Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ރަހުމަތްތެރި ކުޑަ ދެ ކުދިން

އަވަށެއްގައި އުޅުނު އަވައްޓެރި ކުޑަ ދެ ކުދިންނެވެ. އެއް ކުއްޖެއްގެ އުމުރަކީ ފަސް އަހަރެވެ. އަނެއް ކުއްޖާގެ އުމުރަކީ 10 އަހަރެވެ. ކޮންމެ ދުވަހަކު ވެސް އެ ދެ ކުދިން އެކުގައި ގޭދޮށުގައި ކުޅެން އުޅެއެވެ. އެއް ދުވަހަކު ދެ ކުދިން ގަސްދުކުރީ ހިނގާލަން ދާށެވެ.

ދެ ކުދިން އެކުގައި ހިނގަމުން ގޮސް ވަލުތެރެއަށް ވަދެވުނެވެ. ދެންވެސް، އެ ކުދިން ހިނގަމުން ކުރިއަށް ދިޔައެވެ. އެހެން ދަނިކޮށް ކުރިމަތީގައި ކަނޑާފައި ފެން ހެދިފައި އޮތް ކޯރެއްގެ ތެރެއަށް ބޮޑު ކުއްޖާ ވެއްޓުނެވެ. އެ ކޯރުގެ ފެންގަނޑު ފުންވެފައި އިސްކޮޅު ނުކާކަމުން، ގެނބިދާތީ، އެ ކުއްޖާ އެހީއަށް އެދި ގޮވަން ފެށިއެވެ. ނަމަވެސް، އެ ހިސާބުގައި އޭނާގެ އަޑުއިވޭނޭ އެކަކު ވެސް ނެތެވެ. އޭނާގެ ރަހުމަތްތެރި ކުޑަ ކުއްޖާ ފިޔަވައެވެ.

ދެން، ކުޑަކުއްޖާ އެކޮޅުމިކޮޅު ބަލައިލި ތަނުން ކައިރީގައި ވާގަނޑެއް އައްސާފައި އޮތް ބާލިދީއެއް ފެނުނެވެ. އޭނާ އަވަސްއަވަހަށް އެ ބާލިދީ ނަގައި ކޯރުގެ ތެރެއަށް އެއްލިއެވެ. ދެން، ކޯރުގައި އޮތް ކުއްޖާ ބާލިދީގައި ހިފިއެވެ. އަދި، މަތީގައި ހުރި ކުޑަ ކުއްޖާ އޭނާއަށް ލެވުނު ބާރެއް ލާފައި ބޮޑު ކުއްޖާ ނަގަން މަސައްކަތް ކުރިއެވެ. ކުޑަ ކުއްޖާ ހިއްވަރުކޮށް، އެންމެ ފަހުން ބޮޑު ކުއްޖާ ކޯރުތެރެއިން ނަގައި އޭނާގެ ފުރާނަ ސަލާމަތް ކުރިއެވެ. ބޮޑު ކުއްޖާ ކޯރުން ނަގައި ސަލާމަތް ކުރުމުގެ ބާރު ލިބުނީ ކިހިނެއް ކަމެއް ޚުދް ކުޑަކުއްޖާއަކަށް ވެސް ނޭނގެއެވެ.

ދެން، ދެ ކުދިން އެނބުރި އެ ކުދިންގެ އަވަށަށް ދިޔައެވެ. ވަރަށް ވެސް ކަންބޮޑުވެފައި ތިބެގެންނެވެ. އެއީ، އެކަނިމާއެކަނި އަވަށުން ބޭރަށް މާ ދުރަށް ދިޔައިމައި އަވަށު އެންމެން ވެސް އެކަމާ ނުރުހި އެއްޗެއް ބުނެފާނެތީއެވެ.

ކޮންމެއަކަސް، އެކުދިން އަވަށަށް ގޮސް އެކުދިންނަށް ދިމާވި ހާދިސާ ކިޔައިދިނެވެ. އެކުދިން ހައިރާންވީ އެކުދިންގެ ވާހަކަ ގަބޫލުކުރާނޭ އެކަކުވެސް އެތާ ނެތީމައެވެ. ވަލަށް ދެވުނު ވާހަކައާއި ފެން އެޅި ފުރިފައި އޮތް ކޯރަކަށް ވެއްޓުނު ވާހަކައާއި އަދި ކުޑަކުޑަ ފަސް އަހަރުގެ ކުއްޖަކު ވަލެއް އައްސާފައި އޮތް ބާލިދީއެއް އެއްލައި އޭނައަށް ވުރެ މާ ބޮޑު ކުއްޖަކު ސަލާމަތް ކޮށްފާނޭކަން ބުއްދި ގަބޫލު ނުކުރާނޭ ކަމެވެ. އެ މީހުން ބުނީ ވަޅަކުން އެ ފަދަ ފެންބާލިދީއެއް ވެސް ނުނެގޭ ކުއްޖަކަށް އޭނާއަށް ވުރެ މާ ބަރު ކުއްޖަކު ބާލިދީއަކަށް އެރުނީމާ ނެގޭނީ ކިހިނެއް ހެއްޔެވެ؟

ކޮންމެއަކަސް އަވަށު މީހުން މި ވާހަކަ އަވަށުގެ ހަކީމު ގާތު ބުނެފިއެވެ. ދެން ހަކީމު ބުންޏެވެ. ތިޔައީ ހަމަ ވެދާނޭ ކަމެކެވެ. އަދި ކިއެއް ހެއްޔެވެ؟ އެކަމަކީ ހަގީީގީ ތެދު ވާހަކައެއް ކަމަށް އަހަރެން ގަބޫލުކުރަމެވެ.

ދެން، އެއީ ކީއްވެގެންތޯ އަވަށު މީހުން އެހުމުން ހަކީމު ބުންޏެވެ: "ކަލޭމެން ވިސްނަންވީ އެ ވާހަކަ ތެދުތޯ ނުވަތަ ނޫންތޯއާ މެދު އެއް ނޫނެވެ. ކަލޭމެން ވިސްނަންވީ އެ ފަދަ ކުޑަ ކުއްޖަކަށް ކޯރުގެ ތެރެއިން ބޮޑު ކުއްޖާ ބާލިދީއަށް ލައިގެން ނެގުނީ ކީއްވެތޯއެވެ؟"

އަވަށު މީހުން އެއީ ކިހިނެއް ވެދާނޭ ކަމެއްތޯ އެހުމުން އަނެއްކާ ވެސް ހަކީމު ބުންޏެވެ. "އެކަން އޭނައަށް ކުރެވުނީ އެ ހާދިސާ ހިނގި ވަގުތު އޭނާ ގާތު އެކަމަކީ އޭނައަށް ނުވާނޭ ކަމެއްކަމުގައި ބުނާނޭ ހަމަ އެކަކު ވެސް ނެތުމެވެ. އަދި، އެފަދަ ވާހަކަތައް އަޑުއަހައި އޭނާގެ އަމިއްލަ ނަފްސުގެ އެކަށޭނަކަމާ މެދު ޝައްކު ކުރުމުގެ ފުރުސަތެއް ވެސް އޭނާއަށް އެ ވަގުތު ނެތެވެ. އޭނައަށް އޮތް ހަމައެކަނި ގޮތަކީ އޭނާއަށް ލިބިފައި އޮތް ބާރެއް ބޭނުންކޮށްގެން އޭނާގެ ރަހުމަތެރިޔާ ސަލާމަތްކުރުމެވެ. އެހެންވެ، އޭނައަށް އެކަން ކުރެވުނީއެވެ!"

އާދެ، އެ ކުޑަކުޑަ ކުއްޖާ އަހަރުމެން ކައިރީ ބުނާ ކަހަލައެވެ. ކަލޭމެންގެ ތެރެއިން ކޮންމެ މީހަކު ވެސް އޭނާގެ އަމިއްލަ ނަފްސަށް އިތުބާރުކޮށް، ކުރަން ކުރިމަތިލާން ކަންކަން ކުރެވޭނޭ ވާހަކަ އަމިއްލަ ނަފްސު ގާތު ބުނާށެވެ! އޭރުން އެކަން ކުރުމުގެ ހިއްވަރު ލިބި، އެކަން ކުރެވޭ ގޮތް މެދުވެރިވެގެންދާނެއެވެ!