Support Us

ކޮލަމް ކޯދު: ޖަމަލަކާއި ހިޔަޅެއްގެ ވާހަކަ އަދި އެ ވާހަކައާ ގުޅޭ އެހެން ބައެއް ވާހަކަ

ކޯރެއްގެ އައްސޭރީފަށުގައި ފެން ބޯން ޖަމަލެއް އޮތެވެ. އަދި އެއާ ދާދި ކައިރީގައި ހިޔަޅެއް ވެސް ފެން ބޯން އޮތެވެ. ކޯރު ހުރަސްކޮށް، ކޯރުގެ އަނެއް ފަރާތަށް ދިޔުމަށް ހިޔަޅު ބޭނުންވިއެވެ. އެތާ އޮތް ޖަމަލަކީ އާންމުކޮށް ކޯރުގެ އަނެއް ފަރާތުގައި އުޅޭ އެއްޗެއްކަން ހިޔަޅަށް އެނގެއެވެ. އެހެންވެ، ޖަމަލު އޮންނާނީ ކޯރު ހުރަސްކޮށްފައި ކަމާއި އަދި ކޯރުގެ ފުންމިން އަންދާޒާ ކޮށްލަން ޖަމަލަށް އެނގޭނެކަން ހިޔަޅަށް ވިސްނުނެވެ.

ކޮންމެއަކަސް، ޖަމަލު ގާތަށް ޖެހިލައިފައި ހިޔަޅު ބުންޏެވެ. "މި ކޯރު ހުރަސްކޮށް ކޯރުގެ އަނެއް ފަރާތަށް ދާން އަހަރެން ބޭނުމެވެ. ކޯރުގެ ފުންމިނަކީ ކިހާވަރެއްތޯ އަހަންނަށް ބުނެދީފާނަން ހެއްޔެވެ؟" ޖަވާބުގައި ޖަމަލު ބުންޏެވެ! "ކޯރު އެހާ ފުނެއް ނޫނެވެ. ކޯރުގެ ފެންގަނޑު ފުންމިން އާންމުކޮށް ހުންނަނީ ކަކުލާ ހަމައަށެވެ!"

ހިޔަޅު ހަމަޖެހިލައިގެން ކޯރުގެ ތެރެއަށް އެރި ހިނގައިގަތެވެ. އިސާހިތަކު ހިޔަޅުގެ ކަރާ ފެންގަނޑު ހަމަވެ، ހިޔަޅު ގެނބިދާނެހެން ހީވުމުން، އައްސޭރި ފަށުގައި އޮތް ޖަމަލާ ދިމާއަށް ހިޔަޅު ހަޅޭލަވައިގަތެވެ. "ކަލޭތީ ކޮން ކަހަލަ އެއްޗެއް ހެއްޔެވެ؟ ކަލޭ ބުނީ ފެންގަނޑު ހުންނާނީ ކަކުލާ ހަމައަށް ނޫން ހެއްޔެވެ؟" މިހެން ބުނެފައި، އަވަސްއަވަހަށް، ހިޔަޅު އެނބުރި އެއްގަމަށް އައެވެ!

މިއިން ލިބޭ ފިލާވަޅަކީ ކޮބައިހެއްޔެވެ؟ ކޮންމެ މީހެއްގެ ވާހަކަ ވެސް ބިނާވެފައި އޮންނަނީ އެމީހެއްގެ އަމިއްލަ ތަޖުރިބާގެ މައްޗަށް ކަމެވެ. ހިޔަޅު ގާތު ޖަމަލު ބުނި ވާހަކަ ބުނީ އޭގެ ތަޖުރިބާގެ މައްޗަށް ބިނާކޮށެވެ. ކޯރު ހުރަސްކުރުމުގެ ތަޖުރިބާ ޖަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ބަލާފައެވެ. ޖަމަލު ކޯރު ހުރަސްކުރާ ކުރުމުން ޖަމަލަށް އެނގިފައި އޮތީ ކޯރުގެ ފެންގަނޑުގެ ފުންމިން ހުންނަނީ ޖަމަލުގެ ކަކުލާ ހަމައަށް ކަމެވެ. ޖަމަލުގެ ވާހަކަ އަޑުއަހައިފައި ހިޔަޅު ޖެހޭނީ ޖަމަލުގެ ތަޖުރިބާގެ ވާހަކައިން އޭނާ ފައިދާ ލިބިގަންނާނީ ކިހިނެއް ކަމާ މެދު ވިސްނާށެވެ. ޖަމަލު އެ ބުނި ވާހަކައަކީ ޖަމަލުގެ ކަކުލާ ހަމައަށް ފެންގަނޑު ހުންނަ ވާހަކަކަމާއި، އެ ބުނާ އެއްޗެއްގެ ނިސްބަތުން ބަލާފައި، ހިޔަޅުގެ ކިހާ ހިސާބަކަށް ފެންގަނޑު ހުންނާނެ ކަމުގެ އަންދާޒާއެއް ލިބިގަތުމަށް ވިސްނުމަށެވެ. ނަމަވެސް، ޖަމަލު ބުނި ވާހަކަ ލަފްޒުން ލަފްޒަށް މާނަކޮށް، އެ ލަފްޒީ މާނައިން ދޭހަވާ އެއްޗެއްގެ މައްޗަށް އަމަލުކުރުމުން، ޖަމަލުގެ ކަކުލާ ހަމައާއި ހިޔަޅުގެ ކަކުލާ ހަމައާ އެއްވަރުކަމުގައި ބެލެވުނީއެވެ. ދެން، ފެންގަނޑު ތެރެއަށް އެރުމުން، ފެތި މަރުނުވީ ކިރިޔާއެވެ!

އާދެ، މި މައްސަލައަކީ ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. އެކި މީސްމީހުންގެ ތަޖުރިބާގެ އަލީގައި ބުނެފައި ހުންނަ އެއްޗެހި ލަފްޒުން ލަފްޒަށް މާނަކޮށް އޭގެ މައްޗަށް އަމަލު ކުރުމުގެ މައްސަލައެވެ. މިފަދައިން ކަންތައް ކުރުމުން ވަރަށް ވެސް ނުރަނގަޅު، އަދި، ގެއްލުން ހުރި ނަތީޖާ ފެނެއެވެ. މީގެ ވަރަށް ގިނަ މިސާލުތައް ލިޔެލެވިދާނެއެވެ. ސިޔާސީ މައިދަނުންނެވެ. ދީނީ މައިދާނުންނެވެ. އިގުތިސާދީ މައިދާނުންނެވެ. އެހެން ކަމަށް ވިޔަސް ދެ މިސާލު ލިޔެ ފުއްދާލާނަމެވެ.

ފުރަތަމަ މިސާލަކަށް ޑީސެންޓްރަލައިޒޭޝަންގެ މައްސަލަ ނުވަތަ ލާމަރުކަޒު ކުރުމުގެ މައްސަލައަށް ބަލާލަމާ ހެއްޔެވެ؟ މި މަފްހޫމުގެ ލަފްޒީ މާނައަކީ ހުރިހާ ކަމެއް އެއް ސެންޓަރެއްގައި، އެއް މަރުކަޒެއްގައި، ނުބެހެއްޓުމެވެ. މިކަން، ސިޔާސީ ހިންގުމާ ގުޅުވާލެވުމުން، މާނައަކަށް ވާނީ ސިޔާސީ ހުރިހާ ބާރެއް އެއްތަނެއްގައި ހަރުކޮށްލެވިފައި ނުބެހެއްޓުމެވެ. މިސާލަކަށް ހުރިހާ ބާރެއް، ހުރިހާ ކަމެއް ކުރުމުގެ އިޚްތިޔާރު، ވެރި ރަށުގައި އޮންނަ ގޮތަށް ސިޔާސީ ނިޒާމު ބައްޓަން ނުކޮށް، ދެވެން އޮންނަ އެންމެ މަތީ ދަރަޖައަކަށް، ސިޔާސީ ބާރު، އާދެ، ކަންކަން ކުރުމުގެ އިޚްތިޔާރު، އެހެން ސަރަހައްދުތަކަށް ވެސް، އެހެން ރަށްރަށަށް ވެސް، ދީފައި އޮތުމެވެ.

މިކަން ސާފުވެ ދިޔުމަށްޓަކައި މިސާލެއް ލިޔެލާނަމެވެ. ރާއްޖޭގައި ސަރުކާރުގެ ހުރިހާ އިދާރާތަކެއްގެ މައި އޮފީސްތައް ހުންނަނީ މާލޭގައެވެ. މިހެންވުމުން، މިސާލަކަށް، އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސް ނަގަން ވެއްޖެ ނަމަ، އެ ދޫކުރެވެނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާއިންނެވެ. އެ އިދާރާ ހުންނަނީ މާލޭގައެވެ. ނަމަވެސް، ރާއްޖޭގެ އުތުރާއި ދެކުނުގައި އުޅޭ މީހުން ލައިސަންސް ނަގަން މާލެ އަންނަން ވެއްޖެ ނަމަ، މިކަން ވާނީ ބޮޑު އުނދަގުލަކަށެވެ. އެހެންވެ، މި ހިދުމަތް، މިކަމަށް ބޭނުންވާ ރަށްރަށުން ލިބޭނޭ ގޮތެއް ހަމަޖެހިފައި އޮންނަން ޖެހެއެވެ. މާލޭގައި މިކަން ކުރާ އިދާރާ ފަދަ އިދާރާތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމުކޮށް، މާލޭގެ އިދާރާއަށް ލިބިދީފައި އޮންނަ ބާރާއި އިޚުތިޔާރު ރާއްޖޭގެ އެހެން ތަންތަނުގައި ގާއިމުކުރެވޭ މިކަމާ ބެހޭ އިދާރާތަކަށް ދެވެން ޖެހެއެވެ. ދެން، މިކަން އެންމެ ރަނގަޅު ގޮތުގައި ހިންގުމަށްޓަކައި، ދެވޭ ލައިސެންސަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ބޭނުން ކުރެވޭ ގޮތަށް ދެވޭ ހުއްދައަކަށް ވާން ޖެހެއެވެ. އެކަން ކުރަން ޖެހޭނީ އެކަމަށް ބޭނުންވާ ތަމްރީނުތަކާއި އިމްތިހާނަކަށް ފަހުއެވެ. މި ހުރިހާ ކަމެއް ހަމަނުޖައްސައި ލާމަރުކަޒީކުރަނީއޭ ކިޔައި އެކި ތަންތަނުގައި ލައިސަންސް ދޭ ތަންތަން ހުޅުވުމުން، އެކަމުން ބޭނުންވާ ރަނގަޅު ފައިދާއެއް ނުނިކުންނާނެއެވެ.

ހަމަ އެހެންމެ، ލާމަރުކަޒީކުރަނީއޭ ކިޔައި، އެކި ހިސާބުތަކުގައި މައި ސަރުކާރާ ވާދަކޮށް، މައިސަރުކާރާ ގޮންޖަހާލާ ފަދަ، ކުދިކުދި ސަރުކާރުތަކެއް ފަދަ އިދާރާތަކެއް، ލާމަރުކަޒީ ކުރުމުގެ ސަބަބުން އުފެދެން ދިމާވެއްޖެ ނަމަ، ލާމަރުކަޒީ ނިޒާމަކުން ގަސްދުކުރެވޭ ފައިދާ– ބިޔުރޯކުރަސީ ކުޑަކޮށް، އިދާރިކަންކަން ފަސޭހަކަމާއެކު، އެންމެ ފުރިހަމަ ގޮތުގައި ހިންގާލުން- އޮންނާނީ ނުލިބިފައެވެ.

ލާމަރުކަޒީކުރުމުގެ ނިޒާމުގެ ތާރީޚީ ބައެއް ތަޖުރިބާތަކަށް ބަލާލުމުން ވެސް، އެކަން ކުރާ ގޮތް ފެނެއެވެ. މިސާލަކަށް، ދެވަނަ ބޮޑު ހަނގުރާމަ ނިމި، ޖަރުމަނު އަލުން ބިނާކުރުމުގެ ތަޖުރިބާއަށް ބަލާލާށެވެ. އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި، ހުޅަނގު ޖަރުމަނުގައި 1949ވަނަ އަހަރު އުފެދުނު ސަރުކާރުން އެންމެ ފުރަތަމަ ގަބޫލުކުރީ ތަނުގެ އިގުތިސާދު މުޅިން ލާމަރުކަޒީ ނުކުރުމަށެވެ. ސަބަބަކީ އެ ވަގުތު އެކަން ކޮށްފި ނަމަ، ގައުމުގެ އިގުތިސާދީ ހާލަތު ނުބައިން ނުބަޔަށް ހިނގައިދާނެތީއެވެ. ބޮޑެތި ވިޔަފާރިވެރިން، އިގުތިސާދުގެ މައްޗަށް ވެރިވެ، އެމީހުންގެ އަމިއްލަ ފައިދާއަށްޓަކައި ގައުމުގެ އޮތް ހާލަތް މެދުވެރިކޮށް ނާޖާއިޒު ފައިދާތައް ނަގާފާނެތީއެވެ. އެހެންވެ، ލާމަރުކަޒީ ކުރަމުން އައީ އިގުތިސާދީ ހާލަތު ރަނގަޅުވަމުން އައިވަރަކަށެވެ. ހަމަ އެހެންމެ، ފުރަތަމަ ބޮޑު ހަނގުރާއަށް ފަހު، ތުރުކީ ޖުމްހޫރިއްޔަތު ގާއިމުކޮށް، އެ މީހުންގެ އިގުތިސާދު ވެސް ބިނާކުރީ މަރުކަޒީ އުސޫލެއްގެ މައްޗަށެވެ. ސަރުކާރުން ކޮންޓުރޯލުކުރާ އުސޫލެއްގެ މައްޗަށެވެ.

މީގެ މާނައަކީ ކޮބައިހެއްޔެވެ؟ ލާމަރުކަޒީކުރަން އުޅޭއިރު، އެކަމަށް ބޭނުންވާ ކަންކަން ހަމަޖެހިފައި އޮތްތޯ ބެލުމެވެ. މީހުންގެ ވިސްނުމާއި ފިކުރު އޮތީ އެކަމަށް ހަމަޖެހިފައި އޮތްތޯ ބެލުމެވެ. ނޫންނަމަ އެކަމަށް މީހުން ތައްޔާރުކުރަން ޖެހެއެވެ. މީގެ އިތުރުން އެކަމާ ބެހޭ ހަރުދަނާ ގާނޫނުތަކާއި ގަވާއިދުތައް ހަދަން ޖެހެއެވެ. މިކަންކަން ނުކޮށް، ތަނެއްގައި ލާމަރުކަޒީކުރަނީއޭ ކިޔައި، އެއީ އެންމެ ފުރިހަމަ ގޮތޭ ގޮވައި އަޑުގަދަކޮށް، އެކަން ކުރަނީ އަހަރުމެން އެކަންޏޭ ބުނެ ދައުވާ ކުރުމަކުން އެކަމުން ކުރާނޭ ފައިދާއެއް ނޯންނާނެއެވެ. އެކަމަށް ބޭނުންވާ މުޖުތަމައީ އޮނިގަނޑު ނެތީސް، އެކަން ކުރަން އުޅެންވެއްޖެ ނަމަ، ފައިދާކުރުމަށް ވުރެ، ގާތީ ގެއްލުންވުމެވެ.

މިފަދަ މިސާލުތައް މިހާރު ވެސް، އެހެން ދާއިރާތަކުން އެބަ ފެނެއެވެ. ޕާޓީ ޑިމޮކުރަސީގެ މާނަ ކުރެވިފައި އޮތް ގޮތް ބަލާލާށެވެ! ވެރިޔަކީ ކާކު ކަމެއް މިހާރު ނޭނގެއެވެ. ޖުމްހޫރިއްޔާގެ ރައީސަކީ ގާނޫނީ ވެރިޔާއެވެ. ނަމަވެސް ގާނޫނީ ވެރިޔާއަށް ވުރެ މަޖުލީހުގެ ރައީސްއާއި ވެރިކަން ކުރާ ޕާޓީގެ ރައީސްގެ ބާރު ގަދަހެން ހީވާ ފަހަރު ވެސް އާދެއެވެ. ނާއިބު ރައީސެއް ހުއްޓަސް، އޭނާގެ ދައުރު ހުއްޓިފައި އޮތީ ހަމައެކަނި ހަފްލާތައް ހުޅުވާއިރު ރިބަން ކެނޑުމަށްހެން ހީވާ ކަހަލައެވެ!

އަދިވެސް، އެހެން މިސާލެކެވެ. ދާދި ފަހުން އިއުލާނު ކުރެވުނު ގޯތި ހައްގުވާ މީހުންގެ ލިސްޓުގައި ބޭރު މީސްމީހުންގެ ނަން 'އޮޅުމަކުން' ހިމެނިފައި އޮތެވެ. ދެން، އެއްބަޔަކު މިއީ ގާނޫނާއި ގަވާއިދާ ޚިލާފު ކަމެއްކަން ފާހަގަކުރާއިރު، އަނެއް ބަޔަކު ބުނަމުން ގެންދަނީ އެއީ ހަމަ އެންމެ ރަނގަޅު ކަމެއް ކަމެވެ. މި ރަނގަޅު ކުރުން ބިނާވެފައި އޮތީ ބޭރުގެ ބައެއް ގައުމުތަކުގެ ތަޖުރިބާއާއި އެ މީހުން ކަންތައް ކުރާ ގޮތާއެވެ. ނަމަވެސް، ބޭރު ގައުމުތަކުގައި މިފަދަ ގޮތެއްގައި ކަންތައް ކުރާއިރު، އެ ގައުމުތަކުގެ ހާލަތާއި ރާއްޖޭގެ ހާލަތުގެ ތަފާތުކަމަކަށް ރިއާޔަތެއް ނުކުރެއެވެ. ބޭރު ގައުމުތަކުގައި އެ ފަދައިން ކަންތައް ކުރާއިރު، އެންމެ ފުރަތަމައިން ފާހަގަކޮށްލަން ޖެހެނީ އެ ތަންތަނުގައި ބިމުގެ ދަތިކަން ރާއްޖޭގައި އޮތް ފަދައަކުން ނެތް ކަމެވެ. ދެން، އެ ތަންތަނުގައި ވެސް ކުރާކަމެއް ކުރެވެނީ ވަކި ގަވާއިދުތަކަކާއި ގާނޫނުތަކެއްގެ ދަށުން ކަމެވެ.

އެހެންވީމައި ރާއްޖޭގައި އެކަން ހިންގާލަން ޖެހޭނީ ބޭރު ގައުމުތަކުގައި ކަމެއް ވަކި ގޮތަކަށް ކުރާތީކީ ނޫނެވެ. ރާއްޖޭގެ ހާލަތަށް ބަލައި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއް ގޮތެއްގެ މަތިންނެވެ. ސާފު ސީދާކޮށް ބުނާ ނަމަ، ރާއްޖެ ކަހަލަ ބިމުގެ ދަތިކަން އިންތިހާއަށް އޮތް ތަނެއްގައި އެއްވެސް ބަޔަކަށް ގޯތި ދިނުން ބުއްދިވެރިއެއް ނޫނެވެ. ސަބަބަކީ، މިކަމަކީ ކުރިއަށް އޮތް ތަނުގައި ނުކުރެވޭނެ ކަަމަކަށް ވާނެތީއެވެ. އެހެންވެ، މީސްމީހުންނަށް ގޯތިތައް ބަހާލުމުގެ ބަދަލުގައި މިހާރު ވެސް ފެށިގައި އޮތް 'ހައުސިން ސްކީމް’، އާދެ، މީހުން ދިރިއުޅުމަށްޓަކައި އިމާރަތްތައް ބިނާކޮށް، މީސްތަކުންގެ މެދުގައި ތަފާތުކުރުމެއް ނެތި، ހަރުދަނާ ގަވާއިދުތަކެއް އެކުލަވާލައި، އެއާ އެއްގޮތަށް މީހުން އުޅޭނޭ ގޮތް ފަހިކުރަންވީއެވެ. ސަރުކާރުގެ އިސް މުވައްޒަފުން ކުރާ ބޭކާރު ދަތުރުގެ ޚަރަދުތަކުގެ ބަދަލުގައި މިފަދަ ކިތައް އިމާރާތް އަހަރަކު ހެދިދާނެ ހެއްޔެވެ؟

އާދެ، މަތީގައި ނަންގަނެވުނު ފަދަ ޖަމަލުގެ ތަޖުރިބާގައި ބުނާ އެއްޗެއް ހިޔަޅުގެ މައްޗަށް ހިންގާލެވޭ ގޮތް ވަނީ ކިހިނެއް ހެއްޔެވެ؟ އެހެން މީހުންގެ ތާރީޚީ ތަޖުރިބާއާއި ސަގާފަތުގެ އަލީގައި ނިންމާފައި ހުންނަ ކަންކަން، އޭގެ އުސޫލުތަކަކީ ކޮބައިކަން ދެނެނުގަނެ، އަދި ހަމަ، އަމިއްލަ ތާރީޚާއި އަމިއްލަ ސަގާފަތާއި އަމިއްލަ މީހުންގެ ޒިހުނީ ހާލަތަށް ނުވިސްނައި ހަމަ އެކަނި ބޭރުފުށުން ފެންނަ ގޮތެއް، ހިންގާލަން އުޅުމުން ނިކުންނަ ނަތީޖާއެވެ.

ތަނެއްގައި ގައުމީ ލޯބި އަށަގަންނުވައި އެތަނުގެ ގައުމީ ސަލާން އިސްކޫލުތަކުގައި ކިޔުއްވާ ތަން ފެނިގެން، އެ ގައުމީ ސަލާން އަމިއްލައަށް ދަސްކޮށް އެ ކިޔުމަކުން އަމިއްލަ ހިތުގައި ގައުމީ ލޯތްބެއް ނުއުފެދޭނެއެވެ. ކުދިން ލައްވައި ގައުމީ ސަލާން ކިޔުއްވުމުން އެކުދިންގެ ހިތްތަކުގައި ގައުމީ ލޯބި އުފެދޭނެކަން ހީކޮށްލެވުނީ ކީއްވެގެން ކަމާ މެދު ވެސް ސުއާލުކޮށްލަން ޖެހޭނެއެވެ. އެކުދިންގެ ހިތުގައި ގައުމުގެ މުހިއްމުކަން އުފައްދައި އަށަގަންނުވާފައި އޮތީ ކިހިނެއް ކަމާ މެދު ވިސްނާލަން ޖެހެއެވެ. މިކަންކަމާ މެދު ވިސްނާނުލައި، އެ ގައުމީ ސަލާން ހިތުދަސްކޮށް، ނުވަތަ އަމިއްލަ ގައުމީ ސަލާން ކިޔުމަކުން މާ އެދެވޭ ނަތީޖާއެއް ނުނިކުންނާނެއެވެ! އޭރުންވާނީ، ލާމަރުކަޒީ އުސޫލަށް، ނޫނީ ގިނަ ޕާޓީތަކުގެ ޑިމޮކުރަސީއަށް މީހުން ނުހާނުވައި، އެކަންކަމަށް ބޭނުންވާ ހަރުދަނާ ގާނޫނުތަކާއި ގަވާއިދުތައް ނުހަދައި، ނޫނީ ވޯޓު ހޯދުމުގެ އެދުމުގައި، އަވަސްއަވަހަށް ގޯތި ދެނީއޭ ކިޔައި ގޯތި ދިނުމުގެ ލިސްޓެއް ހަދައި، އެކަންކަން ހިންގާލަން އުޅުން ފަދަ ކަމަކަށެވެ! ހިޔަޅަށް އޭގެ ކަކުލާއި ޖަމަލުގެ ކަކޫގެ އުސްމިން އެއްވަރުކުރުން ފަދަ ކަމަކަށެވެ!