Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- މީދާ ހިފާ ދަތި

ދަނޑުވެރިއަކު، އޭނަގެ ދަނޑުގެ ގޮވާންތައް ކައިހަދާ މީދަލެއްގެ އުނދަގޫ ބޮޑުވެގެން، އެ މީދާ ހިފަންވެގެން ދައްޗެއް ގެނައެވެ. ދަނޑުވެރިޔާ އޭނަ ގެނައި ދަތި އޭގެ ފޮށިން ނަގައި ދަނޑުގައި މީދާ ގިނައިން އުޅޭ ހިސާބުކަމަށް ދުށް ތަނުގައި ދަތި ތިއްބިއެވެ.

ދަތި ތިއްބިތަން މީދާއަށް ފެނިގެން ވަރަށް ބޮޑަށް ކަންބޮޑުވެ ދަނޑުވެރިޔާ ގެންގުޅޭ ހާލެއް ގާތަށް ގޮސް ރޮއި ހަޅޭލަވަން ފެށިއެވެ. "ދަނޑުގައި މީދާ ދައްޗެއް ހަރުކޮށްފިއެވެ. ދަނޑުގައި މީދާ ދައްޗެއް ހަރުކޮށްފިއެވެ."

ދެން، ހަޅޭލަވައިގެންފައި، ހާ ގޮވައިގަތެވެ. "އޭ މީދަލާއެވެ! ކަލޭ ދަނޑު ހަލާކޮށް، އަދި، ދަނޑުވެރިޔާގެ ގެއަށް ވެސް ވަގަށް ވަދެ، ގެއިން ވެސް ތަކެތި ވަގަށް ނަގައި ކައި ހަދަމު ނޫން ހެއްޔެވެ؟ ދެން، ދަނޑުވެރިޔާ ދަތި ގެނެސް ކަލޭ ހިފަން އުޅުނީމަ އެކަމާ ޝަކުވާ ކުރުމުގެ ހައްގެއް ކަލެއަށް ލިބިގެން ނުވެއެވެ. ދެން، އެހެން ނޫނަސް، ތިޔައީ އަހަރުމެންނާ ބެހޭ ކަމެއް ނޫނެވެ. ދަނޑުވެރިޔާ ދަތި ގެނައީ ކަލޭ ހިފާށެވެ. އެހެންވެ، އެއީ ކަލެއާ ބެހޭ ކަމެކެވެ!"

ހާލުގެ ވާހަކަ އަޑުއަހައިފައި، ދެން، މީދާ ދިޔައީ ދަނޑުވެރިޔާގެ ކަންބަޅި ކައިރިއަށެވެ. އަދި، ކަންބަޅި ގާތު ޝަކުވާ ކުރަން ފެށިއެވެ. "ބަލަ ކަންބަޅިޔާއެވެ! ދަނޑުވެރިޔާ އަހަރެންގެ ދުވަސް ދުއްވާލަން ދައްޗެއް ގެނެސް އެ ދަތި ތިއްބައިފިއެވެ!"

ކަންބަޅި ވެސް މީދަލުގެ ޝަކުވާ އަޑުއަހާފައި، ހާލެކޭ އެއްފަދައިން، މައްސަލައަކީ މީދަލާ ބެހޭ މައްސަލައެކޭ ބުނެ އަޅައެއް ނުލިއެވެ.

ދެން، އެންމެފަހުން، މީދާ ދިޔައީ ދަނޑުވެރިޔާގެ ގެރީގެ ކައިރިއަށެވެ. ގެރި ގާތުވެސް މީދާގެ ދުވަސް ދުއްވާލަން، ދަނޑުވެރިޔާ ދައްޗެއް ގެނައި ވާހަކަ ބުނެ ޝަކުވާ ކުރިއެވެ. ޖަވާބުގައި ގެރި ވެސް ބުނީ ތިކަމުގެ އޮތް ނަމަ އޮތް ނުރައްކަލެއް އޮތީ މީދަލަށް ކަމެވެ. އެކަމުން ދަނޑުގެ އެހެން އެއްވެސް ޖަނަވާރެއް ކަންބޮޑުވާކަށް ނުޖެހޭ ކަމެވެ.

ކޮންމެއަކަސް، އެއްވެސް އެހެން ޖަނަވާރެއްގެ ފަރާތުން، މީދަލުގެ ކަންބޮޑުވުންތަކަށް، ހަމްދަރުދީއެއް، ނޫނީ ކުޑަވެސް ސަމާލުކަމެއް ނުލިބުމުން، ދެރަވެ، ހިތާމަކުރަމުން މީދާ ނިދަން ދިޔައެވެ. ދެން، މީދަލަށް ހޭލެވުނީ އެއްޗެއް ހަޅޭއްލަވައިގެން އަޑަށެވެ. އެ އަޑު އިވުނު ދިމާއަށް ގޮސް ބަލައިލުމުން މީދަލަށް ފެނުނީ މީދާ ހިފަން ގެނައި ދަތީގައި ހަރުފައެއް ޖެހިފައި އޮއްވައެވެ.

ދެން، ތަންކޮޅެއް ދުރުގައި އެތަން ބަލަން އޮއްވައި، އެތަނަށް ދަނޑުވެރިޔާގެ އަނބި މީހާ އައިތަން ފެނުނެވެ. އަނދިރިކަމުން ދަތީގައި ޖެހިފައި އޮތީ ކޮން އެއްޗެއް ކަމެއް އޭނައަކަށް ނޭނގެއެވެ. އޭނަ ހީކުރީ ދަތީގައި ޖެހިފައި އޮތީ މީދާ ކަމަށެވެ. ނަމަވެސް، ދަތީގައި ޖެހިފައި އޮތީ ހަރުފައިގެ ނިގޫކޮޅެވެ.

ކޮންމެއަކަސް، ދަނޑުވެރިޔާގެ އަންހެނުން، ދަތީގައި ޖެހިފައި އޮތީ މީދާ ކަމަށް ހީކޮށް ދަތި ނެގިއެވެ. އެ ވަގުތު ހަރުފަ ދަނޑުވެރިޔާގެ އަންހެނުންގެ އަތުގައި ދައިގަނެ ވިހަލިއެވެ. ދެން، ވީ ތަދުން، އޭނާ ހަޅޭލަވައިގަތެވެ.

އަންހެނުންގެ ހަޅޭކުގެ އަޑަށް ބައްތިއެއް ހިފައިގެން ދަނޑުވެރިޔާ އެތަނަށް އައެވެ. އަދި، ކައިރީގައި އޮތް ދަނޑިބުރިއެއް ނަގައި، ދަތީގައި ޖެހިފައޮތް ހަރުފައާ ހަމަލާދީ ހަރުފަ މަރާލާފައި، އަންހެނުން ގޮވައިގެން ހޮސްޕިިޓަލަށް ދިޔައެވެ.

އަންހެނުންނަށް ފަރުވާ ދިނުމަށް ފަހު، ގެއަށްދާން ދޫކޮށްލިއެވެ. އަންހެނުން ގޮވައިގެން، ދަނޑުވެރިޔާ ގެއަށް އައިސް، އަންހެނުންނަށް ކުކުޅު ސުރުވާ ދޭން ގަސްދުކޮށް ހާ ކަތިިލައި ކުކުޅު ސުރުވާ ތައްޔާރުކުރިއެވެ.

ދެން، އޭގެ އަނެއް ދުވަހު، ދަނޑުވެރިޔާގެ އަންހެނުންނަށް ދިމާވި ހިތާމަވެރި ހާދިސާގެ ވާހަކަ އަޑުއަހައި، އަންހެނުންނަށް ގޮވާލަން އަވައްޓެރިން ޒިޔާރަތް ކުރަން ފެށިއެވެ. އަދި، އެ މީހުންނަށް ކާންދީ މެހެމާންދާރީ އަދާކުރުމުގެ ގޮތުން ދަނޑުވެރިޔާ، އޭނަގެ ކަންބަޅި ކަތިލިއެވެ.

ދެ ތިން ދުވަސް ފަހުން، ކުއްލިއަކަށް އަންހެނުންގެ ހާލަތު ގޯސްވެ، ހަރުފައިގެ ވިހައިގެ އަސަރު ނުފިލައި، އެކަމުގެ ސަބަބުން އަންހެނުން މަރުވިއެވެ. އަދި، ދަނޑުވެރިޔާގެ ހިތާމައިގައި ބައިވެރިވާން، އަވަށު މީހުންނާއި އަދި ކައިރި ހިސާބުތަކުން ވެސް މީހުން އައިސް ދަނޑުވެރިޔާއަށް ޒިޔާރަތް ކުރިއެވެ. އެ އެންމެނަށް ކާންދީ މެހެމާންދާރީ އަދާކުރުމަށްޓަކައި ދަނޑުވެރިޔާ އޭނާގެ ގެރި ވެސް ކަތިލިއެވެ.

އާދެ، އެހެން ޖަނަވާރުތައް، މީދާ ހިފަން ގެނައި ދަތީގެ އުނދަގޫ ޖެހޭނީ މީދަލަށް އެކަނިކަމަށް ބުނިކަމުގައި ވިޔަސް، އޭގެ ސަބަބުން އެންމެނަށް ވެސް އަސަރުކުރިއެވެ. އާޚިރުގައި އޭގެ އުނދަގޫ އެންމެނަށް ވެސް ޖެހުނެވެ.

ތަންތަނުގެ މިނިވަންކަން ގެއްލުމުގެ މަސައްކަތް ފެށެނީ މިކަހަލަ ގޮތަކަށެވެ. މީދާ ހިފާ ކަހަލަ ކުޑަ ދައްޗެއް ދެ ދައްޗެއް ގެނެސް ތިއްބައެވެ. ދެން، އެކަމުގައި މާ ބޮޑު މައްސަލައެއް ނެތޭ ހީކޮށްގެން ތިއްބައި ތަނުގެ މިނިވަންކަން ގެއްލި އެކަމުގެ ނުބައި އަސަރު އެންމެނަށް ކުރެއެވެ. އިނގިރޭސީންގެ އަތްދަށަށް އިންޑިޔާ ދިޔައީ އިނގިރޭސީންގެ ވިޔަފާރީގެ ދައްޗެއް ޖަހައިގެންނެވެ. ފަލަސްތީން އަރަބިންގެ އަތުން ގެއްލިގެން ދިޔައީ އިނގިރޭސީންގެ އަސްކަރީ ބާރުގެ ދަތި ފަލަސްތީނުގައި ޖަހައިގެންނެވެ. ރާއްޖޭގައި ވެސް ބޭރު ބައެއްގެ އަސްކަރީ ދަތިތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ޖަހަމުންދަނީ އެވެ. ނަމަވެސް، އެއީ ހަމައެކަނި މީދަލާ ބެހޭ ކަމެކޭ، ފިތުނަ އުފައްދާ މީހުން ދައްކާ ވާހަކައެކޭ ކިޔައި ދަނޑުވެރިޔާގެ ހާލާއި ކަންބަޅިއާއި ގެރި ބުނި ފަދައިން ބުނަމުން ދެއެވެ! މި މީދާތަދިތައް ތިއްބުމުގެ މަގުފަހިކޮށް އެކަން ކޮށްދިނީ ކޮން ބައެއްކަން މިހާރު ހަނދާނުން ފިލައި، ފޮހެވިގެން ހިނގައްޖެއެވެ.