Support Us

ކޮލަމް ކޯދު: ގާނޫނު ކިޔަވައިދެއްވާ އުސްތާޒުގެ ފިލާވަޅެއް ބުނެދޭ ވާހަކައެއް

ގާނޫނު ކިޔަވައިދެއްވާ އުސްތާޒު ކިލާހަށް ވަންނަވާފައި ސަލާން ގޮވާލެއްވިއެވެ. ކުދިން ސަލާން ބަލައިގަތުމުން، ކިލާހުގެ ފުރަތަމަ ސަފުގައި އިން ކުއްޖެއް ކުރެން އޭނާގެ ނަން އެހިއެވެ. ދެން، އޭނާ ޖަވާބު ދިނުމުން، އުސްތާޒު ނުރުހުންވެ، އެއްވެސް ސަބަބަކާ ނުލައި އެ ކުއްޖާ ކިލާހުން ބޭރުވާން އަމުރުކުރެއްވިއެވެ. ދެން، އޭނާގެ އަމިއްލަ ނަފްސު ދިފާއުކުރަން ފުރުސަތެއް ލިބޭތޯ އޭނާ މަސައްކަތްކުރިއެވެ. ނަމަވެސް އުސްތާޒު ކުރުނުކުރެއްވުމުން، އުސްތާޒުގެ އަމުރަށް ކިޔަމަންވެ، ހިތްހަމަނުޖެހި ހުރެވެސް، އެކުއްޖާ ކިލާހުން ނިކުތެވެ.

ދެން، އުސްތާޒު ދުވަހުގެ ފިލާވަޅު ފެއްޓެވިއެވެ. އަދި، ކުދިންގެ ކުރިމައްޗަށް ސުއާލެއް ހުށަހަޅާލިއެވެ. "ގާނޫނުތަކާއި ގަވާއިދުތައް ހެދުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟"

އެ ސުއާލުގެ ޖަވާބުގައި އެއް ކުއްޖަކު ބުންޏެވެ: "މީސްތަކުންގެ އަމަލުތައް ވަކި ހަމަތަކެއްގެ މަތީގައި ބެހެއްޓުމަށްޓަކައެވެ."

އެހެން ކުއްޖަކު ބުންޏެވެ: "މުޖުތަމައުގެ ކަންތައްތައް އިންޒާމުކޮށް މުޖުތަމައުގައި ހަމަ ގާއިމުކުރުމަށްޓަކައެވެ."

ތިން ވަނަ ކުއްޖަކު ބުންޏެވެ: "ގާނޫނުތަކާއި ގަވާއިދުތައް މުޖުތަމައުގައި ހިންގާލުމަށެވެ."

އަދި ހަތަރު ވަނަ ކުއްޖަކު ބުންޏެވެ: "ނިކަމެތި މީހާގެ ހައްގުތަކަށް ގަދަފަދަ ބާރުގަދަ މީހާ އަރައިގަތަ ނުދޭށެވެ."

ދެން އުސްތާޒު ވިދާޅުވިއެވެ. "ތި ހުރިހާ ޖަވާބުތަކުގައި ވެސް ހަމަ ރަނގަޅެވެ. ނަމަވެސް އަދި ނުފުދެއެވެ."

ދެން އެހެން ކުއްޖަކު ބުންޏެވެ: "އަދުލުވެރިކަން ގާއިމުވެ، އަދުލުވެރިކަމަށް ގަދަކަން ލިބިފައި އޮތުމެވެ."

"ޖަވާބު ވަރަށް ރަނގެވެ." އުސްތާޒު ވިދާޅުވިއެވެ. އަދި އެކުއްޖާ ކުރެން އިތުރަށް އެއްސެވިއެވެ. "އަދުލުވެރިކަން ގާއިމުވެ، އަދުލުވެރިކަމަށް ގަދަކަން ލިބެންވީ ކީއްވެ ހެއްޔެވެ؟"

ޖަވާބުގައި އެކުއްޖާ ބުންޏެވެ: "އެންމެންގެ ހައްގުތައް ރައްކާތެރިކޮށް އެކަކަށް ވެސް އަނިޔާ ލިބުން ނެތިކޮށްލުމަށްޓަކައެވެ!"

ދެން، އުސްތާޒު ވިދާޅުވިއެވެ. "އެއްވެސް ޖެހިލުމެއް ނެތި، ތެދުވެރިކަމާއެކު ނިކަން ބުނެބަލާށެވެ! ކަލޭމެންގެ ޒަމީލު ކިލާހުން އަހަރެން ބޭރަށް ލުން އެއީ އޭނާއަށް ވެވުނު އަނިޔާއެއް ހެއްޔެވެ؟"

ދެން ހުރިހާ ކުދިން އެއް އަޑަކުން ބުންޏެވެ: "އާދޭހެވެ! އެއީ އުސްތާޒު އޭނާއަށް ކުރެއްވި އަނިޔާއެކެވެ!"

ދެން އުސްތާޒު ކޯފާ އިސްކުރައްވާފައި ވިދާޅުވިއެވެ. "އެހެން ކަމަށްވީއިރު ކަލޭމެންގެ ތެރެއިން އެކަކުވެސް އެކަމާ ދެކޮޅު ނުހެދީ ކީއްވެ ހެއްޔެވެ؟ ކަލޭމެންގެ ކުރިމަތީގައި މީހަކަށް އަނިޔާ ލިބެމުން ދިޔައިރު، އަނގައިން ނުބުނެ، ހަނު ތިބީ ކީއްވެ ހެއްޔެވެ؟ ކަލޭމެން ކުރިމަތީ މީސްތަކުންނަށް އަނިޔާ ލިބެމުންދާއިރު، އަދި، އެއީ އަނިޔާކަން ކަލޭމެންނަށް އެނގޭއިރު، އެކަމާ އެއްޗެއް ނުބުނާ ނަމަ، އަނިޔާކުރުން ހުއްޓައި، އަދުލު އިންސާފު ގާއިމުކުރެވޭނީ ކިހިނެއް ހެއްޔެވެ؟ އަނިޔާ ލިބެމުން ދާއިރު، ކަލޭމެން އެއްޗެއް ނުބުނެ ހަނު ތިބުމުން، އަނިޔާކުރާ މީހާއަށް އޭނާ އަނިޔާކުރުމަށް އިތުރު ހިއްވަރު ލިބޭނެއެވެ."

ދެެން އުސްތާޒު ކިލާހުން ބޭރަށް ލެއްވި ކުއްޖާ ގެންނަވައި، އެންމެންގެ ކުރިމަތީ އޭނާގެ ކިބައިން މާފަށް އެދުނެވެ. އަދިވެސް، ހަނދާންކޮށް ދެއްވިއެވެ. އެކަކަށް ވެސް އަނިޔާ ލިބެމުންދާއިރު އަދި އެކަން އެނގޭ އިރު، ހަނު ހުރެގެން ނުވާނެއެވެ. އެކަމާ މެދު، ނުރުހުން ފާޅުކޮށް ކޮންމެ ވެސް އެއްޗެއް ބުނުމަކީ ކަލޭމެންގެ ދީނީ ވާޖިބެއް ފަދަ ކަމެކެވެ! މިއަދުގެ ފިލާވަޅު މިހިސާބުން ނިމުނީއެވެ!"

އާދެ، މި ފިލާވަޅު ބުނެދޭ ވާހަކައަކީ ކޮބައި ހެއްޔެވެ؟ އަނިޔާ ލިބެމުން ދާއިރު، އެއީ ތިމަންމެންނާ ބެހޭ ކަމެކޭ ބުނެ، އަޅާ ނުލާ ތިބެއްޖެ ނަމަ، އާޚިރުގައި އޭގެ ހިތި ނަތީޖާ އެންމެންވެސް ބަރުދާސްތުކުރަން ޖެހޭނެ ވާހަކައެވެ. މީހެއްގެ ކިބައިގައި ނިފާގުކަމާއި އެއްވެސް އިޚުލާސްތެރިކަމެއް ނެތްކަން އެނގި ފާޅުވެގެންދާއިރު އެފަދަ މީހުންނަށް ތާއީދުކުރަން ހެޔޮވާނެ ހެއްޔެވެ؟ މިސާލެއްގެ ގޮތުން މިކަން ހިތަށް ގެންނާށެވެ! ހަމަ އެއްކަހަލަ ބަދުއަޚުލާގީ އަމަލު ހިންގާލާތަން ދެއްކުވި ވީޑިޔޯއެކެވެ. ފުރަތަމަ ވީޑިޔޯއިން ފެނުނީ ތިމާގެ ޚަސްމެއް ކަމަށް ވުމުން އެ ފެންނަ މަންޒަރަކީ ހައްގު ތެދުކަމުގައި ހަދާލިއެވެ. ދެން، ފަހުން ފެނުނު ވީޑިޔޯގައި ޝާމިލު ވަނީ ތިމާގެ ގާތް މީހެއް ކަމަށް ވުމުން، އެއީ އަމިއްލަ ޒާތީ ކަމަކަށް ހަދާލައި އެއީ ހަގީގަތެއް ނޫން ކަމުގައި ވެސް ހަމަ އެ ދުލުން ކަނޑައަޅާލިއެވެ. ވޯޓުގެ ދުވަސްވަރު، ތިމާގެ ޚަސްމުންގެ ބޮލުގައި ބަދުއަޚުލާގީ ހުތުރު އަމަލުތައް އަޅުވައި އެއީ ހަގީގަތް ކަމުގައި ބުނެ ހަދާފައި، ތިމާގެ ގާތް މީހާގެ މައްޗަށް ހަމަ އެ ނުބައި ފާހިސް އަމަލު ތުހުމަތު ކުރެވުމުން، އެ އަމަލަކީ އެންމެ ކުޑަވެގެން ހުތުރު ފާހިޝް އަމަލަކަށް ވެސް ނުވިއެވެ. މިފަދަ މުނާފިގު، އެއްވެސް އިޚުލާސްތެރިކަމެއް ނެތް ދޫތަކުގެ ސަބަބުން، މިނިވަންކަން ގެއްލި، އަޅުވެތިވުމާ ކައިރިވަމުން ދާއިރު، އެފަދަ މީހުންނަށް ތާއީދުކޮށް، އެފަދަ މީހުން ކިޔާހާ އެއްޗަކަށް އާނބަސް ބުނެ، އިދިކޮޅަށް އެއްވެސް އެއްޗެއް ނުބުނެ، އަޅާނުލާ ތިބުން ހެޔޮވާނެ ހެއްޔެވެ؟ ތަނުގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ބޭރު މީސްމީހުން ވަދެ، ހުރިހާ ކަމަކަށް އެމީހުން އަތްގަދަކޮށް، ތަނުގެ މީހުން ތަމްސީލުކުރުމަށް އެމީހުންގެ މީހުން ބޭތިއްބުމަކީ އެންމެ ރަނގަޅުކަމަކަށްވެ، ދެން، ތަނުގެ ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފު ނުވެ، މިފަދަ ކަންކަމާ ދެކޮޅު ހަދައި އެއްޗެއް ބުނުމުން، އެ ބުނާ މީހަކާއި އަދި އެފަދަ ލިޔުން ލިޔާ ނޫސްތަކާ މެދު ފިޔަވަޅު އަޅަން އަމަރުކުރަމުން ދާއިރު މިކަން ދޭހެކޮށްދެނީ ކޮން ކަމެއް ހެއްޔެވެ؟ ތަނުގެ ސިޔާދަތާއި މިނިވަންކަން ގެއްލެމުންދާ ތަނެވެ. އަދި، ތަނުގެ ބަޔަކު މިކަމަށް މަގުފަހި ކޮށްދޭ ކަމެވެ. މިަކަންކަން ކުރިމަތިން ފެންނަމުންދާއިރު، އެއްވެސް އެއްޗެއް ނުބުނެ، ހަނުހުރުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟ އެވާނީ އަނިޔާ ދިނުމާއި ޚިޔާނަތުގައި ބައިވެރިވުން ނޫން ހެއްޔެވެ؟ އެފަދަ އަނިޔާއާއި ޚިޔާނަތުގެ އަމަލުތަކުގައި ބައިވެރިވާން ބޭނުން ނޫން ނަމަ، ގާނޫނުގެ އުސްތާޒު ވިދާޅުވިފަދައިން، އެއްޗެެއް ނުބުނެ، ތިބެގެން ނުވާނެއެވެ. އެކަމާ ނުރުހުން ފާޅުކޮށް، އެންމެ ކުޑަ މިނުން، އަޑުގަދަ ކުރަންވާނެއެވެ!