Support Us

ކޮލަމް ކޯދު: އަޖައިބުކުރުވަނިވި ވާހަކައެއް- މައްކާ ހަރަމްފުޅުގައި މަސައްކަތްކުރާ އިންޑިއާގެ "ރަފީގެއް"

އެއްދުވަހަކު މައްކާގެ އަހުލުވެރިއަކު، އާދެ، ސައޫދީއަކު، މައްކާގެ ހަރަންފުޅަށް ނަމާދުކޮށްލަން ދިޔައެވެ. އަދި، ނަމާދުކޮށް، ޒިކުރު ވެސް ކޮށްލައި އަވަދިވެގެން ސަދަގާތެއް ކުރުމުގެ ނިޔަތުގައި ހަރަމްފުޅު ސާފުކުރަން އުޅުނު މީހަކަށް ގޮވާލިއެވެ. އެ މީހަކީ އުމުރުން ފަންސާހުގެ އަހަރުތައް ގުނަމުންދާ އިންޑިއާ މީހެއެވެ. ދެން، ސައޫދީ މީހާ، ރިޔާލުކޮޅެއް ނަގާފައި، "މި ގަބޫލުކޮށްލާށޭ، 'ރަހުމަތްތެރިޔާއޭ' ބުނެފައި އިންޑިއާ މީހާއަށް ދިނެވެ.

އާންމު ގޮތެއްގައި ސައޫދީގައި ދެކުނު އިރުމަތީ ގައުމުތަކުގެ މީހުންނާ މުޚާތަބުކޮށް 'ރަފީގޭ' ކިއެއެވެ. ރަފީގެ އާންމު މާނައަކީ އެކުވެރިއާއެވެ. ނޫނީ ރަހުމަތްތެރިޔާއެވެ. ނަމަވެސް، އާންމު ގޮތެއްގައި ރަފީގު ބޭނުން ކުރެވެނީ މި މާނައެއްގައެއް ނޫނެވެ. ކަޅު މީހުންނަށް އިހުގައި، އެ މީހުން ދެރަކޮށްލުމުގެ ގޮތުން 'ނީގްރޯ’އޭ ކިޔައި މުޚާތަބުކުރާ ކަހަލަ ގޮތަކަށެވެ.

ކޮންމެއަކަސް، ސައޫދީ މީހާ ސަދަގާތްކުރުމުން، އޭނަގެ މޫނަށް ބަލާލައިފައި، ހިނިތުންވެލާފައި، ޝުކުރުއަދާކުރަމުން ބުންޏެވެ. "އަހަރެން ސަދަގާތަކަށް ބޭނުމެއް ނުވެއެވެ." ދެން، އިންޑިއާ މީހާ، އޭނާގެ ވޮލެޓުގައި ހުރި ވީސާ އަދި މާސްޓަރ ކާޑު ފަދަ ބައެއް ބޭންކު ކާޑުތައް ސައުދީ މީހާއަށް ދައްކާލިއެވެ.

ދެން ސައުދީ މީހާ، ވަރަށް ހައިރާންވެފައި، އިންޑިއާ މީހާ ކުރެން އެއްސެވެ. "އެހެންވެއްޖިއްޔާ އިނބައަކީ ކާކު ހެއްޔެވެ؟ މިތަނުގައި މަސައްކަތްކުރަން ތި އުޅެނީ ކީއްވެ ހެއްޔެވެ؟"

ޖަވާބުގައި އިންޑިއާ މީހާ ބުންޏެވެ: "މާތްﷲއަށް ހަމްދު ހުއްޓެވެ. އަހަންނަކީ ވިޔަފާރިކުރާ މީހެކޭ ބުނެވިދާނެއެވެ. އަހަރެންގެ މިލްކިއްޔާތުގައި އިންޑިއާގެ ބައެއް ރަށްރަށުގައި ހޮޓާހޮޓާ އެބަހުއްޓެވެ. ނަމަވެސް، އަހަރެން، ހަރަމްފުޅުގައި ވަގުތު ހޭދަކޮށްލަން ބޭނުންވާތީ އަހަރުގެ ހައެއްކަ މަސް ދުވަހަށް، ހަރަމްފުޅުގެ މަސައްކަތު މީހެއްގެ ވަޒީފާ ހޯދައިގެން މައްކާއަށް އަންނަނީއެވެ! ކޮންމެހެން ފައިސާ ބޭނުންވެގެންނެއް ނޫނެވެ. މާތްﷲގެ ގެފުޅަށް ޚިދުމަތްކޮށް ހަރަމްފުޅުގައި ވަގުތު ހޭދަކޮށްލުމަށްޓަކައެވެ!"

ދެން، ސައުދީ މީހާ ހައިރާންވެގެން، ކައިރީ ހުރި އެހެން މަސައްކަތު މީހެއް ކުރެން، އިންޑިއާގެ އެ މީހާއާ ބެހޭ ގޮތުން އޭނައަކީ ކާކުތޯ އެއްސެވެ. ދެން، ޖަވާބުގައި އެ މީހާ ވެސް ބުނީ މިހެންނެވެ. "އޭނައަކީ މަހާރާޖެކެވެ. [މިލިޔަނެރެކެވެ!] ދުވަސް ދުވަސްކޮޅުން، ދެތިން މަސް ދުވަސް ވަންދެން ހަރަމްފުޅުގައި މަސައްކަތްކުރަން އޭނަ އާދެއެވެ!"

މިވާހަކައަކީ ހަގީގަތަކަށް ނުވެ ހިނގައިދާނެއެވެ. އަދި، ކިއެއް ހެއްޔެވެ؟ މިއީ ޚިޔާލުގެ އުފެއްދުމެއްކަމަށް ވެސް ވެދާނެއެވެ. މިއީ ހަގީތަކަށް ނުވިޔަސް، އަދި މިއީ ޚިޔާލީ ވާހަކައަކަށް ވިޔަސް، މިއިން ލިބޭ އިބުރަތެއް އެބަ އޮތެވެ. އެ އިބުރަތް ގުޅެނީ ކީރިތި ޤުރުއާނުގެ މި އާޔަތާއެވެ: وفي ذلك فليتنافس المتنافسون. އެ ސުވަރުގެ ލިބިގަތުމުގެ އެދުމުގައި، [އާދެ، ކިބުރުވެރިކަމާއި ބޮޑުކަން ދޫކޮށްލާފައި، އެކަކު އަނެކަކަށް ޚިދުމަތްކޮށް، އެހީވެދީ، ހެޔޮ ކަންތައްކޮށް، އެ ސުވަރުގެ ލިބިގަތުމުގައި،] ވާދަވެރިން ވާދަކުރާހުށިކަމެވެ!