Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- މުސްކުޅި ސޭޓާއި ބިހުގެ ޖާފަތް

ރަށެއްގައި ވަރަށް މުއްސަނދި ސޭޓެއް އުޅުނެވެ. އޭނައަކީ ގިނަގިނައިން ކައިވެނި ކުރާ ސޭޓެކެވެ. އަބަދުވެސް، އޭނާގެ ހަތަރު އަނބިން ތިބެއެވެ. އެވަރުން ވެސް އޭނާގެ ހިތް ހަމަޖެހި ފުދޭ ގޮތެއް ނުވެއެވެ. ތަނަކުން ރީތި ކުއްޖަކު ފެނިއްޖެ ނަމަ، ކޮންމެ ވެސް އެއް އަނތްބަކު ވަރިކޮށްފައި އެކުއްޖާއާ އިނދެއެވެ.

ސޭޓަކީ މިހާރު އުމުރުން ދުވަސްވެފައިވާ މީހެކެވެ. ނަމަވެސް، ސޭޓުގެ މީހުންނާ އިނުމުގެ އާދައަކަށް ބަދަލެއް ނާދެއެވެ. އެއްދުވަހު، ސޭޓުގެ ފިހާރައިގައި ސޭޓު އިންދާ ވަރަށް ޒުވާން ކުއްޖަކު ފިހާރައަށް އައެވެ. އެކުއްޖާ ފެނި ސޭޓު އޭނައާ ގަޔާވެ، ހިތާވެއްޖެއެވެ.

ދެން، ސޭޓު އެކުއްޖަކީ ކޮބައިތޯ ބަލައި އެ ކުއްޖާގެ ގެއަށް ދިޔައެވެ. އެކުއްޖާވީ ވަރަށް ވެސް ފަގީރު ކުއްޖަކަށެވެ. ދެން، އެ ކުއްޖާގެ ބައްޕައަށް ފައިސާދީގެން އެކުއްޖާގެ ބައްޕަ މެދުވެރިކޮށް އެ ކުއްޖާއާ ކައިވެނި ކުރުމުގެ މަސައްކަތް ފެށިއެވެ. އެކުއްޖާގެ ރުހުން ހޯދަން ސޭޓު ހަވާލުކުރީ އެ ކުއްޖާގެ ބައްޕައާއެވެ.

ބައްޕަ ދަރިފުޅު ގާތު ސޭޓުގެ މުއްސަނދިކަމުގެ ވާހަކައާއި ދަރިފުޅަށް ރަނގަޅު ދިރިއުޅުމެއް ލިބޭނޭ ވާހަކަ ވެސް ބުންޏެވެ. ނަމަވެސް، ދަރިފުޅު އެކަމަށް އެއްބަހެއްނުވިއެވެ. ބައްޕަ ގާތު ދަރިފުޅު ބުނީ ސޭޓަކީ ދަރިފުޅުގެ ބައްޕައަށް ވުރެ ވެސް ދޮށި މީހެއް ކަމެވެ. އެހެންވެ، ސޭޓުމެން ފަދަ މީހުން، ފައިސާ ބޭނުން ކޮށްގެން، ސޭޓުމެންގެ ދަރިންނާއި ކާފަ ދަރިންފަދަ ޅަ އުމުރުގެ ކުދިންނާ ކައިވެނި ކުރުމުން، އެ ކުދިންގެ ހަޔާތް ބަރުބާދުކޮށްލެވެނީއެވެ.

ސޭޓާ ކައިވެނި ކުރަން ދަރިފުޅު އިންކާރު ކުރިޔަސް، ކުރުނުކޮށް ބައްޕަ އެދުނީ ބައްޕައަށްޓަކައި ނަމަވެސް، އެ ކައިވެނި ކުރާށެވެ. ދެން، އެންމެ ފަހުން ދަރިފުޅު ބުނީ ކައިވެނި ކުރަން ޝަރުތެއްގެ މަތިން އެއްބަސް ވެދާނޭ ކަމެވެ. އެ ޝަރުތަކީ ކޮބައިތޯ ބުނުމުން، ދަރިފުޅު ބުނީ އެ މީހުންގެ ގެއަށް ސޭޓަށް ކެއުމަކަށް ދައުވަތު ދިނުމަށެވެ. ދެން، ބައްޕަ ގޮސް ސޭޓު ގާތު ދަރިފުޅުގެ ޝަރުތުގެ ވާހަކަ ބުންޏެވެ. އަދި، އެ ޝަރުތު ގަބޫލުކޮށް، އަންހެން ކުއްޖާގެ ދައުވަތަށް އެ ގެއަށް ކާންދާން ނިންމިއެވެ.

ދައުވަތުގެ ދުވަސް އައުމުން، ސޭޓު އަންހެން ކުއްޖާގެ ގެއަށް ދިޔައެވެ. އަދި، ކާން ތައްޔާރު ކޮށްފައި ހުރި މޭޒު ކައިރީ އިށީނެވެ. ދެން، ކާން ތައްޔާރުކޮށްފައި ހުރި އެއްޗިއްސަށް ބަލާލި އިރު، ހުރީ އެކި ކުލަކުލަ ޖެއްސިފައި ހުރި ކުކުޅު ބިހެވެ. ރީނދޫ ކުލައާއި ރަތް ކުލައާއި ފެހި ކުލައާއި ދަނބުކުލައާއި ޖަންބު ކުލައާއި އަދިވެސް އިތުރު ކުލަތަކެވެ. އެ ވަގުތު އަންހެން ކުއްޖާ އައިސް ސޭޓު ގާތު ކެއުމަށް އިންސާފުކޮށްލަން އެދުނެވެ. ދެން، ސޭޓު ފަހަރަކު ބިހެއް ނޮޅިއެވެ. ބިހުގެ ކުލަތައް ތަފާތުވި ނަމަވެސް، ތޮށި ނޮޅާލުމުން، ހުރިހާ ބިހެއް ވެސް އޮތީ ހަމަ އެއް ގޮތަކަށެވެ. ބޭރު ހުދުކޮށް، އަދި، އެތެރެ ރީނދޫ ކޮށެވެ!

ދެން، އެ ވަގުތު އަންހެން ކުއްޖާ ބުންޏެވެ. "ސޭޓެވެ! އަންހެނުންގެ މިސާލަކީ ވެސް ހަމަ ތި ބިސްތަކުގެ މިސާލެވެ. ބޭރުފުށް ކިތަންމެ ނަލަ ވިޔަސް، އެތެރެ ފުށް ދާދި އެއް ގޮތެކެވެ. އެހެންވީމާ މައްސަލައަކީ ސޭޓުމެން ފަދަ މިހުންގެ ހިތެވެ. ޚާއްސަކޮށް ސޭޓުމެން ފަދަ އުމުރުން ދުވަސްވީ މުސްކުޅި މީހުންގެ ހިތެވެ. އެ ހިތް ހަމަނުޖެހުމެވެ. އެ ހިތް ނުރުއްސުމެވެ. އެ ހިތް ނުފުދިފައި ވުމެވެ. ކިތަންމެ ބައިވަރު ބިހެއް ނޮޅައި ކާން ލިބުނު ކަމުގައި ވިޔަސް ވެހެވެ!

އަންހެން ކުއްޖާގެ ވާހަކަ އަހައި، މުސްކުޅި ސޭޓު ކުޑަކޮށް ލަދުގަނެ، ދެ ބިހެއް ކާލައިގެން އަވަސް އަވަހަށް އެގެއިން ނިކުމެގެން ދިޔައެވެ.