ހެވާ ނުބަޔާ އެނގޭނެ ގޮތަށް ސަލާމަތް ބުއްދި ދެއްވެވިޔޭ
އެވާހަކަތައް ނަބިއްޔުން މާތް ބަޔާން ރަނގަޅަށް ކުރެއްވެވިޔޭ
ދެމަގުކަން ލެއްވެވީ ހިނގުމަށް ތިމާބޭނުން މަގެއްގައިދާން
އެމަގުގައި ގުދުކަމެއް ނުވަނީ ޞިރާޠުލް މުސްތަޤީމުމެޔޭ
ޞިރާޠުލް މުސްތަޤީމު އެއީ، އިލާހީ ތެދުމަގޭ ދާން އޮތް
ގިރާކޮށްފައި އެމަގުގައިދާން ނުބައި އިބްލީސް ހުރަސް އަޅަޔޭ
އެނގޭތޯ މުސްލިމުންނާ ފޭ، ދުލާ އަތްފައި ނުކުރެވެންޏާ
އެނގޭތޯ މުސްލިމެއް ކަމުގައި ނުވާ ކަމުގައި ޙަދީސް އޮވެޔޭ
ދުވަސްކޮޅަކަށް ފަހުން ނިމިގެން ތިމާމެން ކަށްވަޅަށް ދާކަން
ނުވަތަ ދޫކޮށް ދުނިޔެ އަބަދަށް އޮތީ ދާންކަން ހަނދާން ނެތެޔޭ
މުދާއެއްކޮށް ގެދޮރު އެޅިޔަސް އެތާނގައި ނޫޅެވޭއިރު ދިރި
ނުދާނެކަމަށް ދުނިޔެ ދޫކޮށް އަޅާއިރު ގެދޮރުތައް ހިތެޔޭ
ޚަޒާނާކޮށް ފަހަށް ފޮރުވާ ތަކެތި ބޭނުން ނުކޮށް ހުއްޓައި
ސަޒާގެ ގިމަށް ޖެހޭކަން ދާން ހަނދާނެއްވެސް ސަފުން ނުވެޔޭ
ބަހާ ޢަމަލާ ރަނގަޅު ކޮށްފައި ނުބައި އެދުމާ ދުރަށް ދިއުމުން
ޝަހާދަތްހައި ތެދެއް މިބުނީ ޖަހަންނަމައިން ނަޖާވެވެޔޭ