Support Us

ކޮލަމް ކޯދު: ބުނެވޭ ބުނެވުންތަކެއްގެ ވާހަކަ

މިއީ ބުނެވޭ ބުނެވުންތަކެކެވެ.

  1. ބުނެވޭ ގޮތުގައި އާދަމްގެފާނުގެ ހަމުގެ ކުލަ ކަޅެވެ. އަދި، އިންސާނީ ޖީނުގައި ބާރު ލިބިގެންވަނީ ކަޅު ކުލައަށެވެ. އެހެންވެ، ދުނިޔޭގެ ހަތް މީހުންގެ ތެރެއިން ހަ މީހުން ކަޅެވެ. އޭގެ ތެރެއިން ތިން މީހުންގެ ހަމުގެ ކުލަ ދޮނެވެ. ދެން، އޭގެ ތެެރެއިން އެކެއްގެ ކުލައިގެ ދޮންކަން ގަދައެވެ.
  2. ބުނެވޭ ގޮތުގައި މައިމީހާގެ ބަނޑުގައި ތުއްތު ދަރިފުޅު އޮންނައިރު އޭނާގެ ހަޔާތުގެ އެކިއެކި ދައުރުތައް އޭނާއަށް ފެނެއެވެ. ބައެއް ފަހަރު، އިންސާނާއަށް ކަމެއް ދިމާވުމުން، އެއީ ކުރިން ދިމާވެފައި އޮތް ކަމެއްހެން ހީވަނީ މިހެން ވެޔޭ ބުނެއެވެ.

މިތަނުގައި ހަނދާންކޮށްލަން ޖެހޭ މުހިއްމު ނުކުތާއެއް އެބަ އޮތެވެ. އެއީ މިފަދަ ކަންކަމީ ހީގެ މައްޗަށް ބިނާވެފައި އޮންނަ ކަމެކެވެ. ވަކި ކަހަލަ ކަންކަން އޮޅުންފިލުވައިދިނުމުގެ ގޮތުން ބުނެވޭ ބުނުންތަކެވެ. އެކަމުގެ ހަގީގަތް އެނގިގެން ބުނާ އެއްޗެއް ނޫންކަމެވެ.

  1. ކީރިތި ގުރުއާނުގައި "ގިޔާމަތް ކައިރިވެއްޖެ އެވެ." މިފަދައިން ބާވާލެއްވުނުތާ މިހާރު ފަނަރަ ސަތޭކަ އަހަރުވާން ކައިރިވަނީއެވެ. ނަމަވެސް، އަދި، ގިޔާމަތެއް ނުވެއެވެ. އެއީ ކީއްވެ ހެއްޔެވެ؟ މީސްތަކުންނަށް ހެޔޮ މަގަށް އެނބުރި އައުމުގެ ފުރުސަތު ލިބިދިނުމަށްޓަކައެވެ. މީގެ އިތުރުން، ކަމެއް ކައިރިވުމާއި ދުރުވުމަކީ ނިސްބީ ކަމެކެވެ. އެކަން، ގުޅުވާލެވޭ އެހެން ކަމަކާ ވިދިގެން އޭގެ މާނަ ކަނޑައަޅާލެވޭ ކަމެކެވެ. ކަމެއް ވާން އޮތް ކޮންމެ ކަމަކީ އެކަން ވުން ގާތްވެއްޖެ ކަމެކެވެ. އިންސާނާ ދުނިޔެއަށް އައުމުން އޭނާގެ މަރު ގާތްވެއްޖެއޭ ބުނާ ފަދައިންނެވެ. މަރަކީ ނައިސް ނުދާނޭ ކަމެއްކަމަށް ވުމުން، މަރު ކައިރީގައިވާ ކަމުގެ ވާހަކަ ބުނެވެނީއެވެ.
  2. ބުނެވޭ ގޮތުގައި، ކިނބިއްސެއް އެޅުމުން، ހިތް ފަދަ ހަށިގަނޑުގެ ގުނަވަންތަކުގެ މަސައްކަތް ކުރުމަށް ހުއްޓުން އާދެއެވެ. ދެން، ކިނބިހި އަޅައި ނިމުމުން، ހަމަ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އަލުން އެ ގުނަވަންތަކުގެ މަސައްކަތް ފެށެއެވެ. ކިނބިހި އެޅުމުން، މާތްﷲއަށް ހަމްދުކޮށް ޝުކުރުކުރުން އޮންނަނީ އެހެންވެޔޭ ބުނެވެއެވެ.
  3. ދަސްވެނިވުމުގެ ޖުއްބާއާއި ތާކިހާ އެޅުމުގެ ސަގާފަތަކީ މުސްލިމުންގެ ތެރޭގައި، އަންދަލުސްގައި، ފެށުނު ކަމެކެވެ. ދަސްވެނިވުމުގެ ތާކިހާގެ މަތި ފަތާކޮށް އޮންނަނީ، ބުނެވޭ ގޮތުގައި، ތާކިހާ މަތީ ޚަތިމެއް ބޭއްވުމަށެވެ. ކިޔަވާ ކުއްޖާ ދަސްވެނިވެ، އިލްމީ ގޮތުން، އޭނާގެ ދާއިރާގައި މޮޅު މީހަކަށްވި ކަމުގައި ވިޔަސް، އޭނާއަށް ވުރެ މޮޅު ފަރާތެއް ވޮޑިގެންވާ ކަން އޭނައަށް ހަނދާންކޮށްދިނުމުގެ ގޮތުންނެވެ. ކީރިތި ގުރުއާނުގައި އޮންނަ، وفوق كل ذي علم عليم މި އާޔަތުން ދޭހަވާ ފަދައިންނެވެ. މިކަން، ހަނދާން ކޮށްދިނުމުގެ ބޭނުމަކީ އެ މީހަކަށް ލިބިދާ އިލްމެއްގެ ސަބަބުން ވިޔަސް، ބޮޑާވެ ކިބުރުވެރި ނުވުމަށެވެ. ތިމާއަށް އެނގުނު ނަމަ އެނގޭނީ ނިސްބަތުން ވަރަށް ވެސް ކުޑަ އެއްޗަކަށްވީމައެވެ.

އާދެ، ސުރުޚީގައި ބުނެވިފައިވާ ފަދައިން މިއީ ބުނެ އުޅޭ ބުނުންތަކެކެވެ. ހަގީގަތް ދެނެވޮޑިގެންވާނީ މާތްﷲއެވެ.