Support Us

ކޮލަމް ކޯދު: ތަސްވީރެއް ހަނދާންކޮށްދޭ ކަމެއްގެ ވާހަކަ

މަތީގައި އެވާ ތަސްވީރާ ބެހޭ ގޮތުން މީހަކު ބުނެފައިވެއެވެ:

"އިންސާނާ އެކަންކަމައިގެން ފަޚުރުވެރިވެ ބޮޑާވެގަންނަ ކަންތައްތަކެއް ވެއެވެ: އޭނަގެ ބޭރުފުށުގެ ރީތި ކަމެވެ؛ އޭނަގެ ކުޅަދާނަކަމާއި މޮޅު ކަމެވެ؛ އޭނަގެ މުއްސަނދިކަމާއި ފައިސާވެރިކަމެވެ؛ އޭނަގެ އާރާއި ބާރުވެރިކަމެވެ. މިއީ ހައްތަހާ ވެސް އިންސާނާ އެކަންކަން ހާސިލުކުރުމަށްޓަކައި މުޅި އުމުރު ހުސްކޮށްލާކަންކަމެވެ. އަދި، އެކަންކަން ހާސިލުވުމުން އެކަމާ ފަޚުރުވެރިވެ ބޮޑާވެގަންނަ ކަންކަމެވެ. އަދި، އެހެންވެ، އެހެން އެންމެން ދެރަކޮށްލައި ނިކަމެތިކޮށްލާ ކަންކަމެވެ. އަދި، ބައެއް ފަހަރު، އެކަންކަން ހާސިލުވުމުން، ދުނިޔެއަކީ ވަގުތީ ކަމެއްކަން މަތިން ވެސް ހަނދާން ނެތޭ ދަރަޖައަށް ދެއެވެ. ދެން، މުޅި ދުނިޔެއަކީ ތިމާގެ ވަށައިގެން އެނބުރޭ އެއްޗެއް ކަމަށް ދެކި، ތިމާ ހިތުހުރި ގޮތަކަށް ކަންތައް ކުރެވޭ ގޮތް ވެސް ވެއެވެ. އަދި، ތިމާގެ ބޮޑުކަން ދެއްކުމަށްޓަކައި ތިމާގެ އަގުތަކާއި ތިމާގެ ދީނާއި ދިމާގެ ގައުމު ވެސް ވިއްކާލަން ފަސް ނުޖެހެއެވެ. ހިތާމައަކީ އެފަދަ މީހުން ދައްކާ ދަޅަތަކުގެ އަލި އެހެން މީހުންގެ ލޮލަށް އެޅި އެ ލޯތައް ކަނުވާ ކަމެވެ."

ދެން ވެސް އެމީހާ ބުނެއެވެ.

"ދުނިޔޭގައި އުޅެން ލިބޭ ކުޑަ ވަގުތުކޮޅުގައި ދުނިޔެ ލިބިގަތުމަށް މަސައްކަތްކުރުމަކީ އޮތް ކަމެވެ. ނަމަވެސް އެ މަސައްކަތް ކުރުމުންދާންވާނީ ތަސްވީރުން އެ ފެންނަ މަންޒިލަކީ، އެންމެންނެކޭ އެއްފަދައިން، ތިމާގެ ވެސް އާޚިރީ މަންޒިލުކަމުގައި ދެކިގެން، އެ މަންޒިލަށް ވާސިލުވާން ޖެހޭއިރު، އެކަމާ ބިރުވެތިވާން ނުޖެހޭ ފަދަ ގޮތަކަށެވެ. ތިމާގެ އަޚުލާގާއި ރިވެތި ގޮތްތައް، ތިމާގެ އަގުތަކާއި އުސޫލުތައް، އަދި، މިކަންކަމުގެ މަސްދަރުކަމުގައިވާ ތިމާގެ ދީން ގެއްލިގެން ނުދާ ފަދަ ގޮތެއްގައެވެ."