Support Us

ކޮލަމް ކޯދު: ތަރައްގީގެ މަގުގައި ކަޑައްތުކުރާ އިންތިގާލީ މަރުހަލާއާއި އެ މަރުހަލާގެ ޗެލެންޖު

ދިވެހިރާއްޖެ ކަޑައްތުކުރަމުން މިދަނީ ވަރަށް ވެސް ޚުތޫރަތްތެރި ދުވަސްތަކެކެވެ. ވަރަށް ވެސް ނުރައްކާތެރި، އަހައްމިއްޔަތުކަން ބޮޑު ދުވަސްތަކެކެވެ. އެއީ މިއީ ރާއްޖޭގެ މަސީރު ކަނޑައަޅާލާނޭ ދުވަސްވަރަކަށް ވެދާނެތީއެވެ. ރާއްޖޭގެ ކުރިމަގު އޮންނާނެ ގޮތަކާއި، އެ ގޮތުގައި އޮވެ، ރާއްޖެ ކުރިއަށް ފިޔަވަޅު އެޅުން ކަނޑައަޅާނޭ ދުވަސްވަރަކަށް ވާތީއެވެ. މިކަން ކަނޑައަޅާލުމުގެ ބާރާއި އިޚްތިޔާރު ލިބިގެންވަނީ، ޝައްކެއްނެތް ގޮތުގައި، ދިވެހި މުވާތިނުންނަށެވެ. ދިވެހި ރައްޔިތުންނަށެވެ. މިއީ ވަރަށް ވެސް ބޮޑު މަސްއޫލިއްޔަތެކެވެ. މި މަސްއޫލިއްޔަތު އެންމެ އެކަށީގެންވާ ގޮތުގައި އަދާކުރެވޭނީ އެންމެންވެސް ހޭލުންތެރިވެގެންނެވެ. ފިކުރީ ގޮތުންނެވެ. މިހޭލުންތެރިކަން ލިބިގަނެވޭނީ ކިޔައި އުނގެނުމުގެ މަސައްކަތް ކުރެވިގެންނެވެ. ވަށައިގެން ހިނގަމުންދާ މައްސަލަތައް ރަނގަޅަށް ސާފުވެދިޔުމަށްޓަކައެވެ. މިހާރު އަޅުގަނޑުމެން ކަޑައްތުކުރަމުން މިދާ މަރުހަލާއަކީ ކޮބައި ކަމާއި، އިހުގައި އަޅުގަނޑުމެންގެ ރާއްޖެ އޮތް ގޮތާއި މިހާރު އޮތް ގޮތާ ތަފާތުވަނީ ނިޒާމީ ގޮތުންނާއި ސަގާފީ ގޮތުން، ކިހިނެއް ކަމާއި އަދި މުސްތަގުބަލުގައި، ކުރިމަގުގައި، ހިނގަން، އަޅުގަނޑުމެން ޚިޔާރުކުރަން ބޭނުންވަނީ ކޮންކަހަލަ މަގެއްކަން އެނގިގެންނެވެ. މިހޭލުންތެރިކަން ލިބިގަތުމައްޓަކައި ކިޔުމާއި އެނގުން ވަރަށް ވެސް މުހިއްމެވެ. އަޅުގަނޑުމެންގެ ކުރިމަގުގެ މަސީރު، އެނގި ތިބެ، އަމިއްލަ އަތުން، ޖަމާއީ ސިފައެއްގައި، އަޅުގަނޑުމެން ބޭނުންވާ ގޮތަކަށް، ކަނޑައަޅާލުމައްޓަކައެވެ. މިކަން މިހެން ނުކުރެވިއްޖެ ނަމަ، ޖަމާއީ ސިފައެއްގައި މިކަން ކަނޑައަޅާލުމުގައި ބައިވެރިނުވެވިއްޖެ ނަމަ، އަޅުގަނޑުމެންގެ ކުރިމަގު އަޅުގަނޑުމެންނަށް ކަނޑައަޅާނީ އެހެން ބަޔަކެވެ. އެ ކަނޑައަޅާ ގޮތް އެއީ އަޅުގަނޑުމެން ރުހި ގަބޫލުކުރާ ގޮތަކަށް ނުވި ކަމުގައި ވިޔަސް ވެހެވެ. އަދި، އެއީ، ކުރިމަގުގައި، އަޅުގަނޑުމެންނަށް ގެއްލުން ހުރި، އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާ ކަމަކަށް ވެސް ވެދާނެއެވެ. އެހެންވެ، މި މައްސަލައާ މެދު ހޭލުންތެރިވެ، ކުރިމަގު އަމިއްލައަށް، ޖަމާއީ ސިފައެއްގައި، ކަނޑައަޅާލުމުގެ ގާބިލުކަން ލިބިގަތުމަށްޓަކައި މިވާހަކަތައް ހުށަހަޅާލަމެވެ.

އަޅުގަނޑުމެންގެ ރާއްޖެ މިއަދު ކަޑައްތުކުރަމުން މިދާ ދުވަސްތައް ސިފަކުރެވެނީ 'އިންތިގާލީ މަރުހަލާއެއްގެ' ގޮތުގައެވެ. އިހުގައި ރާއްޖޭގައި އޮތް ސިޔާސީ ނިޒާމު ނެތި، އޭގެ ބަދަލުގައި އާ ނިޒާމެއް ގާއިމުވެދިޔުމާ ދިމާއަށް ދަތުރުކުރާ ދެމެދުގެ ދުވަސްވަރެކެވެ. ދެމެދުގެ ދުވަސްވަރެކޭ މި ނަންގަތީ، އިހުގައި އޮތް ނިޒާމު އެގޮތުގައި ނެތް ނަމަވެސް، އެ ނިޒާމުގެ ބައެއް ސިފަތައް މުޅިން ނުފިލައި އޮތުމުން، މުޅިން އާ ނިޒާމެއް އަދި ގާއިމުނުކުރެވި އޮތީމައެވެ. އާދެ، އިހުގައި އޮތް އެކެއްގެ ބާރުގެ ދަށުގައި އޮތް އިސްތިބްދާދީ ނިޒާމެއް ނެތެވެ. އަޅުގަނޑުމެން މިދަނީ އެނޫން، ހެޔޮ ނިޒާމަކާ ދިމާއަށް ދަތުރުކުރަމުންނެވެ. އިހުގެ އިސްތިބްދާދީ ސިޔާސަތުގީ ސަގާފަތުގެ ބަދަލުގައި އެހެން ސަގާފަތެއް އަދި ގާއިމު ނުކުރެވުނު ކަމުގައި ވިޔަސް، އަޅުގަނޑުމެން ދަތުރުކުރަމުން މިދަނީ އެ ފަދަ ސަގާފަތެއް އުފައްދައި އަދި އޭގެ މައްޗަށް ބިނާވާ ހެޔޮ ސިޔާސީ ނިޒާމެއް ގާއިމުކުރުމާ ދިމާއަށެވެ. މިކަމުގެ އިތުރު ތަފްސީލަށް ދިޔުމުގެ ކުރިން، މިއީ ތަބީއީ ކަމެއްކަން ބަޔާންކޮށްދިނުމަށްޓަކައި ތާރީޚީ ވާހަކައެއް ވެސް ހުށަހަޅާލާނަމެވެ.

ގައުމުތައް މިފަދަ އިންތިގާލީ މަރުހަލާތައް ކަޑައްތުކުރުމަކީ އާ ކަމެއް ނޫނެވެ. މީގެ އަލިގަދަ ހެއްކެއް، މިޒަމާނުގެ ޔޫރަޕްގެ ތާރީޚުން ފެނިގެންދެއެވެ. މިއަދު ހުޅަނގަށް– (މިތާނގައި، ހުޅަނގޭ ބުނެ އިޝާރަތްކުރެވެނީ ޔޫރަޕާއި، ޔޫ.އެސް.، އޮސްޓުރޭލިޔާ އަދި ނިޔޫޒީލަންޑު ފަދަ ގައުމުތަކަށެވެ)– ބަލާލާއިރު ޑިމޮކުރަސީގެ މައްޗަށް ތައުސީސުކުރެވި، ހަމަޖެހިފައިވާ ސިޔާސީ މިނިވަން ނިޒާމެއް ގާއިމުކުރެވިފައިވާތަން ފެނެއެވެ. މި ސިޔާސީ ނިޒާމުގެ އަސްލު ގުޅެނީ ފަރަންސޭސި އިންގިލާބާއެވެ. މިއިންގިލާބުގެ ބިނާވީ މައިގަނޑު ތިން އަގެއްގެ މައްޗަށެވެ. އެއީ 'މިނިވަންކަމާއި' 'ހަމަހަމަކަމާއި' 'އެއްބަނޑުއެއްބަފާކަމާއި' މިތިން އަގުގެ މައްޗަށެވެ. މިތިން އިބާރާތް ކޮމާ ކޯޅިއެއްގެ ތެރޭގައި އެވަނީ އެތިން އިބާރާތުގައި ވެސް ކަނޑައެޅިގެން ވަކި މާނައެއް އޮތީމައެވެ. އެމާނައިގެ މައްޗަށް ފަހުން އަލިއަލުވާލެވޭނެއެވެ. އަޅުގަނޑުމެންގެ އިންތިގާލީ މަރުހަލާގެ ވާހަކަތައް ދެއްކުމުގެ ކުރިން، އެ ވާހަކަތައް ވިސްނިދިޔުމައްޓަކައި، ފަރަންސޭސި އިންގިލާބުގެ މައްޗަށް ނަޒަރެއް ހިންގާލާނަމެވެ.

ފަރަންސޭސި އިންގިލާބުގެ ފެށުން ކަމުގައި ކަނޑައެޅޭ ތާރީޚަކީ 1789ވަނަ އަހަރެވެ. ހަލަބޮލި އަހަރުތަކެއް، ވޭތުކުރުމަށް ފަހު، އިންގިލާބުގެ ހަރަކާތް ނިމުނީ 1799ވަނަ އަހަރު ނެޕޯލިޔަންގެ އިސްތިބްދާދީ ވެރިކަން ގާއިމުކުރެވިގެންނެވެ. މިއީ އިސްތިބްދާދީ ވެރިކަމެއް ކަމުގައި ވެސް، މިނިވަންކަން ފިޔަވައި، ފަރަންސޭސި އިންގިލާބުގެ އަގުތައް، ޖުމްލަ ގޮތެއްގައި ދެމެހެއްޓުނެވެ. މިނިވަންކަމަށް، ކޮންމެވެސް ވަރަކަށް، ހުރަސް އެޅުނެވެ. ދީނީ މިނިވަންކަން ކޮންމެވެސް ސިފައެއްގައި އޮތް ކަމަށް ވިޔަސް، ނޫސްތަކުގައްޔާއި ފޮތްފޮތުގައި، ނެޕޯލިޔަންގެ ސިޔާސަތާއި ފުށުއަރާ މިނިވަން ޚިޔާލުތައް ފާޅުނުކުރެވޭ ގޮތް ހެދުނެވެ. އެކަން ކުރެވުނީ، އަޅުގަނޑުމެން ރާއްޖޭގައި ވެސް، 90ގެ އަހަރުތަކުގެ ތެރޭގައި، ސަރުކާރުގެ ސިޔާސަތާ އިދިކޮޅު ލިޔުމެއް ޝާއިއުކުރެވިއްޖެ ނަމަ، އެފަދަ ލިޔުމެއް ޗާޕުކޮށް ޝާއިކުރާ ފަރާތްވެސް ކުށްވެރިވާ ގޮތަށް ގާނޫނުތައް ހެދުނު ފަދައިން، ނެޕޯލިޔަންގެ ސިޔާސަތާ ޚިލާފު ވާހަކަތައް ފޮތް ޝާއިކުރާ ދާރުތަކަށް މަނާކުރެވިގެންނެވެ. ކޮންމެއަކަސް ފަރަންސޭސި އިންގިލާބުން އެ ނިޒާމަކާ ހަމައަށް ދަތުރުކުރުމަށް މަސައްކަތްކުރެވުނު ނިޒާމު ގާއިމުކުރެވުނީ 1815ވަނަ އަހަރު ނެޕޯލިޔަން ވެއްޓި، ދެން އައި ދުވަސްތަކުގެ ތެރޭގައެވެ. މީގެ މާނައަކީ ފަރަންސޭސީ އިންގިލާބުގެ ކުރީގައި އޮތް ނިޒާމު ބަދަލުވެ، އިންގިލާބީ ފިކުރު ތައާރަފުކުރުވި އަގުތަކަށް އަމަލީ ސިފަ ގެނެވި، އޭގެ މައްޗަށް ބިނާވި ސިޔާސީ އަދި އިޖުތިމާއީ ނިޒާމު ގާއިމުވާން މަދުވެގެން ވިއްސަކަށް އަހަރު ނެގިއެވެ. މި ވިއްސަކަށް އަހަރު ވެގެން ދިޔައީ ކުރީގެ މުސްކުޅި ނިޒާމާއި ފަހުން ގާއިމުކުރެވިގެން ދިޔަ އާ ނިޒާމާ ދެމެދުގައި އައި އިންތިގާލީ އަހަރުތަކަކަށެވެ.

އިންގިލާބީ ބޮޑު، ހެޔޮ ބަދަލެއް، ކާމިޔާބީއޭ އެކީ، ގެނެވެނީ، އެ ބަދަލު އަގުތަކާއި މުސުލުތަކެއްގެ މައްޗަށް ބިނާވެގެންނެވެ. ފަރަންސޭސި އިންގިލާބު އޭގެ މައްޗަށް ބިނާވި، މިނިވަންކަމާއި ހަމަހަމަކަމާއި އެއްބަނޑުއެއްބަފާކަން ފަދަ އަގުތަކެވެ. މުސުލަކީ އެ އަމާޒުފަތްގަނޑާ ހަމައަށް ވާސިލުވާން ބޭނުންވާ ކަމެވެ. އެހެން އިބާރަތަކުން ބުނާ ނަމަ، މިނަންގަތް ފަދަ އަގުތަކުގެ މަތީގައި ތިބެ، ހަގީގަތަކަށް ހަދާންލަން ބޭނުންވާ، އެންމެނަށް ވެސް ހަމަޖެހިގެން އުޅެވޭނެ ފަދަ މައީޝީ ހަޔާތެއް ގެނެސްދޭނޭ ނިޒާމެކެވެ.

ދެން، ކުރު ގޮތަކަށް ނަމަވެސް، ފަރަންސޭސި އިންގިލާބުގެ އަގުތަކުގެ މައްޗަށް އަވަސް ނަޒަރެއް ހިންގާލާނަމެވެ. އެ އަގުތަކުގެ ހިއްސީ މާނައެއް ލިބިދިނުމަށްޓަކައެވެ. މައުނަވީ މަފްހޫމެއްގެ މާނަ، ހިއްސީ މަފްހޫމަކާ ގުޅުވާލުމުން އިތުރަށް ސާފުވާނެތީއެވެ. 'ބޮޑޭ' ބުނުމުން އޭގެ މާނަ މުޅިން ސާފު ނުވިޔަސް، އެވަރެސްޓު ފަރުބަދަހާ ބޮޑޭ ބުނުމުން، ބޮޑުކަމުގެ މިނުގެ ތަސައްވުރެއް ހިތަށް ނެގި 'ބޮޑުކަން' ހިއްސީ ގޮތެއްގައި ސާފުވާ ފަދައިންނެވެ.

ދެން، ފަރަންސޭސި އިންގިލާބުގެ އަގުތަކުގެ މައްޗަށް ބަލާލަމާ ހެއްޔެވެ؟ އެންމެ ފުރަތަމަ މިނިވަންކަމެވެ. މި މިނިވަންކަން ގުޅެނީ ދެތިންކަމާއެވެ. އެންމެ ފުރަތަމަ، ވެރިކަމުގެ ބާރުތައް ހިންގާނޭ ވެރިން ހޮވުމުގެ މިނިވަންކަމެވެ. މިކަން އެންމެ ފުރަތަމަ އޮތީ އެހާ މިނިވަން ސިފައެއްގައެއް ނޫނެވެ. މި ހައްގު އެންމެ ފުރަތަމަ ގުޅިފައި އޮތީ މީހާގެ އުމުރާއި، އޭނާގެ ޖިންސާއި އަދި ދައުލަތަށް އޭނާ ވާރުގެ ގޮތުގައި ދައްކާ ފައިސާއާއެވެ. ވަކި އަދަދަކަށް، ވާރުގެ ގޮތުގައި ފައިސާ ދައްކާ ފިރިހެނުންނަށެވެ. ފަހުން މިކަމަށް އިސްލާހުތަކެއް ގެނެވުނެވެ. މިނިވަންކަމުގެ އަގު ދެން ގުޅެނީ، ޚިޔާލުފާޅު ކުރުމާއެވެ. މިކަން އެންމެނަށް ވެސް އޮތެވެ. ކުރިން ބަޔާންކުރެވިދިޔަ ފަދައިން، ނެޕޯލިޔަންގެ އިސްތިބްދާދީ ދުވަސްވަރު ފިޔަވައެވެ. މިނިވަންކަމުގެ އަގު ތިންވަނައަށް ގުޅެނީ ދީނާއެވެ. އެ ދުވަސްވަރުގައި ދީނީ މިނިވަންކަން ގުޅިފައި އޮތީ މިހާރު އެކަން މާނަކުރެވޭ ގޮތަކަށް ނޫނެވެ. އެމީހަކު އެމީހަކު ބޭނުންވާ ދީނެއް ޚިޔާރުކުރުން ނުވަތަ އެއްވެސް ދީނެއް ޚިޔާރުނުކުރުން، މި މާނައިގައެއް ނޫނެވެ. ކެތަލިކުންނާއި ޕުރޮޓެސްޓުންނާއި ޔަހޫދީން، އެބަޔަކުގެ ދީނީ ގޮތް ޚިޔާރުކުރުމުގެ މިނިވަންކަމެވެ. ފަރަންސޭސީ ވިލާތުގައި، އެދުވަސްވަރު، ބޮޑު ކެތަލިކް އަޣުލަބިއްޔަތެއް އޮތެވެ. އެހެންވުމުން، މިމިނިވަންކަން ބެލެވުނީ އެދުވަސްވަރުގެ ހާލަތަށް ބަލާއިރު ލިބުނު ވަރަށް ބޮޑުކުރިއެރުމެކެވެ. އަދި، ނެޕޯލިޔަންގެ ވެރިކަމުގައި، ފަރަންސޭސިވިލާތުގެ ގާނޫނު އަސާސީގައި ފަރަންސޭސީންގެ އަޣުލަބިއްޔަތަކީ ކެތަލިކުން ކަމުގައި ލިޔެވުނެވެ. ތަނުގެ ބޮޑުބައެއްގެ އެދުމާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިކަންކަމުގެ އިތުރުން، ދީނީ މިނިވަންކަމުގެ ތެރޭގައި، ފަރަންސޭސިވިލާތަކީ ޕޯޕުގެ ނުފޫޒުން ބޭރުގައިވާ ތަނެއްކަމާއި އެތަނުގެ ދީނީ ކަންތައްތައް ނިންމާނީ ސީދާ ދައުލަތަކުގެ ފަރާތުންކަން ހަމަޖެހިގެން ދިޔައެވެ. މާނައަކީ ކަނީސާގެ މުއައްސަސާއަކުން، އެއީ ސީދާ ފަރަންސޭސި ކަނީސާގެ މުއައްސަސާކަމުގައި ވިޔަސް، ދައުލަތުގެ މައްޗަކަށް، އެއްވެސް ބާރެއް ނުފޯރުވޭނެއެވެ. މީގެ މާނައަކީ، ކަނީސާގެ މަގާމުތަކަށް ދީނީ އިމާމުން އައްޔަނުކުރާނީ ދައުލަތުން ކަމާއި އަދި އެމީހުންގެ މުސާރަވެސް ހަމަޖައްސާނީ ދައުލަތުގެ ފަރާތުން ކަމެވެ. މީހުންގެ އަތުން، އެއްވެސް ބާވަތެއްގެ ޓެކްސްއެއް ނެގުމާއި އަދި ތައުލީމީ ކަންތައް ހިންގުމުގެ އެއްވެސް ބާރެއް ކަނީސާއަކަށް ލިބިގެން ނުވެއެވެ. މިހުރިހާ ކަމެއްގެ ބާރާއި އިޚްތިޔާރު ލިބިގެންވަނީ ދައުލަތަށެވެ.

ފަރަންސޭސި އިންގިލާބުގެ އަނެއް އަގު ކަމަށްވާ ހަމަހަމަކަމުގެ މައްޗަށް ބަލައިލަމާ ހެއްޔެވެ؟ މި ހަމަހަމަކަން ވެސް ދެތިން ކަމަކާ ގުޅެއެވެ. އެންމެ ފުރަތަމަ، ފަރަންސޭސި އިންގިލާބުގެ ކުރިން، ފަރަންސޭސި މުޖުތަމައުގައި އޮތް ގިންތިތައް އުވާލުމެވެ. އިންގިލާބުގެ ކުރިން، ފަރަންސޭސި މުޖުތަމައުގައި ރަސްމީ ތިން ގިންތި އޮތެވެ. އެސްޓޭޓުގެ ނަމުން ނަންދެވިފައިވާ ތިން ގިންތިއެވެ. ފުރަތަމަ އެސްޓޭޓުގެ ގިންތިއާއި ދެވަނަ އެސްޓޭޓުގެ ގިންތިއާއި ތިންވަނަ އެސްޓޭޓުގެ ގިންތިއެވެ. ފުރަތަމަ އެސްޓޭޓުގައި ހިމެނެނީ ދީނީ 'އިމާމުވެރި' (މަގުދައްކާ) ބޭކަލުންނެވެ. ދެން، 'މާތް ނަބީލުންނެވެ'. އާދެ، 'ބޭފުޅުންނެވެ.' ރަސްގެފާނު ފިޔަވައި، ރަސްދަރިކޮޅުގެ މީހުންނާއި އަސްކަރީ ސަފުސަފުގައި ހިމެނޭ އިސް ބޭކަލުންނެވެ. ރަސްގެފާނު ހިމެނިވަޑައިގަންނަވީ މި ހުރިހާ ގިންތިއެއްގެ ވެސް މަތީގައެވެ. ދެން ތިންވަނަ ގިންތީގައި އެހެން ހުރިހާ އާންމު މީހުންނެވެ. ވިޔަފާރިވެރިންނާއި، އިލްމުވެރި ބޭކަލުންނާއި ޑޮކްޓަރުންނާއި މުދައްރިސުންނެވެ. މަސައްކަތްތެރިންނާއި މަސައްކަތު މީހުންނާއި ގެރިބަކަރި ގެންގުޅޭ މީހުންނާއި ދަނޑުވެރިންނެވެ. ހަމަހަމަކަން ނިޔާކުރާ ގޮތުން، މިގިންތިތައް އުވާލައި، މަތީ ދެގިންތިއަށް ލިބިގެންވި ޚާއްސަ އިމްތިޔާޒުތައް ވެސް އުވާލެވުނެވެ. ޓެކްސް ދައްކަން ނުޖެހުމާއި ބައެއް ކަހަލަ މަސައްކަތްތައް ކުރުމުން އިސްތިސްނާކުރެވޭ އިމްތިޔާޒުތަކެވެ. އަދި، ގާޒީކަމާއި ދައުލަތުގެ ބައެއް އިސް އިދާރީ ވަޒީފާތައް މަތީ ގިންތީތަކަށް ޚާއްސަވެފައި ވުމުގެ އިމްތިޔާޒުތަކެވެ. މިކަންކަން އުވާލައި، ގާނޫނުތަކުގެ ކުރިމަތީގައި އެންމެންވެސް އެއްވަރުވުމާއި އެންމެނަށް ވެސް ޓެކްސްދައްކަން ޖެހޭ ގޮތް ހެދުމާއި ވަޒީފާތައް ލިބުން، މީހާ އެކަމަށް އަހުލުވެރި މީހަކަށްވުމުން، އޭނާ ނިސްބަތްވާ ގިންތިއަކަށް، އާއިލާއަކަށް ބެލުމެއް ނެތި، ހަމައެކަނި، އޭނާގެ އިލްމާއި ހުނަރާއި ގާބިލުކަމުގެ މައްޗަށް ބަލައި ދެވުން، އެންމެން ހަމަހަމަ ވުމުގެ ތެރޭގައި ހިމެނުނެވެ.

ދެން، ފަރަންސޭސި އިންގިލާބުގެ ތިންވަނަ އަގުގެ ތެރޭގައި އެންމެންނަކީ ވެސް އެއްބަޑު އެއްބަފާ ބައެއްކަމުގެ އަގު ހިމެނެއެވެ. މިތާނގައި، 'އެންމެންނޭ' ބުނެ އިޝާރަތްކުރަނީ ފަރަންސޭސީންގެ އެންމެނަށެވެ. މީގެ މާނައަކީ، އެދުވަސްވަރު ފަރަންސޭސި މުޖުތަމައުގައި އޮތް ތަފާތު އަޅުވެތިކުރުންތައް ނެތި ދިޔުމެވެ. ތިންވަނަ ގިންތީގައި ހިމެނޭ އާދައިގެ މީހުން، ޚާއްސަކޮށް ދަނޑުވެރިން، އެމީހުންގެ ދަނޑުތަކުގެ ވެރި ސާހިބުންނަށް، އެއްވެސް އަގަކާ ނުލައި މަސައްކަތްކޮށްދިނުން ފަދަ އަޅުވެތިކުރުން ފަދަ ކަންކަމެވެ.

ފަރަންސޭސި އިންގިލާބުގެ މިނަންގަތް އަގުތަކަށް، އާދެ، މިނިވަންކަމާއި، ހަމަހަމަކަމާއި އެއްބަޑުއެއްބަފާކަން، މިކަންކަމަށް، އަމަލީ ސިފަތައް ގެނެވި، މި ގަބޫލުކުރުންތަކުގެ ބިންގާ މަތީ މުޅީން އާ ދައުލަތެއް ބިނާވާން ވިއްސަކަށް އަހަރު ނެގިއެވެ. އެއީ 1789 ވަނަ އަހަރު އިންގިލާބު ފެށުމާއި 1815 ވަނަ ނެޕޯލިޔަން ވެއްޓި، މި އާ ދައުލަތް ބިނާވީ އޭގެ ފަހުންނެވެ. އާދެ، 1789 އަކާއި 1815 ވަނަ އަހަރު ދެމެދުގައި އިންގިލާބުގެ އިންތިގާލީ މަރުހަލާއާ ކުރިމަތިލާން ޖެހުނެވެ.

މިއިންތިގާލީ މަރުހަލާގައި، އެންމެ ބޮޑު ގޮންޖެހުމަކަށް، އިންގިލާބުގެ ވެރިންނަށް ކުރިމަތިވީ، އިންގިލާބު ނަންގަނެވި ދިޔަ އަގުތައް ހިފެހެއްޓުމެވެ. މިކަން ނުވެ، އިންގިލާބު ފޭލިވުމުގެ ނުރައްކާ އެތައް ފަރާތަކުން ކުރިމަތިވިއެވެ. ރަސްކަމުގެ ފަރާތުންނާއި، އެމީހުންގެ އިމްތިޔާޒުތަށް ގެއްލުމުން، ރަސްކަމަށް ތާއީދުކޮށް، ރަސްކަން އަލުން އިއާދަކުރުމަށް ބޭނުންވި މީހުންގެ ފަރާތުންނެވެ. ތަނުގައި ސިޔާސީ ހަލަބޮލިކަން ފެތުރި، ގާނޫނާއި ގަވާއިދުތައް ބޭކާރުވެ، އާންމުންގެ އަތްމައްޗަށް ކަންކަން ގެންދިޔުމުގެ ބިރެވެ. ދީނީ ބައެއް ފަރާތްތަކުން، އެމީހުންގެ އިމްތިޔާޒުތައް ވެސް ނިގުޅައިގަނެފައި ވުމުން، ކުރިމަތިވި ގޮންޖެހުމެވެ. މީގެ އިތުރުން، އެތެރޭގައި އޮތް، އިންގިލާބީ އިދިކޮޅު، މި ނަންގަތް ފަރާތްތައް، ޔުރަޕުގެ އެހެން ދައުލަތްތަކު އެހީ ހޯދައި، ފަރަންސޭސި ވިލާތާ ހަނގުރާމަކުރުމުގެ ބިރެވެ. މި ބިރު ހަގީގަތަކަށްވެ، އިންގިލާބުގެ ވެރިން، ހަނގުރާމަ ވެސް ކުރަން ޖެހުނެވެ.

މިހުރިހާ ގޮންޖެހުންތަކަކާ ފަރަންސޭސި އިންގިލާބުގެ ލީޑަރުން، ކުރިމަތިލައި ކާމިޔާބު ހޯދިއެވެ. އެކަން އެ ގޮތަށް ދިމާވާން މައިގަނޑު ދެ ސަބަބެއް ވެއެވެ. ފުރަތަމަ ސަބަބަކީ މުޅި ފަރަންސޭސި ވިލާތް ހެން، މި އިންގިލާބަށް ތައްޔާރުވެފައި އޮތުމެވެ. އާދެ، ބޮޑު ބަދަލަކަށް ތައްޔާރުވެފައި އޮތުމެވެ. ދެވަނަ ސަބަބަކީ ފަރުދީ މަސްލަހަތުގައް އެއްފަރާތްކޮށް، މުޅި ޖަމާއަތުގެ މަސްލަހަތު އިސްކޮށް، ގައުމުގެ ލާބައާއި މަންފާއަށްޓަކައި، އިންގިލާބުގެ ހަރަކާތްތައް ހިންގާލާނޭ ވަރުގަދަ، ގާބިލު ލީޑަރުންތަކެއް ތިބި ކަމެވެ. މި ދެ ކަންތައް އިތުރަށް ސާފުކޮށްލަމާ ހެއްޔެވެ؟

މީލާދީން 1789 ހަމައަށް އައިރު، ފަރަންސޭސި ދައުލަތް އޮތީ ބަނގުރޫޓުވުމުގެ ވަޅުގަނޑެއްގެ ތުންފަތްމަތީ ގައެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ހުރިހާ ގިންތިތަކެއް އެއްކުރުމުގެ ޖަލްސާ ބޭއްވި، އެއްބަހަކަށް ނާދެވުން ވީ ފަރަންސޭސި އިންގިލާބުގެ ހުޅުކޮޅު ރޯވާން އެޅެނު އަލިފާންދަނޑި އެޅުނު އަލިފާން ދަނޑިއަށެވެ. މިހިސާބަށް ކަންތައް އައިސްފައިވާއިރު، ފަރަންސޭސި ވިލާތް އޮތީ ފިކުރީ ގޮތުން ބޮޑު ބަދަލަކަށް ތައްޔާރުވެފައެވެ. އިންގިލާބުގެ 100 ވަރަކަށް އަހަރު ކުރިއްސުރެން ފެށިގެން ތަންވީރީ ފިކުރުގެ ފައިލުސޫފުން، އެމީހުންގެ ޚިޔާލުތައްވަނީ އާންމުގެ ތެރެއަށް ދޫކޮށްލާފައެވެ. ހޮބްއާއި ލޮކް، ވޯލްޓަޔަރ އާއި ރޫޒޯ ފަދަ ފަލްސަވާވެރި އިލްމުވެރިންނެވެ.

މި ނަންގަތް ފައިލަސޫފުން، ސިޔާސީ އެކިއެކި މައްސަލަތައް ނަންގަވައި ބަހުސްކުރެއްވިއެވެ. ޝަރުއީ ހުކޫމަތަކީ ކޮބައިކަން، މާނައަކީ ގާނޫނީ ސިފަ ލިބެގެންވާ ވެރިކަމަކީ ކޮބައިކަން، ވެރިކަން ކުރުން އެންމެ ހައްގުކަން ބޮޑީ ކާކުކަން، މި މައްސަލަތަކާ ބެހޭ ގޮތުން އެމީހުން ދެކޭ ގޮތުގެ ވާހަކަ އެމީހުންގެ ލިޔުންތައް މެދުވެރިކޮށް ހުށަހަޅާލިއެވެ. އަދި އިންސާނާގެ ތަބީއީ ހާލަތަކީ ވަކި ގޮތަކަށް އިންތިޒާމުކުރެވިފައި ނުވާ މުޖުތަމައީ ހާލަތެއްގައި އޭނާ ވުމެވެ. އަދި މިފަދަ ހާލަތެއްގައި، އެއަށް ބަދަލުނުގެނެވޭނޭ ހައްގުތަކެއް، އޭނާއަށް ލިބިގެންވާކަން ވެސް ލޮކް ފަދަ ފައިލަސޫފުން ފާހަގަކުރެއްވިއެވެ. އަދި ހާކިމާ މަހްކޫމާ ދެމެދު، އެބަހީ ވެރިޔާއާއި އެމީހުންގެ މައްޗަށް ވެރިކަން ހިންގޭ އާންމު ރައްޔިތުންނާ ދެމެދު އޮންނަނީ އިޖުތިމާއީ އެއްބަސްވުމެއްކަން ވެސް ހޮބްއާއި ލޮކް ދެކެލެއްވިއެވެ. މި އެއްބަސްވުމުގެ މާނައަކީ މިދެފަރާތުން ވެސް އަދާކުރަން ޖެހޭ ވާޖިބުތަކަކާއި އުފުލަން ޖެހޭ މަސްއޫލިއްޔަތްތަކެއް ވާކަމެވެ. އަދި ދެފަރާތަށް ވެސް ލިބިދޭންޖެހޭ ހައްގުތަކެއް އޮންނަކަމެވެ. މިސާލަކަށް، ވެރިކަމުގެ މަސްއޫލިއްޔަތަކީ ހާކިމާގެ ކޮނޑުގައި އެޅިފައި އޮތްކަމެކެވެ. އެ މަސްއޫލިއްޔަތު އުފުލަންޖެހޭނީ އަދުލު އިންސާފުގެ މައްޗަށް ބިނާވާ ގާނޫނުތަކެއްގެ ދަށުންނެވެ. ގާނޫނުތަކަށް ތަބާވެ، ގައުމަށާއި ރައްޔިތުންނަށް ތެދުވެރިކަމާއި އަމާނަތްތެރިކަމާއެކު ގައުމުން ހިންގުން އޭނާގެ މައްޗަށް ވާޖިބުވެގެން ވެއެވެ. ގާނޫނުތަކަށް ތަބާވެ، އިޚުލާސްތެރިކަމާއެކު، ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ވެރިކަމުގެ މަސްއޫލިއްޔަތު އުފުލުމުން، ރައްޔިތުންގެ އެއްބާރުލުން ލިބުން އޭނާއަށް ހައްގުވެގެން ވެއެވެ. ގައުމުގެ މުއްސަނދިކަން، އަދުލުވެރި ގޮތެއްގައި ބެހި، އަސާސީ ބޭނުންތައް- ކެއުން ބުއިން، އުނުއޮރިޔާން ނިވާކުރުން ބޯހިޔާވެހިކަން ލިބުން- ފުދިދިޔުމަކީ ކޮންމެ މުވާތިނެއްގެ ވެސް ހައްގެކެވެ. ސަރުކާރެއްގެ އެންމެ އިސް ވާޖިބަކީ މި ބޭނުންތައް ފުއްދޭނޭ ފަދަ ގޮތެއްގައި ސަރުކާރުގެ ސިޔާސަތުތައް ކަނޑައަޅާލުމެވެ. މިފަދަ ގޮތެއްގައި ކަންތައްތައް ކުރެވެމުންދާއިރު، ހާކިމާއަށް ކިޔަމަންގަނެ، އޭނާއަށް އެއްބާރުލުން ދިނުން ރައްޔިތުންގެ މައްޗަށް ވާޖިބުވެގެން ވެއެވެ. އާދެ، އިޖުތިމާއީ އެއްބަސްވުމެކޭ ބުނެ އިޝާރަތްކުރެވެނީ މިފަދަ އެއްބަސްވުމަކަށެވެ.

ހަމަ މިފަދަ ޚިޔާލުތައް ވޯލްޓެޔަރ އާއި ރޫސޯވެސް ވެސް ފާޅުކުރެއްވިއެވެ. ވޯލްޓެޔާރ ގަބޫލުކުރެއްވި ގޮތުގައި، ހޭލުންތެރިކަމެއް ނެތް ތަނެއްގައި 'މުތުލަގު ޑިމޮކުރަސީއެއް’، މާނައަކީ، ސިޔާސީ ހޭލުންތެރިކަމެއް ނެތް، ތިމާމެންގެ ވަލާއު ގައުމަށް ނުދެވޭ، ކިޔުމާއި ކިޔެވުމުގެ ސަގާފަތެއް ނެތް ބައެއް، އެ އެންމެން ހިމެނޭ ގޮތުގައި ހިންގާލެވޭ ޑިމޮކުރަސީއެއްގެ ނިޒާމަކީ ފައިދާހުރި ނިޒާމަކަށް ނުވާނެއެވެ. އޭނާ ދެކެވަޑައިގެން ގޮތުގައި ވެރިކަން ކުރަން ޖެހޭނީ އިލްމީ ގާބިލުކަން ލިބިވަޑައިގެން ތިއްބެވި ބައެކެވެ. އަދި، ހަމަހަމަކަމާއި މިނިވަންކަން ފަދަ ތަންވީރީ ފިކުރުގެ އުސޫލުތަކުގެ މައްޗަށް ބިނާވެގެންނެވެ. މިވާހަކަތަކުން ހެކި ލިބިގަންނަން މަސައްކަތްކުރަނީ ފަރަންސޭސީ އިންގިލާބު ހިނގަން މެދުވެރިވިއިރު، ފަރަންސޭސި މުޖުތަމައު އޮތީ ފިކުރީ ގޮތުން އެކަމަށް ތައްޔާރުވެގެން ކަމަށެވެ. މަތީގައި ނަންގަނެވި ދިޔަ އިންގިލާބުގެ އަގުތައް ކަމުގައި ބެލެވުނު އަގުތަކާއި އަދިވެސް ދެންމެ މިނަންގަތް ޚިޔާލުތަކާއި ފިކުރުތައް، ފަލްސަފާވެރި އިލްމީ މުފައްކިރުންގެ ލިޔުންތަކުގެ ސަބަބުން، މުޖުތަމައުގެ އަފުރާދުންގެ މެދުގައި ބަހުސްކުރެވި، އެފަދަ އަގުތަކާއި ފިކުރުތައް ބަލައިގަނެ، އެނގިތިބެ، ހިތުގެ އަނޑިން ގަބޫލުކުރެވިފައިވާތީއެވެ. އަދި އިންގިލާބުގެ ނަވުގެ ހުންގާނުގައި ހިފައިގެން ގައުމާއި ރައްޔިތުންނަށް ހެޔޮމަގުދައްކައިދޭނޭ މި ނަންގަތް ސިޔާސީ ތަންވީރީ ފިކުރުގެ އިލްމުވެރި ސިޔާސީ އެތައް ލީޑަރުންނެއް ތިއްބެވިއެވެ. އިމޭނުއަލް ޖޯސެފް ސިޔޭއާއި މެކްސިމިލިއަން ރޮބެސްފިޔައާއި ކަމީޔް ޑެސްމުލިނާއި ޖޯޖެސް ޖާކް ޑެންޓަންއާއި ޖީން ޕޯލް މަރަޓް ފަދަ އެތައް އެތައް އެތައް ލީޑަރުންނެވެ. މީގެ އިތުރަށް މުއައްދަބު ވަރުގަދަ ލަޝަކަރެއް ވެސް އޮތެވެ. އަދި، މިލަޝްކަރު އިތުރަށް ކުރިއަރުވައި ބާރުގަދަކުރުވަނިވި ސިޔާސަތުއް އެކުލަވާލައި ކަނޑައަޅާލުމުގެ ގާބިލުކަން އިންގިލާބުގެ ލީޑަރުންގެ ކިބައިގައި ހުއްޓެވެ. އިންގިލާބުގެ ލީޑަރުންނަށް ކަންކަން ހައްލުނުކުރެވޭ ހިސާބަށް ދެވުމުން، މަދަނީ ވެރިކަމުގެ ތެރެއަށް އަސްކަރީން ވަންއިރު، އަސްކަރީންގެ ތެރޭގައި ވެސް، މިނަންގަތް އަގުތަކާއި ތަންވގީރީ ފިކުރީ ޚިޔާލުތައް ބަލައިގަނެވިފައި އޮތެވެ. އެހެންވެ، ނެޕޯލިޔަން، އަސްކަރީ އިސްތިބާދީ ވެރިކަމެއް ގާއިމުކުރި ކަމުގައި ވިޔަސް، އޭނާ ވެސް ހިމެނިގެންދިޔާއީ އިންގިލާބުގެ އަގުތަކާއި އަދި ގާނޫނުތަކާއި ގަވާއިދުތައް ދަމަހައްޓައި އެކަމަށް ހުރުމަތްތެރިކޮށް ހިތި ލީޑަރަކަށެވެ. މީގެ އެންމެ ބޮޑު ހެއްކަކީ، ނެޕޯލިޔަން ވިދާޅުވެފައިވާ ފަދައިން، އޭނާގެ ހަނދާންތައް އެންމެ ބޮޑަށް ދެމެހެއްޓި އޭނާގެ އަސްކަރީ ގާބިލިއްޔަތު ކަމެއް ނޫނެވެ. 'ނެޕޯލިޔަންގެ ކޯޑުގެ' ނަމުން ނަންދެވިފައިވާ އޭނާ އެކުލަވާލި ގާނޫނީ ގަވާއިދުތަކެވެ.

އަޅުގަނޑުމެންގެ ރާއްޖެ ވެސް މިއަދު، ކަޑައްތުކުރަމަން މިގެންދަނީ މަތީގައި ބަޔާންކުރެވިދިޔަ ފަދަ އިންތިގާލީ މަރުހަލާއެކެވެ. ގައުމުތައް ތަރައްގީގެ މަގުގައި ދަތުރުކުރަމުން ދާއިރު، ކަޑައްތުކުރާ މަރުހަލާއެކެވެ. އިހުގައި އޮތް ސިޔާސީ އަދި އިޖުތިމާއީ ނިޒާމެއް ދޫކޮށް އާ ހެޔޮ ސިޔާސީ އިޖުތިމާއީ ނިޒާމަކާ ދިމާއަށް ދަތުރުކުރާއިރުއެވެ. މި އިންތިގާލީ މަރުހަލާގައި އަޅުގަނޑުމެންނަށް ވެސް ތަފާތު ޗެލެންޖުތައް، ގޮންޖެހުންތައް އެބަހުއްޓެވެ. މީގެ ތެރޭގައި، މަތީގައި ބަޔާންކުރެވި ދިޔަ ފަރަންސޭސި އިންގިލާބަށް، ފަރަންސޭސި ވިލާތް ތައްޔާރުވެފައި އޮތް ގޮތަށް އަޅުގަނޑުމެން ތިބީ ތައްޔާރުވެއެއް ނޫނެވެ. އަޅުގަނޑުމެންގެ ތެރޭގައި އާންމު ގޮތެއްގައި އިލްމީ ފިކުރީ ހޭލުންތެރިކަމެއް ނެތެވެ. އެހެންވެ، އަޅުގަނޑުމެން ގަބޫލުކުރާ އަޅުގަނޑުމެންގެ އަމިއްލަ ޖަމާއީ އަގުތަކެއް އެނގިގެން ކަނޑައަޅާލެވިފައެއް ނެތެވެ. އަޅުގަނޑުމެންގެ ސިޔާސީ ބިނާ، އެ ގޮތަކަށް ބިނާކުރާނޭ ގޮތެއް، ސާފުކޮށް، އެންމެނަށް އެނގޭ ގޮތަށް ކަނޑައެޅިފައެއް ނެތެވެ. އަދި، ގައުމުގެ މަސްލަހަތާއި ޖަމާއަތުގެ ފައިދާ އިސްކޮށްގެން ކަންތައްކުރެވޭނޭ ތެދުވެރި، އިޚުލާސްތެރި ލީޑަރުންނެއް ވެސް އުފެދިފައި ނެތެވެ. މިކަމުގެ ސަބަބުން، މި އިންތިގާލީ މަރުހަލާގައި އާ ހެޔޮ ނިޒާމަކާ ދިމާއަށް ގައުމުގެ ނައު ގެންދިޔުމުގެ ބަދަލުގައި، އިހުގެ ނިޒާމުގައި އޮތް މުސަތަބިއްދު ވެރިކަން، މަދު ބައެއްގެ އަތްމައްޗަށް ގެނެސް، އެކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތުގައި، ގައުމުގެ ސިޔާދަތާއި މިނިވަންކަމަށް ބުރޫއަރާފާނެކަން ހީވުމަކީ މި އިންތިގާލީ މަރުހަލާގައި ކުރިމަތިވެފައި އޮތް ހަގީގީ ބިރެކެވެ. އަޅުގަނޑުމެން ގަބޫލުކުރާ ޖަމާއީ އަގުތަކެއް ކަނޑައަޅާލައި، އަޅުގަނޑުމެން އެދޭ އާ ހެޔޮ ނިޒާމުގެ ބިނާގެ ތަސައްވުރެއް، ހިއްސީ ސިފައެއްގައި، އެބަހީ އަޅުގަނޑުމެންގެ ހިއްސުތަކުން އޭގެ ހަގީގަތް ފެންނަ ސިފައިގައި ކުރަހާލައި، އެ ކުރެހުން ހަގީގަތަކަށް ހަދާލެވޭނެ ހަގީގީ ގޮތް ކަނޑައަޅާލައި، އަދި މިކަން ކުރުމުގެ މަގުމަތީގައި ގައުމުގެ މިނިވަންކަން، އޭގެ އެންމެ ފުރިހަމަ ގޮތުގައި، ހިފެހެއްޓުމަކީ އަޅުގަޑުމެން މި ކަޑައްތުކުރާ މަރުހަލާ ކުރިމަތިކުރުވާ އެންމެ ބޮޑު ޗެލެންޖެވެ. ގޮންޖެހުމެވެ.