ކޮއްތާ ދަރާ ބޯނޭ ފެނާ ހޯދާށެ ދަތުރަށް ނުފަށަނީސް
ފޮށްޓާ ދަބަސް ފާލަން ދޮށަށް ގެންދާށެ ދާ އޮޑި ނުލަފަނީސް
ނެތިފައި ހަނދާން ދަތުރުގެ މަތީން ހުއްޓައި ބަނދަރު ޖެހުމުން އުޅަނދު
ނެތި ކޮއްތު ހުރެފައި ހުސްއަތާ އޮޑިޔަށް އަރަން ގޮސް ނުޖެހެނީސް
ހައިހޫނުކަން ފިލުވައި ލެވޭ މިންވަރު ވިޔަސް ހޯދައި ނުލައި
ކައިބޮއި ހެދޭން ނޯންނާނެކަން ދަންނާށެ ދަތުރަށް ނުފުރަނީސް
ބައިވެރިޔަކަށް ދަތުރުގެ މަތީ ދިއްކޮށްލި ފޮނި ހަދިޔާ އަކުން
ހައިހޫނުކަން ފިލުވޭނެ ގޮތް ހޯދަނި ބަނދަރު އޮޑި ނުޖަހަނީސް
ގައިގައި އަޅާނެ ރަޖާގަނޑެއް ހޯދާށެ ކުރިޔަށް ދަތުރުގައި
ވައި ފިނިވެ ހީކަރުވާ ވަގުތު ރަޖަޔެއްގެ ބޭނުން ނުޖެހެނީސް
ތައްޔާރު ނުވެ ހުރެ ދަތުރަކަށް އެރުމުން ލިބޭ ދެރަ ނޫފުލައި
ހައްޓަށް ފަސޭހަ ލިބޭނެހެން ތަންމަތި އަޅަނި އޮޑި ނުފުރެނީސް