެ ގަތީމެވެ. އެހިނދު، އެމަނިކުފާނު އިޝާރާތްކޮށްލެއްވީ އަޅުގަނޑު އަލުން އިށީނުމަށެވެ. ސަލާމެއް ނުކުރައްވައެވެ. ދެން ވިދާޅުވިއެވެ. "އައި ޑޯންޓް ވިޝް ޓު ޑިސްކަސް ދަ އިޝޫ އޮފް ޔޯރ ފިޝް. ޔޯރ ފިޝް ޑަޒް ނޮޓް ކޮންފޯމް ޓު އަވަރ ހިއުމަން ރައިޓްސް ގައިޑްލައިންސް. ޔޯރ ފިޝް ޑަޒް ނޮޓް އެންޖޯއި ރިލިޖަސް ފްރީޑަމް،" (މާނަ: ތިޔަ ބޭފުޅުންގެ މަހުގެ ވާހަކަ އަޅުގަނޑު ދައްކަން ނޭދެމެވެ. އަޅުގަނޑުމެންގެ އިންސާނީ ޙައްޤުތަކުގެ މިންގަނޑަށް ތިޔަ ޤައުމުގެ މަސް ނުފެތެއެވެ. ދިވެހި މަހަށް ދީނީ މިނިވަންކަމެއް ނޯވެއެވެ.)

އެމަނިކުފާނުގެ މި ތިން ޖުމުލަ އިވުމުން ކުރެވުނު އިހުސާސް އަދިވެސް ހިތުގައި ބިންވަޅު ނެގިފައި އެބަހުއްޓެވެ. ދުވަހަކުވެސް މީހަކު ގައިގައި ނުޖަހަމެވެ. އެކަމަކު، އެވަގުތު ބޭނުންވީ ހަމަ އަތް ދަމާފައި އޭނާގެ ކަންކަށިމައްޗަށް ދޮވެލާށެވެ. ނަމަވެސް، ލައިގެން އިން ކޯޓުގެ މޭމަތީގައި ޤައުމީ ނިޝާން ހުރިކަން ކުއްލިއަކަށް ހަނދާންވީއެވެ. އަދި، އައިސް އިނީ ސަރުކާރުގެ ރަސްމީ މަސައްކަތެއްގައި ކަމާއި، އެދަނޑިވަޅުގައި އަޅުގަނޑު ތަމްސީލު ކުރަމުންދިޔައީ ދިވެހި ޤައުމު ކަންވެސް ހަނދާންވީއެވެ. ރުޅި މަޑުކުރެވޭތޯ މަސައްކަތް ކުރީއެވެ.

ފުންކޮށް ނޭވާއެއް ލާފައި ދަންނަވާލީމެވެ. "އިފް ޔޫ ތިންކް މައި ޕީޕަލް ވިލް ގޯ ހަންގްރީ ބިކޯޒް ޔޫ ރިފިއުޒް ޓު ބައި އަވަރ ފިޝް، ޔޫ އާރ ސޭޑްލީ މިސްޓޭކަން. އެންޑް އިފް ޔޫ ތިންކް މައި ޕީޕަލް ވިލް ކޮމްޕްރޮމައިޒް ދެއަރ ނޭޝަނަލް އައިޑެންޓިޓީ، ކަލްޗަރަލް ވެލިއުސް އެންޑް ރިލިޖަސް ހާމަނީ ޓު ސެޓިސްފައި ޔޯރ އީގޯ، ވަންސް އަގޭން ޔޫ އާރ ގްރޭވްލީ މިސްޓޭކަން." (މާނަ: ތިޔަ ބޭފުޅުން އަޅުގަނޑުމެންގެ މަސް ގަންނަން އިންކާރު ކުރެއްވީމާ، ދިވެހިން ބަނޑަށް ޖެހޭނެ ކަމަށް ހީފުޅު ނުކުރައްވާށެވެ. އަދި، ތިޔަ ބޭފުޅުންގެ ބޮޑާކަމާއި ކިބުރުވެރިކަމުގެ ސަބަބުން، ދިވެހީން، ޤައުމުގެ ވަޙްދަތާއި، ޒަމާންވީ އާދަކާދަތަކާ، ދީނީ އެއްބައިވަންތަކަން ދޫކޮށްލާނެ ކަމަށް އުންމީދު ކުރެއްވުންވެސް ތިޔައީ ވަރަށް ބޮޑު އޮޅުމެކެވެ.)

އިތުރު އެއްޗެއް ނުދަންނަވަމެވެ. ހަރުކޮށް ހިނގާފާ އެތަނުން ނުކުތީއެވެ. އެއީވެސް ކުރެވުނު ތަޖުރިބާއެކެވެ. ހަނދާނުން ފިލުވާލަން ދަތި ހާދިސާއެކެވެ. އަޒުމު ވަރުގަދަވި ދުވަހެކެވެ.

ކޮންމެއަކަސް، މަސްވެރިކަމާ ދީނާވެސް ގުޅެނީތާއެވެ. ގުޅުވަނީތާއެވެ. އިންސާނީ ޙައްޤުތަކެކޭ އެއްފަދައިން މަސްމަހާމެހީގެ ޙައްޤުތައްވެސް އޮންނަނީތާއެވެ. އަދި، އެދެބައި އޮންނަނީ ގުޅިލާމެހިފައިތާއެވެ. އެހާތަނަށް ދާންދެން އަޅުގަނޑު ހީކުރީ މަސްވެރިކަމާ ދީނާ އޮންނަ ހަމައެކަނި ގުޅުމަކީ އަޅުގަނޑުމެންގެ މަސްވެރިން، ކާބަފައިންގެ ޒަމާނުއްސުރެ، އޮޑީގައި ކަޑި ލުމުގައި، އަދި އޮޑި ބޭލުމުގައި، ކިޔެވެލިބޭ ލައްވާ ދެތިން އާޔަތް ކިޔަވާލުން ކަމަށެވެ. ނުވަތަ، މަސްވެރިކަމުގައި ކަނޑަށް ނުކުންނައިރު ޞަލަވާތް ފާތިހާ ކިޔެވުން އެކަނި ކަމަށެވެ. ރޯދި ބަރަކާތަށް އެދި ކުރަމުން އަންނަ މިފަދަ ކަންކަން މެނުވީ މަސްވެރިކަމާ އަޤީދާއާ ސީދާ ގޮތެއްގައި އަދި ނުސީދާ ގޮތެއްގައިވެސް ގުޅުވާލާނެ ރާސްތާއެއް އޭގެ ކުރިން ހިތަކަށް ނާރައެވެ.

އިސްވެ ދެންނެވި ޚާރިޖީ ބައްދަލުވުމާ ހަމަޔަށް ދެވުނު ގޮތް ދަންނަވާލުން، މިވާހަކަ ވަށާ ޖައްސާލުމަށްޓަކައި، މުހިންމުކަމުގައި ދެކެމެވެ. އެންމެ ކުޑަކޮށް ތަރައްޤީވެފައި އޮތް ޤައުމުތަކުގެ ސަފުން، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ސަފަށް، ރާއްޖެ "ގްރެޖުއޭޓް" ވީ ހިސާބުން، ޔޫރަޕްގެ އިއްތިހާދުން އައީ "ޖީ.އެސް.ޕީ. ޕްލަސް"ގެ އިނާޔަތް، ދިވެހިރާއްޖެއިން އެބައްރަށް އެކްސްޕޯޓު ކުރަމުންދިޔަ މަހުގެ ބާވަތްތަކަށް ދެމުންނެވެ.

އެ އިނާޔަތުގެ ދަށުން، ރާއްޖޭގައި ބާނަމުންދިޔަ މަސް އެބައްރުގެ ޤައުމުތަކަށް އެތެރެކުރުމުގައި ޓެކުހުގެ ގޮތުގައި ދައްކަން ޖެހެނީ ވަރަށް ކުޑަ އެއްޗެކެވެ. ނަތީޖާއެއްގެ ގޮތުން، ރާއްޖެއިން ބާނަމުންދިޔަ ކަޅުބިލަ މަހާއި ބޮޑު ކަންނެލީގެ ތިން ބައިކުޅަ އެއްބައި ބޭރު ކުރަމުން ދިޔައީ ޔޫރަޕަށެވެ. ރަނގަޅު އަގެއްގައެވެ. އޭރު ރާއްޖޭގެ މަހަށް ޔޫރަޕުގައި އޮތް ޑިމާންޑާ ގާތަށްވެސް މަސް ނުބޭނެއެވެ. ކުރިމަގު އޮތީ އުޖާލާކޮށެވެ.

މި އިނާޔަތް ގެއްލުމުގެ ސަބަބުން ޔޫރަޕަށް މަސް އެތެރެކުރެވޭ އަގަށް، ކިލޯއަކުން 1.66 އެމެރިކާ ޑޮލަރުގެ ބަދަލު އާދެއެވެ. އޭގެ ސަބަބުން، މި އިނާޔަތް ލިބޭ ވާދަވެރި ޤައުމުތަކަށް ބޮޑު ފައިދާއެއް ލިބިގެންދެއެވެ. ރާއްޖޭގެ މަހުގެ ބަދަލުގައި ގަންނަނީ އެޤައުމުތަކުގެ މަހެވެ. ޔޫރަޕްގެ އިއްތިހާދަށް ބޭރުކުރެވޭ މަހުގެ އަދަދު ދެބައިކުޅަ އެއްބައި މަދުވެގެންދިޔައެވެ.

ޔޫރަޕުގައި ދިވެހި މަހަށް އޮތް ޝައުޤުވެރިކަން އަޅުގަނޑު ތަޖުރިބާކުރީމެވެ. އިނގިރޭސި ވިލާތުގައި ކިޔަވަން ހޭދަކުރި އަހަރުތަކުގެ ތެރޭގައި، "ސެއިންސްބަރީ" އާއި "ޓެސްކޯ" ފަދަ އެޤައުމުގެ އެންމެ މަޝްހޫރު ސުޕަރމާކެޓްތަކުގެ ޝޯކޭސްތަކުން އެންމެ ބާރަށް ވިކެމުންދިޔައީ "މޭޑް އިން މޯލްޑިވްސް" ޖަހާފައި ހުންނަ މަސްދަޅެވެ. ދިވެހި މަސްދަޅުގައި "ޑޮލްފިން ފްރެންޑްލީ" އަދި "ޕޯލް އެންޑް ލައިން" ޖަހާފައި އޮވެއެވެ. ތިމާވެށްޓާއި އެންމެ ރަޙްމަތްތެރި މަސްވެރިކަމެއް އޮންނަ ޤައުމަކީ ދިވެހިރާއްޖެކަން އެންމެނަށް އެނގެއެވެ. ސުޕަރމާކެޓުގެ ޝޯކޭސް ހާވައިގެން، ކޮންމެ ދަޅެއް ބަލާ، ދިވެހި މަސްދަޅެއްތޯ ޔާޤީންކޮށްފައި މެނުވީ ޚުދު އަޅުގަނޑުވެސް ނުގަންނަމެވެ. އެހެން ޤައުމެއްގެ މަހުގެ އުފެއްދުމެއް ނުގަންނަމެވެ. ގައިގާ ހިނގާނީ ދިވެހި ރަތް ލޭ ތާއެވެ. މަހު ލޭ ތާއެވެ.

ދެހާސް ބާރައިގައި ސަރުކާރު ބަދަލުވި ހިސާބުން، ބަޔަކު ޔޫރަޕަށް ދުއްވައިގަތްކަން ދިވެހިން ހަނދުމަފުޅު ހުންނާނެއެވެ. އެބައެއްގެ މަސައްކަތުގެ ތެރެއިން އެންމެ ބޮޑަށް ފާޅުވެގެން އައި ކަމަކީ ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓާލުމަށް ހިންގި "ޓޫރިޒަމް ބޯއިކޮޓް ކެމްޕޭން" އެވެ. ނަމަވެސް، އެބައެއްގެ އަމާޒަކަށްވީ ހަމައެކަނި ފަތުރުވެރިކަމުގެ ސިނާއަތެއް ނޫނެވެ. މަސްވެރިކަންވެސްމެއެވެ. ފަތުރުވެރިކަމާ ގުޅިގެން ހިންގި ކެމްޕޭނުގެ މާބޮޑު އަސަރެއް ކުރިކަމަކަށް ނުދެންނެވޭނެއެވެ.

މަސްވެރިކަމާ ގުޅިގެން ހިންގި ބޮއިކޮޓް ކެމްޕޭނު ކާމިޔާބު ވީކަން ދިވެހި ސަރުކާރަށް އެނގުނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ލިބުނު ލިޔުމަކުންނެވެ. ޔޫރަޕިއަން ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލް ފޯރ ޓްރޭޑްގެ ނަންފުޅުގައި އައި ލިޔުމެކެވެ. އެލިޔުމުގައި އޮތީ، އެ އިއްތިހާދުން ބަލަމުންދިޔަ "ގުޑް ގަވަރނަންސް" މިންގަނޑަށް ރާއްޖެ ނުފެތޭތީ، ޖީ.އެސް.ޕީ ޕްލަސްގެ އިނާޔަތް ރާއްޖެއަށް އިތުރަށް ދެވެން ނެތްކަމަށެވެ. މިލިޔުމަށްފަހު އައީ ނޫސް ބަޔާނެކެވެ. ރާއްޖެއަށް މި އިނާޔަތް ދެވެން ނެތް ވާހަކައާއި އޭގެ ސަބަބެވެ. އަދި، އެ އިނާޔަތް އިތުރު 10 ޤައުމަކަށް ދޭން ނިންމި ވާހަކަވެސް ހަމަ އެބަޔާނުގައި އޮތް ހަނދާން އެބަހުއްޓެވެ. ބައެއް ޤައުމުތައްވެސް ދަންނަވާލެވިދާނެއެވެ. އާރމީނިއާ، ބޮލީވިއާ، ކޮސްޓަރީކާ، އެކުއެޑޯ، ޕެރޫ އަދި ޕެރަގުއާއި ހިމެނުނެވެ. އަދި، މޮންގޯލިއާވެސް ލިސްޓުގައި އޮތެވެ. އެއީ، ކަނޑު އޮންނަ ޤައުމެއްވެސް ނޫނެވެ. މެސެޖު ވަރަށް ސާފެވެ.

އަދި، ރާއްޖެ މި ލިސްޓުން އުނިވި ސަބަބުވެސް ވަރަށް ސާފުކޮށް، އަދި ޞަރީޙާކޮށް ލިޔެފައި އޮތެވެ. މުހިންމު ބައެއް ބައިނަލްއަޤްވާމީ މުއާހަދާތަކުގައި ރާއްޖެ ބައިވެރިވުމުގައި، ފާހަގަކުރެވިފައިވާ މަދު މާއްދާތަކަކަށް އިސްތިސްނާ ނުވަތަ "ރެޒަރވޭޝަން" ހުށަހަޅާފައި އޮތް އޮތުމެވެ. މި އިނާޔަތް ދެވެނީ ފާހަގަކުރެވިފައި އޮންނަ ތަފާތު 27 މުއާހަދާއެއްގައި ބައިވެރިވާ ޤައުމުތަކަށް އެކަންޏެވެ. އެބޭފުޅުންގެ ދިރާސާއިން ނެރުނު ނަތީޖާއަކީ އޭގެ ތެރެއިން ތިން މުއާހަދާއެއްގައި ރާއްޖެއިން ބައިވެރިވުމުގައި ހުށަހަޅާފައި އޮތް އިސްތިސްނާތަކަކީ އެމުއާހަދާތަކުގެ "މަޤްސަދު ޙާޞިލުވުމަށް ހުރަސްއެޅޭ" އިސްތިސްނާތަކެއް ކަމަށެވެ.

މިޚަބަރު ލިބުމާއެކު، އޭރުގެ އިކޮނޮމިކް މިނިސްޓަރ އަޙްމަދު މުޙައްމަދު އަދި ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝަފީޢު، މިމުއާހަދާތައް ދިރާސާކުރައްވާ، އޭގައި ހުރި ރެޒަވޭޝަންތައްވެސް ވަރަށް ތަފްޞީލުކޮށް ބެއްލެވިއެވެ. އަދި، އެމައްސަލަ އޭރުގެ ކެބިނެޓަށް ގެންނެވިއެވެ. ރައީސް މުހައްމަދު ވަޙީދުގެ ކެބިނެޓުގެ އެބައްދަލުވުމުގައި، މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ހައިސިއްޔަތުން، އަޅުގަނޑު އިނީމެވެ. އެހެންކަމުން، މިމަޝްވަރާގައި ބައިވެރިވުމުގެ ފުރުޞަތުވެސް ލިބިގެންދިޔައެވެ.

ރާއްޖެއަކީ އދ.ގެ މެންބަރު ޤައުމެއްގެ ގޮތުން އަދި ބައިނަލްއަޤްވާމީ މައިދާނުގައި ޒިންމާދާރުކަމާއެކު ހަރަކާތްތެރިވަމުން އައި ނަމޫނާ ޤައުމަކަށް ވީތީ، ވަރަށް ގިނަގުނަ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ބައިވެރިވެފައި އޮންނާނެއެވެ. މިއީ، ދިވެހިން ފަޚުރުވެރިވުން ޙައްޤު ކަމެއް ކަމަށް އަޅުގަނޑު ދެކެމެވެ. ރާއްޖެ ބައިވެރިވެފައިވާ މިފަދަ މުއާހަދާތަކުގެ އަދަދު އެތައް ސަތޭކައަކަށް އަރައެވެ. ޚާރިޖީ ވުޒާރާގެ ވެބްސައިޓް ބައްލަވާލެއްވުމުން މިކަން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެއެވެ.

މިފަދައިން، މުއާހަދާތަކުގައި ބައިވެރިވާ އިރު، އެޤައުމެއްގެ ޤާނޫނު އަސާސީއާ އަދި ޤާނޫނުތަކާ ފުށުއަރާ މާއްދާތައް ހުރި ނަމަ، "ރެޒަވޭޝަން" ހިމެނުން އެއީ ޢާންމު އުޞޫލުގެ ތެރޭގައި އޮންނަ ކަމެކެވެ. އެގޮތުން، ޒަމާނުއްސުރެ ރާއްޖެ މިފަދަ މުއާހަދާތަކުގައި ބައިވެރިވާ އިރު، އެންމެ ގިނައިން "ރެޒަވޭޝަން" ލާފައި ހުންނާނީ ރާއްޖޭގައި އޮތް ސައްތައިން ސައްތަ މުސްލިމް އަޤީދާއާ ފުށު އަރާ މާއްދާތަކަށެވެ.

ހުޅަނގުގައި ގެންގުޅޭ މިނިވަންކަމާއި އިންސާނީ ޙައްޤުތަކުގެ މިންގަނޑުތަކުގެ ތެރޭގައި "ފްރީޑަމް އޮފް ރިލިޖަން" އޮންނަ ކަމާއި، އެ މިނިވަންކަން އެވެރިން ގިނައިން މާނަކުރަނީ "އެމީހަކު އުޅެން ބޭނުން ދީނަކަށް އުޅުމާއި، އެދީނެއްގެ ޝިއާރު ފާޅުކުރުމުގެ މިނިވަންކަން އޮތުމާއި، އެދީނުގެ އަޅުކަން އާންމުކޮށް ކުރުމުގެ މިނިވަންކަން އޮތުން" މިގޮތަށް ކަން، ގިނަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ.

އެވެރިންނަށް އެންމެ ބަލައިނުގަނެވޭ ކަމަކަށް މިވަނީ، ރާއްޖޭގައި ދައުލަތުގެ ދީނުގެ ގޮތުގައި ވަކި ދީނެއް އޮންނަ އޮތުމާއި، ދިވެހި ރައްޔިތަކަށް ވުމުގެ ޝަރުތެއްގެ ގޮތުގައި މުސްލިމަކަށްވުން އޮންނަ އޮތުންކަންވެސް މިއީ އޮޅިފައިއޮތް ކަމެއް ނޫން، ދެއްތޯއެވެ.

މިދެންނެވި ކެބިނެޓް ބައްދަލުވުމުގައި، އޭރު އޮތް "ރެޒަވޭޝަން"ތަކުގެ އިބާރާތް، ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ފުށު ނާރާނެގޮތަށް، އިޞްލާޙުކުރެވޭތޯވެސް ބެލުނެވެ. މަސްވެރިންގެ ޙައްޤުގައެވެ. އިބާރާތުގެ ބައެއް އިޞްލާޙާ އެކު ފޮނުވުމުން އައި ޖަވާބުވެސް ދަންނަވާލާނަމެވެ. "ރެޒަވޭޝަން"ތައް އެކީ ނެގުމަށް އެފަރާތުން އެދުނެވެ.

ތިން ބާވަތެއްގެ ރެޒަވޭޝަނެވެ. ދީނީ މިނިވަންކަން، އެވެރިން މާނަ ކުރާ ގޮތަށް އޮންނަ މާއްދާތަކަށް ހުށަހެޅިފައި ހުރި "ރެޒަވޭޝަން"ތަކެވެ. އެއް ޖިންސުން ކައިވެނި ކުރެވެން ވާނެކަމަށް އަދި "އެލް.ޖީ.ބީ.ޓީ.ކިއު" ޙައްޤުތައް ކަށަވަރުކޮށްދޭ މާއްދާތަކަށް ހުށަހެޅިފައިވާ "ރެޒަވޭޝަން"ތަކެވެ. އަދި، އޭރު އޮތް ޢާއިލާއާ ބެހޭ ޤާނޫނުގެ ދަށުން އިސްލާމީ ޝަރީއަތުގެ ރުކުންތަކަށް ބިނާކޮށްގެން ހިމެނިފައިވާ ބައެއް ނުކުތާތަކެއްގެ ސަބަބުން، ސޮއިކޮށްފައި އޮތް މުއާހަދާއެއްގެ މާއްދާތަކަކަށް ހުށަހެޅިފައި އޮތް "ރެޒަވޭޝަން"ތަކެވެ.

ކޮންމެއަކަސް، ސަފީރަކާއެކު އަޅުގަނޑު ކުރަން މަޖުބޫރުވި އާދަޔާ ޚިލާފު މުޢާމަލާތުގެ ވާހަކަ، އެނބުރި ރާއްޖެ އައިސް، ރައީސް ޔާމީން އަށް ދަންނަވާލީމެވެ. އަދި، އަޅުގަނޑުމެންގެ ވެރިކަމެއްގައި މި އިނާޔަތް ރާއްޖެއަށް ދޭނެކަމަށް އަޅުގަނޑަށް ޤަބޫލު ނުކުރެވޭކަމަށްވެސް ދަންނަވާލީމެވެ.

އިއްތިފާޤުން އެދުވަސް ވެގެންދިޔައީ ހުޅަނގުގެ އެހެން ސަފީރެއް، ރައީސް އަރިހަށް ޒިޔާރަތްކުރައްވަން ހަމަޖެހިފައި އޮތް ދުވަހަކަށެވެ. ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތެކެވެ. މިފަދަ ރަސްމިއްޔާތުތަކުގައި އެދުވަސްވަރު ބައިވެރިވަމުން އައީ އޭރުގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫނާއި އަޅުގަނޑެވެ. ރައީސް އޮފީހުގެ މިނިސްޓަރުގެ ހައިސިއްޔަތުންނެވެ. ކޮންމެއަކަސް، މިބައްދަލުވުމުގައި ދެކެވުނު ވާހަކަތައްވެސް އައިސް ޖެހުނީ ހަމަ މަހާ ހިސާބުގައެވެ. ކަނޑާލާފައި އޮތް އިނާޔަތުގެ ވާހަކައިގައެވެ.

އެ ސަފީރު ވިދާޅުވިއެވެ. ވަކި މުއާހަދާތަކެއް ފުރިހަމައަށް ތަންފީޒުކުރޭތޯ ބެލުމަކީ އެބޭފުޅުން އަބަދުވެސް ކުރައްވާނެ ކަމެއް ކަމަށެވެ. އެއީ، އެބޭފުޅުން "ޤަބޫލުކުރައްވާ ސަޤާފަތް" ކަމަށްވީތީއެވެ. އެ ދަނޑިވަޅުގައި ރައީސް ޔާމީން ވިދާޅުވިއެވެ. "ތިޔަ ބޭފުޅުންގެ ސަޤާފަތަށް އަޅުގަނޑުމެން އިޙްތިރާމް ކުރަމެވެ. އަޅުގަނޑުގެ އުންމީދަކީ ތިޔަ ބޭފުޅުންވެސް އަޅުގަނޑުމެންގެ ސަޤާފަތަށް އިޙްތިރާމް ކުރެއްވުމެވެ. އަޅުގަނޑަށް ނުވިސްނެނީ ހަމަ އެންމެ ކަމެކެވެ. ތިޔަ ބޭފުޅުންގެ ސަޤާފަތް އަޅުގަނޑުމެންގެ ކިބައިގައި އަށަގެންނެވުމަށް އެދިވަޑައިގަންނަވާ ސަބަބެވެ." ސަފީރު ރައްދުގައި ވިދާޅުވިއެވެ. "އަޅުގަނޑުމެން މިއުޅެނީ ރަނގަޅު ގޮތަށް ކަމަށް ޤަބޫލުކުރެވޭތީއެވެ." ރައީސް ފަހު ބަހެއްގެ ގޮތުގައި ވިދާޅުވެލެއްވިއެވެ. "އަޅުގަނޑުމެން އުޅެން އެދެނީ މާތް ﷲ ގެ ދީނުގައެވެ. ކީރިތި ރަސޫލާގެ ސުންނަތަށް ބޯލަނބައިގެންނެވެ. މިއީ އަޅުގަނޑުމެން، މީގެ 800 އަހަރު ކުރީއްސުރެ، އިޚްތިޔާރުކޮށްފައިއޮތް، އަޅުގަނޑުމެންނަށް ރަނގަޅު ގޮތެވެ."

މިބައްދަލުވުމަށްފަހު ރައީސް އަޅުގަނޑަށް އިޝާރާތްކޮށްލެއްވިއެވެ. ގެއްލިގެންދިޔަ އިނާޔަތުގެ ސަބަބުން މަސްވެރިންނަށް އުނިވި މާކެޓް ދެނެގަނެ، އެވަރުގެ އާ މާކެޓެއް ހޯދާ، މަސް އެކްސްޕޯޓް ކުރެވޭނެ މަގު ހުޅުވާލަން މަސައްކަތް ފަށަން އެންގެވިއެވެ.

އެހިސާބުން އަޅުގަނޑުމެން އެންމެން އިސްކަން ދިނީ، ފްރީ ޓްރޭޑް އެއްބަސްވުންތަކެއް ހަދައިގެން، އެކި ޤައުމުތަކަށް ދިވެހި މަސްވެރިން ބާނާ މަސް، ޑިއުޓީ ހިލޭކޮށް އެތެރެ ކުރުމުގެ މަގު ތަނަވަސްކުރުމަށެވެ. އެމަސައްކަތުގެ ނަތީޖާއަކަށްވީ ދުނިޔޭގެ އެންމެ ބޮޑު އާބާދީ ކަމަށްވާ ޗައިނާ އަދި ހޮންކޮންގެ މާކެޓަށް، ފްރީ ޓްރޭޑް އެއްބަސްވުމެއްގެ ދަށުން، މަސް އެކްސްޕޯޓުކުރަން މަގު ފަހިވެގެން ދިއުމެވެ. އަދުގެ ސަރުކާރުން، ލަސްނުކޮށް، މިއެއްބަސްވުން ތަންފީޒުކުރާނެކަމަށް އަޅުގަނޑު އުންމީދުކުރަމެވެ.

އެއް ދޮރު ބަންދުވާއިރަށް، މާތް ﷲގެ ތަނަވަސް ރަޙްމަތްފުޅުން، އިތުރު އެހެން ދޮރުތަކެއް ދިވެހީންނަށް އަބަދުވެސް ހުޅުވިގެންދެއެވެ. ހަމަކަށަވަރުން، ރިޒުޤު ދެއްވަނީ  الله سبحانه وتعالى އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3310

3 Responses

  1. ރައީސް ޔާމިން އެއީ ފިސާރިވެރިއެއް. މިހާރު މިއުޅެނީ ބޮލެއް ނޫން ބަރަބޮލަކަށްވެސް ނުފުދޭ.

  2. ހިތާމާއަކީ މިބޮޑު ކަންތައް ދިވެހި ރައްޔިތުންނަށް އަންގާދީ އަމިއްލަ މިނިވަންކަމަށް މަސައްކަތް ކުރުމަށް ހިތްވަރުވެސް ނޫދެއްވާ ސިއްރު ކުރެއްވިކަން. ހަގީގީ މައްސަލަ ފޮރުވުނީމާ ރައްޔިތުންދެކެމުން އައީ ދިވެހި ސަރުކާރު ބާކީ ކޮށްލާފައިވާކަމަށް. އެމްޑީޕީން ވިސްނައިދެމުން ގެންދިޔަ ކަންކަން ރައްޔިތުންނަށް ގަބޫލު ކުރެވެމުން ދިޔައީ މިހެންވެގެން

  3. Liumun gina kanthathake saafu ..miverin boycott kuran dhuvi Lankan midhanee kamun fathuruverikame ne masverikan kureveynee faisaahuregen Qaum dhanee dharayaadhimaalah fehunu kiyoshi lola venimeynee

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *