Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- މުއްސަނދި މީހަކާއި ފަގީރު މީހެއް

މުއްސަނދި މީހާއަށް ސޭޓޭ އަދި ފަގީރު މީހާއަށް ހުއްތޭއޭ ކިޔަމާ ހެއްޔެވެ. ސޭޓު ކޮންމެ ދުވަހަކު ވެސް މެންދުރު ކާން ދަނީ ރަށު މެދުގައި ހުންނަ އަގު ބޮޑު ރެސްޓޯރަންޓަކަށެވެ. ސޭޓު މެންދުރު ކާން ރެސްޓޯރަންޓަށްދާ އިރު ކޮންމެ ދުވަހަކު ވެސް ހަމަ އެގަޑީގައި ބޭރު ފުށުން ފެންނަ ފެނުމުގައި ފަގީރެއްހެން ހީވާ ހުއްތޭ ވެސް ހަމަ އެ ރެސްޓޯރަންޓަށް ކާން ގޮސް އިނދެއެވެ.

މި ގޮތަށް ސޭޓާ ހުއްތޭ ދިމާވާތާ އަހަރެއްހާ ދުވަސްވީ ފަހުން، ސޭޓު ހިތަށް އެރީ ހުއްތޭއާ ވާހަކަދައްކާލައި އޭނަގެ ޚަބަރު ބަލާލުމަށެވެ. އޭނަ ކުރަނީ ކޮން މަސައްކަތެއްކަމާއި އަދި ފަގީރު މީހެއްގެ ގޮތުގައި ފެނުނު ކަމުގައި ވިޔަސް، ތަނަވަސް ދިރިއުޅުމެއް އުޅެނީ ކިހިނެއްތޯ ވެސް އަހާލުމަށެވެ.

ސޭޓު (ހުއްތޭއަށް): އަހަރުމެން ދިމާވާތާ ލައްކަ ދުވަސް ވެއްޖެދޯއެވެ. ނަމަކީ ކޮބައި ހެއްޔެވެ؟ އަދި އިނބ ކުރަނީ ކޮން މަސައްކަތެއް ހެއްޔެވެ؟

ހުއްތޭ: އަހަންނަށް މީހުން ކިޔައި އުޅެނީ ހުއްތޭއެވެ. އަހަރެންމީ ބޭކާރީއެކެވެ. ވަޒީފާއެއް ނެތް މީހެކެވެ. އެހެންވީމާ އަހަރެން އެއްވެސް މަސައްކަތެއް ނުކުރަމެވެ.

ސޭޓު (ހައިރާންވެފައި): އެހެންވެއްޖިއްޔާ ހުއްތޭ މި ކަހަލަ އަގު ބޮޑު ތަންތަނުން ކާން ފައިސާ ހޯދަނީ ކިހިނެއް ހެއްޔެވެ؟

ހުއްތޭ (ހިނިތުންވެލާފައި): އެކަން ގުޅެނީ އަހަރެންގެ ހެޔޮ ނަސީބާއެވެ.

ސޭޓު: އެއީ ކިހިނެއް ލިބިފައި އޮތް ހެޔޮ ނަސީބެއް ހެއްޔެވެ؟ މައިންބަފައިންގެ ފަރާތުން ބިންތަކެއް ލިބިފައި އޮތީ ހެއްޔެވެ؟ ނޫނީ އަމިއްލަ ބޮޑެތި އިމާރަތްތަކެއް ހުރީ ހެއްޔެވެ؟ މިފަދަ ނަސީބެއް ލިބިފައި އޮތުމުން، އެއްވެސް މަސައްކަތްތެއް ނުކޮށް ކުލީގެ ފައިސާ ލިބުމުގެ ހެޔޮ ނަސީބު ލިބިފައި އޮތީ ހެއްޔެވެ؟

ހުއްތޭ: ނޫން ނޫނެކެވެ. އަހަންނަކީ ކުލީގެ ނަސީބުވެރިއެއް ނޫނެވެ. ނަމަވެސް، އަހަރެން ކުރަން ދަންނަ ކަމެއް އޮވެއެވެ. އެއީ ރަށުގެ އެކިއެކި ހިސާބުތަކުގައި އުޅޭ މުއްސަނދި މީހުންނަށް ފާރަލުމެވެ. ވަކިން ޚާއްސަ ގޮތެއްގައި އެ މީހުންނަށް ވުރެ ތަންކޮޅެއް ޅަ މީހުންނާ އިނދެގެން އުޅޭ މުއްސަނިދި ސޭޓުންނަށް ފާރަލައި އެސޭޓުން މަރުވޭތޯ ބަލަނީއެވެ. ދެން، އެ މީހުން މަރުވުމުން، އެ މީހުންގެ ހުވަފަތް އަނބިންނާ ގުޅާލައިގެން އިންނަނީއެވެ. ދެން، އެފަދަ އަންހެުނުން އަހަންނަށް ޚަރަދުކުރެއެވެ. ދުވަސް ކޮޅެއް ފަހުން ފޫހިވާތަން ވެސް އާދެއެވެ. ދެން، ވަރިވެއްޖެ ނަމަ، އެފަދަ ހުވަފަތް ވެފައިވާ މުއްސަނދި އެހެން މީހަކު ހޯދަނީއެވެ.

ސޭޓު: އެންމެ ރަނގަޅެވެ. ތީ ވެސް ހަމަ އުޅެން ކަމުދާ ގޮތެއް ހެއްޔެވެ؟

ހުއްތޭ: އަހަރެން ވައްކަމެއް ނުކުރަމެވެ. އަދި ފޭރިއެއް ވެސް ނުހަދަމެވެ. ނޫނީ ފަސާދައިގެ އެއްވެސް އަމަލެއް ނުުހިންގަމެވެ. އަހަރެން އިންނަ މުއްސަނދި ހުވަފަތް މީސްމީހުން އަހަންނަށް ޚަރަދުކުރަނީ ހަމަ ހިތުން ރުހިގެންނެވެ.

އެ ދުވަހު ސޭޓު ގެއަށް ގޮއްސައި ވަރަށް ވިސްނިއެވެ. ސޭޓު ވެސް ހަތްދިހައިގެ އަހަރުތަކަށް އެޅިފައިވާ އިރު، ސޭޓު ނެތް ދުނިޔެއެއްގައި ސޭޓުގެ ޒުވާން އަންހެނުންނާ ގުޅާލައިގެން ސޭޓުގެ ފައިސާވެރިކަމުގެ ފައިދާ ހުއްތޭ ނަގާފާނެތީއެވެ.

ދެން، ސޭޓު ގަސްދުކުރީ އިންތިހާ ދަރަޖައަށް ޚަރަދު ކުރަން ފައްޓާށެވެ. ދުނިޔޭގައި ދެން ބާކީ އޮތް ދުވަސްކޮޅު ސޭޓުގެ ފައިސާއިން ތަކެތި ގަނެ ހިތްހަމަޖައްސައި ހުއްތޭ ކަހަލަ މީހުންނަށް ސޭޓުގެ ފައިސާއިން އެއްޗެއް ނުލިބޭ ގޮތް ހެދުމައްޓަކައެވެ.

ސޭޓުގެ ޚަރަދުކުރުމަށް ބޮޑު ބަދަލެއް އައިކަން، ސޭޓު އަންހެނުންނަށް ފާހަގަ ކުރެވިގެން ސޭޓު ގާތު އެވާހަކަ ބުންޏެވެ. އަދި، ކުދިންގެ މުސްތަގުބަލަށް ވިސްނައި، ކުދިންނަށް ވެސް އެއްޗެއް ދޭން ޖެހޭނެ ވާހަކަ ވެސް ސޭޓު އަންހެނުން ސޭޓު ގާތު ބުންޏެވެ.

ދެން، ސޭޓު އެކަމާ މެދު ވިސްނަމުން، ކާރަށް އަރައިގެން ސޭޓުގެ ރެސްޓޯރަންޓަށް ކާން ދިޔައެވެ. ރެސްޓޯރަންޓާ ވަރަށް ކައިރިވެފަ ހުއްޓައި ކުރިމަތިން އައި އެހެން ކާރެއްގައި ޖެހި އެކްސިޑެންޓުވާން ދިމާވިއެވެ. ސޭޓު ކާރު އެހެން ކާރެއްގައި ޖެހުނުތަން، އެ ވަގުތު ރެސްޓޯރަންޓަށް ކާން އައި ހުެއްތޭއަށް ފެނުނެވެ.

ހުއްތޭ ދުވެފައި ގޮސް، ސޭޓަށް އެހީވާން އުޅުނެވެ. އަދި، އެމްބިޔުލެންސަށް ވެސް ގުޅިއެވެ. ނަމަވެސް، ސޭޓު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ސޭޓު އޮތީ މަރުވެފައެވެ.

ހޮސްޕިިޓަލުން ހުއްތޭއާ ސޭޓުގެ އަންހެނުންނާ ދިމާވިއެވެ. އަދި، ކުޑަ ވަގުތު ކޮޅެއްގައި ސޭޓު އަންހެނުނާ ރައްޓިެިހިވެ ވާހަކަ ދައްކަން ފެށިއެވެ. ދެން، މާ ގިނަ ދުވަސްތަކެއް ނުވަނީސް އިވުނީ ސޭޓުގެ އަންހެނުންނާ ހުއްތޭ އިން ޚަބަރެވެ.