...

Support Us

ކޮލަމް: ނަޖުމީގެ ގަލަމުން

ހަނޑޫ ފެނުން އިސްތަށިގަނޑަށް ކުރާ ފައިދާ އެނގޭތަ؟

ހަނޑޫ ފެނަކީ ރީތިވުމުގެ ކަންކަމުގައި ބޭނުން ކުރަމުން އަންނަތާ ގަރުނުތަކެއް ވެފައިވާ އެއްޗެކެވެ. އެހެން ނަމަވެސް، އިސްތަށިގަނޑާއި ހަންގަނޑަށް އެއިން ލިބޭ ފައިދާތައް މާގިނަ ބަޔަކަށް ނޭނގެއެވެ.

ހަނޑޫ ފެނަކީ ބަތް ކެއްކުމަށްފަހު ބާކީވެފައި ހުންނަ ސްޓާޗް އެކުލެވޭ ފެނެކެވެ. އޭގައި ތަފާތު ނިއުޓްރިއެންޓްސް ހިމެނޭއިރު، އޭގެ ތެރޭގައި ބީ ވިޓަމިންސް، ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން އީ، އަދި ރައިސް އެމިނޯ އެސިޑް ހިމެނެއެވެ.

ދުޅަހެޔޮ އިސްތަށިގަނޑެއް ލިބިގަތުމަށް ޒަމާނުއްސުރެ ހަނޑޫ ފެން ބޭނުން ކުރަމުން އައިސްފައި ވެއެވެ. މި ފެނުން އިސްތަށިގަނޑަށް ލިބޭ ވަކި ފައިދާތަކާ ބެހޭ ގޮތުން އަދިއެއް ސައިންޓިފިކް މާގިނަ ހެކިތަކެއް ނެތެވެ. ނަމަވެސް ދިރާސާއަކުން ދައްކާ ގޮތުގައި ހަނޑޫފެނުން އިސްތަށިގަނޑު ދޮވުމުން އޭގައިވާ ރާޅުކަން ކުޑަވެ އިސްތަށިގަނޑުގެ ވިލުން އިތުރުވެ އެވެ.

ހަނޑޫ ފެން ތައްޔާރުކުރުމަކީ ދާދި ފަސޭހަ ކަމަކަށް ވާއިރު، ބަތް ކެއްކުމަށް ފަހު ހުންނަ ފެން ނުވަތަ ހަނޑޫ ފެނުލައިފައި ހުންނަ ފެން ވެސް ބޭނުން ކުރެވިދާނެއެވެ. ޚާއްސަ ގޮތެއްގައި މިފެން ތައްޔާރު ކުރާނަމަ ތިރީގައި މިވާ ގޮތް ވެސް ބޭނުން ކުރެވިދާނެއެވެ.

ތައްޔާރު ކުރާ ގޮތް

ނުކައްކާ 1⁄2 ޖޯޑު ހަނޑޫ ނަގާށެވެ.

ރަނގަޅަށް ދޮވެލާށެވެ.

ބޯތައްޓަކަށް 2-3 ޖޯޑް ފެން އަޅާފައި ހަނޑޫ އަޅާށެވެ.

30 މިނެޓް ވަންދެން ހަނޑޫ ފެނުލާފައި ބަހައްޓާށެވެ.

ސާފު ބޯތައްޓަކަށް އެ ފެންތައް އަޅާލާށެވެ.

މިކަމާ ވަކާލާތުކުރާ މީހުން ބުނާ ގޮތުގައި އާދައިގެ ހަނޑޫ ފެނަށް ވުރެ ދެތިން ދުވަހު ބަހައްޓައިގެން ފެރމަންޓް ކުރެވިފައި ހުންނަ ފެނުގެ ފައިދާ މާ ބޮޑެވެ. މިފެން މޭކަޕްގެ ބާވަތްތަކުގައި ވެސް ހިމެނޭ ކަމަށް ބެލެވެއެވެ.

ފެން ބޭނުންކުރާ ގޮތް

މިފެން ބޭނުންކުރާ ގޮތަކީ ފުރަތަމަ ޝޭމްޕޫ އިން އިސްތަށިގަނޑު ދޮވެލާށެވެ.

އެއަށްފަހު ޝޭމްޕޫ ރަނގަޅަށް ދޮވެލާށެވެ.

އޭގެ ފަހުން އިސްތަށިގަނޑަށް ހަނޑޫ ފެން އަޅާށެވެ.

މި ފެނުން އިސްތަށިގަނޑާއި ބޮލުގެ ނާށިގަނޑު މަސާޖު ކުރުމަށްފަހު 20 މިނެޓް ވަންދެން ބަހައްޓާށެވެ.

ދެން ހޫނުފެނުން ރީއްޗަށް ދޮވެލާށެވެ.

މި ފެނުން އިސްތަށިގަނޑަށް ލިބޭ ފައިދާތަކުގެ އިތުރުން ގައިގެ ހަމަށް ވެސް ފައިދާތަކެއް ލިބެއެވެ.

 

ހަނޑުލު ފެނަކީ އިސްތަށިގަނޑުގެ ސިއްހަތަށް އެކިއެކި ފައިދާތަކެއް ލިބިގެންދާ ގުދުރަތީ އަދި ރައްކާތެރި ފަރުވާއެކެވެ. މިއީ ޖަޕާނާއި ޗައިނާގައި ވަރަށް އާންމުކޮށް ބޭނުންކުރެވި ރަނގަޅު ނަތީޖާއެއް ފެނިފައިވާ ކަމެކެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.