...

Support Us

ޖަނާޒާއެއްގެ ތެރެއިން ފޭދުނު ކަރުނަ…

ހެނދުނު ތެދުވެ އާދައިގެ މަތިން ފޯނު ބަލައިލީމެވެ. ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ރައްޓެއްސެއްގެ މަންމަ ނިޔާވިކަމުގެ ހިތާމަވެރި ޚަބަރެވެ. އަވަހަށް ޖަނާޒާގެ ކަންތައްތައް އޮޅުންފިލުވާލުމަށްފަހު ބުނި ގަޑިޔަށް ސަހަރާއަށް ހިނގައްޖައީމުއެވެ. ސަހަރާއަށް ވަދެވުނުއިރު ހިނަވާ ހަމަ ނިމުނީއެވެ. އެހެންކަމުން އާއިލާގެ މަދު ބަޔަކު ފިޔަވައި މާގިނަ މީހުންނެއް އެވަގުތަކު ނެތެވެ. ހިނަވާގޭ ސަރަހައްދަށް އޮތީ ހަމަހިމޭންކަން ފެތުރިފައެވެ. މައްޔިތާގެ، ފުރާވަރަށް އަރާފައި ތިބި ދެތިން ކުދިންގެ ގިސްލާ ރުއިމުގެ އަޑުވަނީ އެ ހަމަހިމޭންކަން ފޫއަޅުވާލާފައެވެ. އެކުދިންނަށް ބަލާލުމުން އެކުދިންގެ ހިތް ކުދިކުދިވެފައިވާކަން ފެނެއެވެ. ކުރިމަތީގައި ހުރި އަށިމަތީގައި ލޯބިވާ މަންމަ ލޯމަރައިލައިގެން، ތިންކަފުނުގައި ފެންނަން އޮތްއޮތުން އެއީ މި ދުނިޔޭން މަންމަ ފެންނާނޭ އެންމެ ފަހު ފަހަރުކަން އެ ކުދިންނަށް އެނގެއެވެ. ލޯބިވާ މަންމަގެ އޯގާތެރިކަމާއި ފިރުމުންތައްވެސް ނިމުނީކަން އެކުންދިންގެ ހިތާމަވެރި މޫނުތަކުން ދޭހަކޮށްދެއެވެ.

އެ ކުދިންނަށް ކޮށްފައިވާ އަސަރު ފެނިފައި، އަޅުގަނޑުގެ ދެބެންގެ މަންމަ ނިޔާވުމުން އެ ދެބެންނަށް ކުރި އަސަރު އަޅުގަނޑަށް އިހުސާސުވިއެވެ. އަދި ބޭއިޚްތިޔާރުގައި ލޮލުން ކަރުނަ ފޫއްދާލިއެވެ. އަވަސްއަވަހަށް ލޯ ފުހެލުމަށްފަހު، މައްޔިތާ ބާއްވައިފައިވާ އައްޓާ ކައިރިވެލީމެވެ. މައްޔިތާއަށް ހެޔޮ ދުޢާ ކުރުމަށްފަހު އެކުދިންގެ ކައިރިއަށް ޖެހިލީމެވެ. އަދި ސަލާމް ކޮށްލުމަށްފަހު ބުނީމެވެ.

"މަންމަ އެވަނީ އެނބުރި އައުމެއްނެތް އުޚުރަވީ ހަޔާތާ ކުރިމަތިލައިފައެވެ. މިއަދު މަންމަ އަށް ވަނީ ތިޔަ ކުދިންގެ ހެޔޮ ދުޢާގެ ބޭނުން ޖެހިފައެވެ. ނުރޯށޭ ބުންޏަސް ރޮވޭނޭކަން އެނގެއެވެ. ރޮވުނަސް މައްސަލައެއްނެތެވެ. މަންމައަށް ހެޔޮ ދުޢާ ކުރާށެވެ. އެއީ މިވަޤުތު މަންމަ އަށް ހަމައެކަނި ބޭނުންވާނޭ ކަންތަކެވެ. އެހެނީ މަރުވެގޮސްފައިވާ މައިންބަފައިންނަށް ސާލިހު ދަރިން ކުރާ ހެޔޮ ދުޢާ އަނބުރާ ރައްދު ނުކުރެވޭނެއެވެ."

އެ ނަސޭހަތް ދިނުމަށްފަހު އެ ކުދިންގެ ހިތާމަވެރި ހާލަތުފެނި ކެތްނުކުރެވިގެން ބޭރަށް ނިކުމެ ސަހަރާގައި ހުރި ކުޑަ ފާރުބުރިއެއްމަތީ އިށީނދެލީމެވެ.

އިސާހިތަކު މައްޔިތާގެ ތިމާގެ މީހުންނާއި ހެޔޮ އެދޭ ރައްޓެހިން މައްޔިތާގެ ޖަނާޒާގައި ބައިވެރިވުމަށް އައިސް ސަހަރާގެ ގޯތިތެރެ ފުރާލިއެވެ. ތިމާގެ މީހުންނާއި ރައްޓެހިން އެކަކު އަނެކަކާ ދިމާވެ ސަލާންގަލާން ކުރާތަން ބަލަން އިނީމެވެ. ބައެއް މީހުން އެ ދިމާވަނީ އެތައް ދުވަހެއްގެ ފަހުންކަން އެމީހުންގެ އަމަލުތަކުން އެނގެއެވެ. އިސާހިތަކު ތަނުގެ މާހައުލު ބަދަލުވެއްޖެއެވެ. ތަނަށް ވެރިވެފައި އޮތް ހަމަހިމޭންކަމާއި މޮޅިވެރިކަން ފިލައިފިއެވެ. ހީވަނީ ކައިވެނީގެ ހަފުލާއަކަށް ބަޔަކު ޖަމާވެފައިވާހެނެވެ. އެކަކު އަނެކަކު ސަލާންގަލާން ކުރުމާއި ހީސަމާސާ ކުރުމުން މާހައުލު ގުގުމާލައިފިއެވެ.

އަޅުގަނޑު ހިތަށް އެރިއެވެ. سبحان اللهއެވެ. މައްޔިތާ ކައިރީގައި އެތިބީ އޭނާގެ ދަރިން ހިތާމައިން ހިތް ކުދިކުދިވެފައެވެ. ހިފެހެއްޓުމެއްނެތި އެކުދިންގެ ލޮލުން އެދަނީ ކަރުނަތައް އޮހޮރެމުންނެވެ. މައްޔިތާ އެ އޮތީ ހެޔޮ އެދޭ އެންމެންގެ ދުޢާ އަށް އެދި ގޮވާލަގޮވާލައެވެ. މައްޔިތާއަށް އެންމެން ފަހުގެ އިޚުތިރާމް ކުރަން އައިސް ތިބި ގިނަ މީހުންނެކޭ މަސްތުގެ ހާލަތުގައި ތިބި ބަޔެކޭ ތަފާތެއް ނެތެވެ. އެ އެންމެންގެ މޫނުތަކުން ފެންނަނީ ހިނިތުންވުމާއި ހީސަމާސާ ކުރުމެވެ. މިތަނަށް އައިސް ތިބި މަގުސަދު އެއިން އެކަކުވެސް ހަނދާން ހުރިހެނެއް ހިޔެއްނުވެއެވެ.

އަޅުގަނޑު ބުނާނެ އެއްޗެއް ނޭނގިފައި ބަލަން އިނދެ ހިތަށް އެރިއެވެ. މިގޮތަށް ޖަނާޒާގައި ބައިވެރިވުމަށްވުރެ ނައުން މާ ރަނގަޅުވާނެއެވެ. އެހެނީ މައްޔިތާއަށް ހެޔޮ ދުއާއެއް ނުކުރާތަނުގައި އާއިލާގެ މީހުން ހިތާމަކުރަމުން ދާއިރު އެ ކުދިންނާއި އައިލާގެ މެންބަރުންނާއި މައްޔިތާއަށް އިހުތިރާމް އާއި ގަދަރު ކުޑަވާ ގޮތަށް، ނޭނގިނަމަވެސް އަމަލުތައް ބެހެއްޓުމަކީ އެކުދިންގެ އިހުސާސްތަކަށް އޭގެ ނޭދެވޭ އަސަރު ކުރުވާނޭ ކަމެއް ކަމަށް ދެކެމެވެ. ހަމަ ގައިމުވެސް އެއިން މީހެއްގެ މަންމަ، ބައްޕަ، އަނބި ނުވަތަ ލޯބިވާ ދަރިއެއްގެ ޖަނާޒާގައި އެބައިމީހުން އެގޮތަށް ހީސަމާސާކޮށް ނުހަދާނޭކަން ކަށަވަރެވެ.

ދަަންނާށެވެ. އެ ވަގުތަކީ މައްޔިތާއަށް ނުހަނު މުހިންމު ވަޤުތުކޮޅެކެވެ. އެމައްޔިތާ އިސާހިތަކު އަނދިރި އަދި އެކަނިވެރިކަމުގެ ކިއްލާއެއް ކަމަށްވާ ކަށްވަޅަށް ތިރިކޮށް ފަސްލެވޭނެއެވެ. އެއަށްފަހު އެ އަނދިރި ނާމާންކަމުގެ ތެރެއިން މައްޔިތާ އާއި ނަކީރު މުންކަރާ ބައްދަލުވެ ސުވާލު ވެވޭނެއެވެ. އެ މައްޔިތާގެ އުޚުރަވީ ހަޔާތާ ގުޅުން ހުރި ބޮޑު ނިންމުމެއް ނިމޭނެއެވެ. މި ވަގުތަކީ އެ މައްޔިތާ އަށް އެންމެންގެ ހެޔޮ ދުޢާ ބޭނުންވާ ވަޤުތެވެ. އެ މައްޔިތާގެ ރުއިމުގެ އަޑު ތިޔަބައިމީހުނަށް އިވޭނަމަ ބިރުން ފިތްކަނޑައިގެން ދިޔައީހެވެ. އޭނާގެ އާދޭހުގެ އަޑު އިވޭނަމަ ތިޔަބައިމީހުންގެ މޫނުމަތިން ހިނިތުންވުން ފިލައިގޮސް މޭގަނޑު އަނގަޔަށް އައީހެވެ. އެ މައްޔިތާއަށް ތިޔަބައިމީހުންގެ ދުޢާ އިން ސޮދަގާތް ކުރާށެވެ. ތިޔަބައިމީހުންގެ ދުޢާއިން އެ މައްޔިތާއަށް ހިނިތުންވުން ގެނެސްދޭށެވެ.

އެކުވެރިންނޭވެ! އެއްވެސް މައްޔިތަކަށް އަދި އެ މައްޔިތާގެ ޖަނާޒާ އަށް އައިސް ތިބި މައްޔިތާގެ ތިމާގެ މީހުންގެ ޤަދަރު ކުޑަވާނޭ ގޮތަށް އަމަލު ނުކުރުމަށް ތިޔަބައިމީހުންނާއި އަހަރެންގެ އަމިއްލަ ނަފުސުގެ މައްޗަށް ނަސޭހަތްތެރިވަމެވެ. މައްޔިތަކަށް ޒިޔާރަތް ކުރާނަމަ އެވަގުތުކޮޅު އެމައްޔިތާ އަށް ހެޔޮ ދުޢާ ކުރުމަށް ހުސްކޮށްލަދޭށެވެ. ތިބާގެ ރައްޓެހީންނާ އެކު ހީ ސަމާސާކޮށްލަން އަދި ފުރުސަތު އެބައޮތްތާއެވެ. ވަކިވެދިޔަ ތިބާގެ އަޚާ ނުވަތަ އުޚުތާއަށް ހެޔޮދުއާ ކުރާށެވެ. ސުވާލުވެވޭ ހިނދު ސާބިތުކަން ދެއްވާ، ކަށްވަޅު ތަނަވަސް ކުރައްވާ، ކަށްވަޅުގެ އަޒާބުންނާއި ނަރަކައިގެ އަޒާބުން އެ މައްޔިތާ ދިންނަވައި، ކަށްވަޅު އަލިކުރައްވައި، ސުވަރުގެވަންތަ ވެރިންގެ ތެރޭގައި ލައްވާ، އާއިލާއަށް ކެތްތެރިކަން ދެއްވާތޯ ދުޢާކޮށްދޭށެވެ. އާއިލާގެ މެންބަރުންނަށް ހިތްވަރުދީ މައްޔިތާގެ މައްޗަށް ހެޔޮ ދުޢާ ކުރުންމަތީ ސާބިތުވެ ދެމިތިބުމަށް ނަސޭހަތްދޭށެވެ.

ޔާﷲ އަޅަމެންނީ ހެޔޮ ވިސްނޭ ބަޔަކު ކަމުގައި ލައްވައި، އަޅަމެން ކުޅަ އަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް ހިތްހަމަނުޖެހުމެއް، ހިތާމައެއް މެދުވެރި ނުކުރައްވާނދޭވެ. ދުނިޔޭގައި ދިރި ތިބި އަދި މަރުވެ ގޮސްފައިވާ އެންމެހައި މުސްލިމް އަޚުންނާއި އުޚުތުންނަށް ހެޔޮ ރަހުމަތް ލައްވައި، ކުށްތައް އަފޫ ކުރައްވައި، ނަރަކައިން މިންޖުކުރައްވައި، ޖަންނަތުލް ފިރުދައުސްގައި އަޅަމެން އެންމެން ލައްވާނދޭވެ. އާމީން!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.