ކޮވިޑް19 ޖެހިގެން މިއަދު 86 މީހުން ޕޮޒިޓިވްވެ، މި އޮގަސްޓްމަހު ފުރަތަމަ ފަހަރަށް 100 އިން ދަށަށް ވެއްޓިއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި 86 މީހުންގެ ތެރޭގައި ހިމެނެނީ 56 ދިވެހިންނާއި 27 ބަންގްލަދޭޝް މީހުންނާއި އިންޑިއާ މީހަކާއި ޕިލިޕީންސް މީހެއްގެ އިތުރުން ސްރީލަންކާ މީހެއް ކަމަށެވެ.
ރާއްޖޭގައި ކޮވިޑް19 ފެތުރެމުންދާ ސްޕީޑަށް ބަލާފައި މި އޮގަސްޓް މަހު ބަލި ޖެހޭ މިންވަރު އިތުރުވަމުންދާނެ ކަމަށް ނޭޝަނަލް އެމެންޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 170 މީހުން ކޮވިޑަށް މި އޮގަސްޓް މަހު ޕޮޒިޓިވްވާނެ ކަމަށް އެންއީއޯސީގެ ދިރާސާއަކުން ވަނީ ދައްކައިފަ އެވެ. އެގޮތުން އަންދާޒާ ކުރި އަދަދަށްވުރެ ގިނައިން އޮގަސްޓް މަހުގެ ދެވަނަ ދުވަހު 215 މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ފަހުން އަދަދުތައް އުޅުނީ މުޅިންވެސް ސަތޭކައިން މަތީގަ އެވެ. އިއްޔެ އެކަނި ވެސް 148 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.
ބަލި ފެތުރެމުންދާ މިންވަރު އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅަން ފަށައިފަ އެވެ. އެގޮތުން އިއްޔެއިން ފެށިގެން މާލޭ ސަރަހައްދުގައި ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އަށް ގެންދަނީ ކާފިއު ހިންގަމުންނެވެ. އަދި ބޭރު ތެރޭގައި އުޅޭއިރު ފަސް މީހުންނަށްވުރެ ގިނައިން އެއްކޮށް ނޫޅުމަށާއި އާއްމު ތަންތަނުގައި ގްރޫޕް ހަދައިފައި ކުޅިވަރުތައް ނުކުޅެން ވަނީ އަންގާފަ އެވެ. އަދި ފިހާރަތަކާއި ކެފޭ، ރެސްޓޯރެންޓްތައް ވެސް 9:30 ގައި ބަންދުކުރުމަށާއި އޭގެ ފަހުން ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތްތައްވެސް ނުދޭން ވަނީ އަންގާފަ އެވެ.
ކޮވިޑް ޖެހިފައިވާ މީހުން އަދަދު މިހާރު 4680 އަށް އަރާފަ އެވެ. އަދި އައިސޮލޭޝަންގައި ފެސިލިޓީޒްތަކުގައި 1391 މީހުން ތިބިއިރު ހޮސްޕިޓަލްތަކުގައި 128 މީހަކަށް ދަނީ ފަރުވާދެމުންނެވެ. މިހާތަނަށް ކޮވިޑް ޖެހިގެން 19 މީހުން ވަނީ މަރުވެފަ އެވެ.



advertisment