Support Us

ކޮލަމް ކޯދު: މީހަކު ބުނާ ވާހަކައެއް- ގާނޫނާއި ގަވާއިދުގެ ބޭނުން ނެތި ދިޔުން

ކުޑަކުދިން ބޮޑުވަމުން އަންނައިރު، އެ މީހުންގެ ނުރަނގަޅު މުޔޫލުތައް- ނުރަނގަޅު ގޮތްތަކަށް ލެނބޭ ލެނބުންތައް- ރަނގަޅުކޮށް ހެޔޮ މަގަށް އަޅުވައިދޭނޭ ގެއަކާއި މަދަރުސާގެ ވެއްޓެއް ނެތުމުންނާއި، އެ ކުދިންގެ ކިބައިގައި އަޚުލާގީ އުސޫލުތައް އިންދައި ބިންވަޅު ނަގައިދޭނޭ ދީނީ ރަސްމުތަކާއި އަޅުކަންތައް ނެތުމުން، އެކުދިން ބޮޑުވާނީ އެކުދިންގެ އިލާހަކީ، އެކުދިންނަށް މަގުދައްކައިދޭ ފަރާތަކީ، އެކުދިންގެ ހަވާ ނަފްސުކަމުގައި ބެލެވިގެންނެވެ.

މިހެން ކަންތައް ވުމުން، އެކުދިން ބޮޑެތިވުމުން، އެކުދިންގެ ހަވާ ނަފްސު ދައްކާ މަގުމަގުން ހިނގަން ހުރަސްއަޅާ ކަންކަމާ އެކުދިން ދެކޮޅު ހަދައެވެ. ގާނޫނާއި ގަވާއިދުތަކަކަށް އެ ދެކޮޅުހެދުން، އެހާ ފަސޭހައިން ހުއްޓޭ ގޮތެއް ނުވެއެވެ. ދެން، ޖެހެނީ އެކުދިން އެދޭ ގޮތަށް ހުރިހާ ކަމެއް ދޫކޮށްލައި ދީލާލާށެވެ. އާޚިރު ނަތީޖާއަކަށް ވަނީ ގާނޫނާއި ގަވާއިދު ތަކުގެ ބޭނުން ނެތިގެން ދިޔުމެވެ. ގާނޫނެއް ގަވާއިދެއް ނުހިނގާ މުޖުތަމުއުތައް އުފެދުމެވެ.

ދެން ހެއްޔެވެ؟ އެފަދަ ކުދިން ބޮޑެތިވެގެން، ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެ، ގާނޫނާއި ގަވާއިދުތަކުގެ ހުރުމަތް ނަގާލުމުން، ފައިސާގެ ދަހިވެތިކަމުގައި، ހުރިހާ ހައްގެއް ވެސް ލިބިގެންވަނީ ހަމައެކަނި އެފަދަ ކުދިންނަށް ކަމުގައި، އެނގިގެން ނަމަވެސް، ނުވަތަ ނޭނގި ނަމަވެސް، ބުނެ، އެފަދަ ކުދިންގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވާ އަމަލުތައް ދިފާއުކޮށް، ގާނޫނާއި ގަވާއިދުތަކުގެ ބޭނުން ނެތްކަމަށް ހަދާލާ ވަކީލުން ވެސް އުފެދުމެވެ.

މީގެ އެންމެ ފަހުގެ މިސާލެއް ލިޔެލާނަމެވެ. ގަވާއިދުގެ މަތިން، މަގު ހުރަސްކުރި މީހެކެވެ. ގަވާއިދާ ޚިލާފަށް ދުއްވާފައި އައި ސައިކަލެއް އޭނާގެ ގައިގައި ޖެހި، އޭނާގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ދިޔުމެވެ. އެ ސައިކަލު ދުއްވުން ގަވާއިދާ ޚިލާފުވީ ކީއްވެ ހެއްޔެވެ؟ މައިގަނޑު ދެ ސަބަބަކަށްޓަކައެވެ. އެންމެ ފުރަތަމަ ސަބަބަކީ، ރިޕޯޓުތައް ބުނާ ގޮތުން، ސައިކަލު ދުއްވަން އިން މީހާ އަތުގައި ސައިކަލު ދުއްވުމުގެ ލައިސަންސު ނެތުމެވެ. ދެން، ގަވާއިދުގައި ކަނޑައެޅިފައި އޮންނަ ބާރުމިނަށް ވުރެ ބާރަށް ސައިކަލު ދުއްވުމެވެ. މީގެ އިތުރުން، ސައިކަލުން މީހެއް ގައިގައި ޖެހި އެކްސިޑެންޓު ވުމުން، އެ މީހާއަށް އެހީނުވެ، ފިލުމެވެ. މިއީ މިކަން ތަބުރީރުކޮށް، އިތުރު ވާހަކައެއް ދައްކަން ފުރުސަތު ދޭންޖެހިގެން ވާނޭ މަގާމެއް ނޫނެވެ.

ލައިސަންސު ނެތި ސައިކަލު ދުއްވީ އެއްވެސް މަޖުބޫރު ކަމެއް ނެތި އަމިއްލަ އިޚުތިޔާރުގައި ނޫން ހެއްޔެވެ؟ ދެން، ގަވާއިދާ ޚިލާފަށް، ދުއްވަން އޮންނަ ވަރަށް ވުރެ ބާރު މިނުގައި ސައިކަލު ދުއްވީ ވެސް އެއްވެސް މަޖުބޫރު ކަމެއް ނެތި އަމިއްލަ އިޚްތިޔާރުގައި ނޫން ހެއްޔެވެ؟ މި ދެކަމަށް އިއުތިރާފު ވުމުން، އެކަން ކުރުން އެންމެ ރަނގަޅުކަމުގައި ދޭހަވާ ގޮތަށް ވާހަކަ ދެއްކުމުގެ ފުރުސަތު ވެސް ދެވިގެން ނުވާނެއެވެ. ވަކިން ޚާއްސަކޮށް އެ އަމަލުގެ ސަބަބުން، އެއްވެސް ކުށެއް ނެތް، މުޅިން މައުސޫމު މީހަކު އޭނާގެ ފުރާނައަށް ނުރައްކާވާ ހާލަތަށް އޭނަ ހުށަހަޅާލުން މެދުވެރިވުމުންނެވެ.

މިއީ ހަގީގަތް ކަމަށްވާއިރު، މިކަންކަމާ އެންމެން ވެސް އެއްބަސްވާއިރު، ދެން، ސައިކަލު ދުއްވަން އިން މީހާގެ ދިފާއީ ވަކީލުގެ ވާހަކައަކީ ކޮބައި ހެއްޔެވެ؟ ގަވާއިދުން މަގު ހުރަސްކުރަން އުޅުނު މީހާ ކުށްވެރި ކުރުމެވެ. އޭނަ، ބިރުން، ސައިކަލާ ދިމާއަށް އައި ވާހަކަ ބުނެއެވެ. އޭނަ ބިރުން ސައިކަލާ ދިމާއަށް ދިޔަ ނަމަވެސް، އެކަން މެދުވެރިކުރުވީ ކޮންކަމެއް ހެއްޔެވެ؟ ގަވާއިދާ ޚިލާފަށް، ބާރަށް، އަދި ލައިސެންސު ނެތި ސައިކަލު ދުއްވުމެވެ. އެހެންވީމާ، މިނަންގަތް ފަދަ، ތާކުންތާކު ނުޖެހޭ ވާހަކަތައް ދައްކައި، އަނިޔާލިބުނު ފަރާތް ކުށްވެރިކުރަން އުޅުމަކީ އޭގެ ޒާތުގައި ގޯސް ކަމެކެވެ. މީގެ އިތުރުން، މިއީ ދިފާއީ މޮޅު ހުއްޖަތެއް ކަމަށް ހަދާލެވުމުން، އޭގެ އާޚިރު ނަތީޖާއަކީ ގާނޫނުތަކާއި ގަވާއިދުތައް ކިތަންމެ ހަރުދަނާ ވިޔަސް، އަދި، އެ ވާހަކައް ފޮތްފޮތުގައި ލިޔެފައި އޮތަސް، އެ ގާނޫނުތަކާއި ގަވާއިދުތައް ވާނީ ބޭކާރު، އަދި، ނެތް ފަދަ އެއްޗަކަށެވެ! ދެން، މަޑުމަޑުން ނަމަވެސް، މުޅި މުޖުތަމައު ވެގެންދާނީ ގާނޫނާއި ގަވާއިދު ނުހިނގާ ތަނަކަށެވެ.