ބަލަން ފުލުހަކު ނެތީވިއްޔާ ޤަވާޢިދު ފަހަނަޅަން ވީހޭ
ބަލަދުވެރިކަން އަދާކުރަމުން ދަރީން އެމަގަށް ނެރެން ވީހޭ
ހުތުރުހައި ބަސްބަހުން ބަސްބުނެ އެއާމެދު ފަޚުރުވެރިވެ ހަދައި
އުތުރި އަރަމުން ރިވެތި ގޮތްނެތި އުޅޭ ބަޔަކަށް ވެވެން ވީހޭ
އިހަށްވެސް މީސްތަކުން އުޅެފައި ވެޔޭ ހެޔޮ އާދަތައް ލިބިގެން
ކިހައްޑިހަ ޖެހި ހެދުން ހަޑިވާ ގޮތަށް އެއުރެން ވެފައި ވީހޭ
ގަދަރުވެރި އަބުރުވެރި ބަޔަކަށް ނުވާނަމަ އިސް ދޮށީ މީހުން
އަދަށް އެކަމުގެ އަސަރު ނުރަނގަޅު ކުރާނޭގޮތް ހަދަން ވީހޭ
ސިޔާސީ ކަންކަމޭ ބުނެފައި އުޅޭން ރިވެތި ހަމަ ނެތިގޮސް
ނިޔާޔަށް ބޯލަބަން ނުޖެހޭ ބައެއް ކަމުގައި ދެކެން ވީހޭ
އަމިއްލަ ތިމާގެ ވަޠަނަށް ހެޔޮ ގޮތެއް ލޯތްބެއް ނުވާތީ ހިތު
އަމިއްލަ ހަވާ ނަފުސު މައްޗަށް ސަވާރުވެގެން ދުވަން ވީހޭ
ނަފާއެއް އޮންނަ ކޮންމެކަމެއް ބިދޭސީން މުށުތެރަށް ލުމުގައި
ނަފާއެއް ކަތިމަގެއްގައި ވެސް ނެގެންޏާ ޖާގަ ދޭން ވީހޭ
ތިމާގެފުށުން ދިވެހި ދަރިއެއް މަގުން ތެދު ފައި ކަހައިލާނޭ
ދިމާޔަށް ދާނެ ފުރުޞަތުދީ ޅަޖީލެއް ގޯސް ކުރަން ވީހޭ