Support Us

ޢަރަފާތު ދުވަހުގެ ދަރުސްތަކުން

ކޮން ދުވަހެއް؟

މިއަދަކީ ޙައްޖުގެ އެންމެ މުހިއްމު ރުކުން އަދާކުރެވޭ ދުވަހެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. (الْحَجُّ عَرَفَةُ[1]– ޙައްޖަކީ ޢަރަފާތެވެ.) ޢަރަފާތު ދުވަހަކީ ﷲގެ ޙަޟްރަތާ ކުއްތަންވެ، ޛިކްރުކޮށް، ދުޢާކުރަންވީ ދުވަހެވެ. އެއީ ތަޤްވާވެރިން، އެ ދުވަހަކަށް ފެންބޮވައިގެންފައިވާ ދުވަހެވެ. އެއީ ﷲގެ އަޅުތަކުންގެ ހިތްތައް ޚުޝޫޢަތްތެރިވެ، ﷲގެ ޙަޟްރަތުން ފުއްސެވުމަށާއި ރުއްސެވުމަށް އެދޭ ދުވަހެވެ. މުސްލިމު އަޅުތަކުން، އެކަލާނގެ އަމުރުފުޅަށް ބޯލަނބައި ކިޔަމަންގަތް ކިޔަމަންގަތުން އެކަލާނގެ މަލާއިކަތުންނަށް ދައްކަވާ އެކަމާމެދު ފަޚްރުވެރިވެ ވޮޑިގަންނަވާ ދުވަހެވެ. މާތްﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި ޢަބްދުﷲ ބުނު ޢަމްރު ބުނުލް ޢާޞްގެ އަރިހުން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. (إِنَّ اللَّهَ عَزَّ وَجَلَّ يُبَاهِي مَلاَئِكَتَهُ عَشِيَّةَ عَرَفَةَ بِأَهْلِ عَرَفَةَ فَيَقُولُ: انْظُرُوا إِلَى عِبَادِي أَتَوْنِي شُعْثاً غُبْراً[2]– ހަމަކަށަވަރުން އަރަހުށި މަތިވެރި ﷲ ޢަރަފާތު ދުވަހު ހަވީރު، އެކަލާނގެ މަލާއިކަތުންނަށް ޢަރަފާތުގެ އަހްލުވެރިން ދައްކަވާ އެކަމާމެދު ފަޚްރުވެރިވެ ވޮޑިގަންނަވާނެއެވެ. ފަހެ އެކަލާނގެ ވަޙީ ކުރައްވާނެތެވެ. ތިޔަބައިމީހުން ނިކަން ތިމަންރަސްކަލާނގެ އަޅުންނަށް ބަލާބަލާށެވެ! އެމީހުން ދަތުރުގެ ވަރުބަލިކަމާއެކު ބޯހޭވި ހިރަފުހާ ތަތްތެޅިގެންވާ ޙާލުގައި އެ ތިބީ ތިމަންރަސްކަލާނގެ ޙަޟްރަތަށް އައިސްފައެވެ.)

ޢަރަފާތު ދުވަހަކީ ދީލަތިވަންތަ މަތިވެރި ﷲ އެކަލާނގެއަށް ކިޔަމަންގަތް އަޅުތަކުންނަށް ތަޖައްލީވެ ވޮޑިގަންނަވާ ދުވަހެވެ. އެއީ އެކަލާނގެ އަޅުތަކުންގެ ފާފަ ފުއްސަވާ ދުވަހެވެ. އެއީ އެކަލާނގެ އަޅުތަކުންގެ ދުޢާ އިޖާބަ ކުރައްވާ ދުވަހެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. (مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللَّهُ فِيهِ عَبْداً مِنَ النَّارِ مِنْ يَوْمِ عَرَفَةَ وَإِنَّهُ لَيَدْنُو ثُمَّ يُبَاهِي بِهِمُ الْمَلاَئِكَةَ فَيَقُولُ مَا أَرَادَ هَؤُلاَءِ ([3])– ޢަރަފާތު ދުވަހަށް ވުރެ ގިނައިން އެހެން އެއްވެސް ދުވަހެއްގައި، ﷲ އެކަލާނގެ އަޅުން، ނަރަކައިން  މުއްތި ނުކުރައްވަތެވެ. ހަމަކަށަވަރުން އެކަލާނގެ އެ ދުވަހު ކުއްތަންވެ ވޮޑިގަތުމަށް ފަހު މަލާއިކަތުންނަށް އެކަމާމެދު ފަޚްރުވެރިވެ ވޮޑިގަންނަވާނެއެވެ. ފަހެ، އެކަލާނގެ ވަޙީ ކުރައްވާނެތެވެ. އެބައިމީހުން އެދެނީ ކޮން ކަމެއް ހެއްޔެވެ؟)

މިއަދަކީ މަޣްފިރަތުގެ ދުވަހެވެ. ކީރިތި ރަސޫލާ ﷺ ޙައްޖަތުލް ވަދާޢުގައި އިރުއޮއްސެން ކައިރިވެފައިވަނިކޮށް ބިލާލުގެފާނަށް އަންގަވައިގެން  މީސްތަކުންނަށް އެކަލޭގެފާނުގެ ބަސްފުޅަށް ކަނުލައި އަޑު އެހުމަށް ގޮވައިލެއްވިއެވެ. މީސްތަކުން ކީރިތި ރަސޫލާ ﷺ އަށް ކަނުލައި ސަމާލުކަން ދިނުމުން ޙަދީސް ކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ. (އޭ މީސްތަކުންނޭވެ! ތިމަންކަލޭގެފާނުގެ އަރިހަށް ދެންމެއަކު ޖިބްރީލުގެފާނު ވަޑައިގެން ތިމަންކަލޭގެފާނުގެ ވެރި ރަސްކަލާނގެ ތިމަންކަލޭގެފާނަށް ފޮނުއްވި ސަލާމް ބަސްފުޅު ގެނެސް ދެއްވައިފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން اللَّهَ عَزَّ وَجَل ޢަރަފާތުގެ އަހްލުވެރިންނަށާއި މަޝްޢަރުގެ އަހްލުވެރިންނަށް ފާފަ ފުއްސަވާ ދެއްވައިފިއެވެ. އަދި އެމީހުންގެ ގޯނާތަކަށްވެސް ޖާމިނުވެ ވޮޑިގަންނަވައިފިއެވެ. އެހިނދު މާތްﷲ ރުއްސުން ލެއްވި ޢުމަރުގެފާނު ދެންނެވިއެވެ. ތިޔައީ އަޅުގަނޑުމެންނަށް އޮތް ޚާއްޞަ ކަމެއްތޯއެވެ؟ ޙަދީސް ކުރެއްވިއެވެ. އެއީ ތިޔަބައިމީހުންނަށާއި ތިޔަބައިމީހުންގެ ފަހުން ޤިޔާމަތާ ޖެހެންދެން އަންނަހާ ބަޔަކަށް އޮތް ކަމެކެވެ.[4]

ޝައިޠާނާ އެންމެ ނިކަމެތިވާ ދުވަސް

ޢަރަފާތުދުވަހު ރަޙްމާންވަންތަ ރަސްކަލާނގެ އެކަލާނގެ އަޅުންގެ މައްޗަށް އެކަލާނގެ ތަނަވަސް ރަޙްމަތް ވެއްސަވައި އެކަލާނގެ ނިޢުމަތްތަކާއި މާފުކުރެއްވުމުން އެމީހުން ފޯކޮށްލައްވާނެތެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. (مَا رُئِىَ الشَّيْطَانُ يَوْماً هُوَ فِيهِ أَصْغَرُ وَلاَ أَدْحَرُ وَلاَ أَحْقَرُ وَلاَ أَغْيَظُ مِنْهُ فِى يَوْمِ عَرَفَةَ، وَمَا ذَاكَ إِلاَّ لِمَا رَأَى مِنْ تَنَزُّلِ الرَّحْمَةِ وَتَجَاوُزِ اللَّهِ عَنِ الذُّنُوبِ الْعِظَامِ([5])– ޢަރަފާތު ދުވަހަށްވުރެ ޝައިޠާނާގެ ޤަދަރު ކުޑަވެ، ބަލިކަށިވެ، އަގުވެއްޓި، ރުޅިގަދަވާނެ ދުވަހެއް އޭނާއަށް ފެނިގެން ނުވެއެވެ. އެއީ ﷲގެ ރަޙްމަތް ބާވައިލައްވައި ބޮޑެތި ފާފަތަކަށް މާފު ދެއްވާ ތަން އެ ކަލޭގެއަށް ފެނުމުންނެވެ.)

ދީން ފުރިހަމަވެއްޖެ ކަމުގެ އިޢުލާން

މި އުއްމަތަށް ޢިއްޒަތާއި ޤަދަރު ލިބުނީ މި މަތިވެރި ދީނުގެ ސަބަބުންނެވެ. މި ދީން މާތް ﷲ ފުރިހަމަކޮށް ދެއްވީ މި ބަރަކާތްތެރި މަހުގެ ނުވަވަނަ ދުވަހުގައެވެ. ޢަރަފާތު ދުވަހުގައެވެ. އެ ދުވަހު ކީރިތި ރަސޫލާ ﷺ ޢަރަފާތުގެ ޠާހިރު ބިމުގައި ޙައްޖުގެ އެންމެ މަތިވެރި ރުކުން އަދާކުރައްވަމުން ދަނިކޮށް މާތްﷲ ބާވައިލެއްވި ބަސްފުޅަކީ (ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَـٰمَ دِينًا [6]-މިއަދު، ތިޔަބައިމީހުންގެ دين، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ نعمة، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި إسلام دين ތިޔަބައިމީހުންނަށް دين އެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ.)

ޙައްޖަތުލް ވަދާޢު

ކީރިތި ރަސޫލާ ﷺ މި ކުރެއްވި މި ޙައްޖަށް ޙައްޖަތުލް ވަދާޢުގެ ނަން ދެވިފައި ވެއެވެ. އެކަލޭގެފާނު މި އުއްމަތަށް އަލްވަދާޢު ވިދާޅުވި ޙައްޖު ކަމުގައި ވީތީއެވެ. އެއީ އެކަލޭގެފާނު ކުރެއްވި އެންމެ ފަހު ޙައްޖު ކަމުގައި ވީތީއެވެ. މި ޙައްޖަށް ޙައްޖުތުލް ބަލާޣުގެ ނަންވެސް ދެވިފައި ވެއެވެ. އެކަލޭގެފާނު ރިސާލަތު އެންމެންނަށް ފޯރުކުރެއްވި ކަމަށް މީސްތަކުން ހެކިކުރެއްވި ޙައްޖު ކަމުގައި ވާތީއެވެ. އެކަލޭގެފާނުގެ އަރިހުގައި މި ޙައްޖުގައި ދޮޅު ލައްކައެއްހާ މުސްލިމުން ބައިވެރިވިއެވެ. އެ ޒަމާނަށް ބަލައިއިރު މިއީ ވަރަށް ބޮޑު ޢަދަދެކެވެ. މި ދުވަހު ޢަރަފާތުގައި ހުންނަވައި ލޮބުވެތި ރަސޫލާ އެކަލޭގެފާނުގެ އުއްމަތަށް ވަރަށް މުހިއްމު ޚުޠުބާއެއް ދެއްވިއެވެ.

ދީނުގެ އުޞޫލުތައް

ކީރިތި ރަސޫލާ ﷺ ގެ މި ޚުޠުބާގައި ﷲގެ ފޮތާއި އެކަލޭގެފާނުގެ ސުންނަތުގައި ހިފެހެއްޓުމަށް އަޅުގަނޑުމެންނަށް އަމުރު ކުރައްވައިފައި ވެއެވެ. މި ޚުޠުބާގައި އިސްލާމުދީނުގެ އުޞޫލުތަކާއި އެ ދީނުގެ ޤަވާޢިދުތައް ބަޔާންކޮށް ދެއްވައިފައިވެއެވެ. އޭގެ މަތީގައި ބިނާ ކުރެވޭ އަޚްލާޤީ ޤާނޫނުތަކުގެ އަސާސުތަކާއި، އޭގެ މަތީގައި ޢާއިލާ ބިނާކުރެވޭ ތަބުތަކުގެ ތަރަހަ ބަޔާންކޮށް ދެއްވައިފައިވެއެވެ. މި ޚުޠުބާގައި ޖާހިލީ ޒަމާނުގެ ނުބައި އާދަކާދަތައް ބިންމަތީ ވަޅުލައްވައި، މި އާދަކާދަތަކާ ދުރުހެލިވުމަށް އަމުރު ކުރައްވައިފައި ވެއެވެ. އަޅުގަނޑުމެންގެ ޙަޔާތް ބާއްޖަވެރި ކުރުމަށް ޓަކައި މި ޚުޠުބާގައި އައިސްފައިވާ ނަބަވީ ބަޔާނުން ދަރުސްތަކާއި ޢިބްރަތްތައް ޙާޞިލުކުރަން މިއަދު ވަނީ ޖެހިފައެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ((يَا أَيُّهَا النَّاسُ: أَلا إِنَّ رَبَّـكُمْ وَاحِدٌ، وَإِنَّ أَباكُمْ وَاحِدٌ، أَلا لا فَضْـلَ لِعَرَبيٍّ عَلَى أَعْجَمِيٍّ، وَلا لِعَجَمِيٍّ عَلَى عَرَبيٍّ، وَلا لأَحْمَرَ عَلَى أَسْوَدَ، وَلا أَسْوَدَ عَلَى أَحْمَرَ، إِلاَّ بالتَّقْوَى[7]– މާނައީ: އޭ މީސްތަކުންނޭވެ! އަޅެ ދަންނައެވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެއީ އެއްކައުވަންތަ ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންގެ ބައްޕައަކީ ހަމަ އެކެކެވެ. އަޅެ ދަންނައެވެ. ޢަޖަމީއެއްގެ މައްޗަށް އަރަތްބަކަށް، އަދި އަރަތްބެއްގެ މައްޗަށް ޢަޖަމީއަކަށް، އަދި ކަޅުމީހެއްގެ މައްޗަށް ދޮންމީހަކަށް، އަދި ދޮންމީހެއްގެ މައްޗަށް ކަޅު މީހަކަށް ހަމަ އެއްވެސް އިތުރު ކަމެއް ލިބިގެން ނުވެއެވެ. ތަޤްވާ ވެރިކަމުން މެނުވީއެވެ.)) ކީރިތި ރަސޫލާ ﷺ މި އެޅުއްވި ބިންގަލަކީ އިންސާނީ ޙައްޤުތަކުގެ އަސާސެވެ. މި ބަސްފުޅުގައި މިވަނީ ނަސްލީ އިމްތިޔާޒުގެ މޫތައް އަބަދުގެ އަބަދަށް އުފުރައި ލައްވައިފައެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާ ގޮތުގައި، ނަސްލުގެ ސަބަބުން، ނުވަތަ ކުލައިގެ ސަބަބުން ނުވަތަ ޖިންސުގެ ސަބަބުން ނުވަތަ ޤަބީލާގެ ސަބަބުން ނުވަތަ ރަށުގެ ސަބަބުން އެއްވެސް މީހަކަށް މޮޅުކަމެއް ނެތެވެ. އެކަކު އަނެކަކަށް ވުރެ މޮޅު ވެވޭނީ ތަޤްވާވެރި ކަމުގެ ސަބަބުންނެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((يَـٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقْنَـٰكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَـٰكُمْ شُعُوبًا وَقَبَآئِلَ لِتَعَارَفُوٓا إِنَّ أَكْرَمَكُمْ عِندَ ٱللَّهِ أَتْقَىٰكُمْ[8]– އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: آدم ގެފާނާއި، حوّاء ގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު قوم ތަކަށާއި، قبيلة ތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް تعارف ވުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه ގެ حضرة ގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަން ބޮޑީ، ތިޔަބައިމީހުންކުރެ އެންމެ تقوى ވެރި މީހާއެވެ.))

މިއީ އެއްބައިވަންތަކަމަށާއި ބައިބައި ނުވުމަށާއި އިސްލާމީ އުޚުއްވަތްތެރިކަމަށް ގޮވައިލައި ގޮވައިލުމެކެވެ. މިއީ މުސްލިމުން، ރަށުވަންތަކަމުން ޢާލަމީވަންތަކަމުގެ މައިދާނަށް ނުކުތުމަށް ގޮވައިލައިގޮވައިލުމެކެވެ. ކޮންމެ މުސްލިމަކު  ކޮންމެ ތަނެއްގައި ހުށްޓަސް ދުނިޔޭގެ އެންމެހައި ކަންކޮޅުތަކުގައި ތިބި އިސްލާމުދީނުގެ ދަރީންނާއެކު، އިޙްސާސުގެ ގޮތުންނާއި ޢަމަލީ ގޮތުން އޭނާ ބަނދެލެއްވުމަށް ޓަކައެވެ. އަދި އެއީ ހިދާޔަތުގެ މަތީގައި އުއްމަތުގެ ބަސް ޖަމާކުރެއްވުމަށް ޓަކައެވެ. އެއީ އުއްމަތުގެ ދަރީންގެ ހިތްތައް  ތަޤްވާވެރިކަމުގެ މަތީގައި ދެމެހެއްޓެވުމަށާއި،  އެންމެތަކުންނަށް ހެޔޮކަން ލިބޭ، ގުޅިފައިވާ ޢަމަލުތައް ކުރުމަށް ޢަޒްމު އައުކޮށް ދެއްވުމަށް ޓަކައެވެ. މާތް ﷲ ރުއްސުންލެއްވި ސަލްމާނުލް ފާރިސީއަށް ދެންނެވުނެވެ. ((ތިބާއަކީ ކާކުގެ ދަރިއެއް ހެއްޔެވެ؟ ވިދާޅުވިއެވެ. މަށަކީ އިސްލާމުދީނުގެ ދަރިއެކެވެ.))

މިއިން އެނގެނީ އިސްލާމީ ރިސާލަތަކީ ބައިނަލްއަޤްވާމީ ރިސާލަތެއް ކަމެވެ. މާތްﷲ މި ރިސާލަތު ބާވައިލެއްވީ ހުރިހާ ޤައުމުތަކަކަށާއި ހުރިހާ އުއްމަތްތަކެއްގެ ހެވާއި ލާބައަށް ޓަކައެވެ. މިހެންކަމުން އަޅުގަނޑުމެން މި އެއްބައިވަންތަކަން ހިތްމައްޗަށް ގެނެސް، މުޖްތަމަޢުގެ ސަލާމަތަށް ޓަކައި އަތުކުރި އޮޅައިލަމާ ހިނގާށެވެ! ވަޠަނުގެ އަމްނާއި ސަލާމަތާއި ހަމަޖެހުމަށް ޓަކައި މަސައްކަތް ކުރުމަށް ޢަޒްމު ކަނޑައަޅަމާ ހިނގާށެވެ! އަޅުގަނޑުމެންނަށް ޙައްޖުގެ މަނާސިކުގެ ތެރޭގައި ވަކިން ޚައްޞަކޮށް މިބިމުގައި މި ފެންނަމުން ދަނީ އެކަމުގެ އަލިގަދަ ހެކިތަކެކެވެ. ޙައްޖު ރަމްޒުކޮށްދެނީ އިސްލާމީ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމާއި އެކަތިގަނޑަކަށް ވުމެވެ.

އިންސާނީ ޙައްޤުތަކުގެ ބިންގާ

ކީރިތި ރަސޫލާ ﷺ ޚުޠުބަތުލް ވަދާޢުގައި ދެން ބައްލަވައި ލައްވައިފައި ވަނީ މީސްތަކުންގެ ފުރާނަތަކާއި މުދަލުގެ ޙުރްމަތްތެރި ކަމަށެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. (أيُّهَا النَّاسُ: إِنَّ دِمَاءَكُمْ وَأَمْوَالَكُمْ حَرَامٌ عَلَيْـكُمْ كَحُرْمَةِ يَوْمِكُمْ هَذَا، فِي شَهْرِكُمْ هَذَا، فِي بَلَدِكُمْ هَذَا[9]– މާނައީ: އެންމެހާ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ މި ދުވަހާއި، ތިޔަބައިމީހުންގެ މި މަހާއި، ތިޔަބައިމީހުންގެ މި ރަށް ޙުރްމަތްތެރި ކުރައްވައިފައިވާ ފަދައިން، ތިޔަބައިމީހުންގެ ލެއާއި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މައްޗަށް ޙުރްމަތްތެރިވެގެން ވެއެވެ.) މިއީ އިންސާނާގެ އަސާސީ އެންމެ މުހިއްމު ދެ ޙައްޤު ކަމަށް އިންސާނީ ޙައްޤުތަކުގެ މޭސްތިރީން ބުނާ ދެ ކަންތަކެވެ. އެއީ ދިރި އުޅުމުގެ ޙައްޤާއި މިލްކުވެރި ކަމުގެ ޙައްޤެވެ. އިންސާނީ ޙައްޤުތަކަށް އަޑުންއަޑުނަގައި ގޮވައިލާ މީހުންގެ މާކުރިން، ފަނަރަ ސައްތަ އަހަރު ކުރިން އިސްލާމުދީނުގެ ނަބިއްޔާ މި ވަނީ މުޅި ދުނިޔެއަށް މި ކަން އިޢުލާނު ކުރައްވައިފައެވެ. އިސްލާމުދީނުގައި މި ދެ ޙައްޤު ހޯއްދަވައި ދެއްވައިފައި މި ވަނީ ހަމަ އެކަނި މުސްލިމުންނަކަށް ނޫނެވެ. ކޮންމެ އިންސާނަކަށް ވެސް މި ދެ ޙައްޤު ލިބިފައިވާކަން މި ވަނީ ކަށަވަރުކޮށް ދެއްވައިފައެވެ. އެހެނަސް މިއަދު އެމީހުންގެ އަމިއްލަ ވަޠަނުގައި، ދިރި އުޅުމުގެ ޙައްޤުން މަޙްރޫމު ކުރެވިފައިވާ ފަލަސްޠީނުގެ ކިތައް މިލިޔަން މީހުން އެބަ ތިބިތޯއެވެ؟ އަމާންކަމާ އެކު އަމިއްލަ ބިމުގައި އުޅެވެން ނެތިގެން ރަށް ދޫކޮށް ކިތައް މިލިޔަން މީހުން ކަނޑު ހުރަސްކޮށް މާޔޫސް ދަތުރުތައް ކުރަމުން އެބަ ދޭތޯއެވެ؟

ކީރިތި ރަސޫލާ ﷺގެ މި ނަބަވީ އިރްޝާދުން ހޭލުންތެރިކަން ލިބިގެން އަޅުގަނޑުމެންގެ ނަފްސުތަކާއި އެހެން މީހުންގެ ނަފްސުތައް ރައްކައުތެރި ކުރުމަށް ތެދުވަމާ ހިނގާށެވެ! އަޅުގަނޑުމެންގެ ފުށުން އެއްވެސް މީހަކަށް ގޯނާއެއް، ގެއްލުމެއް ފޯރިޔަނުދެމާ ހިނގާށެވެ! ކީރިތި ރަސޫލާ ﷺގެ މި މަތިވެރި އިރްޝާދުގެ އަޑުއިވުމަށްފަހު އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު، ހަލާކު ކުރަނިވި މީހަކަށް ވެގެން ނުވާނެއެވެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު ވެސް ވާން ޖެހޭނީ ބިނާ ކުރަނިވި މީހަކަށެވެ. މީސްތަކުންގެ ފުރާނަތައް ނައްތައިލައި މީހަކަށް ވެގެން ނުވާނެއެވެ. މީސްތަކުންނާ ނުރައްކާތެރި ބަލާތައް ކުރިމަތި ކުރާ ފަރްދަކަށް ވެގެން ނުވާނެއެވެ.

ޢާއިލާގެ އަހައްމިއްޔަތު

ޙައްޖަތުލް ވަދާޢުގައި ކީރިތި ރަސޫލާ ﷺ އިސްލާމީ ޢާއިލާ ރައްކައުތެރި ކުރުމަށް ގޮވައިލެއްވިއެވެ. ދެމަފިރިންގެ ދެމެދުގައި އޮންނަން ޖެހޭ ޙައްޤުތައް ބަޔާން ކޮށްދެއްވިއެވެ. ދެމަފިރިންގެ ދެމެދުގައި އޮންނަން ޖެހޭ ގުޅިފައިވާ އަދަބުތައް ކުރައްސަވައި ދެއްވިއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. (اتَّقُوا اللهَ فِي النِّسَاءِ، فَإِنَّكُمْ أَخَذْتُمُوهُنَّ بِأَمَانَةِ اللهِ، وَاستَحْـلَلْتُمْ فُرُوجَهُنَّ بِكَلِمَةِ اللهِ[10]– މާނައީ: ތިޔަބައިމީހުންގެ އަނބީންނާ މެދު ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! ފަހެ ހަމަކަށަވަރުން ތިޔަބައިމީހުން އެކަނބަލުން ލިބިގެންފައި ވަނީ ﷲގެ އަމާނަތެއްގެ ގޮތުގައެވެ. އެކަނބަލުންގެ ކިބައިން އަރާމު ޙާޞިލުކުރުން ހުއްދަކޮށްގަތްފައި ތިޔަ ވަނީ ﷲގެ ކަލިމަފުޅުގެ މަތިންނެވެ.) ﷲގެ އަމާނަތެކޭ އޮތް ބަސްފުޅުން ސާފުކޮށް އެނގޭ ގޮތުގައި، އަންހެނުންނަށް ގޯނާކުރުމާއި، އަނިޔާ ވެރިވުމާއި، އެކަނބަލުންގެ ޤަދަރު ވައްޓައިލުމާއި، އެކަނބަލުންނަށް ބޭއިޙްތިރާމު ކުރުމަކީ އިސްލާމުދީން މަނާކުރާ ކަންތައްތަކެއްކަން އެނގެއެވެ.އެހެނީ އަމާނަތަކީ އެ އަމާނަތުގެ ވެރިފަރާތާ ޙަވާލު ކުރަން ޖެހޭނެ އެއްޗެކެވެ. އެއަށް ގެއްލުމެއް ލިބިއްޖެ ނަމަ އެކަމަށް ޖާމިނުވާން ޖެހޭނެއެވެ. އަނބިން ﷲގެ އަމާނަތަކަށް ވާތީ އެ ކަނބަލުންނަށް ރައްކައުތެރިވާން ޖެހޭނެއެވެ. އެ ކަނބަލުން ރިވެތި ގޮތުގައި ބަލާބަލަހައްޓަން ޖެހޭނެއެވެ. އެކަނބަލުންނަށް ލިބިގެންވާ ޙައްޤުތައް ކޯޓާ ހަމައަށް ނުގޮސް ލޯތްބާއި ކުލުނާއި ނިޔަނެތިކަމުގެ ތެރެއިން ލައިފައި ދޭންވާނެއެވެ. ރަނގަޅު ދަރީންތަކެއް ތަރްބިޔަތު ކުރެވޭނީ މި މަގުންނެވެ. ހެޔޮ ލަފާ މުޖްތަމަޢެއް ބިނާ ކުރެވޭނީ ދެމަފިރިން ގުޅިގެން ކުރާ މަސައްކަތުންނެވެ.

ކީރިތި ރަސޫލާ ﷺ ޙައްޖަތުލް ވަދާޢުގައި ދެއްވި މި ޚުޠުބާއިން ފިލާވަޅުތަކާއި ޢިބްރަތްތައް ޙާޞިލު ކުރާށެވެ! އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ (وَقَدْ تَرَكْتُ فِيكُمْ مَا لَنْ تَضِلُّوا بَعْدَهُ إِنْ اعْتَصَمْتُمْ بِهِ كِتَابُ اللَّهِ[11]– ތިޔަބައިމީހުން އޭގައި ހިފަހައްޓައިފި ނަމަ، ތިމަންކަލޭގެފާނަށް ފަހު ތިޔަބައިމީހުން ގެއްލެނިވެގެން ނުދާނެ އެއްޗެއް ތިޔަބައިމީހުންގެ ތެރެއަށް ތިމަންކަލޭގެފާނު ދޫކުރެއްވީމުއެވެ. އެއީ ﷲގެ ފޮތެވެ.)

 

([1]) الترمذي : 889.

([2]) أحمد : 7288.

([3]) مسلم : 1348.

([4]) ذكره المنذري في الترغيب والترهيب عن ابن المبارك : 1796.

([5]) موطأ مالك : 947.

[6] – المائدة :3

[7] –  مسند أحمد ( 38 / 474)

[8] – الحجرات : 13

[9] – رواه أحمد ومسلم

[10] – رواه مسلم وابن ماجه وابن حبان

[11] – رواه مسلم وابن ماجه وابن حبان

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *