Support Us

ކޮލަމް ފަގުޑި

މުލަކަތޮޅު މުލަކުގެ ޢީދުމަޖާ

ޢީދު މަޖާ ނުވަތަ، ޢީދު އުހަލަކީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް އަދި، ހުރިހާ ޒަމާނެއްގައިވެސް ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް، ޒަމާނާއި ތަނާ ގުޅޭގޮތުން މިކަން ކުރާގޮތް ތަފާތެވެ.

މިގޮތުން ދިވެހިރާއްޖޭގައި ޢީދު ކުޅުމަކީ ހުރިހާ އިރެއްގައިވެސް އޮންނަ ކަމެކެވެ. އެހެނަސް މިހާރު މިކަން ކުރާ ގޮތް އިހާ ތަފާތެވެ. އަދި ރާއްޖޭގެ އެކިއެކި ރަށްރަށުގައި މިކަން އޮންނަ ގޮތްވެސް ތަފާތެވެ. މިސާލަކަށް ދަންނަވާނަމަ، އަޟްޙާޢީދު ނުވަތަ ޢާއްމު ބަހުންނަމަ ބޮޑުޢީދުގައި ބައެއް ރަށްރަށުގައި ފެންކުޅި ކުޅެއެވެ. އަނެއްބައި ރަށްރަށުގައި ފެންކުޅި ކުޅެނީ ހަރޯދަ ޢީދުގައެވެ. ބައެއް ރަށްރަށުގައި އޮންނަނީ ހަމައެކަނި މިޔުޒިކްޝޯތައް ފަދަ ޒަމާނީ ކުޅިވަރުތަކެވެ. އަނެއްބައި ރަށްރަށުގައި ހަމައެކަނި ޘަޤާފީ ކުޅިވަރުތަކެވެ. އަދި، ޒަމާނީ މިޔުޒިކްޝޯ ތަކާއެކު ޘަޤާފީ ކުޅިވަރު ކުޅޭ ރަށްރަށްވެސް ހުރެއެވެ.

މިލިޔުމުގައި އަޅުގަނޑު ބަލައިލާނީ މުލަކަތޮޅު މުލަކުގައި އާދެ! މ. މުލަކުގައި 1970 ގެ އަހަރުތަކުގައި ޢީދު ކުޅިވަރު ކުޅެއުޅުނު ގޮތުގެ މައްޗަށެވެ. ބިލެތްދަފި ނެގުން، ނަގިލިނެގުން، ބޮޑުމަސް ބޭނުން، އަދި، މާލިއެރުވުންފަދަ ކިތައްމެ ކުޅިވަރެއް އެދުވަސްވަރު މިރަށުގައިވެސް ކޮށް އުޅުނެވެ. މިހާހިސާބުން އަޅުގަނޑު ކުރުގޮތަކަށް މި ކަޅިއެއް އެއްލަނީ މިދުވަސްވަރު ވަރަށް ނުފެންނަ ނަމަވެސް، އެދުވަސްވަރު މ. މުލަކުގައި ކޮށް އުޅުނު ބައެއް ކުޅިވަރުތަކަށެވެ.

މަންގަލަންދަނޑި: ރަށަކީ، މަސްވެރި ރަށަކަށް ވާތީ މިކަންކުރަނީ މުޅީންހެން މަސްވެރިންނެވެ. ޙައްޖު ދުވަހުން ފެށިގެން (ޙައްޖުމަހު 13) އައްޔާމުއްތަޝްރީޤް ތިން ދުވަހުގެ ނިޔަލަށް މަހަކަށް ނުދާނެއެވެ. މަސްވެރިން ތިބޭނީ ރަށުގައެވެ. އެހެންކަމުން ޙައްޖު ދުވަހަކީ ކުޅިވަރު ފަރިތަކުރާ ދުވަހެވެ. ޘަޤާފީ ކުޅިވަރުތައް ކަމުގައިވާ މަންގަލަން ދަނޑިއާއި، ފެންކުޅި ދަނޑިއެވެ. އަދި ލަނގިރިއެވެ. މީގެ ތެރެއިން މަންގަލަން ދަނޑިއަކީ މިހާރަކަށް އައިސް އެއްގޮތަކަށްވެސް ފެންނަ ކުޅިވަރެއްނޫނެވެ. މަންގަލަންދަނޑި ޖަހާމީހުން ތިބޭނީ ހުދުމުންޑާއި، އަތްދިގު ހުދު ގަމީސް ލައިގެންނެވެ. ކަށިމައްޗާ ހަމައަށް އަންނަވަރުގެ ރަތް ހަރުވާޅެއް ލައިގެން، ހެޔޮވަރު ވަރަކަށް މުންޑު އަރުވާޖަހައިގެންނެވެ. މަންގަލަން ދަނޑިއެއްގައި އޮންނާނީ ތިން ލަވައެވެ. ފަށާނީ ވަރަށް ލަސް ލަވައަކުންނެވެ. ދަނޑިޖަހަމުން އެކިޙަރަކާތަށް ހިނގާއިރު ފައިނަގާނީ، ފެނުތެރޭގައި މާކަނާ ހިނގާއިރު ފައި ނަގާހެންނެވެ. އެއަށް ކިޔަނީވެސް މާކަނާ ހިނގުމެވެ. ބެރުގެ ބަދަލުގައި ޖަހާނީ ތާރައެވެ. ކިޔާނީ ޢަރަބި ނުވަތަ ފުރެއްދެ ލަވައެވެ. އެއިރުވެސް މިލަވަތައް ކިޔަން ދަންނަނީ ޙަސަންބެއްޔާ، ޢީދު ޙަސަންފުޅު، ގޮމަށި ޙުސައިންމަނިކު، އިބުރާހިމް މޫސާ ފަދަ މަދު ބައެކެވެ. މިއެއްމެންވެސް މިހާރުވަނީ ނިޔާވެފައެވެ. ﷲ އެމީހުންނަށް ހެޔޮ ރަޙްމަތް ލައްވާށިއެވެ! މިދަނޑި ޖަހަން ގެންގުޅެނީ ގާތްގަނޑަކަށް ތިން ފޫޓުގެ އެއްކޮޅަށް ހިމަކޮށް، ހިމަކޮޅުގައި "ފޯގަ" (މާގަނޑެއް) ލާފައިވާ  ދަނޑިއެވެ. މިދަނޑިޖަހާއިރު މީހުން އެތުރި ތިބޭނީ ވަށްބުރަކަށެވެ. ފުރަތަމަ ލަވަ ނިމޭނީ ދަނޑިޖަހަމުން ހިނގަމުން ގޮސް އެހެން ތަނެއްގައި، އެތެރޭގައި ވަށްބުރެއް، ބޭރުގައި ވަށްބުރެއް އޮންނަގޮތަށް ދެބަރިއަށް ވަށްބުރު ހަދާފަހުންނެވެ. އެހިސާބުން ދިގު ދަނޑީގެ ބަދަލުގައި ކުރުދަނޑީގައި ހިފައި، މެދުލަވަ ފަށައެވެ. މިލަވައިގައި ހިނގަމުން ވަށްބުރަކަށް އެނބުރެމުންދާއިރު ދަނޑިޖަހަމުން އެތެރޭބުރު ބޭރަށް، ބޭރު ބުރު އެތެރެއަށް ބަދަލުވަމުން ލަވައާއި ތާރަ އަވަސްވަމުން ގޮސް ފުނައަށް ބަދަލުވުމާއެކު، އެއްމެ ފަހު އަދި އެއްމެ އަވަސް ލަވައަށް ލަވަވެސް ބަދަލުވާނެއެވެ. މިގޮތަށް އަވަސްވަމުންދާއިރު، ލަވައާއި ތާރައާ އެއްވަރަށް ކުޅި އަވަސް ކުރުމަށް "އޯނޑޭ/ ޔާނޑޭ/ ޒުވާބު" ފަދަ ބަސްތައް މުރީދުމީހާ ހަރުއަޑުން ފޯރިއާއެކު ގޮވަމުންދާނެއެވެ. ނިމޭނީ އެއްމެ އަވަސް ބޮޑުބެރު ލަވައެއް ކަހަލަ ލަވައަކުންނެވެ.

ވާހަކަ ކިއުން (ވާހަކަ ކުޅުން) ޢަރަބި ބަހުންނަމަ މިއީ "މަސްރަޙިއްޔާ" އެވެ. އިނގިރޭސިބަހުން މިކަމަށް "ޑްރަމެޓިކް ޕްލޭ" އޭ ވެސް ކިޔާފާނެއެވެ. މިކަން ކޮށް އުޅެނީ ހައްޖުމަހުގެ 14 ނުވަތަ 15 ވިލޭރޭ އެވެ. މިކަން ކުރާ ގްރޫޕަށް ކިޔަނީ ސާދަމަޖާ ގްރޫޕެވެ. ވާހަކަ ކިޔުމުގައި އިސްކޮށް ހުންނަނީ އިވްނިންޕެރިސް މަރްޙޫމް ހުސައިން އިބްރާހީމް (މަޑިފުށީގޭ ހުސެންފުޅުބެ) އެވެ. ދެންހުންނާނީ އަޅުގަނޑުގެ ބައްޕަ މަރްޙޫމް ސުލައިމާން އާދަމް (ކުޑަފުތު ސުލައިމާން) އެވެ. މައިގަނޑު ދެމީހުންނަކީ މިއީއެވެ. މިއީ އެދުވަސްވަރު އަތޮޅަށްވެސް މަޝްހޫރު ދެ ކޮމީޑިއަނުންނެވެ. ވާހަަކަ ކިޔާނީ ހަނދުވަރު އަލީގައެވެ. ކިޔާމީހަކީ ހުސެންފުޅުބެ އެވެ. ކުޅިބަލާމީހުން ތިބޭނީ ކުޅޭމީހުންގެ ވަށައިގެން ވަށްކޮށްޓަކަށެވެ. ވާހަކަ ކިޔަމުންދާއިރު ވާހަކައިގައިވާ ކަންކަން މިދެމީހުން ހުށަހަޅަމުންދާނީ ހީވެސް ނުކުރާހާ މަޖާ، ހެއްވާ ގޮތްގޮތަށެވެ.

އެއްރެއަކު ކުޅުނީ ފޫޅުދިގުހަންޑި ވާހަކައެވެ. ފުރަތަމަސީންގައި އައިމިނާބީއަށްވެގެން ސުލައިމާނުބެ ފެންބަލާ ދިޔައިރު ހުސެންފުޅުބެ ފޫޅުދިގުހަންޑިއަށް ވެގެން އިނީ ކަށްބޮލަށް ވެލިފުރާށެވެ. ސުލައިމާނުބެ ކައިރިވުމާއެކު، "އައިމިނާބީއަށް ފެނިދާނެއޭ" ގޮވަމުން ހުސެންފުޅުބެ ވަޅަށް ފުންމާލިއެވެ. ވަޅަކަށް ހުރީ ދެކޮޅުކަނޑާފައިއޮތް ތާނގީއެކެވެ. ސުލައިމާނުބެ ވަގުތުން ތާނގީ ވައްޓާލުމާއެކު "މިރޭ ފޫޅުުދިގުހަންޑިއަށް ދޫލަނޑެއް ނުދޭނަމޭ" ގޮވަމުން ތާނގީ ފުރުޅަމުން ގެންގޮސް ކުޅިބަލަންތިބި މީހުންތަކު ތެރެއަށް ވައްދައިފިއެވެ. އެއިރު ހުސެންފުޅުބެ "އައްދޯ! އަލިފާނޯތް! ކަލޯ އަހަރެން މިއޮއް މަރުވަނިއްޔޭ!" ގޮވައެވެ. ދެކޮޅުނެތް ތާނގީއެއްގައި މީހަކު އޮއްވާ، އޭތި ފުރުޅަން ފެށީމާ ވާނެގޮތް ހިތަށް ގެންނަވާށެވެ! ދެވަނަ ސީންގައި ހުސެންފުޅުބެއަކީ ހަސަންތަކުރެވެ. "އައިމިނާބީ ފޫޅުދިގުހަންޑި ހުރިތަން ދައްކަން އަންނާށޭ" ގޮވަމުން ހުސެންފުޅުބެ ކުއްލިއަކަށް ކުޅިބަލަންތިބި މީހުންތެރޭހުރި ދެވަންފުރައިގެ އަންހެންކުއްޖެއްގެ އަތުހިފައި ދަމާކޫތަމުން ގެނެސް މެދުގައި ބެހެއްޓިއެވެ. އެއިރު އެކުއްޖާ ލަދުން މޫނުމަތީ އަތްއަޅައި "ބޭބޭ ތިހެން ނުހަދާ! ހެޔޮނުވާނެ އަހަރެން ދޫކޮށްލާ! އަހަރެންމީ މިރަށު މީހެއް ވެސްނޫން" މިގޮތަށް ގޮވަމުން ދެއެވެ. ވާނީވެސް އެހެންތާއެވެ. އެރަށުގައި އެކަންކޮށް އުޅެނީ އެގޮތަށްކަމެއް ކުރިއަކުން އެކުއްޖާއަކަށްވެސް ނޭނގެއެވެ. ހީނ ހީނ ހަލާކުވާ ވަރުގެ މިކަހަލަ މަޖާ ކިތައްމެ ސީން އެކެވެ.

ނަގިލިނެގުން: ބޮޑު ނަގިއްޔެއްގައި ފަލަ ވަލެއް ޖަހައި، ވަލުގެ ދެފަރާތުގައި މީހުން އެތުރި ތިބޭނީ ވަލުގައި ހިފައިގެން ކޮޅަށެވެ. ތިބޭނީ ހުދުމުންޑާއި، އަތްދިގު ހުދު ގަމީސް ލައިގެންނެވެ. ކަށިމައްޗާ ހަމައަށް އަންނަވަރުގެ ރަތް ހަރުވާޅެއް ލައިގެން، ހެޔޮވަރު ވަރަކަށް މުންޑު އަރުވާޖަހައިގެންނެވެ. ބެރުވެރިން ތިބޭނީ އަރިމައްޗެއްގައެވެ. ކިޔާނީ ކަނޑު އުޅަނދުފަހަރުގައި މަސައްކަތްކުރުމާ ގުޅުންހުރި، ފޯރިގަދަ (ޢަރަބި ނުވަތަ ފުރެއްދެ) ލަވައެވެ. ލަވަކިޔަމުން، ބެރާއެއްވަރަށް ފައިނަގަމުން، ވަލުގައިހިފައި ދަމަމުން ނަށަމުން ކުރިއަށްގޮސް ނަގިއްޔާ ހަމަވީމާ ދޫކޮށްލާފައި އަތްޖަހަމުން، ނަށަމުން (ބޭރުން) ފަހަތަށް ގޮސް އަނެއްކާ ވަލުގައި ހިފައެވެ. މިގޮތަށް ކުރިއަށްދާއިރު، އެއްލަވަ ހުއްޓާލުމަށްފަހު، އެއަށްވުރެ ފޯރިގަދަ އަވަސް ލަވައެއް ފައްޓައެވެ. އަޅުގަނޑަކީ ބައްޕައާއެކު އެތަނަށް ގޮސްއުޅުނު އެއިރުގެ ކުއްޖަކަށްވާތީ، ނަގިލިނަގާއިރު ކިޔާ ލަވައެއް އަޅުގަނޑުގެ ހަނދާނުގައި ހުރިގޮތަށް ލިޔެލަމެވެ.

ނަވަށްއަރާ މަސްކަތު މުދިމު ހުރެ ގޮވާލޫ.
އަހަނ މަގޭ ކައްޕިތާނާ ކަމާރާގޭތެރަށް މަ ލާށޭ.
ލާންއުޅޭލެއް ލަސްކަމުން މުދިމު ދުވެފާގޮސް ކަމަރާގޭތެރަށް ވަދެފާ.
މޭޒުމަތީ ހުރި ތަށްޓަކުން މުދިމު އެތިކޮޅެއް ބޮއިލޫ
އަހަނ އަހާނ މާރަނގަޅު އެއްޗެކެ މިލިބުނީ
އަހަނ އަހާނ މާމީރު އެއްޗެކެ މިބޮވުނީ
ދޮންވެފަ ފަލަވާނެ
އަހަނ އަހާނ މާރަނގަޅު އެއްޗެކެ މިލިބުނީ
ކަޅުކަޅި ހުދުވާނެ
އަހަނ އަހާނ މާމީރު އެއްޗެކެ މިބޮވުނީ