Support Us

ސޫފިޔާނާ ވާހަކައެއް: އަޅުކަމުގެ އަމަލުތައްކުރުމުގައި ދެއްކުންތެރިކަމާ ދުރުވެ، އިޚުލާސްތެރިވުން

މިއީ މެދު އިރުމަތީ ރަށެއްގައި ހިނގިކަމަށް ބުނާ ހާދިސާއެކެވެ. މި ހާދިސާގެ ބަތަލަކީ އަހުމަދު ކިޔާ ޒުވާނެކެވެ. އޭނާ މަސައްކަތް ކުރަނީ ފާމަސީއެއްގައެވެ. ބޭސް ފިހާރައެއްގައެވެ.

އަހުމަދު މަސައްކަތްކުރާ ބޭސް ފިހާރައަށް އުމުރުން ދުވަސްވީ ނިކަމެތި ފަގީރު އަންހެނަކު ކޮންމެ މަހަކު އާދެއެވެ. އޭނާ ބޭނުންވާ ބޭސް ނެގުމަށް ފަހު، ބޭހުގެ އަގަށްވާ ފައިސާ ދައްކަން އަހުމަދު ކައިރިއަށް ދެއެވެ. ދެން، އެ އަންހެން މީހާގެ ބޭހުގެ އަގަށް 200 މިސުރު ޕައުންޑު ދެއެވެ. އަދި، ހިނިތުންވެލާފައި އަހުމަދު އެ ފައިސާ ބަލައިގަނެއެވެ. އެއަށް ފަހު، އަންހެން މީހާ ހިތްހަމަޖެހިގެން ދެއެވެ.

އޭގެ ދުވަސްތަކެއް ފަހެވެ. އަހުމަދު ނިޔާވެ، މި ދުނިޔެއާ ވަކިވެ ދިޔައެވެ. އެއަށް ފަހު ވެސް، އެއްކަލަ ނިކަމެތި ފަގީރު އަންހެން މީހާ އޭނާގެ ބޭސް ނަގާ ދުވަސް ޖެހުމުން، ބޭސް ނަގަން އަހުމަދުގެ ބޭސް ފިހާރައަށް އައެވެ. އަދި، ބޭސް ނެގުމަށް ފަހު، ބޭހުގެ ފައިސާ ދައްކަން، އެކަމާ އަލަށް ހަވާލުވެގެން އިން މީހާ ކައިރިއަށް ގޮސް، ބޭހަށްވާ 200 ޕައުންޑު ދިނެވެ.

ދެން، ފައިސާ ބަލައިގަންނަން އިން މީހާ، ހައިރާން ވެފައި ބުންޏެވެ. "ދައްތާއެވެ. މި ބޭހުގެ އަގަކީ 2،000 ޕައުންޑެވެ. 200 ޕައުންޑެއް ނޫނެވެ." އަންހެން މީހާ ވެސް، ހައިރާންވެފައި، ބުންޏެވެ. އަހަރެން މި ބޭސް މި ފިހާރައިން ގަންނަތާ މިހާރު ތިން އަހަރުވީއެވެ. އަހަންނަށް ބޭސް ވިއްކީ ކުރިން މިތާ އުޅުނު އަހުމަދެވެ. އޭނާ އަބަދުވެސް އަހަންނަށް އަހަރެންގެ ބޭސް ވިއްކީ 200 ޕައުންޑަށެވެ. އޭނާ ކޮބާ ހެއްޔެވެ؟ އޭނާ ގާތު އަޅެ ނިކަން އަހާބަލާށެވެ."

އެ އަންހެން މީހާ ގާތު، އަހުމަދު ނިޔާވެއްޖެ ވާހަކަ ބުނެފައި، އާ ކޭޝިއަރު، އަހުމަދުގެ ހިސާބު ކިތާބުގެ ތަފްސީލު ބަލައި ޗެކްކުރިއެވެ. ދެން، އެނގުނީ އަހުމަދު އެ އަންހެން މީހާއަށް 200 ޕައުނޑަށް ބޭސް ވިއްކުމަށް ފަހު، ބޭހުގެ އަގުގެ ބާކީއަށްވާ 1،800 ޕައުންޑު އޭނާ އަމިއްލައަށް ދައްކާފައިވާ ކަމެވެ.

މި ކަން، ފިހާރައިގެ ވެރިފަރާތަށް އެނގުމުން، އަހުމަދުގެ ނަމަގުގައި ސަދަގާތެއްގެ ގޮތުގައި އެ އަންހެން މީހާއަށް، އޭނާގެ ބޭސް 200 ޕައުންޑަށް ވިއްކުމަށް ނިންމިއެވެ.

އާދެ، މި ހާދިސާ ދައްކައިދެނީ ރިވެތި ގޮތުގައި ސަދަގާތްކުރުމުގެ މިސާލެކެވެ. ކަނާތުންކުރާ ކަންތައް ވާތަށް ވެސް ނޭނގޭ ގޮތަށެވެ. އެންމެނަށް ވެސް އެނގޭނޭ ފަދައިން، އަޅުކަމުގެ އަމަލުތައް ކުރުމުގެ ރިވެތި ގޮތަކީ މިއެވެ. ސިއްރިއްޔާތުގައި އެކަކަށް ވެސް ނޭނގޭ ގޮތަށެވެ. އަދި އެފަދަ ގޮތެއްގައި އަޅުކަންތައް ކުރުމަށް ފަހު، އެކަމުގެ ވާހަކަ ނުދެއްކުމެވެ. ހަމައެކަނި ސަދަގާތުގެ އަޅުކަމެއް ނޫނެވެ. ނަމާދާއި ރޯދަ ފަދަ އަޅުކަންކަން ވެސް މެއެވެ. ނަމާދުކޮށް ރޯދަހިފުމަކީ ވަރަށް ވެސް މަތިވެރި އަޅުކަންކަމެވެ. އެކަންކަމުގެ މަގުސަދަކީ އަޅުވެރިޔާ ހެޔޮލަފާ އިންސާނަކަށް ވުމެވެ. ދެއްކުންތެރިކަމާއި ނިފާގުކަމާ ދުރުވެ، މި މަގުސަދާ ހަމައަށް ވާސިލުވުމަށްޓަކައި، އަޅުވެރިޔާ ކުރާ އަޅުކަންކަމުގެ ވާހަކަދައްކައި އެކަންކަން އިއުލާނު ނުކުރުން ވަރަށް ވެސް މުހިއްމެވެ. މަތީގައި ނަންގަނެވިދިޔަ ވާހަކައިގައި އަހުމަދު އަމަލުކުރި ފަދައިންނެވެ.