Support Us

ކޮލަމް ކޯދު: ދެފުށް ދެގޮތްކަމާ ބެހޭ ގޮތުން ބުނެފައިވާ ވާހަކަކޮޅެއް

ތިރީގައި މި ވަނީ ދެފުށް ދެގޮތް ކަމާ ބެހޭ ގޮތުން ބުނެފައިވާ ވާހަކަކޮޅެކެވެ.

  1. ޑިމޮކުރަސީގެ ނިޒާމު ނެތްއިރު، ހެވާއި ނުބައި އެންމެނަށް ވެސް ވަކިކުރަން އެނގުނެވެ. ވައްކާމާއި ފަސާދައަކީ ނުބައިކަމެއްކަން އެނގުނެވެ. އޮޅުވާލުމާއި މަކަރަކީ އޮޅުވާލުމާއި މަކަރުކަން ބުނަން އެނގުނެވެ. ނަމަވެސް، ފުރިހަމަ ޑިމޮކުރަސީގެ ނިޒާމު އައުމުން މި ހުރިހާ ކަމަކަށް އޮޅުން އެރިއެވެ. ހެވާއި ނުބައި އޮޅުމެވެ. ނުބައަކީ އެހެން މީހުން ކުރާ ކަންކަމެވެ. ވައްކަމާ ފަސާދަ ހިންގާނީ ކުރީ ސަރުކާރެވެ. މިހާރުގެ ސަރުކާރުން ކުރާނީ ހައްތަހާ ވެސް ރަނގަޅު ކަންކަމެވެ. އޮޅުވާލުމާއި މަކަރު ހަދާނީ ކުރީ ސަރުކާރުންނެވެ. އެފަދަ ކަމެއް މިހާރުގެ ސަރުކާރަށް ކުރެވިއްޖެ ނަމަ، އެއީ އޮޅުމަކުން ކުރެވޭ ކަންކަމެވެ. އިންސާނުންނަކީ ކުށްކުރެވޭ ބައެއް ކަމުން ބައެއް ފަހަރު އޮޅުމަކުން އޮޅުވާ ވެސް ލެވިދާނެ ނޫން ހެއްޔެވެ؟
  2. ތެދު ހަގީގަތް ހާމަވުމުން، އެކަމާ މެދު ހައިރާންކަން ލިބި، މަކަރާއި ހީލަތް ހެދެމުންދާ އިރު، އެކަމާ މެދު ކުޑަކޮށް ވެސް ހައިރާނުވާތަން ފެނުމުން ހިތް މަރުވާ ގޮތް ދިމާވެއެވެ.
  3. ކާމިޔާބު ފިރިހެނެއް ފަހަތުގައި މަޔަކު ނުވަތަ އަނތްބަކު ހުންނަތައް ފެނެއެވެ. ނަމަވެސް، ކާމިޔާބު އަންހެނެއް ފަހަތު ބަފަޔަކު ނުވަތަ ފިރިޔަކު ހުންނަތަން ނުފެނެއެވެ.
  4. އަހަރުމެން އެންމެންނަކީ ވެސް ދެފުށްދެގޮތް މީހުންހެން ހީވާ ކަހަލައެވެ. އެހެން މީހުންގެ ނަފްސު އަހަރުމެންނަށް ފެންނަ ފަދައިން އަހަރުމެންގެ ނަފްސު އަހަރުމެންނަކަށް ނުފެނެއެވެ. އެހެން މީހުންގެ މައްޗަށް ގޮތެއް ކަނޑައަޅާލާ ފަދައިން އަހަރުމެންގެ މައްޗަށް ގޮތެއް ކަނޑައަޅައެއް ނުލެވެއެވެ.
  5. ބާރުގަދަ މީހުންނަށް ކުށެއް ކަމުގައި ވަނީ އެހެން މީހުން ކުރާކަންކަމެވެ. އެ މީހުން އަމިއްލައަށް އެފަދަ ކުށެއް ކުރި ނަމަ، އެއީ ހައްގުގެ މަގުގައި ކުރެވޭ ކަންކަމެވެ. ރަޝިޔާއިން ޔޫކުރޭނުގެ ކުޑަކުދިން ހައްޔަރުކުރުމުން އެކަން ކުށްވެރިކުރެއެވެ. ނަމަވެސް، ފަލަސްތީނުގެ ކުޑަކުދިން ހައްޔަރު ކުރުން އެންމެ ރަނގަޅެވެ.
  6. ސައިންސުގެ ނަމުގައި ޚިޔާލީ ވާހަކަތައް ދެއްކުމުން އެކަން އެއީ ހަގީގަތަކަށް ހަދާލެވެއެވެ. މިސާލަކަށް، ކޮންމެ ވެސް އެއްޗެއްގެ 'ދަތެއް' ފެނުމުން، އެއްވެސް އެހެން ހެއްކެއް ނެތި، ސީދާ އަމިއްލަ ޚިޔާލުގެ މައްޗަށް ބިނާކޮށް، އެއީ މިވެނި އިރެއްގައި ދިރިއުޅުނު މިވެނި ކަަހަލަ އެއްޗެކޭ ބުނެ، ތިމާމެން ސާބިތުކޮށްދޭން ބޭނުންވާ ވަކި އެއްޗެއް ސާބިތުކޮށްދޭން އެ ދަތާއި އޭގެ މައްޗަށް ބިނާވި ޚިޔާލީ ކާއިނާ ބޭނުން ކުރެވެއެވެ. ނަމަވެސް، ދީނުގެ ނަމުގައި ބުނެވޭ ޣައިބިއްޔާތުގެ ވާހަކައަކީ ޚުރާފާތް ކަމުގައި ކަނޑައަޅާލެވެއެވެ. އޭގައި ހަގީގަތެއް އެކުލެވޭކަން، ބުއްދީގެ ހަމަތައް ސާބިތުކޮށްދިން ކަމުގައި ވިޔަސް ވެހެވެ. މިސާލަކަށް އާޚިރަތެއް ނުވާ ނަމަ، ހެވާއި ނުބައި ހަމަހަމަ ކޮށްލެވެއެވެ. ނަމަވެސް، މިއީ ބުއްދި ގަބޫލުކުރާ ކަމެއް ނޫނެވެ. މީހުން މެރުމަކީ، މިސާލަކަށް، ރަނގަޅު ކަމެއް ކަމުގައި ނުހެދޭނެއެވެ. ނަމަވެސް، ގާތިލަކަށް އޭނާގެ ކުށުން ރެކިގަނެގެން ހުރެ، އޭނާގެ ހަޔާތް ނިންމާލެވި، އާޚިރަތް ދުވަހެއް ނެތް ކަމަށް ވެއްޖެ ނަމަ، އޭނާގެ އެފަދަ އަމަލުވެސް އެންމެ ރަނގަޅުވެދެއެވެ. އެކަމުގެ އެއްވެސް މަސްއޫލިއްޔަތެއް އުފުލަން އޭނައަށް ނުޖެހުނީތީއެވެ.
  7. ތިމާއަށް ހުރިހާ އެއްޗެއް ލިބިފައި، އަނެކާ ކިތަންމެ ކަމަކުން މަހުރޫމު ވިޔަސް، އެންމެ ރަނގަޅެވެ. ތިމާއަށް މިނިވަންކަމާއި ނިޔާ ލިބިފައި އޮތުމުން، އެ ހިސާބުން ހުރިހާ ކަމެއް ވެސް ރަނގަޅު ކަމުގައި ތިމާއަށް ފެނެއެވެ. އެހެން މީހަކު ބަންދުވެ، އޭނާއަށް އަނިޔާލިބެމުންދާ ނަމަ އެކަން ތިމާއަށް ފެންނަ ގޮތެއް ނުވެއެވެ.
  8. ވޯޓު ހޯދުމަށްޓަކައި މީހުންނަށް ފައިސާ ތިމާ ދީފި ނަމަ އެއީ އެހީތެރިވެދިނުމެކެވެ. އެއީ ގާނޫނު މަނާކުރާ ކަމެއް ނޫނެވެ. ނަމަވެސް ތިމާއާ އިދިކޮޅު މީހަކު އެކަން ކޮށްފި ނަމަ އެވާނީ ރިޝްވަތުދިނުމަކަށެވެ. ގާނޫނާ ޚިލާފުކަމަކަށެވެ.
  9. ދެވެން ނެތް އެއްޗެއް ދޭނޭ ކަމަށް ބުނެ، ބަލަންވީ ވަރަށް ނުބަލައި، އަދި އެކަމުގެ ސަބަބުން އޭގައި ކުށްތައް އެކުލެވޭ ލިސްޓުތައް ނެރުމަކީ ތިމާ އެކަން ކޮށްފި ނަމަ، އޮޅުވާލައި ގުނބޯ ހެއްދުން ކަމަކަށް ނުވާނެއެވެ. އެއީ، ތިމާގެ ނިޔަތް ހެޔޮވެފައި އެންމެންނަށް ރަނގަޅުވާން އުޅުމުގެ ސަބަބުން، ހަމަ ހަގީގަތުގައި ވެސް، ތިމާއަށް އޮޅިގެންވީ ކަމެކަށެވެ. ނަމަވެސް، ތިމާގެ އިދިކޮޅު މީހާ އެފަދަ ކަމެއް ކޮށްފި ނަމަ، އެކަން ވާނީ ވޯޓުގެ ދުވަސްވަރު ވޯޓު ހޯދުމަށްޓަކައި ދިން ރިޝްވަތަކަށެވެ. އެއްވެސް ހަރުދަނާކަމެއް ނެތް 'މަގު ހިނގަމުން ހިނގަމުން' އެކުލަވާލާ ސިޔާސަތަކަށެވެ.