Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ކައިވެނިކުރުމުގެ ކުރިން 100 މީހުންނާ މަޝްވަރާކުރި މީހާ

އިހުގެ ވާހަކަތަކުގައި އައިސްފައި ވެއެވެ. މީހަކު ބުނިކަމަށެވެ. "ސަތޭކަ މީހުންނާ މަޝްވަރާކުރުމަށް ފަހު މެނުވީ އަހަރެން މީހަކާ ނީންނާނަމެވެ."

ކޮންމެއަކަސް 99 މީހުންނާ އޭނަ މަޝްވަރާކުރިއެވެ. ދެން، އެންމެ ފުރަތަމަ މަގުމަތިން ދިމާވާ މީހާއާ މަޝްވަރާކޮށް 100 މީހުން ހަމަކުރަން އޭނަ ނިންމިއެވެ.

މިގޮތަށް ނިންމައިގެން ހުއްޓާ، މަގުމަތިން އައި މޮޔައަކާ ދިމާވިއެވެ. އޭނާ އައީ ދިގު ދަނޑިއެއް މަތީގައި އިނދެ، އެއީ އޭނަގެ އަސް ކަމުގައި ބަލައި، އެ ދަނޑިއަސް ދުއްވަމުންނެވެ. ދެން، 100 ވަނަ މީހާ ހަމަކުރުމަށްޓަކައި، އެއީ މޮޔައެއް ކަމުގައި ވިޔަސް، ކައިވެނިކުރުމާ ބެހޭ ގޮތުން، އޭނައާ ސުއާލުކުރަން ނިންމިއެވެ.

މޮޔަ މީހާ ކައިރިއަށް ޖެހިލުމުން، އޭނަ ބުންޏެވެ. "އަހަންނާ ކައިރިނުވާށެވެ! އަހަރެންގެ އަސް ކަލޭ ގައިގައި ޖަހާފާނެއެވެ!"

ދެން، ކައިވެނީގެ މަޝްވަރާކުރަން ބޭނުންވި މީހާ ބުންޏެވެ. "ކަލޭގެ އަސް މައިތިރިކުރާށެވެ! އަހަރެން ކަލެއާ ސުއާލެއް ކޮށްލަން ބޭނުމެވެ. އަހަރެން މިހުރީ ސަތޭކަ މީހުންނާ މަޝްވަރާ ކުރުމަށް ފަހު މެނުވީ މީހަކާ ނީންނަން ހުވާކޮށްގެންނެވެ. މިހާރު 99 މީހުންނާ މަޝްވަރާކޮށްފީމެވެ. ދެން، މިއަދު، އަހަރެންގެ ނަފްސަށް އަހަރެން ވައުދުވީ މިއަދު އަހަންނާ ދިމާވާ ފުރަތަމަ މީހާއާ އެކަމާ ބެހޭ ގޮތުން ސުއާލުކޮށް މަޝްވަރާކޮށްލާށެވެ! އެހެންވެ، އަހަރެން ގާތު ކައިވެންޏާ ބެހޭ ގޮތުން އެއްޗެއް ބުނެބަލާށެވެ! ކައިވެނި ކުރުމަށްޓަކާ ފިރިހެނަކު އަންހެނެއް އިޚްތިޔާރު ކުރާނީ ކިހިނެއް ހެއްޔެވެ؟"

މޮޔަމީހާ ބުންޏެވެ. "ކައިވެނީގައި އަންހެނުން ބެހެނީ ތިން ބަޔަކަށެވެ. އެކަކީ އެމީހަކާ އިނުމުން ކަލޭގެ މީހަކަށްވާ އަންހެނާއެވެ. އޭނަ ކަލެއާ އެކުވެ ކަލެއާ އެކުގައި އުޅޭނެއެވެ. އަނެކަކީ އޭނައާ އިނަސް ކަލޭގެ މީހަކަށް ނުވާނޭވާ މީހާއެވެ. އޭނައަށް ކަލެއާ އެކުވެ، ކަލެއާ އެކުގައި އުޅެން އުނދަގޫވާނެއެވެ. ތިން ވަނަ މީހަކީ އެމީހަކާ ކަލޭ އިނަސް، ކަލޭގެ މީހަކަށް ވާނެއޭ ވެސް ނޫނީ ނުވާނޭއޭ ވެސް މިވަގުތު ބުނަން ނޭނގޭ މީހާއެވެ!"

މޮޔަ މީހާގެ ވާހަކަ އަޑުއަހައި، އޭނަ ބުނި އެއްޗަކާ މެދު ވިސްނަން ހުއްޓައި މޮޔަ މީހާ އޭނާގެ "އަހުގައި" ކުރިއަށްދާން ހަރަކާތްތެރިވެގަތެވެ. ނަމަވެސް، ކައިވެނި ކުރަން އެދުނު މީހާއަށް މޮޔަ މީހާގެ ވާހަކަ ރަނގަޅަށް ވިސްނި، ސާފު ނުވުމުން، އަނެއްކާ ވެސް މޮޔަމީހާގެ ފަހަތުން ގޮސް، އޭނާއާ އަރައި ހަމަކޮށްފައި ބުންޏެވެ. "ކަލޭ ބުނި އެއްޗެއް ސާފެއްނުވިއެވެ. ކަލޭގެ ވާހަކަ އަހަންނަށް އިތުރަށް ސާފުކޮށްދޭނު ހެއްޔެވެ؟"

ދެން މޮޔަ މީހާ ބުންޏެވެ. "އެކަނބުލޭގެއާ އިނުމުން، ކަލޭގެ މީހަކަށްވާ ކަނބުލޭގެއަކީ، އަލަށް މީހަކާ އިންނަ ޒުވާން ބިކުރުވެރި އަންހެނާއެވެ. އޭނަ ދެކެ ލޯބިވެ، އޭނައާ ދޭތެރޭ ހެޔޮކޮށް ހިތައިފި ނަމަ، އޭނާ ބުނާނެއެވެ. 'ފިރިހެނުންނަކީ މި ފަދަ ބައެއްތާއެވެ! އޭނައާ އެކުގައި ކަލެއަށް އުޅެވޭނެއެވެ! އޭނައާ ދޭތެރޭ ގޯސްކޮށް ކަންތައްކޮށް، އިހާނެތިކޮށް ހިތައިފި ނަމަ، އޭނަ ދެކޭނީ ފިރިހެނުންނަކީ އެފަދަ ބައެއް ކަމެވެ. އެހެންވެ، ދެން، އޭނައާ އެކުގައި އުފަލުގައި ޒަވާޖީ ހަޔާތެއް ހޭދަކުރަން ކަލެއަށް އުނދަގޫވާނެއެވެ."

"އަހަރެން ބުނި ދެވަނަ ބާވަތުގެ އަންހެނާއަކީ މިއެވެ." މޮޔަ މީހާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. "އެ ކަނބުލޭގެއާ ކަލޭ އިނަސް، ކަލޭގެ މީހަކަށް ނުވާނެ އަންހެނާއެވެ. އެއީ ކުރިން އެހެން މީހެއް ދެކެ ލޯބިވެ، އޭނަގެ އެ ލޯބިވެރޔާއާ އިނދެ، ކުއްޖަކު ލިބި، ކައިވެނި ރޫޅިފައިވާ އަންހެނާއެވެ. އެފަދަ އަންހެނަކާ އިނަސް، އޭނައެއް، ކަލޭގެ މީހަކަށް ނުވާނެއެވެ. އެކަނބުލޭގެ ކަލެއާ އިނުމަށްފަހު، އޭނައާ އޭނަގެ ދަރިފުޅު މައްޗަށް ކަލޭ ޚަރަދުކުރާ ކުރުން ބަލައިގަނެ، ކުރީގެ ފިރިމީހާ މަތިން ހަނދާންކޮށް އޭނަގެ މައްޗަށް ރުއިމުގައި އޭނަގެ ހަޔާތް ވޭތުކޮށްލާނެއެވެ."

"އަހަރެން ބުނި ތިން ވަނަ ބާވަތުގެ އަންހެނާއަކީ އެހެން މީހަކު ދެކެ ލޯބިވެ، އޭނައާ އިނދެ، ނަމަވެސް ކުއްޖަކު ނެތި، ކައިވެނި ރޫޅިފައިވާ ކަނބުލޭގެއެވެ. އޭނައާ ކަލޭ އިނދެފި ނަމަ، އަދި، އޭނަ ދެކެ ލޯބިވެ، އޭނައަށް އިހުސާންތެރި ވެއްޖެ ނަމަ، އެކަނބުލޭގެ ބުނާނެއެވެ. 'ކުރީ ފިރިކަލޭގެއަށް ވުރެ މީނަ މާ ހެޔޮވެފައި ރަނގަޅެވެ.' މިބުނިހެން ކަންތައް ކުރެވިއްޖެ ނަމަ، ކަލޭގެ މީހަކަށް އޭނަ ވެދާނެއެވެ. ނަމަވެސް، އޭނައާ ދޭތެރޭ އިހާނެތިކޮށް ކަންތައް ކޮށްފި ނަމަ، އޭނަ ބުނާނެއެވެ. 'މީނަ ކުރީ މީހާއަށް ވުރެ މާ ބޮޑަށް ވެސް ގޯހެވެ.' މިހެން ކަންތައް ވެއްޖެ ނަމަ، އޭނައާ އެކުގައި ޒަވާޖީ ހަޔާތެއް، އުފަލުގައި، ވޭތުކޮށްލަން އުނދަގޫވާނެއެވެ."

މޮޔަ މީހާގެ ވާހަކަތައް އަޑުއަހައިފައި، އަޅުގަނޑުމެންގެ ބަތަލު ބުންޏެވެ. "ކަލެއަކީ މޮޔަ މީހަކަށް ވިޔަސް، އަދި ކަލޭގެ އަމަލުން މޮޔަ މީހެއްގެ ގޮތް ފެނުނަސް، ކަލޭގެ ވާހަކަތަކަކީ މޮޔަ މީހެއްގެ ވާހަކަތަކެއް ނޫނެވެ. ވަރަށް ވެސް ބުއްދިވެރި މީހެއްގެ އަނގައިން ނޫނީ ނުނިކުންނާނޭ ފަދަ ވާހަކަތަކެކެވެ."

ދެން މޮޔަ މީހާ ބުންޏެވެ. "އަހަރެންގެ ރަށުގެ މީހުން އަހަންނާ ގާޒީކަން މަތިވެރިކުރަން އުޅުމުން، އެކަމާ އަހަރެން އިންކާރު ކުރީމެވެ. ދެންވެސް، އެމީހުން ހުއްޓާނުލައި އަހަންނަށް ގާޒީކަން ދޭންވެގެން އުޅުމުން، އެކަމުން ރެކެން ވެގެން އަހަންނަށް ޖެހުނީ މޮޔަ މީހަކަށް ވާށެވެ!"

އެހެން ބުނެފައި، އޭނަގެ ދަނޑި އަހުގައި، މޮޔަ މީހާ ހިނގައިގަތެވެ!

(ދިވެހިކޮށްލުމެއް)