Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ވިހަން އުޅުނު ފުއްލާ

އެއްދުވަހަކު، ޖަންގައްޔެއްގައި އުޅުނު ފުއްލާއެއް ވިހަންވެގެން، އެކަނި އެކަން ކުރެވޭނެ ހިސާބަކަށް ދިޔައެވެ. ޖަންގަލީގެ ކޯރެއް ކައިރީގައި އޮވެ، ވިހަން ފުއްލާ ނިންމިއެވެ.

އެ ކޯރުގެ ކައިރިއަށް ފުއްލާ ދިޔަތަނާ، އުޑުމަތީގައި ބޯ، ކަޅު ވިލާތައް ގިނަވެ، މުޅި ދުނިޔެ ކަޅުކޮށްލައި، ވިއްސާރަ ހަދާލިއެވެ. އަދި، މާލަސްތަކެއް ނުވެ، ވިދާ ގުގުރަން ފެށިއެވެ. އަދި، ވިދާ ގުގުރުމުގެ ސަބަބުން ފުއްލާ އޮތް ތަނާ މާ ދުރު ނޫން ހިސާބަކަށް ހޮނުއަޅައި އެ ތަނުގައި ރޯވިއެވެ. ދެން، ފުއްލާ، އެހެން ދިމާއަކަށް ދާން ނަޒަރު ހިންގާލި ތަނުން، އެއްކޮޅުން ފެނުނީ ޝިކާރަވެރިއަކު، އޭނާގެ ބަޑި ފުއްލާއާ ދިމާއަށް އަމާޒުކޮށްފައިވާ ތަނެވެ. އަދި، އަނެއްކޮޅުން ބޮޑު ސިންގާއެއް ފުއްލާއާ ދިމާއަށް ފާރަލައިގެން އޮތް ތަނެވެ. އެހެންވެ، ފުއްލާއަށް ފެނި ޔަގީންވީ ހުރިހާ ދިމާއަކުން ނުރައްކާ އޮތް ކަމެވެ. ފިލަންދާނެ އެހެން އެއްވެސް ތަނެއް ނެތް ކަމެވެ.

އެހެންވެ، ފުއްލާ ނިންމީ، ހުރިހާ ހާސްކަމެއް ދޫކޮށްލާފައި، އޭތި ކުރަން އައި ކަމައިގެން ކުރިއަށް ދިޔުމަށެވެ. ވިހެއުމަށް އަމާޒުކޮށް، އޭއްޗަށް ކުރިމަތިވެފައި އޮތް އެހެން، ހުރިހާ ނުރައްކަލެއްގެ މަތިން ހަނދާން ނައްތާލުމަށެވެ.

ކޮންމެއަކަސް، ފުއްލާ ވިހެއުމުގެ ވަގުތު ޖެހި، އެކަން ހިނގަން ފެށިތަނާހެން، ވަރަށް ގަދައަށް ވިދައި ގުގުރައިގަތެވެ. އިއްތިފާގަކުން، އެ ވަގުތު ދިމާވީ ޝިކާރަވެރިޔާ ވެސް އޭނާގެ ބަޑީގެ ވަޒަން ފުއްލާއާ ދިމާއަށް ދޫކޮށްލި ވަގުތާއި ސިންގާ ވެސް ފުއްލާ ޝިކާރަ ކުރުމަށްޓަކައި ފުއްލާއާ ދިމާއަށް ދުއްވައިގެން ވަގުތާއެވެ. ދެން، ކަންތައްވީ ކިހިނެއް ހެއްޔެވެ؟ ވިދުވަރުގެ ގަދަ އަލި، ފުއްލާ ޝިކާރަކުރުމަށް ބަޑިޖަހަން އޮތް މީހާގެ ލޮލަށް އެޅުނީއެވެ. އަދި، އެކަމުގެ ސަބަބުން، ބަޑީގެ އަމާޒު ގެއްލި، ބަޑީގެ ވަޒަން، ސިންގާއަށް އަމާޒުވެ، ސިންގާ މަރުވީއެވެ. އަދި، ބޯކޮށް ވާރޭވެހެން ފަށައި، އެކަމުގެ ސަބަބުން، ޖަންގަލީގައި ރޯވެފައި އޮތް އަލިފާންގަނޑު ނިވުނެވެ. އަދި، ވިއްސާރައިން ސަލާމަތްވުމަށްޓަކައި އެ ދުވަހުގެ ޝިކާރުކުރުން ނިންމާލާފައި ޝިކާރަވެރިޔާ ވެސް އަވަހަށް އޭނާގެ ގެއަށް ދާން ދުއްވައިގަތެވެ. ދެން، ހަމަޖެހިލައިގެން ފުއްލާ އޭތީގެ ދަރި އުފަން ކުރިއެވެ.

އާދެ! ފުއްލާގެ މި ވާހަކައިން ލިބިދޭ އިބުރަތަކީ ކޮބާ ހެއްޔެވެ؟ ހަޔާތުގެ ދަތުރުގައި، ތިމާގެ ހަޔާތުގެ އަމާޒާ ދިމާއަށް ދަތުރުކުރަމުންދާއިރު، ހުރިހާ ދިމާއަކުން ހުރަސްތަކާއި ނުރައްކާތައް ކުރިމަތިވެ، އެއްވެސް ގޮތަކަށް ކުރިއަށް ނުދެވިދާނޭ ކަމުގެ ބިރު އިހުސާސުވާ ވަގުތު އާދެއެވެ. އެފަދަ ވަގުތުތަކުގައި، ފުއްލާ ކަންތައް ކުރި ފަދައިން، ވަށާލައިފައި އޮތް ހުރިހާ ނުރައްކަލެއްގެ މަތިން ހަނދާންނައްތާލައި، އެއްވެސް ދުލެއް ނުދީ، ހިއްވަރު އެލުވާނުލައި، ތިމާ ކުރަމުން ގެންދާ ކަމުގެ މައްޗަށް ތިމާގެ މުޅި އަމާޒު ހުއްޓާލައި، މާތްﷲއާ ވަކީލުކޮށްފައި، އެކަމައިގެން ކުރިއަށްދާންވީއެވެ. އެފަދައިން ކަންތައް ކުރެވިއްޖެ ނަމަ، ފުއްލާއަށް ކަންތައް މެދުވެރިވި ފަދައިން، ތިމާއަށް ކުރިމަތިވި ނުރައްކާތަކާއި ހުރަސްތައް ގުދުރަތީ ބާރުތައް މެދުވެރިކޮށް ނެތިގެންދެއެވެެ.