Support Us

ކޮލަމް ކޯދު: ޚަތީބުގެ އީދު މެސެޖު

އިއްޔެގެ އީދު ޚުތުބާގައި ވަރަށް މުހިއްމު، ކަމެއް ފާހަގަކޮށްލެއްވިއެވެ. އެހެންވެ، އެކަމާ މެދު އެންމެން ވެސް ވިސްނައި އެކަމުގެ ހައްލު ހޯދުމުގެ މަސައްކަތް ކުރަން ޖެހެއެވެ. އެ މެސެޖަކީ ހެއްޔެވެ؟

އީދު ޚުތުބާގައި ޚަތީބު ފާހަގަކުރެއްވީ ދުނިޔޭގެ މިއަދުގެ ރެފިއުޖީންގެ އަދަދު އެތައް މިލިޔަނަކަށް އަރާއިރު، އޭގެ ތެރެއިން ސައްތައިން ހަތްދިހައަކީ މުސްލިމުން ކަމެވެ. މާނައަކީ މުސްލިމުން، އެކި ސަބަބުތަކާ ހުރެ، އެ މީހުންގެ އަމިއްލަ، އަދި، މުސްލިމުންގެ އަޣުލަބިއްޔަތު އޮތް ގައުމުތަކުގައި އުޅެވެން ނެތިގެން، ނޫނީ އުޅެން ދަތިވެގެން، އެ ގައުމުތައް ދޫކޮށްފައި އެހެން ގައުމުތަކަށް، ގަވާއިދުންނާއި ނުގަވާއިދުން ވެސް، ދާކަމެވެ. މިއިން އަންގުވައިދެނީ ކޮން ކަމެއް ހެއްޔެވެ؟ މުސްލިމުންގެ ގިނަ ގައުމުތަކެއްގެ ސިޔާސީ ނިޒާމު ފާސިދުވެ ހަލާކުވެ، ފެއިލިވެފައިވާ ކަމެވެ. އެ ސިޔާސީ ނިޒާމުތައް، އެއަށް ކޮންމެ ނަމެއް ކީކަމުގައި ވިޔަސް، ޑިމޮކުރަސީއޭ، ޖުމްހޫރިއްޔަތޭ، ރަސްކަމޭ، އިޝްތިރާކިއްޔަތޭ އިސްލާމީއޭ ނޫނީ އެހެން ނަމެއް ކީ ކަމުގައި ވިޔަސް، އެ ނިޒާމުތަކުގެ ދަށުގައި މުސްލިމުންގެ ވަަރަށް ގިނަ ބަޔަކަށް އުޅެން ދަތިވެފައިވާ ކަމެވެ.

މިޒަމާނުގެ ތަރައްގީގެ މަސައްކަތް މުސްލިމުން ފެށިތާ މިހާރު ގާތްގަނޑަކަށް އަށްޑިހަ ވަރަކަށް އަހަރު ވެދާނެއެވެ. ކޮންމެއަކަސް، މި ޒަމާނުގެ ތަރައްގީގެ މަގުގައި މި ހިނގި މުއްދަތުގެ ތެރޭގައި، އެ ނިޒާމެއްގެ ދަށުގައި، ތަނުގެ އެންމެނަށް ހަމަޖެހިގެން އުޅޭވޭ ފަދަ ސިޔާސީ ނިޒާމެއް، މުސްލިމު ގައުމުތަކުގައި ގާއިމެއް ކުރެވުނު ތަނެއް އަދި ނުފެނެއެވެ. ގިނަ މުސްލިމު ގައުމުތަކުން ފެންނަނީ ހުރިހާ މައިދާނެއްގައިމެ ދުނިޔެއިން އެންމެ ދަށުގައި ހިމެނޭ ގައުމުތަކުގެ ތެރޭގައެވެ. އިގުތިސާދީ ނިޒާމަށް ބަލައިލިޔަސް، ތައުލީމީ ނިޒާމަށް ބަލާލިޔަސް، ސިއްހީ ނިޒާމަށް ބަލާލިޔަސް ވެހެވެ. މިސާލަކަށް ރަނގަޅު ތައުލީމެއް ހޯދަން ބޭނުން ނަމަ، އެންމެން ވެސް އެދެނީ ހުޅަނގު ކޮންމެ ވެސް ގައުމަކަށް ދާށެވެ. ހަމަ އެހެންމެ، ރަނގަޅު ސިއްހީ ޚިދުމަތެއް ހޯދަން ބޭނުން ނަމަވެސް، ތިމާމެންގެ އަމިއްލަ ގައުމުން އެކަން ލިބެން އޮތް ތަނެ، މުސްލިމު ގައުމުތަކުން ފެންނަނީ ވަރަށް ވެސް މަދުންނެވެ.

މިކަންކަން ފާހަގަކޮށްލުމުގެ ބޭނުމަކީ، އީދު ޚުތުބާގައި ޚަތީބު އެ އިޝާރަތްކުރައްވާ ފަދައިން، މުސްލިމުންގެ މުޖުތަމައުގެ ސިޔާސީ ނިޒާމު އިސްލާހުކުރަން ޖެހުމުގެ ވާހަކަ ދައްކައި އެކަން އިސްލާހުކުރުމުގެ މަސައްކަތް ކުރަންވެއްޖެ ކަމެވެ. ކަމެއް ކުރަން ފެށޭނީ ކަމެއް ގޯސްކަން ފާހަގަކުރެވިގެންނެވެ. އަދި، އެކަން ގޯސްވުމުގެ މައިގަނޑު ސަބަބު ގުޅެނީ ތަނުގެ އަހުލުވެރިންނާކަން ވެސް ގަބޫލުކުރުމެވެ. ކަންކަން އިސްލާހު ނުވުން އެހެން ބައެއްގެ މައްޗަށް ފޫޅު ކަނޑަން ވެއްޖިިއްޔާ އެކަން އިސްލާހުކުރުމުގެ މަސައްކަތް އޮންނާނީ ނުވެފައެވެ. މިސާލަކަށް މުސްލިމު ގައުމުތައް އިސްލާހު ނުވަނީ ހުޅަނގުގެ އިސްތިއުމާރުގެ ސަބަބުންނޭ ބުނުމުން، އިސްލާހުގެ މަސައްކަތް އޮންނާނީ ނުފެށިފައެވެ.

ކޮންމެއަކަސް، އިމާމު ޚުތުބާގައި ފާހަގަކުރެއްވި ފަދައިން، ހަގީގަތަކީ މުސްލިމުންގެ ގިނަ ބަޔަކަށް އެ މީހުންގެ އަމިއްލަ ގައުމުތަކުގައި އުޅެން އުނދަގޫވެފައިވާކަމެވެ. އެ މީހުންގެ ތެރެއިން އެތައް ބަޔަކު އެ މީހުންގެ ގައުމު ދޫކޮށްފައިދާ ކަމެވެ. މިކަން ގުޅެނީ ތަނުގެ ސިޔާސީ ނިޒާމާއެވެ. އެ ނިޒާމު ފޭލިވެފައިވުމާއެވެ. ފޭލިވެފައިވާ ކަމަށް ބެލެވެނީ، އެ ނިޒާމުގެ ދަށުން، ތަނުގެ ޚައިރާތުތައް ރައްޔިތުންގެ މެދުގައި އަދުލުވެރި ގޮތަކަށް ބެހި، ތަނުގެ ރައްޔިތުން ތަނުގައި ހިތްހަމަޖެހިގެން އުޅެވޭނޭ ގޮތް ފަހިވެފައި ނުވާތީއެވެ.

އިމާމު ޚުތުބާގައި އިޝާރަތް ކުރެއްވި ފަދައިން، މިއީ އަދުގެ ހަގީގަތެވެ. މި ހަގީގަތް ބަދަލުކުރެވޭނީ މިކަން ބަދަލުކުރަން މަސައްކަތްކޮށްގެންނެވެ. އަދުގެ، މުސްލިމު ދީނީ ބޭކަލުންނާއި އަދި އެނޫންވެސް ވިސްނައި ފިކުރުކުރާ މީހުންގެ އެންމެ އިސް ވާޖިބުތަކުގެ ތެރޭގައި މިކަން ކުރާނެ ހެޔޮ ގޮތެއް ބުނެދޭން ޖެހެއެވެ. އެކަން ބުނެދެވޭނީ ކަމާ ބެހޭ އުނގެނުންތައް އުނގެނިގެންނެވެ. އެކަމާ ބެހޭ އިލްމުތައް އުނގެނި ދަސްކޮށްގެންނެވެ. މި ވާހަކަ އަދި ފަހުން ކުރިއަށް ގެންދެވޭނޭކަން ބުނެލައި، އިމާމު ފާހަގަކުރެއްވީ މިއަދުގެ މުސްލިމުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މަސްލައޭ ބުނެ، މި ވަގުތު މިވާހަކަ މި ހިސާބަށް ކުރުކޮށްލަމެވެ.