...

Support Us

ކޮލަމް ކޯދު: މީހުން ބުނެފައި ހުރި ވާހަކަކޮޅަކާއި އިތުރުކޮށްލުމެއް

ތިރީގައި މި ވަނީ މީހުން ބުނެފައި ހުރި ވާހަކަކޮޅަކާއި އިތުރުކޮށްލުމެކެވެ.

1. "ޔަގީން ކުރެވޭ އެއް ކަމެއް އެބައޮތެވެ: ހަޔާތުގެ ދުވަސްތައް އުދުހިދާކަމެވެ. ޔަގީން ކުރެވޭ އެހެން ކަމެއް ވެސް އެބަޮތެވެ: މި ނޫން ހުރިހާ ކަމަކީ ވެސް ހަގީގަތެއް ނޫންކަމެވެ. ފޮޅިދިޔަ މާ، އެއަށް ފަހު، ދެން، މިލައި މޯޅިވެ، މަރުވެދެއެވެ."

2. "’ހަރަކާތްތެރި ވަމުންދާ އިނގިލިކޮޅު' ލިޔުއްވައެވެ. އަދި، ލިޔުއްވުމަށް ފަހު، އެ ލިޔުއްވި އެއްޗެއް ދޫކުރައްވައި ވަޑައިގަނެއެވެ: ހުރިހާ ތަގުވާވެރިކަމަކާއި ނޫނީ މޮޅު ބުއްދިއަކަށް ވެސް، އެ އިނގިލިކޮޅު އަނބުރާ ނުގެނެވެއެވެ. އެ ލިޔުއްވި އެއްޗެއްގެ ފަޅި ފޮޅުވަތެއް ވެސް ފޮހެލައި ނެތިކޮށްލުމަށެވެ. އަދި، އޮހޮރުވާލެވޭ ހުރިހާ ކަރުނަތަކަކަށް ވެސް، އޭގެ ތެރެއިން އެންމެ ލަފްޒެއް ވެސް ފޮހެނުލެވެއެވެ." (އުމަރު ޚައްޔާމުގެ ރުބާއިއްޔާތުގެ (ހަތަރުވަތުގެ) ޅެންތަކުގެ ތެރެއިން)

3. "ފަރުދީ މިނިވަންކަމަށް ހުދޫދެއް ކަނޑައެޅިފައި އޮންނަން ޖެހެއެވެ. އެހެނީ އެކަމަކީ އެހެން މީހުންނަށް އޮތް އުނދަގުލަކަށް ވެގެން ނުވާނެއެވެ." [އާދެ، ފަރުދީ މިނިވަންކަން ނިމޭ ހިސާބަކީ އެހެން މީހުންނަށް އުނދަގޫވާ ހިސާބެވެ. އެ މިނިވަންކަމާ މުޖުތަމައުގެ އަގުތައް ފުށުއަރާ ހިސާބެވެ. ފަރުދީ މިނިވަންކަމަކީ މުޖުތަމައު އެ މުޖުތަމައުގެ އަފުރާދުންނަށް ލިބިދޭ މިނިވަންކަމަކަށް ވުމުން، އެ މީހުން، އެކަކު އަނެކަކަށް އުނދަގޫ ނުވާ ގޮތެއްގައި، އަދި، މުޖުތަމައުގެ ބިނާ އެ އަސާސެއްގެ މައްޗަށް ބިނާވާ އަގުތައް ހަލާކުނުވާ ފަދަ ގޮތެއްގައި އެ މީހުންގެ މިނިވަންކަން ފާޅުކުރަން ޖެހެއެވެ.]

4. "ގައުމެއްގެ އަގު ވަޒަން ކުރުން ބިނާވެފައި އޮންނަނީ، އާޚިރުގައި، އެ ގައުމު އެ މީހުންގެ މައްޗަށް ބިނާވާ އަފުރާދުންގެ އަގުގެ މައްޗަށެވެ. [ގައުމެއްގެ އަފުރާދުންގެ ތެރެއިން، މަދު ބަޔަކަށް އަގެއް ދެވި، އަދި އެހެންވެ، އުފަލުގައި ހަމަޖެހިގެން ދިރިއުޅެވެން ޖެހެނީ ހަމަައެކަނި އެ މަދު ބަޔަކަށް ވެއްޖެ ނަމަ، އެ ގައުމަކީ އެއްވެސް އަގެއް އެ ގައުމުގެ އާންމު އަފުރާދުންނަށް ދޭ ބަޔަކަށް ނުވެއެވެ. އެހެންވެ، އެ ގައުމަކީ އެހެން މީހުންގެ ކުރިމަތީގައި، ގަދަރާއި އިހުތިރާމު ލިބިގެންވާ ބަޔަކަށް ނުވެއެވެ.] (ޖޯން ސުޓުއަޓް މިލް، އޮން ލިބަރޓީ، މި ފޮތުން ނަގައިފައި)

5. "ގައުމެއް މާލީ ކާރިސާއަކާ، ބޮޑު މުސީބަތަކާ، ކުރިމަތިލާން ޖެހެނީ، ހަމައެކަނި، ދަރަންޏަށް ފައިސާ ނެގުމަކުން ނޫނެވެ. [ނަމަވެސް، އެ ފަދަ ކާރިސާއެއް މެދުވެރި ވަނީ، ދަރަންޏަށް ނެގުމުގެ ނިޔަތް ގޯސްވެ، އެ ފައިސާއާއި އަދިވެސް ދައުލަތުގެ މާލިއްޔަތު، ހެޔޮ ގޮތުގައި، ބަލަހައްޓައި ހިންގަން ނޭނގުމުންނެވެ. ނުވަތަ، ގަސްދުގައި އެ ފައިސާއަށް ޚިޔާނަތްތެރި ވުމުންނެވެ.]

އެންޑުރޫ މެލަން، މާލީ ޚދުމަތް ދިން އެމެރިކާނުގެ ބުނުމެއް.

6. "އެހެން މީހަކަށް ނޫނީ އެހެން ގައުމަކަށް ނޫނީ އެހެން ދީނަކަށް، ނަފުރަތު ނުކޮށް، އުފަލުގައި ހިތްހަމަޖެހިގެން އުޅެވެނީ މަދު ބައަކަށެވެ. [ހަގީގީ ހިތްހަމަޖެހުމާއި އުފަލުގައި އުޅެން ބޭނުން ނަމަ، ހަސަދަވެރިވުމާއި ނަފުރަތުކުރުން ދޫކޮށްލައި އެންމެނަށް ވެސް އިހުތިރާމުކޮށް، ހެޔޮ އެދިގެން އުޅެން ދަސްކުރަން ޖެހެއެވެ.] (އިނގިރޭސި ފިލޯސަފަރެއް ކަމުގައިވާ ބާޓްރަންޑް ރަސަލްއަށް ނިސްބަތް ކުރެވޭ ބުނުމެއް)

7. "މިތާ، މި ގޮނޑިތަކުގައި އިށީނދެ ތިބުމަކީ، މިހާރު ދެން، ކަލޭމެންނާ އެކަށީގެންވާ ކަމެއް ނޫނެވެ. ކަލޭމެންނަށް ވުރެ ރަނގަޅު މީހުންނަށް މި ގޮނޑިތައް ހުސްކޮށްފައި ކަލޭމެން ދާންޖެހެއެވެ." [ގައުމުގެ ރައްޔިތުން ތަމްސީލު ކުރަން ތިބެން ޖެހޭނީ އެކަމާ އެކަށީގެންވާ މީހުންނެވެ. އެކަމާ އެކަށީގެންވާ މީހުންނަކީ ކޮބައި ހެއްޔެވެ؟ ގާނޫނުތަކާއި ގަވާއިދުތައް ދަންނަ، އަދި އެއަށް ތެދުވެރިވެ ތިބޭ މީހުންނެވެ. މުޖުތަމައުގެ ފަރުދީ އަދި ޖަމާއީ އަގުތައް ދަންނަ އެ އަގުތަކަށް ހުރުމަތްތެރިކޮށް ހިތާ މީހުންނެވެ. މިފަދަ މަގާމުތަކަށް އެކަށީގެން ނުވާ މީހުންނަކީ ކޮބައި ހެއްޔެވެ؟ ދެންމެ މިނަންގަތް ސިފަތައް ނެތް، އަދި އެހެންވެ، އެކަމަށް ޣައިރު ލާއިގު މީހުންނެވެ. މީސްތަކުންނަށާއި އަދި މުއައްސަސާތަކަށް ދަރާފައިވާ މީހުންނެވެ. ފަރުދުންނާއި ޖަމާއަތަށް ޚިޔާނާތާއި ޣަދަރުގެ އަމަލުތައް ހިންގާފައިވާ މީހުންނެވެ. މިކަންކަން އެނގި ތިބެ، އެފަދަ މީހުން އިންތިޚާބު ކުރާ ރައްޔިތަކީ އެ މީހުންގެ ކިބައިގައި އެއްވެސް ހެވެއް ނެތް، އަދި، ޖަމާއަތަށް ވެސް އެއްވެސް ހެވެއް ނޭދޭ ބަޔެކޭ ބުނެވިދާނެއެވެ. އެ ފަދަ ރައްޔިތަކީ ޒާތީ ތައައްސުބުން ފުރިފައިވާ، ހަމައެކަނި، އެމީހުންގެ އަމިއްލަ މަސްލަހަތުގެ ފަހަތުން ދުވާ، އެ މީހުން ތާއީދުކުރާ މީހުންނަކީ، 'ނިއްދުން ކަމުގައި'- ކުދި އިލާހުންތަކެއް ކަމުގައި- ހަދައިގެން އުޅޭ ބައެކެވެ!] (އޮލިވަރ ކޮރޮމް ވެލް- އިނގިރޭސީ 'ރަމްޕް- [ޕާލިމެންޓުގައި ބާކީތިބި މީހުން] ޕާލިމެންޓާ މުޚާތަބުކޮށް 1654 ގައި ދެއްވި ޚިތާބަކުން ނަގައިފައި)

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.