...

Support Us

ހިލާލީ ދަރިކޮޅާއި "މުސްލިމް ޢައްބާސް"ގެ ވާހަކަ

މިއީ ރާއްޖޭގައި ރަސްކަންކޮށްފައިވާ ހިލާލީ ދަރިކޮޅު ފެށިގެން އައިގޮތުގެ ވާހަކައެވެ. ރާއްޖެއިން ބޭރާ ގުޅިފައިވާ އެ ދަރިކޮޅުގެ ވާހަކަ ދެ ގޮތަކަށް ކިޔާ އުޅެއެވެ. އެއް ގޮތަކީ މަލަބާރުން ރާއްޖެ އައިސް މާލެ އަތޮޅު ހުޅުލޭގައި ވަޒަންވެރިވި ބަދުރުއްދީނުގެ ވާހަކައެވެ. އަނެއް ވާހަކައަކީ އަދި މަޝްހޫރު ވާހަކައަކީ ޔަމަނުކަރައިން ރާއްޖެ އައިސް ހުޅުލޭގައި ވަޒަންވެރިވި "މުސްލިމް ޢައްބާސް"ގެ ވާހަކައެވެ. ދެ ނަމެއް ކިޔަސް އަދި ދުނިޔޭގެ ދެ ހިސާބަކުން އައި ކަމަށް ކިޔާ އުޅުނަސް މި ދެ ވާހަކަ ވެސް ގޮސް ގުޅެނީ ހިލާލީ ދަރިކޮޅަށެވެ. ހުޅުލޭގައި ވަޒަންވެރިވި މި މީހަކީ "ހިލާލް" އެވެ. އެއީ މަޝްހޫރު ހިލާލީ ދަރިކޮޅުގެ ފުރަތަމަ ރަސްގެފާނު އައްސުލްޠާން ޙަސަނުލް ހިލާލީގެ ކާފާފުޅެވެ.

މުސްލިމް ޢައްބާސަކީ ޔަމަންކަރައިގެ ބުދަށް އަޅުކަންކުރަމުން އައި ގަބީލާއަކަށް ނިސްބަތްވާ މީހެކެވެ. އިސްލާމުވެގެން ރާއްޖެއައި މި ޢާއިލާއަށް މާލޭގައި ވަޒަންވެރިވުމުގެ ހުއްދަ ނުލިބިގެން ވަޒަންވެރިވެގެން އުޅެން ޖެހުނީ ހުޅުލޭގައެވެ. އެޗްސީޕީ ބެލްގެ މޮނޮގްރާފުގައި މުސްލިމް ޢައްބާސަށް ދެ ކުދިން ލިބުނުކަމަށް ލިޔުއްވާފައިވެއެވެ. މުސްލިމް ޢައްބާސަށް ލިބުނު ދެ ކުދިންނަކީ މަލިމް ކަލޯ އާއި ހިލާލީ ކަލޯއެވެ. ހިލާލީ ދަރިކޮޅުގެ ރަސްކަން ފެށިގެން އައީ ހިލާލީ ކަލޯ އާއި ގޯލާވެހީ ކަނބުލޯއަށް ލިބިވަޑައިގެންނެވި އައްސުލްޠާން ޙަސަނުލް ހިލާލީ (އެއްވަނަ) ސިރީ ވީރަ ބަވަނަ މަހާރަދުންނާ ހަމައިންނެވެ. މި ރަދުން ރައްކައުވީ ހުޅުލޭގައެވެ. ފެހެންދޫ އުސްމާނު ރަސްގެފާނު ރަސްކަމުން ބާލުއްވައި ތަޚުތު އަތުލެއްވީ މި ރަދުންނެވެ. ރަސްކަން އަތުލެއްވުމަށްފަހު އުސްމާނު ރަސްގެފާނާއި އެ ރަދުންގެ ވަޒީރުން އަރުވާލެއްވީއެވެ. ބުނެވޭގޮތުގައި އުސްމާނު ރަސްގެފާނަށް މި ހާލުކޮޅު ޖެހިވަޑައިގަތީ އެ ރަދުންގެ އަރިހުގައި ހުންނެވި ހިލާލީ ދަރިކޮޅަށް ނިސްބަތްވެ ވަޑައިގަންނަވާ ނިސްފު (ޔޫސުފް) ހަނދޭގިރިންގެ ލަފާފުޅާ ޚިލާފަށް ހިލާލީ ކަލޯގެ އާއިލާއާމެދު މާ އޯގާތެރިކޮށް ކަންތައް ކުރައްވައި، ހުޅުލެއިން އެ އާއިލާ މާލެއަށް ބަދަލުވާން ހުއްދެއްވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

މަޝްހޫރު ބުރާރަ މުޙައްމަދުފުޅު ކިޔުއްވާފައިވާ ބޮޑުތަކުރުފާނު ވާހަކައިގައި ފެހެންދޫ އުސްމާނު ރަސްގެފާނުގެ ރަސްކަމުގައި ހިލާލީ ކަލޯގެ ދެމަފިރިންނަށް ހުޅުލެއިން މާލެއަށް ބަދަލުވެ ލޮނުޒިޔާރަތްކޮޅުގައި ދަނޑިފަނުން ގެއެއް އަޅައިގެން ދިރިއުޅުމުގެ ހުއްދަ ދެއްވީ ނިސްފު ހަނދޭގިރިންގެ ނުހުރުމުގައެވެ. އެ ހުއްދަ އެގޮތަށް ދެއްވައިފިނަމަ އުސްމާނު ރަސްގެފާނުގެ ރަސްކަން ދެމި ނޯންނާނެ ވާހަކަ ދަންނަދަންނަވާ އޮއްވައެވެ. ކަން ހިނގީ ވެސް ނިސްފު ހަނދޭގިރިން ދެންނެވި ގޮތަށެވެ. މި ހަނދޭގިރިއަކީ އިރުވަރާއި ފާލުބަލައި ހެދުމުގައި އަރާހުރި ބޭފުޅެއް ކަމަށްވެއެވެ.

ހިލާލީ ދަރިކޮޅުގެ ދައުރުގެ ތެރޭގައި 29 ރަސްކަލަކު ރަސްކަން ކުރެއްވިއެވެ. އެއީ އެ ދަރިކޮޅުގެ 22 ބޭފުޅުންނާއި ހިލާލީ ދަރިކޮޅުގައި ނުހިމެނޭ ހަތް ރަސްކަލުންނެވެ.

ހިލާލީ ދަރިކޮޅަކީ ރާއްޖޭގައި ރަސްކަން ކުރި ހަތް އާއިލާގެ ތެރެއިން ތިންވަނައަށް ރަސްކަންކުރި ދަރިކޮޅެވެ. މި ދަރިކޮޅަށް "ބަދުރުއްދީން" ދަރިކޮޅޭ ވެސް ކިޔައެވެ. މި ދަރިކޮޅަކީ ރާއްޖޭގައި އެންމެ ގިނަ ރަސްކަލުން ރަސްކަންކުރެއްވި، އެކަމަކު ހަމަނުޖެހުން އެންމެ ބޮޑު ދަރިކޮޅެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.