Support Us

ކޮލަމް ކޯދު: ލަވައެއް ކިޔައިދޭ ވާހަކަ- އަހަންނަކީ ރާބޯ މީހެއް ނޫނެވެ! ރާ ބޮވެނީއެވެ!

މިއީ ހިންދީ ފިލްމީ ލަވައެއް ކަމުގައިވާ ”މުޖޭ ދުނިޔެވާލޯ ޝަރާބީ ނަ ސަމްޖޯ“ (އޭ އަހަރެންގެ ދުނިޔަވީ އަޚުންނޭވެ! އަހަރެންމީ ރާބޯމީހެއް ކަމުގައި ނުދެކޭށެވެ!)، މިލަވައިގެ ދިވެހި ތަރުޖަމާއެކެވެ. މިލަވައިގެ ދިވެހި މާނަކޮށްލުމެކެވެ. މުޅީން ސީދާ ލަފްޒީ ތަރުޖަމާ އަކަށް ނުވިކަމުގައިވިޔަސް ލަވައިގެ ޖުމްލަ މާނަ ގެނެސްދެވޭތޯ ކޮށްލެވުނު މަސައްކަތެއްގެ ނަތީޖާއެކެވެ.

މިލަވައަކީ މީގެ ފަންސާސް ފަސް ވަރަކަށް އަހަރު ކުރިން ނިކުތް ފިލްމެއްގެ ލަވައެކެވެ. އެއީ 1964 ގައި ނިކުތް 'ލީޑަރު’ގެ ލަވައެކެވެ. މި ފިލްމުގައި މައިގަނޑުގޮތެއްގައި ބަލައިލެވިފައިވަނީ މުޖްތަމައީ ފަސާދާއިގެ މައްޗަށެވެ. އާދެ! މުޖުތަމައުގައި އަށަގެންފައިވާ 'ކޮރަޕްޝަން’ގެ މައްޗަށެވެ. އާއްމުންނާއި ޚާއްސުންގެ ތެރޭގައެވެ. ސިޔާސީވެރީންނާއި ގައުމުގެ ލީޑަރުން ކަމުގައި ބެލެވޭ މީހުންގެ ތެރޭގައެވެ.

މިލަވައަކީ 'ލީޑަރު’ގެ މަޢުޟޫއީ (ތީމް) ލަވަ ކަމުގައި ބެލެވިދާނެއެވެ. ފިލްމުގައި ބެލުންތެރީންނަށް ފޯރުކޮށްދޭން ބޭނުންވާ މެސެޖު، ލަވައިގައި ޚުލާސާކޮށް ބުނެދެވޭތީއެވެ. ލަވައިގައި އިޝާރާތް ކުރެވިފައިވަނީ، މުޖުތަމައީ ފަސާދައިގެ އަސްލު ގުޅެނީ، މުޖްތަމައުގެ އަފްރާދުން، އެމީހުންގެ އަމިއްލަ އެދުންތައް ހާސިލުކުރުމަށް މަސައްކަތްކުރާ ގޮތާއެވެ. އާދެ، ވަކިވަކި ފަރުދުން އެމީހުންގެ ދުނިޔަވީ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި މަސައްކަތްކުރުމަކީ ހަމަ އެންމެ ރަނގަޅު ކަމެކެވެ. ހުއްދަކަމެވެ. ކުރަންޖެހޭވެސް ކަމެކެވެ. ނަމަވެސް މިކަން ކުރަންޖެހެނީ ކަނޑައެޅިފައިވާ އިމެއްގެ ތެރޭގައެވެ. އަޚުލާގީ އަދި ގާނޫނީ އިމުގެ ތެރޭގައެވެ. ތަން ފަސާދަވެދިޔުމުގެ އަސްލެއް ކަމަށް ލަވައިގައި އިޝާރާތް ކުރެވެނީ މިކަމާއެވެ. މުޖުތަމައުގެ ފަރުދުން އެމީހުންގެ ދުނިޔަވީ އެދުންތައް ހާސިލު ކުރުމުގެ މަސައްކަތުގައި ގާނޫނީ އަދި އަޚުލާގީ އިމުން ބޭރުވެގެންދާ ދިއުމާއެވެ. މިކަމުގައި ހިމެނެނީ ވަކި ބަޔެއް ނޫނެވެ. މުޅި މުޖުތަމައުގެ ހުރިހާ ފަރުދުން ހެން މިކަމުގައި ޝާމިލުވެއެވެ.

ލަވައިގައި މިކަން ބުނެދެނީ މަސްތީ ހާލަތެއްގައިވާ މީހެއްގެ ދުލުންނެވެ. މަސްތުވެ ބިމުގައި، ފައިހަރުކޮށްލުން ދަތިވެފައިވިޔަސް، މިހާލަތުގައި އޭނާގެ ހިތަށް ފެންނަ ކަންތައްތަކެއްގެ ގޮތުގައެވެ. އޭނާ ބުނެދޭގޮތުގައި މުޖުތަމައުގެ އެންމެންވެސް ވަނީ މަސްތީ ހާލަތެއްގައެވެ. އެމީހުންގެ ހަމަބުއްދި ފިލައިގޮސްފައެވެ. އެއްބަޔަކު ވަނީ ރަލުގެ މަސްތުގައި ޖެހި ބުއްދި ފިލާފައެވެ. އަނެއްބަޔަކު މަސްތުކޮށްލާ އެއްޗަކީ އަންހެނުންނެވެ. ޖިންސީ ލައްޒަތެވެ. މިގޮތުގައި އެއްބަޔަކު ދުނިޔަވީ އުފާތައް، އަޚުލާގީ އަދި ގާނޫނީ އިމުގެ ބޭރުންވިޔަސް، ހޯދަން މަސައްކަތް ކުރަމުންދާ އިރު މުޖުތަމައު ފަސާދަވާކަށް ވަގުތުތަކެއް ނުނަގާނެއެވެ. އަދި ތިންވަނަ ބަޔަކު ނިކަމެތީންގެ ފަރާތުން ނާޖާއިޒު ފައިދާތައް ނަގައި އެމީހުންގެ 'ލޭ ބޮއި' ހަދައެވެ. މުޖުތަމައުގެ ގިނަ ބަޔަކު މިގޮތުގައި އައްޔާޝީ ހަޔާތެއް ވެއަތު ކުރަމުންދާއިރު މުޖުތަމައުގެ އަނެއް ބަޔަކުވަނީ އެމީހުންގެ އަސާސީ ބޭނުންތަކުން މަހުރޫމުވެ މާޔޫސްކަމުގެ ތެރެއަށް ގެނބި ހަދާނެ ނަހަދާނޭ ގޮތެއް ނޭނގިފައެވެ. މުޖުތަމައުގައި އުފަލާއި އަރާމުގައި އުޅޭ މީސްމީހުންނަށް މިދެންނެވި ނިކަމެތީންނަކީ އުޅޭ ބައެއް ކަމުގައިވެސް ނޭނގެއެވެ. މިފަދަ ބޮޑު އިގުތިސާދީ ތަފާތުތަކެއް އަށަގެންފައިވާ މުޖުތަމައުއެއްގައި ފަސާދައިގެ ވަކިތައް ހިއްޕާލާކަށް އުނދަގުލެއް ނުވާނެއެވެ.

މިވާހަކަތައް ކުރިޔަށް ގެންދަމުން އިތުރަށް ލަވަކިޔާ މީހާ ފާހަގަކޮށްދެއެވެ. ދުނިޔޭގައި ކަން ހިނގަނީ ވަރަށްވެސް އަޖައިބު ކުރުވަނިވި ގޮތަކަށެވެ. މީސްމީހުންގެ ބޭރުފުށް ރީތިވެދާނެއެވެ. މީސްމީހުން، ފައިސާވެރިވެފައި މުއްސަނދި ދިރިއުޅުން އުޅޭތަން ފެނިދާނެއެވެ. ނަމަވެސް އެ މީސްމީހުންގެ ހަގީގަތަށް ބަލާލެވޭއިރު، ބައެއް ފަހަރު، ކަން އޮންނަނީ އެހާ ރީތިވެފައި ތާހިރުކޮށެއްނޫނެވެ. އެފަދަ މީސްމީހުން، ފިލްމުގައި ބުނެދޭ ގޮތުގައި، އެމީހުންގެ މަގުސަދު ހާސިލު ކުރުމަށްޓަކައި އެމީހުންގެ ވާދަވެރީން މަރާލާންވެސް ފަސްނުޖެހެއެވެ. އަދި މިނޫންވެސް، ވައްކަމާ ފޭރުން ފަދަ އިންސާނީ ޒަމީރު މަނާކުރާ ކަންކަމީ މިފަދަ ބައެއް މީސްމީހުންނަށް ހަމަ އެންމެ ރަނގަޅު ކަންކަމެވެ. އަދި މުޖުތަމައުގައި ފަސާދައިގެ ވަކިތައް ހިއްޕާލެވިފައިވާ މިންވަރު ރަމްޒުކޮށްދޭ ކަމަކީ މުޅި މުޖުތަމައުހެން، މިކަން، ހަމަ އެންމެ ރަނގަޅުކަމެއްގެ ގޮތުގައި ބަލައިގަނެ، ގަބޫލުކޮށްފައިވާ ކަމެވެ. އޭގެ ހެއްކަކީ މިފަދަ ޣައިރު ގާނޫނީ އަދި ލާއަޚުލާގީ އަމަލުތަކަށް ނުރުހުމުގެ ނަޒަރަކުން ބަލައިލާނޭ ލޮލާއި، އެފަދަ ކަންކަން، އިންކާރުކުރާނޭ ޒަމީރެއް އޮތް މީސްމީހުން މުޖުތަމައުން ފެންނަލެއް މަދުކަމެވެ. އެހެންވެ، ފައިސާ ހުރެއްޖެނަމަ، މިފަދަ ކޮންމެ ނުރަނގަޅު އަމަލެއްމެ ފައިސާގެ ދަޅައިން މުޖުތަމައުގެ ޒަމީރުގެ ލޯ ކަނުކޮށްލައި މަރާލެވިދާނެއެވެ. މިއީ މުޖުތަމައުގެ ވާޤިއު ކަމަށްވާއިރު، މުޖުތަމައުގައި ހަގީގީ ހާލަތު ކަމަށްވާއިރު، މުޖުތަމައު އޮންނާނީ ފަސާދައިގެ ތެރެއަށް ވެއްޓި ޣަރަގުވެފައެވެ.