Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- އިބިލީހުގެ ލަފާ

ކުށުގެ އެތައް އިލްޒާމުތަކެއް އޭނާގެ ބޮލުގައި އެޅިފައިވާ މުޖުރިމު ކަލޭގެ، އެނދުމަތީ އޮށޯވެލައިގެން އޮތެވެ. އޭނާގެ ކުށުގެ ހަޔާތުގެ މައްޗަށް ފިކުރުކޮށްލަކޮށްލައެވެ. އޭނަގެ މައްޗަށް ތުހުމަތުވާ، މީހަކު މެރި ކަމުގެ މައްސަލައެއް ތަހުގީގުކުރެވި ޝަރިއަތަށް ހުށައެޅި، އެކަން ސާބިތުވެއްޖެ ނަމަ، ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަތުވެދާނެތީ އެކަމުގެ ފިކުރުގައެވެ. އެކަނި އޮވެ، ކަންކަމާ ފިކުރު ކޮށްލާނޭ ވަގުތު މިރޭ އެބަ އޮތެވެ. އޭނާ ހިތާހިތާ ބުންޏެވެ. އިތުރު ކުށަކަށް އަރައިގަންނަން މިރޭ ބޭރަށް ދިޔުން ބުއްދިވެރި ނޫންވީމައެވެ. ކޮންމެއަކަސް، އޭނާގެ ކުށުގެ މާޒީ އޭނާ ހަނދާންކޮށްލިއެވެ.

އޭނާގެ ކުށުގެ ދިގު ސަފުހާތަކުގައި މީހަކު މަރާލިކަމާއި އަދި މީހަކު މެރިކަމުގެ މައުލޫމާތު އެނގެ ހުރެ އަންގަން ޖެހޭ ރަސްމީ ފަރާތަށް ނާންގާ ހުރުން ވެސް އޭނާ ފާހަގަކޮށްލި އެވެ. މިއީ އޭނާގެ ކުށުގެ 'އުސް އައްޔެވެ'. ފަޚުރުވެރިވުން ހައްގު ކަމެކެވެ. މީހުން މެރުމަކީ ނުވަތަ އެކަމުގައި ބައިވެރިވެލެވުމަކީ އާދައިގެ މީހުންނަށް ކުރެވޭނޭ ކަމެއް ނޫންވީމައެވެ. އެކަން ކުރެވޭނީ 'ގަދަ' މީހުންނަށެވެ. ހަމަ ހަގީގަތުގައި ވެސް ބަތަލުންނަށެވެ. ނަމަވެސް، އެވާހަކައިގެ ތަފްސީލަށް ދާކަށް އޭނަ ބޭނުމެއް ނުވެއެވެ. ހިތާހިތާ ވެސް، ހަގީގަތުގައި ކަން ހިނގި ގޮތުގެ ވާހަކަ ދައްކާކަށް، އޭނާ ބޭނުމެއް ނުވެއެވެ. އެކަން ނިމި ހިނގައްޖެއެވެ. އެހެންވެ، ހިތަށް ވެސް އެކަން ސިއްރުކޮށްފައި ބޭއްވުން ބުއްދިވެރިއެވެ.

ދެން މަރާމާރީގެ މައްސަލަތަކެވެ. މީސްމީހުންނަށް ހަމަލާދީ އަނިޔާކުރި މައްސަލަތަކެވެ. ޖިންސީ ގޯނާގެ މައްސަލަތަކެވެ. އަދި، ކުޑަކޮށް، ބުއްދިފިލާ ދިޔަ ވަގުތެއްގައި، ފޮނިކަނޑާލުމުގެ ގޮތުން، ނޭނގި ނަމަވެސް، އެކަމަށް އިއުތިރާފުވެ ޓުވީޓުކުރެވުނު ކަމެވެ. އަދި، އޭގެ ކުރިން ވެސް، މީހާގެ މުހިއްމުކަމާއި ހައިބަތު ދައްކާލުމުގެ ގޮތުން، އެކި ކަހަލަ 'ގަދަ’ކަންތައްތައް- އެއް ބަޔެއް މާނަކުރާ ގޮތުގައި ދަށުދަރަޖައިގެ ބޮޑެތި ޖަރީމާތައް- ކުރިކަމުގެ ވާހަކަތައް، ބޭރުގެ ބައެއް ނޫސްތަކަށް ދީފައި ވެސް ވެއެވެ. އަދުގެ ހަރުދަނާ ޕާޓީގެ ޑިމޮކުރަސީގެ އަދުލު އިންސާފުގެ ނިޒާމުގެ ދަށުން މިއީ މާ ބޮޑެތި މައްސަލަތަކަކަށް ނުވެއެވެ.

ނަމަވެސް، އެންމެ ފަހުން ކުރެވުނު ޖިންސީ ގޯނާގެ މައްސަލައިގެ ސަބަބުން، އެކަމުން ރެކިނުގަނެވިދާނެތީ އެކަމާ ފިކުރު ކުރެވެނީއެވެ. އެއީ އެކަން ގޯސްކަމަކަށްވާތީ އެއް ނޫނެވެ. އެބާވަތުގެ މާ ގިނަ މައްސަލަތައް އެއްފަހަރާ ފެންމަތިވެގެން އުޅޭ ދުވަސްވަރަކަށް ވާތީއެވެ. އެހެންވެ، އެކަން އޮއްބާލަން ތަންކޮޅެއް އުނދަގޫވެދާނެތީއެވެ. ކޮންމެއަކަސް މިފިކުރެއްގައި އޮއްވައި ލޯ މެރި، ނިދިއްޖެއެވެ.

ނިދީގައި އޭނައަށް ވަރަށް އާދަޔާ ޚިލާފު ހުވަފެނެއް ފެނުނެވެ. ހުވަފެނުން އޭނައަށް ފެންނަނީ އިބިލީހެވެ. އެއީ އިބިލީސްކަން އޭނާއަށް ޔަގީންވިއެވެ. ކުލައާއި ލޮލާއި ދަޅަށް ބަލައިލުމުންނެވެ. އެހެންނޫނަސް، އިބިލީހުގެ އަމަލުކުރާ އިބިލީހުގެ އައުވާނުންނަށް އިބިލީސް ހުވަފެނުން ފެނުން އެއީ ދުރު ކަމަކަށްވާކަށް ނުޖެހޭ ނޫން ހެއްޔެވެ؟

ކޮންމެއަކަސް، އިބިލީސް އޭނަ ގާތު ބުންޏެވެ. "މިއަދު މާ ކަންބޮޑުވެފައި ތި އޮތީ ކީއްވެގެން ހެއްޔެވެ؟" ދެން، އޭނާގެ ހިތުގެ އުދާސްތަކުގެ ވާހަކަތައް އިބިލީހަށް ކިޔައިދިނެވެ. އިބިލީހުގެ ގާތު އޭނާގެ ކަންބޮޑުވުންތައް ސާފުކޮށް ބަޔާންކޮށްދިނެވެ. ބޮޑެތި ޖަރީމާތަކުގެ ތުހުމަތު އޭނާގެ ބޮލުގައި އެޅި، އޭނާ ކުށްވެރިވެދާނެ ކަމުގެ ބީރު ހީވާކަމުގެ ވާހަކަ، ވަރަށް ކަންބޮޑުވެ ހުރެ، އިބިލީސް ގާތު އޭނާ ބުންޏެވެ.

އިބިލީސް އެއްޗެއް ނުބުނެ، ހިނދިކޮޅަކު މަޑުން އިނދެފައި ބުންޏެވެ. ތިއީ އެއްވެސް ކަމެއް ނޫނެވެ. ކުށްވެރިވެ، ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ކަލެއަކަށް އަދި ނުކުރެވެއެވެ. ތިކަމުގެ ހައްލު އަހަރެން ބުނެދީފާނަމެވެ. "ކަލޭގެ ފުރާނައާއި ހަށިގަނޑު އަހަރެންގެ ޕާޓީއާ ހަވާލުކުރާށެވެ. އެއަށްފަހު، އެއްވެސް ކަމަކާ ކަލޭގެ އަމިއްލަ ވިސްނުން ބޭނުންކޮށްގެން ނުވާނެއެވެ. ކަލޭ ކުރަން ޖެހޭނެހާ ވެސް ކަމަކީ އަހަރެން ކިޔާހާ އެއްޗަކާ އެއްބަސްވެފައި، އަތްޖެހުމެވެ. އަދި، އިތުރު ދިހަ މީހުންގެ ފުރާނައާއި ހަށިގަނޑު ވެސް އަހަރެންގެ ޕާޓީއަށް ގެނައުމެވެ. ދެން، ކަލެއަށް ނުރަނގަޅު ކަމެއް ކުރެވިފައި އޮވެއްޖެ ނަމަ އެކަމަށް މާފަށް އެދި ސިޓީއެއް ލިޔުމުން، ހުރިހާ ކަމެއް ހަމަޖެހޭނެއެވެ. ކަލޭގެ އިސްވެ ދިޔަ ޖަރީމާތަކާއި އަދި ކުރިއަށް އޮތް ތާނގައި ކަލޭ ކޮށްފާނޭ ޖަރީމާތަކުގެ ކަންތައް ވެސް ފޮހެވި، އެކަމުގެ ކުށުން ބަރީއަވީއެވެ. މީގެ އިތުރުން، މަ ބުނި ގޮތަށް ކަންތައް ކޮށްފި ނަމަ، ކަލެއަށާއި ކަލޭ ގެންނަ މީހުންނަށް ބޮޑެތި ބޮޑެތި ވަޒީފާތައް އަހަރެން ދޭނަމެވެ."

އިބިލީހުގެ ވާހަކަތައް އަޑު އަހާފައި މުޖުރިމު ކަލޭގެއަށް، އެ ވާހަކަތައް ގަބޫލުކުރަން ދަތިވެގެން އިބިލީސް ގާތު ބުންޏެވެ. "އެއީ ކިހިނެއް ވާނޭ ކަމެއް ހެއްޔެވެ؟ ޕާޓީއާ ގުޅުމުން، އަހަރެންގެ ހުރިހާ ކުށެއް ފޮހެވި، އަހަރެން ސާފު ހުދު ކަފަކޮޅަކަށް ހަމަ ވެދާނެ ހެއްޔެވެ؟" ދެން، ޖަވާބުގައި، އިބިލީސް ބުންޏެވެ. "އެއީ މިހާރު އަހަރެން ހިންގާ ޕާޓީ ގަވާއިދުގައި ކަންތައް އޮންނަ ގޮތެވެ. އަހަރެންގެ ޕާޓީގެ މީހަކު، ޔައުނީ، އިބިލީހުގެ ޕާޓީގެ މީހަކު، ކުށެއް ކޮށްފި ނަމަ، ޕާޓީގެ ކުލަ ޖައްސާލުމުން، ކުށުގެ ކަޅުކުލަ ފޮރުވާލެވޭނެއެވެ. ދާދި ފަހުން ވެސް، އެ ގޮތަށް ކުލަ ޖައްސާލެވިގެން، އަހަރުމެންގެ މީސްމީހުންނަށް މާފުދެވުނު ނޫން ހެއްޔެވެ؟ ޚަބަރުތައް ކިޔާލީމާ އޭގެ ތަފްސީލު ފެންނާނެއެވެ. ކޯޓުގެ ހުރުމަތް ނަގާލި މީހުން ފެށިގެން މީހުން މެރިކަމުގެ ތުހުމަތުގައިވާ މީހުން ވެސް މިނިވަންވީ މީހުންގެ ތެރޭގައި ހިމެނޭނެއެވެ. އެ މީހުން ސަލާމަތްވާ އިރު، ކަލޭ ސަލާމަތް ނުވާންވި ސަބަބެއް ނެތެވެ. ކޮންމެއަކަސް، ދެން، މާ ވާހަކަ ދިގުކުރަން ނުހަދާ މަ ބުނި ގޮތަށް ކަންތައްކުރާށެވެ. ކަލެއާ އަދި އިތުރު ދިހަ މީހުން އިބިލީހުގެ ޕާޓީ އާ ގުޅުވައިދޭށެވެ. އޭރުން އަހަރެން، އިބިލީސް، ކަލޭގެ މައްސަލަ ހައްލުކޮށްދޭނަމެވެ."

އިބިލީސް ގާތު، ދެން، މުޖުރިމުކަލޭގެ ބުންޏެވެ. "އެންމެ ރަނގަޅެވެ. ކަލޭގެ ޕާޓީއާ އަހަރެން ގުޅިފާނަމެވެ. ނަމަވެސް، އަދި އެއް ސުއާލު އެބަ އޮތެވެ. މިހެން ކަންތައް ކުރުމުން މީހުން ބުނާނީ ކީކޭ ހެއްޔެވެ؟"

ޖަވާބުގައި އިބިލީސް ބުންޏެވެ. "ގިނަ މީހުން އަޅައެއް ނުލާނެއެވެ. މަދު ބަޔަކު ދެ ދުވަހަކު އެ ވާހަކަދައްކާލައިފައި ހުއްޓާލާނެއެވެ. އެ ވާހަކަ ދައްކާ މީހުން ވެސް އެ ވާހަކަ ދައްކާނީ އެކަން ގޯސްވެގެންނެއް ނޫނެވެ. އެމީހުންނަށް އެކަން އެގޮތަށް ކޮށް، ފައިދާ ނެގުމުގެ ފުރުސަތު، މިވަގުތު، އެ މީހުންނަށް ލިބިފައި ނެތީމައެވެ. އެ ފުރުސަތު އެމީހުންނަށް ލިބިއްޖެ ނަމަ، އެމީހުން ވެސް ކަންތައް ކުރާނީ ހަމަ މިހެންނެވެ. ދެން، ކަންތައް ކުރާނޭ ގޮތް ކަލެއަށް ވެސް އެނގޭ ނޫން ހެއްޔެވެ؟ ދެކޮޅު ހަދާ މަދު ބަޔަކުގެ އަޑު މައިތިރިކޮށްލަން ކުރެވޭނޭ ކަންކަން ހުންނާނެއެވެ. އެކަން ތަހުގީގު ކުރާ ވާހަކަ ބުނެލާނީއެވެ. އިޒުރޭލުގައި ފަލަސްތީނު މީހުން މަރާފައިވެސް އެކަހަލަ އިއުލާނު ކުރޭނޫން ހެއްޔެވެ؟ ދެން މާ ބޮޑުވަރު ވެއްޖިއްޔާ ކޮމިޝަނެއް އެކުލަވާލެވިދާނެއެވެ. އޭރުން ހުރިހާ ކަމެއް ނިމޭނެއެވެ. ދުވަސްކޮޅެއް ކޮށްލާފައި، ކޮމިޓީތައް ހިންގަން މާ ބޮޑެތި ޚަރަދު ހިނގަނީއޭ ކިޔާފައި ކޮމިޓީތައް އުވާލީމާ ނިމުނީއެވެ. މީގެ ފަސްވަރަކަށް އަހަރު ކުރިން މަރުތައް ތަހުގީގުކުރަން އުޅުނު ގޮތާއި އެކަންތައް މިހާރު ވެފަައި އޮތް ގޮތް އެނގޭނޫން ހެއްޔެވެ؟ އެކަމަށް ހައްލެއް ހޯދުނު ހެއްޔެވެ؟ އެކަމުގެ އަޑު މިހާރު އިވޭ ހެއްޔެވެ؟ މިވަރުން ނުފުދިއްޖެ ނަމަ، އަހަރެން، އިބިލީހަކީ ވެސް އާލަމްތަކަށް ފޮނުއްވި ރަހުމަތެއް ކަމުގައި ބުނުމުން ހުރިހާ ކަމެއް ވެސް ނިމޭނެއެވެ. އެންމެން އެކަން ގަބޫލުކޮށް، ބާރަށް އަތްޖަހާނެއެވެ!"

ދެން، ކުށްވެރި މުޖުރިމު، އިބިލީހުގެ ބަސް ގަބޫލުކޮށް، އިބިލީހާ އެއްބަސްވިއެވެ. އަދި އިބިލީހުގެ ޕާޓީއާ ގުޅުނެވެ. އަދި، އޭނާގެ ކުށުގެ ބައިވެރިން ކަމުގައިވި ގާތް ބައެއް ރައްޓެހިން ވެސް ޕާޓީއަށް ގެންނަން ނިންމިއެވެ. އޭރުން، އޮފީސްތަކުގެ ބޮޑެތި ވަޒީފާތައް އެމީހުންނަށް ލިބޭނެތީއެވެ. އަދި، އެމީހުންގެ އިޖުރާމީ ސިކުނޑީގެ ވިސްނުން ބޭނުންކޮށްގެން، އެތައް ފައިދާތަކެއް ނެގޭ ގޮތް ވެސް ވާނެތީއެވެ.

އަދި، މިކަމުން ލިބޭނޭ އެންމެ ބޮޑު ފައިދާއަކީ، ކުށުގެ ތުހުމަތުގެ އެންމެ ވަރުގަދަ ގާނޫނީ ދިފާއީ ހެއްކަކަށް ޕާޓީގެ ކުލަ ފުދުމެވެ. އަދި، މިއީ ހަމަ އެންމެ ރަނގަޅު އެންމެ ހިކުމަތްތެރި ގޮތް ކަމުގައި ވެސް އޭނާއަށް ހިތުގެ އަޑިން ތެދުކޮށް، ޔަގީންކޮށް، އެއްވެސް ޝައްކަކާނުލައި، އެކަމަށް އީމާންވިއެވެ. އަދި، އިބިލީހުގެ ޕާޓީގެ ކުލައިން އޭނާގެ ގައިގައި ކުލަލައި، އޭނާގެ ކުށުގެ ކަޅު ކުލަ ފޮރުވާލިއެވެ.

އެހިސާބުން ކުއްލިއަކަށް، ސިއްސައިގެން ގޮސް މުޖުރިމު ކަލޭގެއަށް އޭނާގެ ފުން ނިދިން ހޭލެވުނެވެ. އަދި، އޭނާގެ ހުވަފެނަކީ ހަގީގަތަކަށްވާން ކިތަންމެ ވަރަކަށް އެދެވުނު ކަމުގައި ވިޔަސް، އިބިލީސް ދެއްކި އެއްވެސް ވާހަކައަކީ ހަގީގަތެއް ނޫންކަމާއި، ހަމައެކަނި ބިލާހީ ހުވަފެނެއްކަން އެނގުމުން، އޭނާ އިންތިހާއަށް އުފާކޮށް ހަމްދުލިއްލާހި ޝުކުރޭ ބުނެވުނެވެ.