Support Us

ކޮލަމް ކޯދު: ގުދުރަތުގެ އަޖައިބުތަކުގެ ތެރެއިން- ކިނބުލާއި ޒިގްޒާގު ދޫނީގެ ގުޅުން

ކިނބުލަކީ މަސްކާ ޖަނަވާރެކެވެ. އޭގެ ޝިކާރަ އެ ދިރުވާލައެވެ. ނަމަވެސް، މި ދިރުވާލުމުގެ ތެރޭގައި އޭގެ ދަތްތަކުގައި އޭގެ ޝިކާރަ އަޅައިގަނެ، މަސްކޮޅުކޮޅު ދަތުގައި ތާށިވެއެވެ. އޭގެ ދަތަކީ އާވެއާވެ ހުންނަ އެއްޗަކަށް ވިޔަސް، އޭގެ ދަތްތައް ސާފުކޮށް ބަހައްޓަން ޖެހެއެވެ. އެހެންވީމާ އޭގެ ދަތްތައް ސާފުކޮށްދޭނޭ ދަތުގެ ޑޮކްޓަރެއް ކިނބޫ ބޭނުންވެއެވެ. ކޮންމެ ކެއުމަކަށް ފަހުއެވެ.

ގުދުރަތުން ކިނބުލަށް މިކަން ހަމަޖައްސާފައިވެއެވެ. ކިނބުލުގެ ދަތުގެ ޑޮކްޓަރަކީ ޒިގްޒާގު ދޫންޏެވެ. ކިނބުލުގެ ކެއުން ނިންމާލުމަށް ފަހު، އެއްގަމަށް އަރައި އަނގަހުޅުވައިގެން އޭތި އޮވެއެވެ. ދެން، މަތީގައި އެވާ ފޮޓޯއިން ފެންނަ ފަދައިން، ޒިގްޒާގު ދޫނި އައިސް ކިނބުލުގެ އަނގައަށް ވަދެ، ކިނބުލުގެ ދަތްތައް ކޮށްޓައި ސާފުކޮށްދެއެވެ. ޒިގްޒާގު ދޫނި، މިކަން ކުރަމުންދާއިރު، ކިނބޫ، އޭގެ އަނގަ ހުޅުވާލައިގެން، މަޑުމަޑުން އޮވެއެވެ. ފަހަރެއްގައި ވެސް، އަނގަލައްޕާލައި ޒިގްޒާގު ދޫނި ކާލާކަށް ނޫޅެއެވެ!

ޒިގްޒާގު ދޫނި، ކިނބުލުގެ ދަތުގެ ޑޮކްޓަރު ބައިކުޅުމުން، ދެ ކަމެއް ހާސިލުވެއެވެ. ކިނބުލުގެ ދަތްތައް ސާފުވުމާއި ޒިގްޒާގު ދޫންޏަށް ކޮއްތު ލިބުމެވެ. އާދެ، ގުދުރަތުގެ އަޖައިބުތަކުގެ ތެރެއިން އަޖައިބެކެވެ.