މިހިނދުގައި ހުއްޓިލާފައިވީ އެނބުރި ފަހަތަށް ބަލައިލާށޭ
ދިހިން މޮހިފައިވި ހުރިހައި ދިހި އަލުން ފަރުމާނު އައްސާށޭ
ޖެހުނު ކޮޅިކޮޅިގަނޑާ ޠޫފާން ތަކުން ޢިބްރަތް ނިކަން ލިބިގެން
ފެހުނު ރޯޅީގެ ފަހިވައިގައި ދުވާނެ ގޮތެއް ބަލައިލާށޭ
އިރުންފޮނުވައިލި އަލި ދޯދިން ހަނދާ ތަރިތައް ވިދާ ވިދުމުން
ހިރުން ފަލަކީ ވަޒަން ކޮށްގެން ދެވޭ މިޞްރާބު ހޯދާށޭ
އޮޔާ ވައިވަރުގެ ބާވަތްތައް މޮޅަށް ދަސްކޮށް އޮޅުން ފިލުވައި
ފޮޔާ މޫސުން ބަދަލުވާ ގޮތް އެނގޭ ކެޔޮޅުން ކަމަށްވާށޭ
އަރަން ޖެހުނަސް ފަރެއްގެ މަތީން އުޅަނދު ދީލައިނުލައި ދިއުމަށް
އަރަން ފައްޔަށް ކެރޭ ފިސަހަރި ބައެއް ކަމުގައި ވެގެންވާށޭ
ރިޔާ ތަތްލާ އިރުން ކުނބުގައި ހިނދޭ ހިނދު ރޯޅިފަށް އެކުގައި
ކިޔާފައި ފަލިޖަހާ އަންބާ ކިޔަން ހުޝިޔާރުގައި ވާށޭ
ނުކުމެ ވަނުމަށް ކަނޑާފައިވާ ނެރުގެ ފައިކަށްޓަކަށް ނާރާ
އުކުޅުތައް ދަންނަ މޮޅު ކެޔޮޅުން ނުލައި ވަދެ ނުކުމެ ނަހަދާށޭ