Support Us

ކޮލަމް ކޯދު: ޕޯސްޓު ނުކުރެވި ހުރި ބައެއް ސިޓީ

ތިރީގައި އެވަނީ މީހަކު ލިޔެފައި އެކި ސަބަބުތަކާ ހުރެ ޕޯސްޓު ނުކުރެވި ހުރި ބައެއް ސިޓީތަކުން ސިޓީއެކެވެ. މިފަދަ ސިޓީތައް ފެނުމުން، ނުވަތަ އޭގެ ވެރިން މިތަނުގައި ޕޯސްޓުކުރަން އެދުމުން، އެކަން ކުރަމުންދާ ނަމެވެ. ކޮންމެއަކަސް ޕޯސްޓުނުކުރެވި ހުރި ބައެއް ސިޓީން ސިޓީއެއް ނަކަލު ކޮށްލައި ލިޔެލަމެވެ.

1 ޖެނުއަރީ

ކަމާ ބެހޭ އިދާރާގެ ވެރިޔާއަށް،

ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.

ދާދި ފަހުން، ކަންކަން އިސްލާހުކުރުމަށްޓަކައި ޚިޔާލު ފާޅުކޮށް، އެ މީހަކަށް ފެންނަ ޚިޔާލެއް ލިޔެ ފާޅުކޮށް، އެ ފަދަ ޚިޔާލުތައް ހުށަހަޅަން ބެހެއްޓިފައި ހުރި ފޮއްޓަށް ލިޔުންކޮޅެއް ލިޔަން ގަސްދުކުރީމެވެ. ނަމަވެސް، ފަހުން، ޚިޔާލު ބަދަލުވެ، އެ ވާހަކަ، ކުރު ސިޓީއެއްގެ ސިފައިގައި ލިޔެ ޕޯސްޓުކޮށްލަން ގަސްދުކޮށް، މި ސިޓީ ލިޔަމެވެ.

މި ސިޓީގައި ފާޅުކުރެވޭ ޚިޔާލު ގުޅެނީ އާންމު އިންތިޚާބުތަކާ ކުރިމަތިލާ ކެންޑިޑޭޓުންނަކީ އަމާނަތްތެރި ބަޔަކަށް ހެދުމާ ބެހޭ ގޮތުން ކުރެވިދާނެ ކަންކަމަކީ ކޮބައިތޯއާ ބެހޭ ގޮތުންނެވެ. މިހެން ބުނާއިރު ވެސް، މިއީ ބުޅަލުގެ ކަރުގައި މީދާ ކޮންފަރެންސުން ރަނގަބީލެއް އަޅުވަން އުޅުން ކަހަލަ ކަމަކަށް ވެދާނެކަން ވެސް އެނގެއެވެ. އެހެންވިޔަސް މިކަމާ ބެހޭ ގޮތުން ބުނާ ހިތްވާ އެއްޗެއް ބުނެލަން ގަސްދުކޮށް މި ވާހަކަ ލިޔެލީއެވެ.

އާންމު އިންތިޚާބުތަކާ ކުރިމަތިލާ މީހުންގެ ދަރަންޏެއް އޮތްތޯ ބެލުމަކީ މުހިއްމު ކަމެއްކަމަށް ދެކި އެކަމުގެ ޚިޔާލު ފާޅުކުރަމެވެ. މިއީ މުޅިއަކުން އާ ކަމެއް ވެސް ނޫނެވެ. އިހުގައި ސަރުކާރުގެ ވަޒީފާތައް ދިނުމުގައި ސަރުކާރުގެ ދާއިރާތަކުން އެ މީހަކާ ބެހޭ 'މައްސަލައެއް އޮތްތޯ ނެތްތޯ' ބެލުމުގެ ފޯމެއް ފުރަން އޮތް ނޫން ހެއްޔެވެ؟ ހަމަ އެފަދައިން، އާންމު އިންތިޚާބުތަކާ ކުރިމަތިލާ މީހުން، އެއްވެސް މީހަކަށް ނުވަތަ ފަރާތަކަށް ދޭންޖެހޭ ދަރަންޏެއް އޮތްތޯ އާއި އެކަން ކުރަމުން އައި ގޮތް ބެލުން މުހިއްމެވެ.

ކެންޑިޑޭޓާ ބެހޭ މި މައުލޫމާތު ހޯދުން މުހިއްމީ ކީއްވެ ހެއްޔެވެ؟ އެއީ، މިހާރު ކަންކަން ވަމުންދާ ގޮތުގެ މައްޗަށް ބަލައި އެއްޗެއް ބުނާ ނަމަ ބުނެވޭނީ، އެފަދަ ދަރަނިވެރިން އާންމު އިންތިޚާބުތަކާ ކުރިމަތިލަނީ، ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް، އިންތިޚާބު ކާމިޔާބު ކުރުމަށް ފަހު، އެ މީހުންގެ ދަރަނިތައް ނުދައްކައިވޭތޯ ބަލާށެވެ. މިސާލަކަށް އެފަދަ މީސްމީހުން ސަރުކާރުގެ އިދާރާތަކަށް ނޫނީ އާންމު ރައްޔިތުންގެ އަމިއްލަ ކުންފުނިތަކަށް ދަރާއޮވެފައި، އިންތިޚާބުތަކުގައި ކާމިޔާބުކޮށް، އެ ދަރަނިތައް ނުދައްކައި ފޮހެލެވޭ ގޮތް ހަދައެވެ. ނޫނީ، އަމިއްލަ ފަރުދުން އަތުން ދަރަންޏަށް މުދަލާއި ފައިސާ ނަގައި، އިންތިޚާބުތަކުގައި ކާމިޔާބު ހޯދައި، ނުފޫޒު ބޭނުންކޮށްގެން އެ މީހުން ދައްކަންޖެހޭ ދަރަނިތައް ނުދެއްކުމެވެ. މިފަދައިން ކަންތައް ކުރުމުން، އެންމެނަށް ވެސް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހެއެވެ.

މި ނަންގަތް ސަބަބުތަކަށްޓަކައި، އާންމު އިންތިޚާބުތަކާއި އަދި ޕާޓީތަކުގެ އިސް މަގާމުތަކާ ހަވާލުވާން އެދޭ މީހުންގެ ދަރަނީގެ ކަންތައް ކުރިން ބަލަންޖެހެއެވެ. އާދެ، މިއީ ހަމަ ޚިޔާލެކެވެ. މި ޚިޔާލުގެ ސަބަބުން އެކަކަށް ވެސް ގެއްލުމެއް ނުލިބޭނޭ ކަމަކަށް ހީކުރަމުން މި ސިޓީ ނިންމާލަމެވެ.

އިހުތިރާމު ގަބޫލުކުރުން އެދެމެވެ.

ސޮއި