Support Us

ކޮލަމް: ދިނަށަ

ހިޖްރީ އައު އަހަރެެއްގެ ފެށުން މާދަމާ

ޒަމާން އެނބުރެމުންދާ ދިއުމުގެ ތެރެއިން ހިޖްރީ ސަނަތުން 1445 ވަނަ އަހަރު ފެށޭ ހިނދަށް ފަލަކީ ނަޒަރުން ފާރަވެރިވެ ބަލާބެލުމުގެ ހަމަތަކުން ބަލާއިރު، ކަރުކަށަ (ސަރުތޯނު/ ކެންސަރ) ރާހީގެ ފުސް ނަކަތުގެ 7 ދަރަޖަ 48 ދަގީގުގައި މާލޭ ގަޑިން ރޭ 11:32 ގައި އިރާއި ހަނދު "އެއްއުއި"ވިއެވެ.

އެހެން އެކަން ހިނގުމުން، ހިޖްރީ އައު މައްސަރު ފެށޭގޮތް ބަލާ އިސްލާމީ އުޞޫލަށް ނަޒަރު ކުރާއިރު، އެ އެއްއުއިވި ވަގުތަކީ ހިނގަމުންދިޔަ ދުވަސްކަމުގައިވި، ޖުލައި 17 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ފަހުގެ ވަގުތެއް ކަމަށް ވުމުން ޖެހިގެން އަންނަ ދުވަހަކީ، ހިނގަމުންދާ މަހުގެ ފަހު ދުވަސް ކަމަށް ބަލާން ޖެހޭތީ، ހިޖްރީ އައު އަހަރެއް ކަމަށްވާ 1445 ވަނަ އަހަރުގެ މުޙައްރަމް މަހުގެ ފުރަތަމަ ދުވަހަކަށްވާނީ މާދަމާ، ޖުލައި 19 ވަނަ ދުވަސްކަމަށް ރާއްޖޭގެ ކަލަންޑަރުގައި އޮތް އޮތުން ސީދާވެއެވެ.

އިއްޔެ އިރަށްވުރެ 9 މިނެޓް ކުރިން، 6:13 ގައި ހަނދު އޮއްސުނުކަމުގައި ވިޔަސް މިއަދު މާލެއަށް ހަނދު އޮއްސޭނީ އިރުއޮއްސޭ ވަގުތު ކަމުގައިވާ 6:22 ގެ ފަހުން، 7:02 ގައެވެ. މިރޭ ހަނދު ހިނގަމުންދާނީ އޭގެ މަންޒިލް ކަމުގައިވާ އަހުލިހަ ނަކަތުގައެވެ.

އިސްލާމީ ތާރީޚުގައި ހިޖުރީ އަހަރު ގުނަން ފަށައިފައި ވަނީ، މުޝްރިކުން އެކަލޭގެފާނު ގަތުލްކޮށްލަން ރޭވުމުން، ކީރިތި ރަސޫލާ ﷺ މައްކާ ދޫކުރައްވައި، މަދީނާއަށް ކުރެއްވި ހިޖުރައާ ގުޅިގެންނެވެ.

މި ފެށޭ ހިޖްރީ އައު އަހަރަކީ، އިސްލާމީ އުއްމަތް އެއްބައިވަންތަ ބަޔަކަށް ވެގެން އަންނަ، ފާގަތި، ނަޞްރުވެރި އަހަރެއް ކަކުގައި ލެއްވެވުން އެދި ކީރިތި الله سبحانه وتعالى ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމާއެކު އެންމެހައި މުސްލިމުންނަށް ހިޖްރީ އައު އަހަރުގެ ތަހުނިޔާ އާއި މުބާރަކް ބާދީ ދަންނަވަމެވެ.