Support Us

މިނިވަންކަމާއި ޤައުމީ ލޯބި

އަޅުވެތިކަމުގައި ޤައުމެއް އޮންނަން ޖެހޭ ހާލަތަކީ އެ ޤައުމެއްގެ ރައްޔިތުންނަށް ކުރިމަތިވާނެ އެންމެ ނިކަމެތި ހާލަތެކެވެ. އެ ދުވަސްތައް ވާނީ އެ ޤައުމެއްގެ ހަޔާތުން ދެކޭ އެންމެ ބޭއިންސާފާއި ލާއިންސާނީ ކަންތައްތައް ތަޖުރިބާކުރަން ޖެހޭ ދުވަސްތަކަށެވެ. ދިވެހި ތާރީޚުގައި ވެސް ދެތިން ފަހަރަކު މި ހިތި ތަޖުރިބާ ދިވެހިން ވަނީ ކޮށްފައެވެ. މިއިން ކޮންމެ ފަހަރަކު ވެސް އެ ހާލަތަށް ޤައުމު ވެއްޓިގެން ދިޔައީ ޤައުމު ދެކެ ލޯބި ނުވާ އަމިއްލަ އެދުމާއި އަމިއްލަ މަޞްލަޙަތު އިސްކުރި ދިވެހި ދަރިންތަކެއްގެ ސަބަބުންނެވެ. އަދި ހަމަ އެހެންމެ، އަޅުވެތިކަމުގެ ސަބަބުން ޤައުމަށް ދިމާވި ބިރުވެރިކަމާއި ނާމާންކަމުން ޤައުމު ސަލާމަތްކޮށްދީ، މިނިވަންކަން އަނބުރާ ހޯއްދަވައި ދެއްވީ ޤައުމު ދެކެ އިންތިހާއަށް ލޯބިވި ދަރިންތަކެއް ހިންމަތާއި މިންނަތުންނެވެ. އެބައެއްގެ ފުރާނައަށް ވުރެ ވެސް ޤައުމު ދެކެ ލޯބިވި މުޖާހިދުންނާއި އަބުޠާލުންތަކެއްގެ އަގު މާތް ޖިހާދުގެ ސަބަބުންނެވެ. މީގެ ކޮންމެ ހާދިސާއަކުން ވެސް ފެންނަނީ މިނިވަންކަމާއި ޤައުމީ ލޯބި ގުޅިލާމެހިފައިވާ މިންވަރެވެ.

ޤައުމާއި ވަޠަން ދެކެ ލޯބިވުމަކީ މި އުންމަތުގެ މާތް ނަބިއްޔާގެ ސީރަތުން ދަސްކުރަންޖެހޭ ފިލާވަޅެކެވެ. މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރައަށް ނުކުމެ ވަޑައިގަންނަވަމުން މައްކާއާ މުޚާޠަބު ކުރައްވައި ހަދީސްކުރެއްވި އަސަރު ގަދަ ބަސްފުޅަކީ ކޮންމެ މީހަކު ވެސް އެ މީހެއްގެ އުފަން ފަސްގަނޑުދެކެ ލޯބިވުމަށް ޓަކައި އަގުހުރި ފިލާވަޅެކެވެ. ކީރިތި ރަސޫލާ ހަދީސް ކުރެއްވި ބަސްފުޅުގެ މާނައަކީ "މާތްﷲ ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން ތިބާއަކީ، ﷲގެ ބިންތަކުގެ ތެރެއިން އެންމެ ރަނގަޅު ބިމެވެ. އަދި ތިބާއީ ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ބިމެވެ. ތިބާގެ އަހުލުވެރިން ތިބާގެ ބިމުން ތިމަންކަލޭފާނު ނެރެ ނުލި ނަމަ ތިމަންކަލޭފާނު ތިބާގެ ބިމުން ނުކުމެވަޑައެއް ނުގެންނެވީމުހެވެ." މި އަސަރުގަދަ ބަސްފުޅުން ހާމަވެގެންދަނީ އެކަލޭގެފާނުގެ އުފަން ފަސްގަނޑާމެދު އެ މާތް ހިތްޕުޅުގައި އޮތް މަތިވެރި ލޯތްބެވެ.

ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލް ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ޤައުމުގެ ދަރީންގެ ހިތްތަކުގައި ޤައުމީ ލޯތްބާއި ޤައުމީ ރޫޙު ބިންވަޅު ނެގުމެވެ. ޤައުމީ ލޯތްބާއި ޤައުމީ ރޫޙު އަށަގަންނުވައި ދިރުވައި އާލާކޮށް ދެމެހެއްޓުމެވެ. އަމިއްލަ މަސްލަހަތާއި މަންފާގެ ކުރިއަށް ޤައުމު އިސްކުރުމުގެ މުހިންމުކަން ވިސްނައިދިނުމެވެ. ދިވެހި ޤައުމިއްޔަތަކީ ކޮބައިކަމާއި ދިވެހި ޤައުމިއްޔަތު ދެމެހެއްޓުމުގައި ދިވެއްސަކަށްވީތީ އޮތް ޒިންމާއާއި މަސްއޫލިއްޔަތުތައް އުނގަންނައިދިނުމެވެ. ދިވެހި ޤައުމިއްޔަތު ބިނާވެފައި ވަނީ ދިވެހީންގެ ދީނީ އަޤީދާއާއި، ދިވެހީންގެ މާދަރީ ބަހާއި، ދިވެހީންގެ ފަޚުރުވެރި ތާރީޚާއި، ދިވެހީންގެ ރީތި ސަޤާފަތާއި އާދަކާދައިގެ މައްޗަށެވެ. ދިވެހި ޤައުމިއްޔަތުގެ އެއްވެސް ބަހާއަކަށް ފަރުވާ ކުޑަކޮށް އިހުމާލުވެ ތިބެގެން ދިވެހީންގެ ދިވެހިވަންތަކަމާއި ދިވެހީންގެ މިނިވަންކަން ދެމެހެއްޓުމަށް އުންމީދު ކުރުމަކީ މޮޔަކަމެކެވެ.

ދިވެހީން އަޅުވެތިކަން ތަޖުރިބާކުރި ކޮންމެ ފަހަރަކު އެ ހާލަތަށް ޤައުމު ވެއްޓިގެން ގޮސްފައިވަނީ ދިވެހީންގެ ތެރެއިން ބަޔަކު ސިޔާސީ ގޮތުން އާރާއިބާރު ހޯދުމަށް ކޮށްފައިވާ މަސައްކަތްތަކެއްގެ ތެރެއިން ދިވެހި ޤައުމަށް ޣައްދާރުވެ ޚިޔާނާތްތެރިވުމުގެ ސަބަބުންނެވެ. އަމިއްލަ މަންފާއާއި މަޞްލަޙަތު އިސްކޮށްގެން ވެރިކަމާއި އާރާއި ބާރު ހޯދުމަށް ކުޅަ މަސައްކަތްތަކެއްގެ ސަބަބުންނެވެ. ޤައުމީ ލޯތްބެއް އެ ހިތްތަކެއްގައި ނެތް ދިވެހި ދަރިންތަކެއްގެ ސަބަބުންނެވެ. އެހެންކަމުން ސިޔާސީ ފަރާތްތަކުގެ ތެރޭގައި ޤައުމީ ލޯތްބާއި ޤައުމީ ރޫޙު ނެތް ނުވަތަ ޤައުމީ ލޯތްބާއި ޤައުމީ ރޫޙު ކުޑަ ބަޔަކު އުޅޭނަމަ އެއީ ޤައުމުގެ މިނިވަންކަމަށް އޮތް ނުރައްކަލެކެވެ.

އަޅުވެތިކަމުގެ އެންމެ ދިގު ދުވަސްތަކެއް ދިވެހީން ތަހަންމަލުކުރީ ޕޯޗްގީޒުން ރާއްޖެ އަޅުވެތިކޮށްގެން ތިބި ދުވަސްވަރުއެވެ. އެއީ މީލާދީން 1558 އިން 1573 އަށެވެ. އެފަހަރު ޕޯޗްގީޒުންގެ އަތްދަށަށް ދިވެހިރާއްޖެ ދިޔައީ ހިލާލީ ދަރިކޮޅުގެ ނުވަވަނަ ޙަސަން ރަސްގެފާނުގެ ސަބަބުންނެވެ. އެ ރަދުންގެ ނާޤާބިލުކަމުގެ ސަބަބުން ރަސްކަން ނުކުރެއްވިގެން ރަސްކަން ދޫކޮށްލެއްވުމަށްފަހު އަނބުރާ އަނެއްކާ ވެސް ރަސްކަން ބޭނުންފުޅު ވެގެން ޕޯޗްގީޒުންގެ އެހީތެރިކަން ހޯއްދެވުމުންނެވެ. ކްރިސްޓިއަން ދީނަށް ވަދެވަޑައިގެން ކޮއްޗޭގައި ތިބި ޕޯޗުގީޒުންގެ އަންހެނަކާ ކައިވެނި ބައްލަވައިގަންނަވައި، ދިވެހިރާއްޖެއިން ލިބޭ އާމުދަނީން ބޮޑު ބައެއް ޕޯޗްގީޒުންނަށް ދެއްވަން އެއްބަސްވެވަޑައިގެންނެވުމުންނެވެ.

ނުވަވަނަ ޙަސަން ރަސްގެފާނު ދޫކޮށްލެއްވީ ދިވެހި ޤައުމިއްޔަތުގެ ފުރަތަމަ އަސާސް ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނެވެ. އެ ހިސާބުން ފެށިގެން އެ ރަދުންނަކީ ދިވެހި ޤައުމު ދެކެ ލޯބިވާ ބޭފުޅެއް ނޫންކަން ސާބިތުވެއެވެ. އަދި އެ ރަދުން ކުރެއްވި ކޮންމެ ކަމެއް ވެސް ކުރައްވާފައިވަނީ އަމިއްލަ މަންފާއާއި މަޞްލަޙަތުގައިކަން ސާފުވެއެވެ. ދިވެހީން ތަހަންމަލުކުރަން ޖެހުނު 15 އަހަރަށްވުރެ ދިގު އަޅުވެތިކަމަކީ ދިވެހިރާއްޖެ އިސްލާމްވީ ފަހުން ދިވެހި ތާރީޚު ދުށް އެންމެ ދިގު އަޅުވެތިކަމުގެ ތާރީޚެވެ.

ހަވަނަ ޢަލީ ރަސްގެފާނު ޝަހީދުކުރުމަށްފަހު ޕޯޗްގީޒުން ދިވެހިރާއްޖެއަށް ވެރިވެގަނެގެން ކުރި އަނިޔާވެރި ވެރިކަމަކީ ދިވެހީން މާތްވެގެންވާ އިސްލާމްދީނުން ބޭރުކުރުމަށް ރާވައިގެން ހިންގި އަނިޔާވެރި ވެރިކަމެކެވެ. ދިވެހި ޤައުމިއްޔަތު ފުނޑުފުނޑު ކޮށްލުމަށް ޕޯޗްގީޒުން މަސައްކަތްކުރި މި ދުވަސްވަރަކީ ލޭ އޮހޮރުވުން ބޮޑު ދުވަސްވަރެކެވެ. އެ އަނިޔާވެރިކަމުން ދިވެހީން ސަލާމަތްކޮށްދެއްވީ އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން (ބޮޑު ތަކުރުފާނު)، އިސްވެ ހުންނަވައި ކުރެއްވި ވަރުގަދަ ޖިހާދަކުންނެވެ. ޤައުމު ދެކެ ލޯބިވާ މުޖާހިދުންތަކެއް އެއްކުރައްވައިގެން ކުރެއްވި ވަރުގަދަ ގެރިއްލާ ހަނގުރާމައަކުންނެވެ. އެ ހަނގުރާމައިން ނަޞްރާ ފަތަޙަ ދިވެހީންނަށް ލިބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރައްވައި ރޭގަނޑަށް ރަށްރަށަށް އަރުއްވައި ދިވެހި ރައްޔިތުންގެ ހިތްތަކުގައި ޤައުމީ ލޯތްބާއި ޤައުމީ ރޫޙު އުފައްދަވައިގެންނެވެ. ދިވެހީންގެ ތެރެއިން ގިނަ ބައެއްގެ ތާއީދާއި އެހީތެރިކަމާއި އެއްބާރުލުން ހޯއްދަވައިގެންނެވެ. ޤައުމީ ލޯބިން ދިވެހި ރައްޔިތުން އެކަތިގަނޑަކަށް ހައްދަވައިގެންނެވެ.

ހޮޅީން ނުވަތަ މަލާބާރީން ދިވެހިރާއްޖެ އަޅުވެތިކުރީ އަލްޤާޟީ ޙަސަން ތާޖުއްދީނުގެ ދެ ދަރިކަލުން ކަމުގައިވާ އަލްޤާޟީ މުޙައްމަދު ޝަމްސުއްދީނާއި، އަލްޚަޠީބު އަޙްމަދު މުޙްއިއްދީނާ ދެބޭން މި ޤައުމަށް ޚިޔާނާތްތެރިވުމުގެ ސަބަބުންނެވެ. ކަންނަންނޫރު އަލީ ރާޖާއަށް ތަކުރާރުކޮށް ސިޓީތަކެއް ފޮނުވައިގެން ހޮޅީން ރާއްޖެ ގެނެސް ވެރިކަން ބަދަލުކުރުމަށް ކުރެއްވި މަސައްކަތްތަކެއް ސަބަބުންނެވެ. ހޮޅީންގެ އަޅުވެތިކަމަށް ދިވެހިރާއްޖެ ދިޔައީ 20 ޑިސެންބަރު 1752 އެވެ. އެއީ ހިޖުރައިން 13 ޞަފަރު 1166 އެވެ.

އަލީ ރާޖާ ފޮނުވި ލަސްކަރު މާލެއަރައި ރަސްކަމުގެ ކޮއިލުތެރެއަށް ވަދެގެން އައިއިރު ވެސް ފާރަވެރިން ތިބީ ނިދާފައެވެ. ތަޅުލައި ބަންދުކުރެވޭ ގޮތަށް ހަދާފައި ހުރި މާލޭގެ ކަނޑިންމަ ހުރީ ތަޅުނުލައެވެ. ޤައުމުގެ އެންމެ މަތީ މަޞްލަޙަތު ދިފާޢުކޮށް ހިމާޔަތްކުރަން ތިބި ފަރާތްތަކުގެ ހިތްތަކުގައި ޤައުމީ ލޯބީގެ އެއްވެސް ވިންދެއް ނުޖަހާ ކަހަލައެވެ. އެންމެފަހުން ހޮޅީންގެ ހީލަތްތެރި ރޭވުމެއްގެ ދަށުން ރަދުންނާއި ރަދުންނަށް ވަފާތެރި ވަޒީރުންގެ ބަޔަކު ގުރާބަށް ގެންގޮސް ހައްޔަރުކޮށްގެން ކަންނަންނޫރަށް ގެންދިޔައީއެވެ. ހޮޅީންގެ އަނިޔާވެރި ވެރިކަން ފަށައި، އެ ބައެއްގެ ޤައުމަށް ޣައްދާރުވީ ބަޔަކު އެހެން ބަޔަކަށް ވެސް އިޚްލާޞްތެރި ނުވާނެކަން ގަބޫލުކުރެވުނު ހިސާބުން ޙަސަން ތާޖުއްދީނުގެ ދެދަރިކަލުން ކަނޑުފައްތައި މެރީއެވެ.

ހޮޅީންނަކީ ދެކުނު އިންޑިއާގެ ކަންނަންނޫރަށް ނިސްބަތް އިސްލާމީ ވެރިކަމެއް ކުރި ބަޔަކަސް އެ މީހުންގެ އަޅުވެތިކަމުގައި ދިވެހީން ތަޖުރިބާކުރީ ވަރަށް އަނިޔާވެރި ދުވަސްތަކެކެވެ. ހޮޅީންގެ އަޅުވެތިކަމުން ދިވެހީން ސަލާމަތްކުރެއްވީ ޤައުމު ދެކެ ލޯބިވުމުގައި ވަރަށް ފުރިހަމަ ނަމޫނާ މިސާލެއް ދެއްކެވި އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން (ދޮންބަންޑާރައިން) ނެވެ. ހޮޅީންގެ އަޅުވެތިކަން ނިމުމަކަށް ގެންނަވަން ދޮންބަންޑާރައިން ވެސް ދިވެހި ދަރީންތަކެއްގެ ހިތްތަކުގައި އިންދެވީ ޤައުމީ ލޯތްބާއި ޤައުމީ ރޫޙެވެ. ދޮން ބަންޑާރައިންގެ ޖިހާދުގައި ބައިވެރިވާން އެއްބަސްވި 200 ވަރަކަށް މީހުންނައިގެން އެއްރެއަކު އެ މީހުން ޤާއިމުވެތިބި ވެޔޮދޮށު ގަނޑުވަރަށް ކުއްލި ހަމަލާއެއް ދެއްވައި ހޮޅީންގެ ވަސް ވެސް ފޮހެލެއްވިއެވެ. އެއަށްފަހު ވެސް ހޮޅީން ރާއްޖެއަށް ދިން ހަމަލާތަކުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވައި މިނިވަންކަން ދިފާޢުކޮށްދެއްވިއެވެ. އެއީ 03 ޖުމާދަލްއާޚިރާ 1166 (7 އެޕްރީލް 1753) އެވެ.

އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް 1887 ވަނަ އަހަރު ދިވެހިރާއްޖެ ދިޔައީ އޭރު ރާއްޖޭގައި އޮތް އެންމެ ވާދަވެރި ސިޔާސީ ދެ "ޕާޓީ" ކަމުގައިވާ ކަކާގޭ އާއިލާއާއި އަތިރީގެއާއިލާއާ ދެމެދު އުފެދުނު ސިޔާސީ ކޯޅުންގަނޑުގެ ތެރޭގައެވެ. އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެފާނު އިސްވެ ހުންނަވައި މާލޭގައި ބޮޑުހުޅު ޖައްސަވަން ފެށްޓެވީ ވަޒީރުލްއަޢުޒަމްކަމުގެ މަޤާމުން ދުރުކުރެއްވުމުން ގެއްލިގެން ދިޔަ ސަރުކާރު ހިންގެވުމުގެ ބާރު އަނބުރާ ހޯއްދެވުމުގެ އަމިއްލަ އެދުންފުޅުގައެވެ. ބޮޑުހުޅުގެ މައްސަލަ ފަޅާއަރައި ޝަރީޢަތްކޮށް އެ މައްސަލައިގައި ކުށްވެރިވެގެން އިބްރާހީމް ދޮށިމޭނާ ކިލެގެފާނާއި އަތިރީގޭ ޚާންދާނަށް ވަފާތެރި ބަޔަކު އަރުވާލެވުނެވެ. އެ މީހުން ސަލާމަތްކުރުމަށް އޮތް އެންމެ ކުރު މަގަކަށް ސިލޯނުގައި ތިއްބެވި އަތިރީގޭ ޚާންދާނުގެ ބޭފުޅުންނަށް ފެނިވަޑައިގަތީ އިނގިރޭސީންގެ އެހީތެރިކަން ހޯއްދެވުމެވެ. އެއީ ދިވެހިރާއްޖޭގެ މައްޗަށް ކޮންޓްރޯލް ނެގުމުގެ ޝައުޤުވެރިކަން ނުހަނު ބޮޑަށް އޮތް އިނގިރޭސީންނަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. ދިވެހިރާއްޖޭގެ ރަސްކަމުގައި އިންނެވި ކުޑަ ބަންޑާރައިންނަށް މަޖުބޫރު ކުރުވައިގެން ހިމާޔަތުގެ ދަށަށް ގެންދިޔައެވެ. މި ހިމާޔަތުގެ ދަށުން ނެއްޓި، ދިވެހީންނަކީ ފުރިހަމަ މިނިވަން ޤައުމެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔައީ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަޑޭރި ކިލެގެފާނުގެ އަގުހުރި ޤައުމީ ޚިދުމަތުގެ ސަބަބުންނެވެ. ޤައުމީ ލޯތްބާއި ޤައުމީ މަޞްލަޙަތު އިސްކުރައްވައިގެން ކުރެއްވި މަސައްކަތްޕުޅާއި ގެންގުޅުއްވި ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުންނެވެ.

މިނިވަންކަން ލިބުނު އެއްބަސްވުމުގައި ދިވެހި ރާއްޖެ އާއި އިނގިރޭސިވިލާތް ސޮއިކުރައްވަނީ

ނޮވެންބަރު ތިނެއްގެ ޢުވާނީ ހަމަލާއަކީ ދިވެހީންގެ ތެރެއިން 19 މީހުން ޝަހީދުކޮށްލި ވަރުގަދަ ޓެރަރިސްޓް ހަމަލާއެކެވެ. މި ނުރައްކާތެރި ޢުދުވާނީ ހަމަލާގައި ސްރީލަންކާގެ ތަމަޅަ ހަނގުރާމަވެރި ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ގެ 80 ވަރަކަށް ހަނގުރާމަވެރިންނާއި ޒަމާނީ ހަތިޔާރާއެކު މާލެއަރައި ދިވެހިރާއްޖޭގެ ވެރިކަން ހޯދަން އިސްވެ އުޅުނީ ހ. ހާޖަރާގޭ ޢަބްދުﷲ ލުޠުފީއާއި، ސ. ހިތަދޫ ޕެރިސް ހޮލިޑޭ ސަގަރު އަޙްމަދު ނާޞިރެވެ. މި އުދުވާނީ ހަމަލާގައި ޤައުމަށް ޚިޔާނާތްތެރިވި ޚާއިނުންނަކީ ޤައުމީ ލޯބީގެ ކަންފުޅެއް ވެސް ހުރި ބައެއް ނޫންކަން އެ ހާދިސާއިން ވަރަށް ސާފުކޮށް އެނގެއެވެ. އިންސާނީ އައްޑަނަތަކެއްގެ ގޮތުގައި ދިވެހީން ބޭނުންކޮށް، ހިތުހުރި ގޮތަކަށް ދިވެހީން މަރައި، ދިވެހީންނަށް އެ ދުވަހު އެ ޖެއްސި ހާލާއި ކުރިމަތިކުރުވި ބިރުވެރިކަމަކީ ދިވެހިރާއްޖެއާއި ދިވެހީން ދެކެ ލޯބިވާ ބަޔަކު ކުރާނެ ކަމެއް ނޫނެވެ.

ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާދިން ޓެރަރިސްޓުން ރާވައިގެން އައިގޮތަށް އެ މީހުންނަށް ކާމިޔާބު ނުލިބުނީ އެބައެއްގެ އަމިއްލަ ފުރާނައަށްވުރެ ޤައުމު ދެކެ ލޯބިވާ ދަރިންތަކެއްގެ އަގުހުރި ޤައުމީ ޖިހާދުގެ ސަބަބުންނެވެ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމްފަދަ ޤައުމީ ބަޠަލުންގެ ހިތްވަރާއި ފަންވަރުގެ ސަބަބުންނެވެ. ދިވެހި އަސްކަރިއްޔާގެ މައި މަރުކަޒު ދިފާޢު ކުރުމަށް އެތެރޭގައި ތިބި ހިތްވަރު ގަދަ ކެރޭ ދިވެހި ސިފައިން ކުރި މަތިވެރި ޖިހާދުގެ ސަބަބުންނެވެ. ދުޝްމަނުން ޖަހަމުން ދިޔަ ވަޒަންތަކުގެ ކުރިމައްޗަށް ނުކުމެ މި ލޮބުވެތި ވަޠަނަށް ޓަކައި ލޭ އޮހޮރުވާލަން ކެރުނު ސިފައިންގެ އިޚްލާޞްތެރި ކަމުގެ ސަބަބުންނެވެ. މާލެ ތެރޭގައި ހަރަކާތްތެރިވި ސިފައިންނާއި ދިވެހި އެންމެހައި ރައްޔިތުން ޤައުމީ ލޯތްބާއި ޤައުމީ ރޫޙުގައި ދިވެހި ދައުލަތަށާއި ސަރުކާރަށް ދެއްވި އެހީތެރިކަމާއި އެއްބާރުލުމުގެ ސަބަބުންނެވެ.

ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯތްބަކީ ޤައުމުގެ ކޮންމެ ދަރިއެއްގެ ހިތުގައި ވެސް ވަރަށް ޚާއްޞަ މަޤާމަކާއި ދަރަޖައެއް ދީފައި އޮންނަން ޖެހޭ ވަރަށް މަތިވެރި ލޯތްބެކެވެ. ޤައުމުގެ މަތިވެރިކަމާއި މާތްކަން ނުވަތަ ޝާނާއި ޝައުކަތު ދައްކައިދޭ ޤައުމީ ރަމްޒުތައް ހުންނަން ވާނީ ޤައުމުގެ ދަރީންގެ ހިތްތަކުގައި ބިންވަޅު ނެގިފައެވެ. ލޯތްބަކީ އިންސާނިއްޔަތުކަމެވެ. ޤައުމީ ލޯތްބަކީ އިންސާނިއްޔަތުކަމުގެ އިންތިހާ ދަރަޖައެވެ. ޤައުމީ ލޯބި ވެވޭނީ ޤައުމަކީ ކޮބައިކަން އެނގިގެންނާއި ޤައުމާއި ތިމާއާ ހުރި ގުޅުމަކީ ކޮބައިކަން އޮޅުންފިލައިގެންނެވެ. ޤައުމު ދެކެ ލޯބިވާން ޖެހެނީ ކީއްވެގެންކަން ސާފުވެގެންނެވެ. ޤައުމުގެ މިނިވަންކަމުގެ ޙައްޤުގައި ޤައުމަށް ޓަކައި ތެދުވެވޭނީ ޤައުމީ ލޯބީގެ ވިންދު ޖަހާ ހިތެއްގެ ވެރިއަކަށް ވެވިގެންނެވެ. ދިވެހިރާއްޖޭގެ މިނިވަންކަމާއި ދިވެހީންނާއި ދިވެހިރާއްޖޭގެ ތަރައްޤީ އާއި ކުރިއެރުމާ މަޞްލަޙަތު ގުޅިފައިވަނީ ރައްޔިތުންގެ ހިތްތަކުގައިވާ ޤައުމީ ލޯބީގެ މައްޗަށެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *