Support Us

ކޮލަމް ދޭހަ

ޖިންސީ ގޯނާގެ މައްސަލަތައް ނުބެލެނީ ކީއްވެ؟

ރާއްޖޭގައި ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ހަލުއިމިނެއްގައި ނުބެލެއެވެ. ޖިންސީ ގޯނާގެ ކަންތައްތަކާއި މެދު އަދިވެސް ރާއްޖޭގެ ބައެއް މީހުން ދެކޭ ގޮތް، މި ޒަމާނުގައި ދުނިޔޭގެ ގިނަ ޤައުމު ތަކުގައި މީހުން ދެކޭ ގޮތާއި ތަފާތު ވަނީ ކަމުގައި ވެދާނެ އެވެ.

އަޅުގަނޑުގެ ނަޒަރުގައި ޖިންސީ ގޯނާ ކުރުމުގެ ކަންތައްތައް ބޭނުންވާހާ ހަލުއިމިނެއްގައި ނުބެލެނީ، އަދި އެކަށީގެންވާ ހަލުއިމިނެއްގައި ފިޔަވަޅު ނުއެޅެނީ އަޅުގަނޑުމެންގެ ސަގާފީ ސަބަބު ތަކަކާއި ހުރެގެން ކަމުގައި ވެސް ވެދާނެ އެވެ. ބައެއް ފަަހަރު އެނގިގެންނެވެ. ޤަސްދުގައެވެ. އަނެއްބައި ފަހަރު ނޭނގި އެވެ. މާ ބޮޑު ކަމަކަށް ނުބެލޭތީވެ އެވެ. މާ ބޮޑު ކަމަކަށް ނުހެދޭތީވެ އެވެ. ތަންފީޒީ ބައެއް އިދާރާތަކުގައި އިސްކޮށް މަސައްކަތް ކުރާ ފިރިހެނުން އަންހެން ޖިންސާ މެދު މިފަަދަ ކަންކަމުގައި ދެކޭ ގޮތް ވެސް މި ކަމުގައި ބައެއް ކުޅެފާނެ އެވެ. ފިރިހެނުންނާއި މެދު ބައެއް ކަންތައްތައް ކުރެވޭ ގޮތާއި ހަމަ އެފަދަ ކަންތައް އަންހެނުންނާއި މެދު ކުރެވޭ ގޮތް ވަރަށް ގިނަ ފަހަރު ތަފާތެވެ. އަންހެނުންނާއި މެދު އިހާނާތްތެރިކޮށް، އަޅާލުން ކުޑަ ގޮތަކަށް ކަންތައް ކުރެވެނީ ވެސް މި ދެންނެވުނު ސަބަބާއި ހުރެ ކަމުގައި ވެދާނެ އެވެ.

އަންހެނުންނަށް ޖިންސީ ގޯނާ ކުރުމުގެ ކަންތައް ރާއްޖޭގައި މިފަދަ ކަންތައް ބަލަހައްޓަން ހަވާލުވެފައި އޮންނަ އިދާރާ ތަކުން ނުބެލެހެއްޓެނީ ނުވަތަ އަވަސް ފިޔަވަޅު ނުއެޅެނީ އެ އިދާރާ ތަކުގައި މިފަދަ ކަންތައްތައް ބަލަހައްޓަން ހަވާލުވެފައި ތިބި ބައެއް މީހުން އަންހެން ޖިންސާއި މެދު ދެކޭ ގޮތުންނެވެ. އެ މީހުން އަންހެނުންގެ ޙައްޤުތަކަށް އަރައިގަންނަނީއެކޭ އަޅުގަނޑު ނުދަންނަވަމެވެ. ބައެއް ޙައްޤުތައް ހޯދައިދިނުމަށް ގަދައަށް މަސައްކަތް ކުރާނެ ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ. މިސާލަކަށް ދަންނަވާނަމަ އެއް ވަޒީފާއެއް އަދާ ކުރާ އަންހެނުންނާއި ފިރިހެނުންނަށް އެއް މިނަކަށް މުސާރަ ލިބުން ކަަހަލަ ކަންކަމެވެ. އެހެންނަމަވެސް އަންހެނުންނާ ބެހުމާއި ފޮށުމާއި މެދު އެ މީހުން ގެންގުޅެނީ މިހާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕް ގެންގުޅުއްވާ ކަހަލަ ވިސްނުމެކެވެ.

ރާއްޖެ އަކީ ކުރީގެ ޒަމާނުގައި އަންހެނުންނަށް ވަރަށް ގޯނާކޮށްފައި އޮތް ޤައުމެކެވެ. އެ މީހުންގެ ނުރުހުމުގަ އެވެ. ގޯނާ ކުރާ މީހާ އަށް އެއީ މަޖަލެކެވެ. އެ ތަން ފެންނަ ބައެއް މީހުންނަށް ވެސް އެއީ މަޖަލެކެވެ. ގޯނާ ލިބޭ މީހާ އަށް އެއީ ވޭނެކެވެ. ސަރުކާރުގެ އޮފީސް ތަކުގައި ވެސް ރުހުމުގަ އާއި ނުރުހުމުގައި ވެސް އަންހެނުންނަށް ގޯނާކޮށްފައި ވެ އެވެ. އެ ޒަމާނަކީ ހޭލުންތެރިކަން ކުޑަ ޒަމާނެކެވެ. ތަޢުލީމީ މީހުން މަދު ޒަމާނެކެވެ. ވަޒީފާ މަދު ޒަމާނެކެވެ. މިހެންވުމާއި އެކު މިފަދަ ސަބަބުތަކާއި ހުރެ މިފަދަ މައްސަލަތައް ޢާއްމު ކުރުމުގެ ޤާބިލް ކަން ހުރި ޒަޚްމީން މި ފަދަ މައްސަލަތައް ޢާއްމު ކުރާކަށް ބޭނުމެއް ނުވިއެވެ.

ޖިންސީ ގޯނާ ކުރުމުގެ ކަންތައްތަކާއި ރާއްޖޭގެ ބައެއް މީހުން އަންހެން ޖިންސާ މެދު ދެކޭ ގޮތާއި އަޅުގަނޑަށް ގުޅުވާ ލެވެއެވެ. ރޭޑިއޯ އާއި ޓެލެވިޒަނުން އަބަދު ކަހަލަ ގޮތަކަށް އަންހެން ޖިންސުގެ މީހުންނަކީ ފިރިހެން ޖިންސުގެ މީހުންނަށް ވުރެ ދަށް ބައެއް ކަމަށް ދޭހަވާ ކަހަލަ ޕުރޮގްރާމްތައް ފޮނުވަ އެވެ. އަޅުގަނޑު މި ދަންނަވަނީ މީހުން ލައްވާ ވާހަކަ ދައްކުވާ ވާހަކަ އެވެ. އެ ފަދަ ވާހަކަ ތަކަކީ ޤައުމީ ނަޒަރަކުން ބަލާއިރު ސަރުކާރުގެ ސިޔާސަތާއި އަދި ޤާނޫނުއަސާސީގެ ބައެއް މާއްދާތަކާއި ފުށުއަރާ ވާހަކަ ތަކެކެވެ. މިފަދަ ޕުރޮގްރާމްތައް ސަރުކާރުގެ ފައިސާ އިން ޚަރަދު ކޮށްގެން ހިންގާ ސްޓޭޝަންތަކުން ވެސް ފޮނުވަ އެވެ. މި ފަދަ  ޕުރޮގްރާމްތައް ފޮނުވުން ހުއްޓުވެންވާނެ އެެވެ. ހުއްޓުވޭނީ އެފަދަ ކަމެއް ހިނގާކަން އެނގިގެން ނޫންތޯއެވެ؟ ދިވެހިބަސް ކަތިލާ، މަރަމުން ގެންދާއިރު ވެސް އެ ތަންތަން ހިންގާ މީހުންނަށް އެއީ ހިނގާކަމެއް ކަމަށް  ނޭނގޭ އިރު މިފަދަ ކަމެއް ހިނގާކަން އެނގޭނީ ކިހިނެއްތޯ އެވެ؟ އެ ތަންތަން ހިންގަން ތިބި މީހުންގެ ޢިލްމީ ފެންވަރު ނެތީ ތޯއެވެ؟ ވަރިހަމައީ އެވެ. ފަރުވާ ކުޑައީ އެވެ. ނޫންނަމަ އެ ވިސްނުމަށް ތާއީދު ކުރަނީ އެވެ.

ޒަމާން މި އޮތީ ބަދަލުވެފައެވެ. ކަންކަން ތަންފީޒު ކުރަން ތިބި ފަރާތްތަކުގެ ވިސްނުން ވެސް ބަދަލުވާންވީއެވެ. ޖިންސީ ގޯނާ ކުރުމުގެ ކަންތައްތައް ތަޙްޤީޤްކޮށް، ބަލައި، ފިޔަވަޅު އަޅަންޖެހޭ ތަންތާނގައި އިސްކޮށް އަންހެން ބޭފުޅުން ބައިތިއްބަންވީއެވެ. ޤަބޫލު ކުރައްވާށެވެ. އަންހެނުންނަށް ޖިންސީ ގޯނާ ކުރުމާ ބެހޭ ގޮތުން އަންހެން ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތް ތަފާތުވާނެ އެވެ. ޝަރީޢަތަށް ސާބިތުވާވަރަށް ހެކިވެސް ހޯދާނެ އެވެ. ހޯދޭނެ އެވެ. ބެލޭނެ މައްސަލަތައް ވެސް ގިނަވާނެ އެވެ. ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ޖިންސީ ގޯނާ ކުރުމާއި ބެހޭ ގޮތުން ޝަރީޢަތަށް ކިތައް މައްސަލަ ފޮނުވުނުތޯއެވެ؟ ޝަރީޢަތުން ކިތައް މައްސަލަ ސާބިތުވިތޯއެވެ؟ ޢަދަދު ދަންނަވަން އަޅުގަނޑު ލަދުގަނެއެވެ.

މުހިއްމު އަމިއްލަ ވަޒީފާއެއް އަދާކުރައްވާ ތަޢުލީމީ އަންހެން ބޭފުޅަކު، ވަރަށް ކެރިވަޑައިގެން، އެކަމަނާ އަށް ކުރިމަތިވި، ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއް ދާދި ފަހުން ހުށައެޅުއްވި އެވެ. އެ ކަމަނާ ތުހުމަތު ކުރެއްވީ، މަތީ އޮފީހެއްގެ މަތީ ފެންވަރުގެ ވެރިއަކަށެވެ. މައްސަލަ ކުރިއަށް ނުގޮސްގެން، މައްސަލަ ހިނގުން ލަސްވެގެން އެކަމަނާގެ ބައެއް ޝަކުވާތައް ދޭތެރެ ދޭތެރެއިން މީސްމީޑިއާ އިން ފެނުނެވެ. އެ ކަމަނާ އަކީ "ފިސާރި ކަމަނާ" އަކަށް ނުވިޔަސް އާދައިގެ ކަމަނާ އެއް ނޫނެވެ. އަޅުގަނޑުމެން ބަލާ މިންގަނޑުން ސިޔާސީ ނުފޫޒާއި ތަނަވަސްކަން ވެސް އޮތް ކަމަނާއެކެވެ. އަދި އެ ކަމަނާ އަކީ މަޝްހޫރު، ޤާބިލު، ޤާނޫނީ ވަކީލުންގެ ހާއްޔަކުން ނުކުމެ ވަޑައިގެންނެވި ކަމަނާ އެކެވެ. އެ ކަމަނާގެ މައްސަލަ އަށް ވީ ކިހިނެއްތޯ އެވެ؟ "ތަޙްޤީޤް ކުރިއަށް ދަނީ"އެވެ. "މައްސަލަ ބަލަމުން ދަނީ" އެވެ. އެތަކެއް ދުވަހެއްވެއްޖެ އެވެ. އެތަކެއް މަހެއް ވެއްޖެ އެެވެ. "ކަލް ދޯ ބަޖޭ" ގެ އާ ސްޓައިލެކެވެ. މި މައްސަލަ ނިމޭނެ ގޮތް އަޅުގަނޑު ލަފާކޮށްލަންތޯ އެވެ؟ ޝަރީޢަތަށް ފޮނުވޭ ވަރަށް ހެކި ނުލިބުމުން މައްސަލަ "ވަޅުލީ" އެވެ. އިންނާ ލިއްﷲ ވައިންނާ އިލަހި ރާޖިޢޫނު!!