Support Us

ޙައްޖުގެ މަނާސިކުތަކާ އެހެނިހެން ޢިބާދާތުތަކުގެ ތަފާތުކަން- 2

5. ޙައްޖާއި ޢުމްރާގެ ޢިބާދާތުގައި ހިމެނޭ މަނާސިކުތައް  އަދާކުރަން ކަނޑއަޅުއްވައިފައިވާ ޚާއްޞަ ތަންތަނަށް ގޮސްގެން މެނުވީ އަދާނުކުރެވޭ އަޅުކަމެއް ކަމުގައިވުން: އެއީ ގެފުޅާއި ޞަފާމަރްވާއާއި މިނާއާއި ޢަރަފާތާއި މުޒަދަލިފާއެވެ. މި ތަންތަނަށް ގޮސްގެން އަދާކުރަން ޖެހޭ މަނާސިކުތަކެއް ވެއެވެ. އެ މަނާސިކުތައް އަދާކުރެވޭނީ އެ ކަމަށް ކަނޑައެޅިފައިވާ ތަނަށް ގޮސްގެންނެވެ. މިސާލަކަށް ޠަވާފު ކުރެވޭނީ ގެފުޅުގެ ވަށައިގެންނެވެ. ސަޢުޔު ކުރެވޭނީ ޞާފާއާއި މަރްވާގައި ހިނގައިގެންނެވެ.

6. ދަތުރުފަތުރު ކުރުމުގެ ބުރަ އުފުއްލައިގެން ކުރަން ޖެހޭ އަޅުކަމެއް ކަމުގައިވުން: މައްކާއަށް ނުގޮސް ޙައްޖާއި ޢުމްރާގެ އަޅުކަމުގައި ހިމެނޭ ތަފާތު މަނާސިކުތައް އަދައެއް ނުކުރެވޭނެއެވެ. ތިމާގެ އަހްލުންނާއި މުދަލާއި ވަޠަން ދޫކޮށްފައި ޙައްޖަށާއި ޢުމްރާއަށް ދަނީ ﷲގެ އަމުރުފުޅަށް ކިޔަމަންގަނެގެންނެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَأَذِّنْ فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالًا وَعَلَى كُلِّ ضَامِرٍ يَأْتِينَ مِنْ كُلِّ فَجٍّ عَمِيقٍ [1]– އަދި ކަލޭގެފާނު މީސްތަކުންނަށް حج އަށް އައުމަށް ގޮވައިލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލު މަތީގައި، ދުރުތަންތަނުން އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނާނެތެވެ.)) މާތް ﷲ ރުއްސުންލެއްވި ޢުމަރުގެފާނު ވިދާޅުވިއެވެ. ((ދުނިޔޭގެ އެއްވެސް އެދުމެއްނެތި އަވީގައި ބޯހޭވި  ހިރަފުހުން ތަތްތެޅި ދަލުން ވަސްނުބައިވެގެން ކުރާ ދަތުރަށްވުރެ ހެޔޮކަން ބޮޑު ދަތުރެއް އޮންނާނެ ހެއްޔެވެ؟)) އެބަހީ ޙައްޖު ދަތުރަށްވުރެ ހެޔޮކަން ބޮޑު ދަތުރެއް ނެތެވެ. އިސްލާމްދީނުގެ ޢިބާދާތުތަކުގެ ތެރެއިން ނަމާދަކީ ޠާހިރު ކޮންމެ ތަނެއްގައި އަދާކުރެވިދާނެ އަޅުކަމެކެވެ. ރޯދަ ކޮންމެ ތަނެއްގައި ހިފިދާނެއެވެ. ޒަކާތް ވެސް ކޮންމެ ތަނެއްގައި އަދާކުރެވިދާނެއެވެ. އެހެނަސް ޙައްޖުގެ ފަރީޟާ އަދާކުރެވޭނީ މައްކާގެ މުޤައްދަސް ބިމަށް ގޮހެވެ. އެ ކަމަށް ކަނޑައެޅިފައިވާ ދުވަސްތަކެއްގައެވެ.

7. ޢުމުރުން އެއްފަހަރު އަދާކުރަން ޖެހޭ އަޅުކަމެއް ކަމުގައި ވުން: ނަމާދަކީ ކޮންމެ ދުވަހަކު ފަސްފަހަރު ކުރަން ޖެހޭ އަޅުކަމެކެވެ. ޒަކާތާއި ރޯދައަކީ އަހަރަކު އެއްފަހަރު އަދާކުރާން ޖެހޭ ފަރްޟުތަކެކެވެ. މި ލިޔުން ފެށިއިރު ދަންނަވައިލި ޙަދީސް ތަކްރާރު ކޮށްލާނަމެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((أَيُّهَاالنَّاسُ قَدْ فَرَضَ اللَّهُ عَلَيْكُمُ الْحَجَّ فَحُجُّوا. فَقَالَ رَجُلٌ أَكُلَّ عَامٍ يَارَسُولَ اللَّهِ فَسَكَتَ حَتَّى قَالَهَا ثَلاَثًا فَقَالَ رَسُولُ اللَّهِ -صلى الله عليه وسلم- «لَوْ قُلْتُ نَعَمْ لَوَجَبَتْ وَلَمَا اسْتَطَعْتُمْ [2]– މީސްތަކުންނޭވެ! ހަމަކަށަވަރުން މާތްﷲ ތިޔަބައިމީހުންގެ މައްޗަށް ޙައްޖު ފަރްޟު ކުރައްވައިފިއެވެ. ފަހެ، ތިޔަބައިމީހުން ޙައްޖުވާށެވެ. އެހިނދު މީހަކު ދެންނެވިއެވެ. އޭ، ﷲގެ ރަސޫލާއޭވެ! ކޮންމެ އަހަރަކު ތޯއެވެ؟ އެމީހަކު ތިންފަހަރު މިހެން ދަންނަވަންދެން ރަސޫލުﷲގެފާނު އެއްޗެއް ވިދާޅުނުވެ ހުންނެވިއެވެ. އެއަށްފަހު ޙަދީސްކުރެއްވިއެވެ. ތިމަންކަލޭގެފާނު އާއެކޭ ޙަދީސްކުރެއްވިނަމަ އެކަން ވާޖިބުވެދާނެތެވެ. ތިޔަބައިމީހުންނަށް އެކަންކުރުމަށް ކުޅަދާނަވެގެން ނުވެއެވެ.)) މި ބަސްފުޅުން ޞަރީޙަކޮށް އެނގޭގޮތުގައި ޢުމްރުން އެއްފަހަރު މެނުވީ ޙައްޖު އަދާކުރުން ވާޖިބު ނުވާނެތެވެ.

8. މުސްލިމުންގެ ޢާލަމީ އަހަރީ މަހާސިންތާ ކަމުގައި ފާހަގަ ކުރެވޭ އަޅުކަމަށް  ޙައްޖުވުން: މިއީ ޢަޤީދާގެ ތަރަހައިގެ މަތީގައި ކޮންމެ އަހަރަކު ބޭއްވޭ ބައްދަލުވުމެކެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންގެ ތެރެއިން އެމީހުން ތަމްސީލުކުރާ ވަފްދުތައް މި މަހާސިންތާގައި ބައިވެރިވެއެވެ. ބަހާއި ކުލައާއި އާދަކާދައިގެ ތަފާތުތައް އެއްފަރާތަކަށް ލައިފައި ހުރިހާ ޙައްޖާޖީން ޙައްޖުގެ މަނާސިކުތައް އަދާކުރަމުންދަނީ މާތް ﷲއަށް ޓަކައެވެ. އިސްލާމީ އުންމަތުގެ ވަރުގަދަކަމާއި އެއްބައެއްވަންތަކަން ހާމަކުރަމުންނެވެ.އެ މީހުންގެ މި އެއްބައިވަންތަކަން އެންމެ ބޮޑަށް ހާމަވެގެންދަނީ ޢަރަފާތު ދުވަހުއެވެ. އެންމެން އެއް ބިމަކަށް އެއްވެ ތިބޭ ތިބުމުންނެވެ. އެއް ހެދުމެއްގައެވެ. މުއްސަންޖެއް ފަޤީރެއް ތަފާތު ކުރުމެއް ނެތިއެވެ. ވެރިއެއް ރައްޔިތެއް ތަފާތު ކުރުމެއް ނެތިއެވެ. ކަޅެއް ދޮނެއް ތަފާތު ކުރުމެއް ނެތިއެވެ. ދިވެހި ބަހެއް އިނގިރޭސި ބަހެއް  ތަފާތު ކުރުމެއް ނެތިއެވެ. އެމީހުން ޙިއްޞާވާ އަމާޒަކީ ((لبَّيك اللهم لبيك)) އެވެ. ޢަރަފާތުގެ ބައްދަލުވުމުން ފާޅުވެގެންދަނީ މާތްﷲގެ ބަސްފުޅެވެ. ((يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُمْ مِنْ ذَكَرٍ وَأُنْثَى وَجَعَلْنَاكُمْ شُعُوباً وَقَبَائِلَ لِتَعَارَفُوا إِنَّ أَكْرَمَكُمْ عِنْدَ اللَّهِ أَتْقَاكُمْ[3]– އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: آدم ގެފާނާއި، حوّاء ގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު قوم ތަކަށާއި، قبيلة ތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް تعارف ވުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه ގެ حضرة ގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ تقوى ވެރި މީހާއެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެއެވެ.)) ޙައްޖާޖީން މި ބައްދަލުވުމަށް އަންނަނީ ތަފާތު ރަށްތަކުންނެވެ. ތަފާތު ނަސްލުތަކުންނެވެ. އެބައިމީހުންގެ މެދުގައި ރަޙިމުގެ ގުޅުމެއް ނެތެވެ. އެބައިމީހުންގެ މެދުގައި އޮތީ އިސްލާމީ އުޚުއްވަތްތެރިކަމުގެ ރަޙިމެވެ. ޙައްޖުގެ މަނާސިކުތަކަކީ އުއްމަތުގެ އެއްބައެއްވަންތަކަން ކަށަވަރު ކޮށްދޭ އަޅުކަންތަކެކެވެ. ޙައްޖުގެ މަނާސިކުގެ ތެރޭގައި ޙައްޖުވެރިންގެ ކުރާ އަޅުކަންތަކާއި ކިޔާ ތަލްބިޔާއާއި ބަންނަ އިޙްރާމު ހެދުމުން ފެނިގެން ދަނީ މިއުއްމަތުގެ މަތިވެރިކަމާއި އެއްބައިވަންތަކަމެވެ. ޙައްޖުގެ އަޅުކަންތަކުގެ ތެރޭގައި ޤައުމުތަކުގެ ތަފާތުކަމާއި، ނަސްލުތަކުގެ ތަފާތު ކަމާއި، ބަހުގެ ތަފާތު ކަމާއި ،ކުލައިގެ ތަފާތުކަންވަނީ ނެތިގެން ގޮސްފައެވެ. އިސްލާމީ އުއްމަތުގެ ކާމިޔާބީތަކާއި މަތިވެރިކަމާއި ،އައުދާނަކަން އޮތީ މި އެއްބައިވަންތަކުގެ މަތީގައެވެ. ﷲ ތަޢާލާ ވަނީ އަޅުގަނޑުމެންނަށް ބައިބައިވެގެން ނުދިއުމަށް އަންގަވައިފައެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَلَا تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِ‌يحُكُمْ[4] – ތިޔަބައިމީހުން ދެބަސްވެ އަރާރުންނުވާށެވެ. އޭރުން ތިޔަބައިމީހުން ނާކާމިޔާބު ވެދާނެއެވެ. އަދި ތިޔަބައި މީހުންގެ ބާރު ނެތި ހިނގައިދާނެއެވެ.)) އިސްލާމްދީނުގެ ދުޝްމަނުން އެމީހުންގެ ރޭވުންތަކާއި މަޝްރޫޢުތައް ތަންފީޒު ކުރުމަށްޓަކައި މި އެއްބައިވަންތަކަށް ނަގައިލުމަށް ފިޔަވަޅު އަޅައިފައިވެއެވެ. މުސްލިމުންގެ އެއްބައިވަންތަކަމުގެ ބާރާއި ނުފޫޒު އެމީހުންނަށް ފެނިފައިވާތީއެވެ. މިހެންވެ ހުރިހާ ޒަމާނެއްގައިވެސް އިސްލާމްދީނުގެ ދުޝްމަނުން މަސައްކަތްކޮށްފައިވަނީ މުސްލިމުންގެ ސަފުތައް ބައިބައިކުރުމަށެވެ. އެމީހުންގެ މެދުގައި ފިތުނައިގެ އަލިފާން ރޯކުރުމަށެވެ. މުސްލިމުން ޣާފިލުކަމާއި ޖާހިލުކަންމަތީ ބައިތިއްބުމަށެވެ. އެމީހުންގެ ވެރިކަމާއި ސިޔާދަތު ދެމެހެއްޓުމުގެ ބޭނުމުގައެވެ.ޢަރަފާތުގައި ޙައްޖުވެރިން ހޭދަކުރާ ވަގުތުކޮޅަކީ މި އެއްބައިވަންތަކަމުގެ ޢަމަލީ ތަމްރީނުތައް ލިބިގަންނަ ވަގުތުކޮޅެކެވެ. ޙައްޖުވެރިޔާ ޤައުމަށް އެނބުރި ގޮސް ޙައްޖު މޫސުމުގައި އުޅުނު ރިވެތި އަދި މާތް އަޚްލާޤުގެ މަތީގައި އުޅެވޭތޯ ބަލަން ޖެހޭނެއެވެ. ޙައްޖުގެ އަޚްލާޤުން ގަހަނާ އަޅައިގެންނެވެ. އޭނާގެ ހުރިހާ މުޢާމަލާތުތަކަކާއި ސުލޫކެއްގައި ލެވިފައި ހުންނަން ޖެހޭނީ މިއަޚްލާޤުގެ ދަވާދެވެ.

9. އަޅުކަމަށް ފަށައިގަތުމަށްފަހު ނިޔަތް ބަދަލުކުރުން ހުއްދަވެގެންވާ އަޅުކަން: ޢަޞްރު ނަމާދު ކުރުމަށް ޓަކައި ނިޔަތްގަތުމަށްފަހު މެންދުރު ނަމާދު ކުރުމަށް އެ ނިޔަތް ބަދަލެއް ނުކުރެވޭނެއެވެ. ރަމަޟާން މަހުގެ ރޯދައެއް ހިފުމަށް ނިޔަތްގަނެގެން ރޯދަ ހިފަމުންދާއިރު އެ ރޯދަ ނަދުރު ރޯދައަކަށް ނުވަތަ ކައްފާރައިގެ ރޯދައަކަށް ބަދަލެއް ނުކުރެވޭނެއެވެ. ޙައްޖުގެ މަނާސިކުތަކުގައި މިއީ ހުއްދަވެގެންވާ ކަމެކެވެ. މިސާލަކަށް  މީހަކު އޭނާގެ ފަރްޟު ޙައްޖު އަދާނުކޮށް އެހެން މީހަކަށް ޙައްޖުކޮށްދިންނަމަ އެ ޙައްޖު އޮޓޮމެޓިކުން ބަދަލުވެގެން ދާނީ އޭނާގެ ފަރްޟު ޙައްޖަށެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސުގެފާނުންގެ އަރިހުން ރިވާވެގެން ވެއެވެ. މީހަކު ((لبيك عن شبرمة– ޝުބްރުމާއަށް ޙައްޖުކޮށްދިނުމަށް ނިޔަތް ކިޔަމެވެ.)) މި އަޑު ރަސޫލުﷲގެފާނަށް އިވިވަޑައިގަތުމުން "ތިބާ ތިބާގެ އަމިއްލަ ނަފްސުގެ ޙައްޖު އަދާކޮށްފިންތޯ" ސުވާލު ކުރެއްވިއެވެ. އެހިނދު އޭނާ ނޫނެކޭ ދެންނެވުމުން ޙަދީސްކުރެއްވިއެވެ. ފުރަތަމަ ތިބާގެ އަމިއްލަ ނަފްސުގެ ޙައްޖު އަދާކުރާށެވެ!)) ހަމައެފަދައިން ތަމައްތުޢުކޮށް ޙައްޖުވުމަށް އިޙްރާމް ބަން މީހާއަށް ޤިރާނުކޮށް ޙައްޖުވުމަށް ނިޔަތް ބަދަލުކުރުން ހުއްދަވާނެއެވެ.

10. ފަހައިފައިވާ ފޭރާންލުން މަނާ ހަމައެކަނި އަޅުކަންކަމުގައި ޙައްޖުވުން: ޙައްޖުގެ އަޅުކަން އަދާކުރުމަށް ޓަކައި އިޙްރާމުބަންނަ ހިސާބުން ފެށިގެން ފަހައިފައި ހުރި ފޭރާން ބާލަންޖެހޭނެއެވެ. ފަހައިފައިވާ ފައިވާނަކަށް ނޭރޭނެއެވެ. މީރުވަސް ދުވާ އެއްޗެހި އިސްތިއުމާލުކުރުން ޙަރާންވާނެއެވެ. މި ކަމުގެ ޙިކްމަތަކީ ﷲގެ ޙަޟްރަތުގައި އޭނާގެ ނިކަމެތިކަން އިތުރަށް ހާމަކުރުމެވެ. ފަޤީރުންނާއި މުއްސަނދީންގެ ހަމަހަމަކަން ފާޅުކުރުމެވެ.އެއީ ފޭރާމުގައި ވެސް އެއްބައިވަންތަ އުންމަތެކެވެ. އެ އެންމެން ޠަވާފުކުރަނީ އެއް ބިނާއެއްގެ ވަށައިގެންނެވެ.އެ އެންމެން ނިދަނީ އެއް ބިމެއްގައެވެ. އެ އެންމެން ތިބެނީ އެއް ތަނެއްގައެވެ. އެންމެން ހިލަ އުކަނީ އެއް ތަނަކަށެވެ. މީގެ އިތުރަށް އިޙްރާމު ހެދުން މުސްލިމުންނަށް ހަނދާންކޮށްދެނީ އޭނާގެ ދުނިޔަވީ ޙަޔާތް ނިމުމުން ﷲގެ ޙަޟްރަތަށް ދާ މަންޒަރެވެ. އޭނާއަށް މި ދުނިޔެއިން މޮޅު ފޭރާމެއްގައި ނުނުކުމެވޭނެއެވެ. އެހެނަސް ނުކުންނަން ޖެހޭނީ އޭނާގެ ހަށިގަނޑު ފޮރުވޭފަދަ ކުޑަކުޑަ ހުދު ފޮތިކޮޅެއްގައެވެ.

(ނިމުނީ)

 

[1]  – الحج: 27

[2]–  مسلم : 3328

[3]  – الحجرات : 13

[4]  –  الأنفال : 46

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *