Support Us

ނާއުއްމީދުވުމެއް ނުވެއެވެ.

ލޯބިވާ އަޚުންނާއި އުޚުތުންނެވެ.

އަހަރެމެން އިންސާނުންނީ އެގިގެންނާއި ނުއެގި، ފާޅުގައާއި ސިއްރިއްޔާތުގައި ފާފަކުރެވޭ ނިކަމެތި ބަޔަކީމުއެވެ. ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ މިއިން އެއްވެސް ކަމެއް ﷲ سُبْحَانَهُ وَتَعَالَىއަށް ސިއްރުވެގެން ނުވާކަމެވެ. އެކަލާނގެ ހުރިހާ ކަމެއް ބައްލަވާ ވޮޑިގެންވާކަމެވެ. އަދި އަހަރެމެން ކުރާ ހުރިހާ އަމަލުތަކެއް ދެ مَلَائِكَة‎ ބޭކަލުން ފޮތެއްގައި ލިޔުއްވަމުން ގެންދަވާކަމެވެ.

ދަންނާށެވެ. ހަމަ ކަށަވަރުން إِبْلِيسއަކީ އަހަރެމެން އިންސާނުންގެ ހަތުރެކެވެ. ނުލަފާ އަދުއްވެކެވެ. އޭނާގެ މަސައްކަތަކީ އިންސާނާ އަށް ވަސްވާސްދީ ﷲގެ މަގުން އިންސާނާ ބޭރުކޮށް ނަރަކައިގެ އަހުލުވެރިންތެރޭ އެ އިންސާނާ ހިމެނުމެވެ. މާއްދިއްޔަތުގެ ދަޅަތަކަށް އިންސާނާ ދަހިވެތިކުރުވާ އާޚިރަތް ދުވަސް މަތިން ހަނދާން ނައްތުވާލާ އިންސާނާގެ ވަޤުތު ބޭކާރު ގޮތުގައި ދުއްވާލުމެވެ. އަހަރެމެންގެ ތެރެއިން ގިނަ މީހުން إِبْلِيسގެ ވަސްވާހުގައި ޖެހި ފާފަތަކަށް އަރައިގަންނަމުން ދެއެވެ. ވަކި ވަރަކަށް ފާފަ ކުރެވުމުން إِبْلِيس އެ އިންސާނާގެ ހިތަށް މާޔޫސްކަން ގެނުވައެވެ. އަދި ﷲ އޭނާއަށް އަފޫ ނުކުރައްވާނޭކަން ޤަބޫލުކުރުވައެވެ. އޭނާ އަށް އިތުރު ގޮތެއް ނެތްކަމަށް ބުނެދެއެވެ. އެހެންވީމާ ފާފަ ކުރުންމަތީ ދެމިހުރުމަށް ވިސްނައިދެއެވެ.

ލޯބިވާ އަޚުންނާއި އުޚުތުންނެވެ.

ﷲ سُبْحَانَهُ وَتَعَالَىގެ ދީލަތިވަންތަކަން އަހަރެމެން އިންސާނުންގެ ހިތަށް ނުގެނެވޭހައި ބޮޑެވެ. އެކަލާނގެ އޯގާވެރިވަންތަކަން އިންތިހާއެވެ. އަހަރެމެންގެ ފާފަތައް ފުއްސެވުމަށް އެކަލާނގެ ނުހަނު ލޯބިވެވޮޑިގެންވެއެވެ. އަހަރެމެނަށް ނާއުއްމީދުވުމެއް ނުވެއެވެ. އެހެނީ ﷲ سُبْحَانَهُ وَتَعَالَىއީ އަހަރެމެންގެ ކުށްތަކަށް ގިނަގިނައިން އަފޫ ކުރައްވާ ފާފަ ފުއްސެވުމަށް ލޯބިކުރައްވާ ރަހީމްވަންތަ، ރަހުމާންވަންތަ ވަތިވެރި އިލާހެވެ. އަހަރެމެންގެ ކުށްފާފަތައް ހަނަފަސް ސަހަރާއެއްގައިވާ ވެލިފުށްތަކަށްވުރެ އެތައްހާސް ގުނައެއް އިތުރުކަމުގައި ވިޔަސް މާޔޫސްވުމެއް ނެތެވެ. ފާފަ ފުއްސެވުން އެދި ގިނަގިނައިން دعاء ކުރާށެވެ. އެކަލާނގެ އަށް ޒިކުރު ކުރުންމަތީ ސާބިތުކަމާ އެކު ދެމިހުންނާށެވެ. ގިނަގިނައިން ތަޢުބާވާށެވެ.

އަޚުންނާއި އުޚުތުންނެވެ.

އަހަރެމެން މިހާރު މިގުނަމުންދަނީ ﷲ سُبْحَانَهُ وَتَعَالَىގެ ދީލަތިކަމުން ވަރަށް މާތް ކުރައްވާފައިވާ ދުވަސްތަކެކެވެ. ﺧَﺎﺹّކޮށް އަރަފާތު ދުވަހެވެ. މި ދުވަހު ﷲ ތަޢާލާއަށްޓަކައި ރޯދަ ހިފައިފިމީހާގެ އިސްވެދިޔަ އަހަރުގެ އާއި އަންނަން އޮތް އަހަރުގެ ފާފަތައް ފުއްސަވާނެތެވެ. سبحان الله، ﷲގެ ދީލަތިވަންތަކަމުގެ ބޮޑުކަމާއެވެ. އަހަރެމެން އިންސާނުންނަށް ކޮންފަދަ ރަނުގެ ފުރުސަތެއްހެއްޔެވެ؟

ލޯބިވާ އަޚުންނާއި އުޚުތުންނެވެ.

ހައްޖު ދުވަހަކީ އެ ދުވަހެއްގައި ނަރަކައިން އެންމެ ގިނަ އިންސާނުން ސަލާމަތްކުރައްވާ ދުވަހެވެ. މިފަދަ ނަސީބުވެރިއެއް ކަމުގައި ވެވޭތޯ މިއަދު ރޯދައަށްހުރެ އެކަލާނގެ އަށް ޒިކުރުކޮށް ނަމާދުކޮށް ތަޢުބާވެ ސާބިތުކަމާ އެކީ دعاء ދަންނަވަމާހެވެ. އަހަރެމެންނަށް ވީވަރަކުން صدقات ކުރަމާހެވެ. އިސްވެދިޔަ އަހަރު އަހަރެމެންނަށް ކުރެވިފައިވާ އެންމެހައި ފާފަތަކާއި އަންނަން އޮތް އަހަރުގެ ފާފަތައް ފުއްސަވާތޯ دعاء ދަންނަވަމާހެވެ. މި ފުރުސަތު އަތުން ބީވިޔަނުދެމާތޯއެވެ. އެހެނީ އަންނަ އަހަރުގެ ذُوالْحِجَّة‎ މަހާ އަހަރެމެންނާ ބައްދަލުވާނޭ ކަމުގެ ހަމަ އެއްވެސް ޔަޤީން ކަމެއް ނެތެވެ.

ޔާﷲ، ފާއިތުވި އަހަރާއި އަންނަން އޮތް އަހަރުގެ ފާފަތައް ފުއްސަވައި ނަރަކައިން މުއްތި ކުރައްވާ އަޅުތަކުންތެރޭ އަޅަމެން ލައްވާދޭވެ. اَمِين

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *